ކޮވިޑް-19 އާއި ގުޅިގެން ދިގު މުއްދަތަކަށް މެދުކަނޑާލާފައި އޮތުމަށްފަހު، ޖަރުމަނުގެ ފުޓްބޯޅަ ލީގު ބުންޑަސްލީގާ މިއަދު އަލުން ފަށާފައިވާއިރު، ގިނަ މެޗުތަކެއް މިއަދު ވަނީ ކުޅެފައިވެއެވެ.

ބުންޑަސްލީގާ ގައި މިއަދު ކުޅުނު މެޗުތަކުން އެންމެ ފާހަގަކޮށްލެވެނީ ތާވަލުގެ ދެވަނައިގައި އޮތް ބޮރޫސިއާ ޑޯޓްމަންޑާއި، ހަތްވަނައިގައި އޮތް ޝާލްކޭ ބައްދަލުކުރި މެޗެވެ. މި މެޗު 4-0 ގެ ނަތީޖާއަކުން ފަސޭހަކަމާއެކު ކާމިޔާބުކޮށްފައިވަނީ ޑޯޓްމަންޑެވެ.

ޑޯޓްމަންޑްގެ ދަނޑުގައި ކުޅުނު މި މެޗުގައި ގިނައިރު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެފައިވަނީ އެޓީމުން ކަން ފާހަގަކޮށްލެވެއެވެ. މެޗުގެ ފުރަތަަމަ ގޯލު 29 ވަނަ މިނެޓުގައި ތޯގަން ހަޒާޑް ތަނަވަސްކޮށްދިން ފުރުސަތަކުން ކާމިޔާބުކޮށްދިނީ މި ސީޒަނުގައި އޮސްޓްރިއާގެ ރެޑްބުލް ސަލްޒްބާގުން ޑޯޓްމަންޑަށް ބަދަލުވި ހުނަރުވެރި ޒުވާން ފޯވާޑު އާލިން ހާލަންޑް އެވެ. މިއީ މި ސީޒަނުގައި ހާލަންޑް ކުޅުނު 9 މެޗުން ކާމިޔާބުކުރި 10 ވަނަ ގޯލުކަން ފާހަގަކޮށްލެވެއެވެ. މެޗުގެ ދެވަނަ ގޯލު ފުރަތަަމަ ހާފުގެ ފަހު މިނެޓުގައި ޖޫލިއަން ބްރޭންޑްތް ތަނަވަސްކޮށްދިން ފުރުސަތަކުން ކާމިޔާބުކޮށްދިނީ ރަފޭލް ގަރޭރޯ އެވެ.

ހާލަންޑް ގޯލުޖެހުމަށް ފަހު އުފާފާޅުކުރަނީ

ދެވަނަ ހާފު ފެށިގެން މާގިނައިރުތަކެއް ނުވަނީސް ތޯގަން ހަޒާޑް ވަނީ އިތުރު ގޯލެއްޖަހާ ޑޑޯޓްމަންޑުގެ ލީޑު އިތުރަށް ފުޅާކޮށްދީފައެވެ. މިއީ ޖޫލިއަން ބްރޭންޑްތް ތަނަވަސްކޮށްދިން ފުރުސަތަކުން އޭނާ ކާމިޔާބުކުރި ގޯލެކެވެ. ޑޯޓްމަންޑުގެ ހަތަރުވަނަ ގޯލު 63 ވަނަ މިނެޓުގައި ހާލަންޑް ތަނަވަސްކޮށްދިން ފުރުސަތަކުން ކާމިޔާބުކޮށްދިނީ ދެވަނަ ގޯލުވެސް ކާމިޔާބުކުރި ރަފޭލް ގަރޭރޯ އެވެ. މުޅި މެޗުގައި ވެސް ޑޯޓްމަންޑުގެ ގޯލަށް އަމާޒުކޮށް ޝާލްކޭ އަށް ހަމާލާއެއް ފޮނުވާލެވިފައި ނުވާކަން ފާހަގަކޮށްލެވެއެވެ.

މި މެޗުން ލިބުނު މޮޅާއެކު، މިހާތަނަށް ކުޅުނު 26 މެޗުން 54 ޕޮއިންޓު ހޯދައިގެން ތާވަލުގެ ދެވަނައިގައި ޑޯޓްމަންޑް ވަނީ ހަމަޖެހިލާފައެވެ. 25 މެޗުން ލިބުނު 55 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައި ބަޔާން މިއުނިކް އޮތްއިރު، 51 ޕޮއިންޓާއެކު ތިންވަނައިގައި އޮތީ އާރުބީ ލިޕްޒިގް އެވެ.

ބުންޑަސްލީގާ ގައި މިރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، އޯގްސްބާގް އަދި ވުލްފްސްބާގް ބައްދަލުކުރި މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ވުލްފްސްބާގް އެވެ. އާރުބީ ލިޕްޒިގް އަދި ފްރެއިބާގް ބައްދަލުކުރި މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ. ފޯޗޫނާ ޑުސެލްޑޯފް އަދި ޕެޑަބޮން ބައްދަލުކުރި މެޗު ނިމުނީ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި ދެ ޓީމު އެއްވަރުވެގެންނެވެ. ހޮފެއިންހަމް އަދި ހާތާ ބަލިން ބައްދަލުކުރި މެޗު 0-3 ނަތީޖާއަކުން ކާމިޔާބުކުރީ ހާތާ ބާލިން އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝާމިން
އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.