ކޮވިޑް-19 އާއި ގުޅިގެން މެދުކަނޑާލާފައި އޮތުމަށްފަހު، ދުނިޔޭގެ އެންމެ މަޝްހޫރު އެއް ފުޓްބޯޅަ ލީގު ކަމަށްވާ ސްޕެއިންގެ ލަލީގާ ފެށުމުގެ ހުއްދަ ދީފިއެވެ.

ޖޫން 8 ގައި ލަލީގާ ފެށުމުގެ ހުއްދަ މިއަދުގެ ވަގުތެއްގައި ސްޕެއިންގެ ބޮޑު ވަޒީރު ޕެޑްރޯ ސަންޗޭޒް ވަނީ ދެއްވާފައެވެ. މިކަމާއި ގުޅިގެން ލަލީގާގެ ރައީސް ހާވިއޭ ޓެބާސް ބުނެފައިވަނީ އޭނާ އުއްމީދުކޮށްގެން ހުރީ ޖޫން 12 ގައި ލީގު ފެށޭނެކަމަށެވެ. ނަމަވެސް، ޖޫން 8 ގައި ލީގު ފެށުމުގެ ހުއްދަ ލިބުމުން އޭނާ ހުރީ ހިތްހަމަ ޖެހިފައި ކަމަށް ވެސް ޓެބާސް ބުނެފައިވެއެވެ.

މިދިޔަ ހަފްތާގެ ކުރީކޮޅު ލަލީގާގެ ޓީމުތަކުން ވަނީ ފަރިތަކުރުންތައް ފަށާފައެވެ. ހުރިހާ ޓީމުތަކަށް ވެސް ބާކީ 11 މެޗު އޮތްއިރު، ތައްޓަށް އެންމެ ބޮޑަށް ވާދަކުރާ ބާސެލޯނާ އާއި ރެއާލް މެޑްރިޑާ ދެމެދު އޮތީ ދެ ޕޮއިންޓުގެ ފަރަގެއް ކަން ފާހަގަކޮށްލެވެއެވެ. ލަލީގާ ގެ މެޗުތަކުގެ ތާވަލު މި މަހުގެ 28 ވަނަ ދުވަހު ނެރޭނެ ކަމަށް ލަލީގާގެ ރައީސް ޓެބާސް ވަނީ ބުނެފައެވެ.

ކޮވިޑް-19 އާއި ގުޅިގެން ދުނިޔޭގެ ފުޓްބޯޅަ ލީގުތައް މެދުކަނޑާލައި އޮތުމަށްފަހު، ބައެއް ލީގުތަކުން ފުޓްބޯޅަ ސީޒަން ނިންމާލި ކަން އިޢުލާނުކޮށްފައި ވާއިރު، އަނެއްބައި ލީގުތަކުން ދަނީ ސީޒަނުގެ ބާކީ ބައި ފުރިހަމަ ކުރުމަށް މަސައްކަތް ކުރަމުންނެވެ. ފްރާންސް ލީގާއި، ބެލްޖިއަމް ލީގާއި، ނެދަލޭންޑްސް ގެ ލީގު ނިންމާލި ކަން ވަނީ އިޢުލާނުކޮށްފައެވެ. ނަމަވެސް، އިނގެރޭސި ޕްރިމިއަރ ލީގާއި، ސްޕެއިންގެ ލަލީގާ އާއި، ޖަރުމަނުގެ ބުންޑަސްލީގާ އާއި، އިޓަލީގެ ސީރިއާ ފަދަ ލީގުތަކުން ސީޒަނުގެ ނުނިމި އޮތް ބައި ފުރިހަމަކުރުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ބުންޑަސްލީގާ މިހާރު ފަށާފައިވާ ކަން ފާހަގަކޮށްލެވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝާމިން
އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.