މިއީ ސްޕެއިންގެ ޕްރޮފެޝަނަލް ފޮޓޯގްރާފަރ އެންރިކެ ޕަޗޭކޯ Enrique Pacheco ‘ޓެން ޓިޕްސް ފޯރ ޝޫޓިންގ ޓައިމްލެޕްސް’ އޭނާގެ ބްލޮގްގައި ލިޔެފައިވާ ލިޔުމެއްގެ ތަރުޖަމާއެކެވެ. އޭނާ އަކީ ވީޑިއޯ އުފެއްދުމުގައި 12 އަހަރަށްވުރެން ގިނަދުވަސް ވެފައިވާ ތަޖުރިބާކާރެކެވެ. އެންރިކެ އައިސްލޭންޑަށް ހިޖުރަކުރުމަށްފަހު ފޮޓޯގްރަފީ ދޫކޮށް ޑީއެސްއެލްއާރް ކެމެރާއިން ޓައިމް-ލެޕްސް ނެގުމާއި އައިސްލޭންޑް ގެ ހިތްގައިމު ސަރަޙައްދުތައް ބަލައި ހޯދުމުގެ މަސައްކަތް ފެށިއެވެ. އެގޮތުން އަލިފާންފަރުބަދަ އާއި ގްލެސިއަރސް، ފެންއާރުތަކާއި، އައިސްލޭންޑްގެ ޤަދީމީ ޘަޤާފަތް ހިމެނޭ ތަންތަން ބަލައި އެކްސްޕްލޯ ކުރަން ފެށިއެވެ.

އެންރިކެ ނެރެފައިވާ ބައެއް ކުރު ފިލްމުތަކުގެ ތެރޭގައި ‘ރިފްލެކްޝަންސް ފްރޮމް އުޔޫނީ، ޝޭޕްޑް ބައި ޓައިމް’ އާއި ‘މޭޑް އޮން އަރތު’ އަދި ‘ދަ މަޣްރިބް’ ފާހަގަކޮށްލެވެ އެވެ.

މީގެ އިތުރުން މިހާރު އެންރިކެ އަންނަނީ 4K ކޮލިޓީގެ ފިލްމާއި ‘ސްޓޮކް ފުޓޭޖް’ ތައްޔާރުކުރުމުގައިި ހަރަކާތްތެރިވަމުން ދެއެވެ.

ވޭތިވެދިޔަ ތިންއަހަރު ތެރޭގައި ޓައިމް-ލެޕްސް ފޮތޯގްރަފީ އާއި ބެހޭ ވަރަށް ގިނަ ދިރާސާތައްކޮށް ގިނަގުނަ އުކުޅުތައް އަހަރެން ފަރިތަކޮށްފީމެވެ. އެގޮތުން ލިބުނު މަޢުލޫމާތުގެ އަލީގައި އުފެއްދިދާނެކަމަށް ޤަބޫލުކުރަންވެސް ދަތި މަންޒަރުތަކެއް އަހަންނަށްވަނީ އުފެއްދިފަ އެވެ. އަހަރެންގެ ވީޑިއޯތައް ބަލާ ވަރަށް ގިނަމީހުން، އަހަރެން މި އުފައްދާގޮތަށް ވީޑިއޯ އުފެއްދިދާނެބާއޭ ހިތަށްއަރާކަން އަހަންނަށް އެނގެއެވެ. އޭގެ ޖަވާބަކީވެސް އާނއެކެވެ. މިކަން ވާނެ ސަބަބަކީ މާބޮޑު ޚަރަދެއް ނުކޮށް ގަންނަން ލިބެން ހުންނަ ކުރިއަރާފައިވާ ޒަމާނީ ޓެކްނޮލޮޖީގެ ސަބަބުން ނެވެ. މިއަދު ހަމަ ކޮންމެ މީހަކީވެސް ޑިޖިޓަލް އެސްއެލްއާރް އެއް ލިބިދާނެ މީހެކެވެ. ހައި-ކޮލިޓީގެ ޓައިމް-ލެޕްސް އެއް ހަދަން އެހައި ގިނަވަގުތެއްވެސް ހޭދައެއް ނުވާނެ އެވެ.

ތިބާއަކީ ޓައިމް-ލެޕްސް ހެދުމުގެ އުކުޅުތަކަށް އައު މީހެއް ނުވަތަ ތަޖްރިބާ ލިބިފައިވާ މީހެއްނަމަވެސް، އަހަރެން މިދޭ ޓިޕްސްތައް ބޭނުންކޮށްގެން ފެންވަރުގެ ޓައިމް-ލެޕްސް ވީޑިއޯ އުފެއްދިދާނެ އެވެ.

