ސްޕެއިންގެ ފުޓްބޯޅަ ލީގު، ލަލީގާ ގެ ކުރީގެ ރެފްރީންގެ ތެރެއިިން %90 މީހުން ސަޕޯޓުކުރަނީ ރެއާލް މެޑްރިޑަށް ކަމަށާއި، ބާސެލޯނާ އަށް ސަޕޯޓު ކުރަނީ %10 ރެފްރީން ކަމަށް ކުރީގެ ރެފްރީއެއް ކަމަށްވާ އެޑުއާޑޯ އިތުރާލްޑޭ ގޮންޒާލޭޒް ބުނެފިއެވެ.

ސްޕެއިންގެ ކުޅިވަރު ނޫހެއް ކަމަށްވާ “މުންޑޯ ޑިޕޯޓިވޯ” އަށް ދިން އިންޓަވިއުއެއްގައި ދިހަ އަހަރަށް ވުރެން ގިނަ ދުވަހު ލަލީގާ ގައި ރެފްރީކަން ކޮށްފައިވާ އިތުރާލްޑޭ ބުނެފައިވަނީ ރެފްރީންނަކީ މާސް އިން އައި ބައެއް ނޫންކަމަށާއި، އެއީ ވެސް އިންސާނުން ކަމަށެވެ. ރެފްރީއަކަށް ވަނީވެސް ފުޓްބޯޅަ އަށް ލޯބިކުރާތީ ކަމަށާއި، ފުޓްބޯޅަ ޓީމަކަށް ސަޕޯޓު ނުކުރާ އެއްވެސް ރެފްރީ އެއް ނުހުންނާނެ ކަން އޭނާ އަށް ޔަގީންވާ ކަމަށް ވެސް އިތުރާލްޑޭ ބުނެފައިވެއެވެ.

އެޑުއާޑޯ އިތުރާލްޑޭ ގޮންޒާލޭޒް

“ކުރީގެ ރެފްރީންގެ ތެރެއިިން %90 ރެއާލް އަށް ސަޕޯޓު ކުރާއިރު، އަނެއް %10 ސަޕޯޓު ކުރަނީ ބާސެލޯނާ އަށް. އަހަރެން ބިލްބާއޯ އަށް އުފަންވުމަކީ ހަމަ ނަސީބު. ބިލްބާއޯ ގެ މީހުން ސަޕޯޓުކުރަނީ އެތްލެޓިކް ބިލްބާއޯ އަށް. ދެން ސްޕެއިންގެ ބާކީ އެންމެން ސަޕޯޓު ކުރަނީ ރެއާލް މެޑްރިޑް ނޫނީ ބާސެލޯނާ އަށް. އެއީ އެޓީމުތައް މޮޅުވާތީ. ބާސެލޯނާ އާއި ރެއާލް މެޑްރިޑާ އަހަރެންނަށް ހަމަ އެއްގޮތް. އަހަރެންނަކީ އެތްލެޓިކް ބިލްބާއޯ ގެ ސަޕޯޓަރެއް.”

އެލް ކްލެސިކޯ ގެ ތިން މެޗުގައި ރެފްރީކަން ކޮށްފައިވާ އިތުރާލްޑޭ ބުނެފައިވެއެވެ.

އެޑުއާޑޯ އިތުރާލްޑޭ ގޮންޒާލޭޒް އަކީ ލަލީގާގެ ތާރީޚުގައި ވެސް އެންމެ ތަޖުރިބާކާރު އެއް ރެފްރީކަން ފާހަގަކޮށްލެވެއެވެ. އޭނާ ވަނީ ޖުމުލަ 291 މެޗުގައި ރެފްރީކަން ކޮށްފައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝާމިން
އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.