އެޓޯލް އެއަރ ޓޫ.ސިކްސް.ޒީރޯ އަށް މާލޭ ޓަވަރުން އެއަރޓްރެފިކް ކްލިއަރެންސް ލިބުނުތާ މާ ގިނައިރެއް ނުވެ ރަންވޭ ތްރީ-ސިކްސް އަށް ޓެކްސީކޮށް ބެކްޓްރެކް ކޮށްފިއެވެ. ހުރިހައި ފަސިންޖަރުން ތިބީ ކްރޫއިން ދިން އިރުޝާދާއި އެއްގޮތަށް ބެލްޓް އަޅައި ތައްޔާރުވެގެން ނެވެ. ފުރާއުމުރުގެ އަންހެންކުދިން ތިބޭ ގޮތަށް އެއްފައި މައްޗަށް އަނެއްފައި އަރުވައިގެން ތުއި ގޮތަކަށް ތާނިޔާ އިނީ ‘އެޓޯލް އެއަރ އިންފްލައިޓް މަޖައްލާ’ ކިޔާށެވެ. ޒީނިޔާ އިނީ މިއިން ޒަމާނެއްގައި މިފަދަ ދަތުރަކަށް ނާާރާތީ ކޮންމެވެސް ވަރަކަށް ބިރުގެންފައެވެ. އައިމަން ވެސް ހަމަޖެހިލައިގެން ނޫސްކިޔަން އިނެވެ. ޒީނިޔާ ގެ ފަހަތު ގޮނޑީގައި ތިބި ދެމީހުންގެ އެއްވެސް އަޑެއް ބަޑެއް ނުއިވެއެވެ.
މީގެ އިރުކޮޅެއް ކުރިން ޒީނިޔާގެ ފަހަތު ގޮނޑިބަރީގައި ތިބި ދެމީހުންގެ ތެރެއިން މީހެއްގެ އަތުގައި އަޅާފައި އޮތް ސްމާޓް ގަޑިން އެލާމް ޓޯން އެއްގެ އަޑު އިވުނު ފަހުން އެމީހުންގެ އެއްވެސް އަޑެއް ނުއިވެއެވެ. ފަސިންޖަރުންނަށް މަތިންދާ ބޯޓްގެ ކްރޫ އިން ދޭ އިރުޝާދުތަކުގެ ތެރޭގައި އިލެކްޓްރޯނިކް ވަޞީލަތް ބޭނުން ނުކުރުމަށާއި ޚާއްޞަކޮށް މޯބައިލް ފޯނު ނިއްވާލާފައި ބޭއްވުމަށް ތަކުރާރުކޮށް އަންގަމުން ދަނީ ފަސިންޖަރުންގެ ރައްކާތެރި ކަމަށްޓަކައެވެ. ރައްކާތެރި ގޮތުގައި ދަތުރު ނިންމާލުމުގައި އެއްވެސް ކަހަލަ މައްސަލައެއް ކުރިމަތިވިޔަ ނުދިނަމަށެވެ. ނަމަވެސް ބައެއް މީހުން އެ ކަމަކީ އެހައި މުހިންމު ކަމެއް ކަމުގައި ނުދެކެނީ އެވެ. އެކަމުން ސީރިއަސް މައްސަލައެއް ކުރިމަތިވެދާނެ ކަމަށް ނުވިސްނަނީ ކަމަށްވެސް ވެދާނެ އެވެ.
“އެޓޯލް އެއަރ ޓޫ ސިކްސް ޒީރޯ، ސާރފަސް ވިންޑް، ވަން އެއިޓް ޒީރޯ ޑިގްރީސް ފޯރ ނޮޓްސް، ރަންވޭ ތްރީ ސިކްސް، ކްލިއަރޑް ފޯރ ޓޭކް އޯފް.” އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓް އެއަރ ޓްރެފިކް ކޮންޓްރޯލް ޓަވަރުން މަތިންދާ ބޯޓް އުދުއްސައިގަތުމުގެ ހުއްދަ ނުވަތަ ޓޭކް އޯފް ކްލިއަރެންސް ދިނުމާއި އެކު ބޯޓް ނައްޓައިލިއެވެ. ބޯޓްގެ ކެޕްޓަން އަކަށް އިނީ ރާއްޖޭގެ ޒުވާން ފިރިހެން ޕައިލެޓެކެވެ. ފަސްޓް އޮފިސަރަކަށް އިނީ ޒުވާން އަންހެން ކުއްޖެކެވެ.