އަހަރެންގެ އުއްމީދަކީ މި ކިޔައިދޭ ކަންތައްތަކުގެ ބޭނުންހިފައިގެން ޓައިމް-ލެޕްސް ވީޑިއޯ ހެދުމަށް ޝައުޤު ހުންނަ މީހުން މިކަން ތަޖްރިބާކޮށްލުމެވެ.

1- ޕްލޭން، ޕްލޭން، ޕްލޭން…. ސީނުކަރައިގެ ހަރުބަހެއްގައި ބުނާހެން ‘ގަހެއް ކެނޑުމަށް އަހަންނަށް ދިހަ ގަޑިއިރު ލިބިނަސް ފުރޯ ތޫނު ކުރުމަށް އަހަރެން ހަތްގަޑިއިރު ހޭދަކުރާނެމެވެ.’ ހަމަ މިގޮތަށް އަހަރުމެން ބޭނުންވަނީ އިރުއޮއްސޭ މަންޒަރެއްގެ ޓައިމް-ލެޕްސް އެއް ހަދަންކަމަށްވާނަ، އިރުއޮއްސޭ މަންޒަރެއް، ކައިރިން ނެގެން އޮއްވާ ދަތުރެއް ހަދައިގެން ކޮންމެހެން ދުރުތަނަކަށް ދާކަށް ނުޖެހެއެވެ. އެހެންކަމުން އިރުއަރާ މަންޒަރާއި އޮއްސޭ މަންޒަރު ރަނގަޅަށް ބަލައި، އިރު ހުންނަ މިސްރާބާއި މިންތަކާއި މަންޒަރުގައި ފެންނަން ހުންނާނެ ހަރަކާތާއި އެހެނިހެން ތަކެއްޗާއިމެދު ވިސްނަން ޖެހެއެވެ. މިސާލަކަށް ހަނދާއި، ރާޅާއި އޮއިވަރާއި އަދިވެސް އިތުރު ކަންކަމަށް ބެލިދާނެ އެވެ.

މިކަމަށް ބޭނުންވާނެ މުހިއްމު އެއް ޓޫލް އަކީ ‘ދަ ފޮޓޯގްރާފަރސް އެފޭމަރިސް’ The Photographer’s Ephemeris އެވެ. ކުރިން މި ބުނި މަންޒަރު ވީޑިއޯ ކުރުމުގައި އިރާއި ލޮނުގަނޑާއި ހަމަވާ ހަމަވުމާއި، އިރާއި ހަނދު ދައުރާނަވާ މިސްރާބުތަކާއި އެންގަލްތައް …. އެނގިގެން މެނުވީ މި އާލާތް ބޭނުންކުރަން ނުފަށާށެވެ.

2- އެއްވެސް ކަމެއް ހަނދާން ނައްތައިނުލާށެވެ.
ޓައިމް-ލެޕްސް ވީޑިއޯ އެއް ނެގުމަށް ޝޫޓިންގ އަށް ދާއިރު ވިސްނަންވީ ކަމަކީ ސަރާސަރު ހާމަތަނެއްގައި އޮންނަ ބޮޑު ގަލެއްގެ މަތީގައި އެތަކެއް ގަޑިއިރެއްވެސް ހޭދަކޮށްލަން ޖެހިދާނެ ކަމެވެ. އެހެންކަމުން ރަނގަޅަށް ތައްޔާރުވެގެން ދިއުން މުހިއްމެވެ. ބޯފެނާއި ކާބޯތަކެތި ގެންދަން ހަނދާންކުރާށެވެ. ފިނިމޫސުމެއްނަމަ، އިތުރު ސްޓާކީނާއި، ފިނީގައި ލައިއުޅޭ ހެދުމާއި، އަންގި …. ހޫނުމޫސުމެއް ނަމަ، ފުދޭ މިންވަރަށް ބޯފެނާއި، ތޮތްޕާއި ސަންސްކްރީން ލޯޝަން ގެންދަންވާނެ އެވެ. މަދިރި އުޅޭ ތަނަކަށް ދާނަމަ މޮސްކިޓޯ ރިޕެލެންޓް ލޯޝަން ނުވަތަ ކޮލޯން ގެންދަން ހަނދާން ނައްތައިނުލާށެވެ. އެއްކޮށް ޗާރޖްވެފައިވާ ފޯނެއް ނުވަތަ ޕަވަރބޭންކަކާއި އެކު ފޯނެއް އަދި ކިޔާނެ ކޮންމެވެސް އެއްޗެއް ގެންދަންވާނެ އެވެ. ކެމެރާއި އާއި ޓްރައިޕޮޑް ސްޓޭންޑް މަތިން ހަނދާން ނައްތައިނުލާށެވެ.

