މީ އާދައިގެ ވާހަކައެއް ނޫނެވެ. ސީރިއަސް ވާހަކައެކެވެ. ދިވެހި ކަނބަލުންގެ ވާހަކައެވެ. ފުރާވަރުން ފެށިގެން ގޮސް ޒުވާން އުމުރު ގުނަމުންދާ އަންހެން ކަނބަލުންގެ ވާހަކައެވެ. ހުރިހާ އަންހެނުންނެއް ނޫނެވެ. ނަމަވެސް ނިސްބަތުން އެބަ ގިނަވާކަން އަޅުގަނޑުމެންނަށް ޝައްކެއްނެތް މިންވަރަށް އެނގެއެވެ. އަޅުގަނޑުމެން ދިވެހީން އެކި އަންހެންކަނބަލުންގެ ކުރިއަށް އެކި ލަޤަބު އަރުވަމެވެ. “ހީވާގި ކަނބަލުން” “ގެވެހި ދިވެހި ކަނބަލުން” “ކެރޭ ކަނބަލުން” “ހިތްވަރުގަދަ ކަނބަލުން” މިހެން ގޮސް އެތައް ލަޤަބެކެވެ. ލިސްޓު ކިޔަން ވެއްްޖިއްޔާ މުޅި ދުވަސް މިކަމަށް ދާނެއެވެ. ނަމަވެސް އަޅުގަނޑު މި ލިޔުމުގައި ކަނބަލުންގެ ކުރިއަށް މިއަރުވާ ލަޤަބަކީ، އަޅުގަނޑު އެއްގޮތަކަށް ވެސް ދޭން ބޭނުންވާ ލަޤަބެއް ނޫނެވެ. ނަމަވެސް މި ލަޤަބުގެ ތާޖު މިވަނީ ގިނަ އަންހެން ކަނބަލުންގެ ބޮލުގައި އެޅިފައެވެ. އާނއެކެވެ. އެ ލަޤަބަނީ ދެ އަކުރުގެ “ބަޑި” އެވެ.

“ބަޑި” މި ބަހަަކީ އަދުގެ މުޖުތަމަޢުގައި ގިނަ ބަޔަކަށް އެނގޭ ފަރިތަ ލަފުޒެކެވެ. ހުރިހާ އުމުރަކަށް ވެސް މިބަސް އެކުވެރިއެވެ. ކުޑަކުދިން ވެސް މި ބަހުގެ މަންތަރުގައި ޖެހިގެން ރޯތަން ވެސް ފެނެއެވެ. ނަމަވެސް ކުޑަކުދިން “ބަޑި” އަށް ބެޓެރި ލައްވައިގެން ކުރަނީ މުޅިން އެހެން ކަމެކެވެ. އެއީ މިލިޔުމުގެ މައުޟޫޢުއާ ގުޅުމެއްނެތް ކަމަކަށް ވާތީ އަޅުގަނޑު އެވާހަކަ އެއް ފަރާތް ކޮށްލާނަމެވެ.

ތިއީ “ބަޑި” އެކޭ ބުނުމުން ހުރިހާ އަންހެނުން ވެސް އެކަމާ ރުޅި އަންނާނެކަން ކަށަވަރެވެ. ހިތަށް ބިންދާލާނީ ރުޅިވެރި ކަމާއި، ނަފުރަތުގެ ބޮޑު ރާޅެކެވެ. އެ ރާޅުގެ ފޮނު ތަކުން އެކަނބަލުންގެ މުޅި މޫނު ފުސްވެގެން ދެއެވެ. ތުންގަނޑު އެނބުރާ ލަނީ، ހަށިގަނޑުގެ ތެރޭގައި އުފެދުނު ބާރު ނަގޫރޯޅިއަކުން ކަމަށް ވެސް ވެދާނެއެވެ. އެހާވެސް އެކަނބަލުން އެލަފުޒު ދެކެ ރުޅި އާދެއެވެ. އެހާ ފޫހިވެސް ވެއެވެ. ސަބަބެއް ނެތިއެއް ވެސް ނޫނެވެ. “ބަޑި” ތާޖު އަންހެނެއްގެ ބޮލުގައި އެޅިގެން ދަނީ ހަމަ ހުރެފައެއް ނޫނެވެ. އެ ކަނބަލުންގެ އުޅުމާއި އަޚުލާޤު ހުރި ގޮތުން ދެވޭ ޝަރަފެއް ނެތް “އެވޯރޑަކަށް” މި ބަޑި ތާޖުވެެގެން ދަންޏާ، އެކަމާ މޭ ފުއްޕާލާނީ ފަހެ ކާކު ހެއްޔެވެ؟ އެކަކުވެސް އެކަމަށް ފަޚުރުވެރިއެއް ނުވާނެއެވެ.