އެޓޯލް އެއަރ ޓޫ.ސިކްސް.ޒީރޯ ގެ މަންޒިލަކީ ސ. ގަން އިންޓަނޭޝަނަލް އެއަރޕޯޓެވެ. މޫސުމް ރަނގަޅު ނަމަ ދަތުރުގެ ދިގުމިނަކީ 1 ގަޑިއިރެވެ. އެ ފްލައިޓް ޝެޑިއުލް ކޮށްފައިވާގޮތުން މާލެއިން ގަމަށް ނުވަތަ ގަމުން މާލެ ދާ މަގުމަތީގައި ނުރައްކާތެރި ޙާލަތެއް ދިމާވެއްޖެނަމަ ޖެއްސުމަށް ހަމަޖެހިފައިވާ ‘އަލްޓަރނޭޓިވް އެރޮޑްރޯމް’ އަކީ އިސްކަންދަރު އެއަރ ބޭސް – ލ. ކައްދޫ ވައިގެބަނދަރެވެ.
މަތިންދާ ބޯޓް ނައްޓައިލުމާއިއެކު ހުރިހައި ފަސިންޖަރުންވެސް ހަމަޖެހިލި އެވެ. ‘އެޓޯލް އެއަރ އިންފްލައިޓް މަޖައްލާ’ އާއި ‘މިހާރު’ ދުވަހު ނޫސް ކިޔުމުގައި ބައެއް ފަސިންޖަރުން ތިބިއިރު އަނެއްބަޔަކު ގޮނޑީގައި ރަނގަޅަށް ލެނގިލައިގެން، ލޯ މަރާލައިގެން ތިއްބެވެ. ޗައިނާ އަށް ނިސްބަތްވާ 12 ވަރަކަށް ފަސިންޖަރުން ތިބިއިރު އެމީހުން ކުޑަދޮރުތަކުން ބޭރުބަލަމުން ގެންދިޔައީ ނޫކުލައިގެ ކަނޑުތެރެއަށް ހާރެއްހެން އުކާލެވިފައިވާ ރާއްޖޭގެ ޖަޒީރާ ރަށްތަކަށެވެ.
ފްލައިޓް އެޓެންޑެންޓުންގެ ގޮތުގައި ހަރަކާތްތެރިވާ ދެ ކުދިން، ކޮޅުކޮޅު މައްޗަށް ހިނގަމުން އެމީހުންގެ ވާޖިބު ގެ ތެރޭގައި ހިމެނޭ އެކިއެކި ކަންކަން ކުރުމުގައި މަސްޢޫލުވެ އުޅެމުންދެ އެވެ. އެއްގަޑި އިރުގެ ދަތުރެއް ކަމުން ދަތުރު ފެށިތާ ވިއްސަކަށް މިނެޓް ފަހުން ފްލައިޓް އެޓެންޑެންޓުން ހަރަކާތްތެރިވާން ފެށީ ފަސިންޖަރުންނަށް ލުވި ކެއުމެއް ދިނުމަށެވެ.
ފްލައިޓް އެޓެންޑެންޓް މުޙައްމަދު އަޤްޞަދު އެއްމެ ކުޑައިރުއްސުރެންވެސް އަދާކުރަން ބޭނުންވީ ދިވެހިން އާއްމުކޮށް ކިޔައި އުޅޭ ކެބިން ކްރޫ އެއްގެ ވަޒީފާ އެވެ. އަޤްޞަދު އެ ވަޒީފާގައި އުޅޭތާ އަދި ވީ އެއްމެ ދޮޅު އަހަރެވެ. އަޤްޞަދު އާއި އެކުގައި ދެންހުރީ އައިޝަތު ރީޝާ އެވެ. ރީޝާ އެ ވަޒީފާާއަށް ނިކުންނަން ފެށިތާ އަދިވާނީ ދެތިން މަހެވެ. އެހެންކަމުން އަދިވެސް ރީޝާ ގެ އާކަން ނުކެނޑެއެވެ. ކިތައްމެ ރަނގަޅަށް ތަމްރީނު ލިބިފައި ހުއްޓަސް ވަޒީފާއަށް ހޭނުމުގައި ކޮންމެ މީހަކަށްވެސް މުއްދަތެއް ނަގާނެ އެވެ.
“އޭތް ރީޝް… އެއްމެ ކުރިން ޓްރޭތައް ނުދީ މީލްސްތައް ދިނީމަ ކިހިނެތްވާާނީ!!” މީލް ޓްރޯލީ އަށް ‘ޕޮލް ރޮށި’ އަދި ބުއިމެއްގެ ގޮތުގައި ކުރުނބާ ފަނި އަރުވައިގެން ރީޝާ ނައްޓާލިތަނުން އަޤްޞަދު ބުންޏެވެ. ރާއްޖޭގެ އެތެރޭޭގެ އުދުހުންތަކުގައި ހަރަކާތްތެރިވާ އެހެން އެއައިލައިން ތަކުގެ މަތިންދާބޯޓް ތަކާއި ޚިލާފަށް އެޓޯލް އެއަރ އިން ފަސިންޖަރުންނަށް ދެނީ ސިއްޙަތަށް ފައިދާހުރި، ދިވެހިންނާއި ގުޅޭ ކެއުމެކެވެ. ބަނޑަށް އެނގުމެއް ވާވަރުގެ ކެއުމެކެވެ. ‘ޕޮލް ރޮށި’ އެއީ ސްރީލަންކާގެ ރެސިޕީ އެކެވެ. ލަންކާ ގައި އެއަށް ކިޔަނީ ޕޮލް ރޮޓީ އެވެ. ބުއިމެއްގެ ގޮތުގައި ދެނީ ތާޒާ ކުރުނބާާގެ ފަންޏެވެ.