3- ޓްރައިޕޮޑް، އަހަރުމެންގެ އެއްމެގާތް އެކުވެރިޔާ

ކާރބަން އިން ހަދާފައި ހުންނަ އަގުބޮޑު އަދި ލުވި ޓްރައިޕޮޑް ގެންދިއުމުގެ ވިސްނުން ދޫކޮށްލާށެވެ. މިކަމަށް އަސްލު އަހަރުމެންނަށް ބޭނުންވާނީ ތަންކޮޅެއް ކުރީޒަމާނުގައި ގެންގުޅޭފަދަ، މިޒަމާނުގެ މީހަކު ބޭނުން ނުވާނެފަދަ ބަރު ޓްރައިޕޮޑެކެވެ. ހަނދާނުގައި ބަހައްޓަންވީ މުހިއްމު އެއްކަމަކީ މިފަދަ ވީޑިއޯ ކުރާއިރު ގަޑި ދެގަޑިއިރު އެއްތަނެއްގައި ކެމެރާ ބަހައްޓަން ޖެހޭކަމެވެ. ޝޮޓްތައް ނަގަމުންދާއިރު ވައިރޯޅިއެއްގެ ސަބަބުން ގުޑުމެއް އެރިޔަސް އެތަންކޮޅުވެސް ފެންނަން ހުންނާނެ ކަމެވެ. ތިބާ ގެ ޓްރައިޕޮޑަކީ އެހާ ބަރު ޓްރައިޕޮޑެއް ނޫންނަމަ، ބަރު ކޮންމެވެސް އެއްޗެއް ބޭނުންކޮށްގެން ޓައިޕޮޑަށް ގުޑުމެއް ނާންނާނެގޮތް ހަދާށެވެ. ގިނަ ވަގުތުތަކެއް ހޭދަވާ މަންޒަރެއް ނަގައިރު މިއީ ވަރަށް މުހިއްމު ކަމެކެވެ.

4- ފްރޭމް ކުރުމަކީ ތަޅުދަނޑި

ވީޑިއޯއެއް ކުރަން އަހަރުމެންނަށް ގިނަފަހަރަށް ލޮކޭޝަން އަށް ދެވެނީ ވަރަށް ހިތްއަވަސްވެގެން ތިބެއެވެ. ނަގަން ބޭނުންވާ ސީން ރަނގަޅަށް ބަލައިވެސް ނުލެވޭ ހާލަތެއްގައެވެ. އެހެންކަމުން ގެންދާ ސާމާނުތައް ބަހައްޓައި މުޅި ސަރަހައްދުގައި ހިނގާލައި ޝޮޓް ނަގާނެގޮތް ތަސައްވުރު ކޮށްލާށެވެ. ސީން އަށް ރަނގަޅަށް ބަލާށެވެ. ކެމެރާ ބަހައްޓާނެ ރަނގަޅު ތަނަކާއި އަލިކަން ހުރިގޮތަށް ވިސްނާށެވެ.

ސިކުނޑީގައި ބަހައްޓަންވީ މުހިއްމު އަނެއްކަމަކީ އަހަރުމެން ނަގަން މިއުޅެނީ ހަމަ އެއްމެ ޝޮޓެއް ކަމެވެ.

5- ކެމެރާ ސެޓްކުރުމުގައި ވިސްނުން ބަހައްޓަންޖެހޭ އެއްމެ ޢާއްމު ކަންތައްތައް

ޓައިމް-ލެޕްސް އެއް ހެދުމަށް ނަގާ ވީޑިއޯ އަކީ އޮޓޯ/ޕްރިއޯރިޓީ މޯޑު އަދި ޖޭޕީޖީ ފައިލް އަކީ އެއްމެ ރަނގަޅު ސެޓިންގ ކަމަށް ބައެއް މީހުން ބުނެފާނެ އެވެ. އެކަމަކު ކޮލިޓީ ފޮޓޯތަކެއް ނަގާއިރު އެއީކީ އެއްގޮތަކަށްވެސް ބޭނުންކުރުން ރަނގަޅު ސެޓިންގ އެއް ނޫނެވެ. ޕްރޮފެޝަނަލް ނަތީޖާއެއް އެކުލެވޭ ޓައިމް-ލެޕްސް ވީޑިއޯ އެއް ހެދުމަށްޓަކައި އަހަރުމެން ބޭނުންކުރާނީ މެނުއަލް އެކްސްޕޯޝަރ އަދި ރޯ ފައިލްސް އެވެ.