އަންހެނަކު ބަޑިއަކަށް ވެގެން ދަނީ އޭނާގެ އުޅުމަށް ބޮޑެތި ބަދަލުތަކެއް އައުމުންނެވެ. މަސްތީ ވާރޭގެ ތިކިތަކުން ފެންވަރަން އަބަދު ބޭނުންވަންޏާ، މިފަދަ ލަޤަބެއް ނުލިބި ނުދާނެއެެެވެ. ލޯބީގެ ދާނުގައި ލޯބިވެރިޔާ އާއި އެކު އެދުންވެރި ކަނޑެއްގައި ޣަރަޤުވެގެން ދަނީ ނަމަ ތިބާ “ބަޑި” އަކަށް ވެދާނެއެވެ. ޝަޙުވާނީ އުނދުނުގައި ތިބާ ކެކި އަޅިއަށް ވެގެން ދާއިރު މިކަމާ މެދު ވިސްނާލުން ވަރަށް މުހިންމެވެ. ތިލަކޮށް ބުނާނަމަ، ލޯބިވެރިޔާ އާއި އެކު ތިޔަ ކަނބަލުންނަށް ވެސް ތި ކުރެވެނީ ޒިނޭއެވެ. ދެން ހިތަށް އަރާފާނެއެވެ. ފިރިހެން ކުއްޖާގެ ވާހަކަ ނުހެމެނީ ކީއްވެ ހެއްޔެވެ؟ ތި ސުވާލަށް އަދި ޖަވާބު ލިބޭނެއެވެ. 

ޒިނޭ އަކީ މާތްﷲ ޙަރާމު ކުރައްވާފައިވާ ބޮޑު ފާފައެކެވެ. މި ފާފައަށް އަރައިގަތުމަށްފަހު، ގިނަ މީހުންގެ ހިތްތައް މި ނުބައި އަމަލަށް ހިބައިން ދެވޭތަން ފެނެއެވެ. ހިތް ދާތާކަށް ހަށިދާނޭ ބުނާ ބީދައިން ފިޔަވަޅަކަށްފަހު ފިޔަވަޅެއް ޒިނޭގެ ދާނާއި ގާތަށް ދެވެންޏާ، ތިއެޅެނީ ކަތި ފިޔަވަޅެެކެވެ. މިފަދަ ކަތި ފިޔަވަޅު އަޅަމުންދާ ކިތައް ކަނބަލުން މި މުޖުތަމަޢުގައި އެބަ އުޅޭ ހެއްޔެވެ؟ އެންމެ ފަހުން ދުނިޔެއަށް ގިނައިން ތިކަމުގައި ބޭޒާރު ވަނީ ވެސް ހަމަ ތިޔަ އަންހެން ކަނބަލުންނެވެ. ފެންނަ ކޮންމެ މީހަކަށް “މޮޔަވެގެން”، ތިބާގެ ހަށިގަނޑަކީ ކޮންމެ ފިރިހެނަކަށް އޮތް ނިވާކަމެއް ނެތް ދާނަކަށް ވެއްޖެނަމަ، އެހިސާބުން ބޮލުގައި އެ އެޅުނީ ‘ބަޑި” އެއްގެ ތާޖެވެ. 

އަންހެނުން “ބަޑި” އަކަށް ވަނީ އެމީހުންގެ ނަޒަރުގައި ފިރިހެނުންގެ ސަބަބުންނެވެ. ފިރިހެނުން އެކަނބަލުން “ބަޑި” އަކަށް ހެދީއެވެ. ނަމަވެސް ސިކުނޑިން ވިސްނާލުމުން އެއީ ތެދެއް ނޫންކަން އެނގޭނެއެވެ. އެއްވެސް މީހެއްގެ އުޅުމާއި އަޚުލާޤު އަނެކާއަކަށް ބަދަލެއް ނުކުރެވޭނެެއެވެ. ތިބާގެ އުޅުމާއި އަޚުލާޤު ވެއްޔާއި މޮޑެލެވޭނީ، ހަމަ ތިބާ ބޭނުން ވެގެންނެވެ. ތިބާގެ ހިތް އެކަމަށް އެދެވުމުންނެވެ. އެހެންކަމުން ތުހުމަތުގެ އިނގިލި އެހެން މީހަކަށް ދެއްކެން އެބައޮތް ހެއްޔެވެ؟