“މި ހެޑޭކެއްގެ ސަބަބުން ވާނުވާ އެނގޭވަރެއްތަ!” ރީޝާ އަށް ހެދުނު ގޯސް އެނގުމުން ބުންޏެވެ.
“ކިހިނެތްވީ؟؟ އަނެއްކާ މިއަދުވެސް ބޮސް ކަަމަކަށް ޑިމާންޑް ކުރީދޯ؟!! އަޅެ ރީޝް މެން ވެއްޖެއެއްނު ތިކަމާ ކޮންފްރޮންޓް ކުރަން. އައިމީން، ޔޫ ގައިޒް ޝުޓް ނޮޓް ޓޮލެރޭޓް ސަޗް ތިންގްސް ދޯ!!” އަޤްޞަދު މިއަދުވެސް ރީޝާ އަށް ވިސްނައިދޭން މަސައްކަތް ކުރަން ފެށިއެވެ. ކޮންމެ ދުވަހަކުހެން އަޤްޞަދު އެވާާހަކަ ދައްކައެވެ. އޭވިއޭޝަން އިންޑަސްޓްރީގައި ސީނިއަރ ބައެއް ޕައިލެޓުން، ޖޫނިއާ ކެބިންގ ކްރޫއިން ފަރާތުން ނާޖާއިޒް ފައިދާތައް ގަދަކަމުންނާއި ބައެއް ފަހަރަށް ރުހުމުގައި ނަމަވެސް ހޯދަމުން އަންނަކަމީ ޢާއްމުކޮށް ނޭނގުނަސް ހިނގަމުން އަންނަ ކަމެކެވެ. މިއަދު ރީޝާ އަކީ އެފަދަ ދަލެއްގައި ޖެހި ބެދިފައިވާ ކުއްޖެއްކަން އަޤްޞަދަށް އެނގުނީ ވަރަށް ފަހުންނެވެ.
“ތިބުނާާ ގޮތަށް އަހަރުން ތެދުވެފަ މާާދަން ތިބެން ޖެހޭނީ ޖޮބެއް ނެތިގެން ގޭގަ. އަގޫ މެނަކަށް ނޭޭނގޭނެ އަހަރުން ޓޮލެރޭޓް ކުރަން ޖެހޭ ކަންތައްތަކެއް!” ރީޝާ ހިތްހަމަ ނުޖެހިފައި ބުންޏެވެ.
“ރަނގަޅޭ.. އަހަރުންނަކަށް ނޭނގެޔޭ. ދެން ރީޝް މެންނަށް އެނގޭއިރު ނިކަން ގަޓްވެފަ، ޖެނެރަލް ސްޓާފް މީޓިންގ އެއްގަ ތިކަން ރެއިޒް ކޮށްބަލަ!… ރީޝް އެކަންޏެއް ނޫނޭ އެކަން ކުރާާނީކީ! ބުނީމެއްނު ލީޒް އަދި މާޝާ ގެ ވާާހަކަވެސް. އެމީހުނާ ޑިސްކަސް ކޮށްފަ ތި، ތިންމީހުން ނިކަން ގަަޓްވެފަ ތެދުވެބަލަ! އަބަދު ފުދިގެން ތިބޭތީއޭ ތިހެންވަނީ.” އަޤްޞަދު ބޮޑު ލެކްޗަރެއް އަޅާލާގޮތަށް ކިޔާލިއެވެ.
“އޯކޭ.. ދެން ތި ވާހަކަ ދައްކާނީ ފަހުން.. އިހަށް ހިނގާ މިކަމާ އުޅެން. ކެޕްޓަން އަށް ބްލެކް ކޮފީ ގެންދޭ އަގޫ. އައިލް ޑީލް ވިތު ދިސް އޯކޭ!!”
ފުޑް ޓްރޯލީ ފަހަތަށް ދަމަމުން މަތިންދާ ބޯޓްގެ ދިރުނބާކޮޅު ގެ ‘ގެލޭ’ އާއި ދިމާއަށް ރީޝާ ހިނގައިގަތެވެ. އަޤްޝަދުވެސް ޓްރޯލީގެ އަނެއް ފަރާތުގައި އަތް ޖައްސާލައިގެން ހިނގައިގަތެވެ.