މެނުއަލް މޯޑް އާއި ރޯ ފައިލްސް ބޭނުންކުރުމުން ކެމެރާ އިން ކޮންޓްރޯލް ކުރުމާއި ޕޯސްޓްޕޮރޮޑަކްޝަން ގެ މަސައްކަތުގައި ކޮންޓްރޯލް ކުރުމުގެ ފުރުޞަތު ފަހިވާނެ އެވެ. އަނެއްކާވެސް ހަނދާނުގައި ބަހައްޓަންޖެހޭ މުހިއްމު ކަމަކީ ވަރަށް ގިނައިރުވާންދެން ވީޑިއޯ ނެގުމުގައި ކެމެރާ އެއްތަނެއްގައި ބަހައްޓަން ޖެހޭކަމެވެ. މިހެން ހުންނައިރު އޮޓޯއަށް ލާފައި ހުރުމުން އައްޔާއި ކަލަރ ޓެމްޕަރޭޗަރ އަށް އަންނަ ކޮންމެ ބަދަލަކާއި ކެމެރާއިން އެކަން އޮޓޮމެޓިކުން ރަނގަޅުކުރަން މަސައްކަތް ކުރާނެ އެވެ. އެހެންކަމުން ޖޭޕީއީޖީ JPEG ކޮށް ވީޑިއޯ ކުރާނަމަ އަލުން އެ ވީޑިއޯ ކުރަން ނުޖެހި ވަގުތު ސަލާމަތް ކުރެވޭނެ އެވެ.

6- ލައިވް ވިއު

ތިބާ ގެންގުޅޭ އެސްއެލްއާރް SLR ކެމެރާގައި ގިނައިރު ބެޓެރީ ހިފަހައްޓާނަމަ، ލައިވް ވިއު ބޭނުންކުރުމަށް އަހަރެން އިރުޝާދު ދެމެވެ. މި ފީޗަރ ބޭނުންކުރުމުން، ‘މިރޯ’ އަބަދުވެސް ހުންނާނީ ހުޅުވިފައެވެ. މާނައަކީ ކެމެރާގެ ޝަޓާ ހުޅުވި ލެއްޕޭއިރު ކެމެރާ ގުޑުމުގެ ފުރުޞަތު ކުޑަވާނެ އެވެ. އަދި ލައިވް ވިއު ބޭނުންކުރުމުން ޝޮޓްތައް ވަގުތުން ވަގުތަށް ބަލައިލެވޭނެ އެވެ. ހިސްޓޯގްރާމް އެކްޓިވް ކޮށްފައި ބެހެއްޓުމުން ލައިޓް އެކްސްޕޯޝަރ ހުންނާނީ އެއްވަރެއްގައި ހިފެހެއްޓިފަ އެވެ.

7- ރަނގަޅަށް ފޯކަސް ކުރާށެވެ.

ކެމެރާ އާއި ލެންސުން ވެސް މެނުއަލް މޯޑް ސެލެކްޓް ކޮށްފައި ބެހެއްޓުމަކީ ވަރަށް މުހިއްމު ކަމެކެވެ. (ލައިވް ވިއު ބަލައިލެވޭ އެސްއެލްއާރް ކެމެރާއެއް ނަމަ، ބޭނުންވާ ޕޮއިންޓަކަށް މެގްނިފައިން ލޫޕް ބޭނުންކޮށްގެން ފޯކަސް ކޮށްލެވޭނެ އެވެ.) އަހަރެން ޝޫޓް ކުރާއިރު އާއްމުކޮށް ފޯކަސް ކުރަނީ އިންފިނިޓީ އަށެވެ. އަދި ބޭނުން ކުރަނީ ވައިޑް އެންގަލް ލެންސް އެވެ. ގެންގުޅޭ ލެންސް ގެ ހައިޕަރފޯކަލް hyperfocal އެނގިފައި ވުމަކީ އަބަދުވެސް ވަރަށް މުހިއްމު ކަމެކެވެ. ސަބަބަކީ އަހަރުމެން ނަގާ ގިނަ ޝޮޓްތަކަކީ ލޭންޑްސްކޭޕްކޮށް ނަގާ ޝޮޓްތަކަކަށް ވުމެވެ.