އަޅުގަނޑުމެން “ބަޑި” ހަތިޔާރެއްގެ ގޮތުގައި ބޭނުން ކުރާ އެއްޗަކަށް ވެސް ކިޔަމެވެ. އޭގައި ބޭނުން ކުރާ ބަޑި އެއްޗަކަށް ވަނީ އޭގައި ވަޒަނެއް އޮތުމުންނެވެ. ދެން ބައެއް މީހުން ހިތަށް އަރާފާނެއެވެ. އަންހެން ކުއްޖަކަށް “ބަޑި” މި ބަހުން މުޚާތަބު ކުރަންޏާ، ވަޒަނަކީ ފިރިހެން ކުއްޖާއެވެ. އެއީ ތެދަކަށް ވެސް ވެދާނެއެވެ. ނަމަވެސް އަޅުގަނޑުގެ ސުވާލަކީ ވަޒަނާއި އެކު އޮތް ބަޑިއެއް ނުޖަހައި، އެ ބަޑި ބޭނުން ނުކުރާނަމަ ވަޒަނުގެ ހުރި ވަރެއް އެއްވެސް މީހަކަށް ނޭނގޭނެއެވެ. ބުނަން މިއުޅޭ ވާހަކަ އަދިވެސް ތިލަ ކޮށްލާނަމެވެ. ލޯބިވެރިޔަކަށް ފިރިހެން ކުއްޖެއް ހުރެެމެ، ޒިނޭ ނުކޮށް ވެސް ހަމަ ހުރެވޭނެއް ނޫންހެއްޔެވެ؟ އޭރުން ޒިނޭގެ ފާފަ ބޮލުގައި ނޭޅެނެތާއެވެ. “ބަޑި” އަކަށް ވުމަށް މެދުވެރިއަކަށްވެސް ނުވާނެތާއެެވެ. ފިރިހެން ކުއްޖާ ޒިނޭއަށް އެދޭނަމަ އެކަމަށް، ތިޔަ ކަނބަލުންނަށް ދެކޮޅު ހެދޭނެެއް ނޫންހެއްޔެވެ؟ އެކަމާއި ފާޅުގައި އިންކާރު ކުރަންވީ ނޫންހެއްޔެވެ. 

އެކަމު، “މީ ލޯތްބޭ” ބުނެ ހުރިހާ ފާޚިޝް އަމަލުތައްކޮށް “ބަޑި” އެއްގެ ގޮތުގައި ޖެހުނު ފިރިހެނެއްގެ ފަހަތުން ދުވަން ފެށޭވަރު ވުމުން، ހުރިހާ ފިރިހެނުންނަށް ތި ތުހުމަތުގެ އިނގިލި ދިއްކުރުމުގެ މުރާދަކީ ކޮބައި ހެއްޔެވެ؟ އޭރުން ލިބޭނީ ގިނަ ބައެއްގެ ނުރުހުމާއި، ރުޅިވެރިކަމެވެ. 

ދެން އޮތީ ފިރިހެނުންގެ ވާހަކައެވެ. ފިރިހެނަކުވެސް ގޯސް ކަމެއް ކޮށްފިއްޔާ އެއީ ގޯހެކެވެ. ފާފައެކެވެ. އެކަމު ވިސްނަންވީ ފިރިހެނަކު ޖަހާހާ ބެރަކަށް ތިޔަ ކަނބަލުން ނަށަން ނުޖެހޭނެ ކަަމެވެ. ބޮޑަށް މިކަމުގައި ދުނިޔޭގެ ލޯތަކަށް ބަދުނާމު ވަނީ ތިކަނބަލުންކަން ދެނެ ހުރެ، ރައްކާތެރި ކަމުގެ ފިޔަވަޅު އަވަހަށް އަޅާށެވެ! މާ ބޮޑު ކަމެއް ކުރާކަށް ނުޖެހޭނެއެވެ. ދީނުގައި އޮންނަ ގޮތަށް އަމަލު ސީދާ ކުރުމުން މުޅި މުޖުތަމަޢު އިސްލާހުވެދާނެއެވެ. 

އަޅުގަނޑު ފަށަމުން ވެސް ދެންނެވި ފަދައިން މީ ހުރިހާ އަންހެން ކަނބަލުންގެ ވާހަކައެއް ނޫނެވެ. ފިރިހެނުން، އަދި މުޅި ޤައުމު އިސްލާހު ކުރުމުގެ ޤާބިލުކަން ތިޔަ ކަނބަލުންގެ ހުންނާނެ ކަން އަޅުގަނޑަށް ޔަޤީނެވެ. ‘ބަޑި” އެެއްގެ ގޮތުގައި ތިބާގެ ރީތި ނަން ކިނލަބު ކޮށްނުލާށެވެ!

ޙަރާން ބޮޑު ފާފައަކުން އުފަންވި ތަޚުތެއްގައި “ބަޑި” ތާޖު އަޅައިގެން ފިރިހެނުންގެ ދާންމަތީގައި ވެރިކަން ކުރަން ތިޔަ ކަނބަލުންގެ ޙުރުމަތްތެރި ވެގެންވާ އަނބުރު ކަތިލުން ހުއްޓާލާށެވެ! ތިޔަ އުނގަކީ މާތް ގެއެއްކަން ދެނެ ހުރެ، ތިޔަ އުނގުން ޤާބިލު، ދީންވެރި ޖީލެއް އުފަންކޮށްދޭށެވެ. އޭރުން އަޅުގަނޑުމެން އެންމެންނަށް ބިނާ ކުރެވޭނީ، ރަނގަޅު ހެޔޮ މުޖުތަމަޢު އެކެވެ.​

ލިޔުންތެރިޔާގެ ފުރަމަލަ

އިބްރާހިމް ޒިހްނީ
ޒިހުނީ އަކީ ހުނަރުވެރި. ވާހަކަ ލިޔުންތެރިއެކެވެ. އިޖްތިމާޢީ މަޢުޟޫތަކަށްވެސް ގަލަންހިނގާ ކުޅަދާނަ ލިޔުންތެރިއެކެވެ.