“ބޭބޭ… ކެބިންގ ކްރޫ އަކަށް ވާން ބޭނުންކުދިން ޖެހޭތަ ވަރަށް މޮޅަށް ކިޔަވަން؟؟!!” ތާނިޔާ މެން ތިބި ހިސާބަށް ކެބިންގ ކްރޫއިން އަރައި ހަމަވި އިރަށް ފުދޭވަރަކަށް ބާރަށް ތާނިޔާ ސުވާލު ކުރިއެވެ. އަޤްޞަދާއި ރީޝާ އަށް ލިބުނީ ކުއްލި ހައިރާން ކަމެކެވެ. ޒީނިޔާ އަށް އިނދެވުނީ އެވެ. އޭނާގެ ލޯބިލޯބި ދަރިފުޅު ރޭގައި ބުނިކަންތައް ކުރާނެކަން ޒީނިޔާ އަށް އެނގެއެވެ. އެކަމަކު އެހައި ހިތްވަރުގަދަ ކަމާއެކު ކެރިގެން އަހާނެ ކަމަށް ހިއެއްވެސް ނުކުރެވެއެވެ. ނަމަވެސް ރޭގައި ނިދަން އަރާ އޮވެގެން ތާނިޔާ ވަނީ އެކަން ކުރުމަށް އޭނާގެ މަންމަގެ ކިބައިން ހުއްދަ ހޯދާފައެވެ.
“އާނ. ވަރަށް މޮޅަށް ކިޔަވަން ޖެހޭނެ. ތި ކޮއްކޮވެސް ބޭނުންވަނީ ބޭބެމެން ގޮތަށް ކްރޫއަކަށް ވާންތަ؟” ތާނިޔާ ގެ ޖުމްލަައަށް ޖަވާބުދޭޭން މަޑުކޮށްލީ އަޤްޞަދު އެވެ. ރީޝާ ދިޔައީ ގެލޭ އަށެވެ.
“ޔެސް. އަޅުގަނޑު ކެބިންގ ކުރޫއަކަށް ވަނީ ވަރަށް ބޮޑުބޮޑު ބޯއްޓެއްގަ ވޯރކްކުރަން. އަޅުގަނޑު ބޭނުމީ މުޅިންވެސް އިންގްލިޝް އިން ޓޯކް ކުރަންޖެހޭ ބޯޓެއްގަ ހުންނަން.” ތާނިޔާ އަބަދުވެސް ކިޔަމުން އަންނަ ވާހަކަތައް އަޤްޞަދަށްވެސް ކިޔައިދިނެވެ.
“ތާނީ އަށް ވާނެ ތިކަން. ތީ ވަރަށް ހިތްވަރުގަދަ ކުއްޖެކޭ ދޮގެއްތޯ ތާނީ މަންމާ.” ތާނިޔާ އަނގަތަޅަން ފެށުމުން އައިމަން އަކަށްވެސް މަޑަކުން ނީނދެވުނެވެ. އެއްމެފަހުން ތާނިޔާ އަށް ހިތްވަރު ލިބޭފަދަ ބަހެއް ބުނުމަށް ވަރަށް ވިސްނާފައި އެއްޗެކޭ ބުނެލީ އެވެ.
“ތާނީ ތަ ކިޔަނީ ތި ކޮއްކޮއަށް؟…. ސަޅިވެސް ނަމެ-” އަޤްޞަދު ގެ ޖުމްލަ މެދުކަނޑާލީ އެތަނަށް އައިސް ހުއްޓުނު ފަސިންޖަރެއް އެއްޗެކޭ އަހަން އުޅޭހެން ހިވެގެންނެވެ.
“ކޮބާތޯ ފާޚާނަ؟” އެމީހާގެ ސުވާލު ކުރުވެފައި ބޭނުން ބޮޑެވެ. އަޤްޞަދު ކުރިއަށް ހިނގައިގަތީ އޭނާއަށް ލެވެޓަރީ ނުވަތަ ފާޚާނަ ދެއްކުމަށެވެ. ބަލާބެލުމަށް އުމުރުން ތިރީހުގެ އަހަރުތައް ގުނަމުންދާ އެމީހާވެސް ހިނގައިގަތެވެ. ހިނގައިގަނެގެން އެމީހާއަށް ތިން ފިޔަވަޅުވެސް ނޭޅޭނެއެވެ. ކަނޑާލި ރުކެއްހެން އެމީހާ ވެއްޓިއްޖެ އެވެ. ގޮނޑިބަރިތަކުގެ މެދުން ހިނގަން އޮންނަ މަގު ނުވަތަ ‘އައިލް’ ގެ މެދަށެވެ.
ނުނިމޭ
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!