8- ފްލިކަރ ބޭނުންކުރުމުން ދުރުހެލިވާށެވެ.

ނޫނެކެވެ. އަހަރެން މި ވާހަކަދައްކަނީ ފޮޓޯ އެޅުމަށް ބޭނުންކުރާ މަޝްހޫރު ވެބްސައިޓްގެ ވާހަކައެއް ނޫނެވެ. ފްލިކަރ ގެ މާނައަކީ އެއް ޝޮޓް އަނެއް ޝޮޓާއި ދެމެދުގައި ހުންނަ ބޭކާރު އިފެކްޓް ގެ ވާހަކަ އެވެ.

9- ރަނގަޅު ޓައިމް-ލެޕްސް އެއް ބޭނުންކުރުން

ޓައިމް-ލެޕްސް ހެދުމުގައި ވިސްނުން ބަހައްޓަންޖެހޭ އެއްމެ މުހިއްމު ކަމަކީ މިއީ އެވެ. ދެ ޝޮޓް ދެމެދުގައި ހުންނަ ދުރުމިނަކީ އަހަރުމެން ތައްޔާރުކުރާ ފައިނަލް ވީޑިއޯ ގެ ސްޕީޑް ކަނޑައަޅާ ކަންތަކެވެ. އެ ދެމެދުގައި ހުންނަ ދުރުމިން ބޮޑުވިވަރަކަށް، ޓައިމް-ލެޕްސް ގެ ވީޑިއޯ މަންޒަރުތައް އަވަސް ވާނެ އެވެ. އެހެންކަމުން އެކި އެކި ސީންތަކަށް އެކަށޭނަ މިންގަނޑުތަކެއް އެބަހުރެ އެވެ.

ނަގާ ސީން އެއްގެ ގޮތުން ލެޕްސްތައް ބަހައްޓަން ރަނގަޅު ގޮތްތަކަކީ:

ވަރަށް ލަސްލަހުން ވިލާތަކެއް ދައުރުވާތަން ނަގާނަމަ 10 ސިކުންތުގެ ލެޕްސް އެއް

އާދައިގެ ވަރަކަށް ވިލާތަކެއް ދައުރުވާތަން ނަގާނަމަ 5 ސިކުންތުގެ ލެޕްސް އެއް

ވަރަށް އަވަހަށް ވިލާތަކެއް ދައުރުވާތަން ނަގާނަމަ 3 ސިކުންތުގެ ލެޕްސް އެއް

މަގެއްގައި މީހުން ހިނގާބިނގާވާތަން ނަގާނަމަ 2 ސިކުންތުގެ ލެޕްސް އެއް

އުޑުމަތި ސާފު ދުވަހެއްގައި އިރުގެ ދައުރާނަވުން ނަގާނަމަ 30 ސިކުންތުގެ ލެޕްސް އެއް

ރޭނގަނޑު ހަނދާއި ތަރިތަކުގެ ދައުރާނަވުން ނަގާނަމަ 20 އާއި 30 ސިކުންތާއި ދެމެދުގެ ލެޕްސް އެއް

10- ހަދާ ޓާއިމް-ލެޕްސް ވީޑިއޯ އެއްގެ ދިގުމިން އެނގުން

މިއީ އަހަރުމެން ހިސާބުކުރަން އެއްމެ މުހިއްމު ދެވަނަ ކަންތަކެވެ. ގިނަފަހަރަށް މިއީ ވަގުތު އެނގިފައި އޮންނަ ކަމެކެވެ. މިސާލަކަށް ފުޓްބޯޅަ މެޗެއް ނުވަތަ އިރުއޮއްސޭ މަންޒަރެއްނަމަ، އެކަމަށް ހޭދަވާނެ ވަގުތުގެ ދިގުމިން އެނގޭނެއެވެ.
އެގޮތުން: އެއް ސިކުންތުގެ ވީޑިއޯ އެއްގައި ހުންނާނީ 25 ފުރޭމެވެ. އެހެންކަމުން 10 ސިކުންތުގެ ވީޑިއޯ އެއް ހެދުމަށް 250 ފްރޭމް ބޭނުންވާނެ އެވެ. މި އަދަދު ލެޕްސް އާއި ގުނަކުރުމުން ނަގަން ޖެހޭ ވީޑިއޯގެ ދިގުމިން ހިސާބުކޮށްލެވޭނެ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.