ބުންޑަސްލީގާ ގައި ވާދަވެރި ވުލްފްސްބާގާއި ބޮރޫސިއާ ޑޯޓްމަންޑް މިރޭ ބައްދަލުކުރި މެޗު 0-2 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، ޑޯޓްމަންޑުން ލީގުގެ އެއްވަނައިގައި އޮތް ބަޔާން މިއުނިކާ އެއް ޕޮއިންޓް ގާތަށް ޖެހިލައިފިއެވެ.

ވުލްފްސްބާގްގެ ދަނޑުގައި ކުޅުނު މި މެޗު ކޮންޓްރޯލްކޮށްގެން ކުޅުނީ ޑޯޓްމަންޑުން ކަމުގައި ވިޔަސް، ދެ ޓީމުގެ ފަރާތުން ވެސް ހަމަލާތައް އުފައްދާފައިވަނީ ދާދި އެއްވަރަކަށް ކަން ފާހަގަކޮށްލެވެއެވެ. ޑޯޓްމަންޑުގެ ފުރަތަަމަ ގޯލު ފުރަތަަމަ ހާފުގެ 32 ވަނަ މިނެޓުގައި ތޯގަން ހަޒާޑް ތަނަވަސްކޮށްދިން ފުރުސަތަކުން ކާމިޔާބު ކޮށްދިނީ ރަފޭލް ގަރޭރޯ އެވެ. ކޮރޯނާ ވައިރަސް އާއި ގުޅިގެން މެދުކަނޑާލާފާއި އޮތުމަށްފަހު، އަލުން ބުންޑަސްލީގާ ފެށި މެޗުގައި ވެސް ގަރޭރޯ ދެ ގޯލު ޖަހާފައިވާ ކަން ފާހަގަކޮށްލެވެއެވެ.

ދެވަނަ ހާފުގެ 80 ވަނަ މިނެޓުގައި ޑޯޓްމަންޑުގެ ޑިފެންޑަރު މެނުއަލް އަކާންޖީ އަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން ވުލްފްސްބާގްގެ ޑިފެންޑަރު ފެލިކްސް ކްލޯސް އަށް ވަނީ ރަތް ކާޑު ދައްކާފައެވެ. ޑޯޓްމަންޑުގެ ދެވަނަ ގޯލު ޖޭޑަން ސަންޗޯ ތަނަވަސްކޮށްދިން ފުރުސަތަކުން 78 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ރެއާލް މެޑްރިޑުން އެޓީމަށް ލޯނަކަށް ދޫކޮށްފައިވާ އަޗްރަފް ހަކީމީ އެވެ.

މި މެޗުން ހޯދި ތިން ޕޮއިންޓާއެކު، މިހާތަނަށް ކުޅުނު 27 މެޗުން 57 ޕޮއިންޓް ހޯދައިގެން ތާވަލުގެ ދެވަނައިގައި ޑޯޓްމަންޑު އޮތްއިރު، 26 މެޗުން 58 ޕޮއިންޓު ހޯދައިގެން ތާވަލުގެ އެއްވަނައިގައި އޮތީ ބަޔާން މިއުނިކެވެ. ތާވަލުގެ ތިންވަނައިގައި 53 ޕޮއިންޓާއެކު، އޮތީ ބަޔާން ލެވަކޫސަން އެވެ.

ބުންޑަސްލީގާގައި މިރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ބޮރޫސިއާ މޮންގްލަބަޗް އާއި، ބަޔާން ލެވަކޫސަން ބައްދަލުކުރި މެޗު 1-3 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ލެވަކޫސަން އެވެ. ފްރެއިބާގު އާއި ވާޑާ ބްރޭމަން ބައްދަލުކުރި މެޗު 0-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ވާޑާ ބްރޭމަން އެވެ. ހޮފެއިންހަމް އާއި ޕެޑަބޮން ބައްދަލުކުރި މެޗު 1-1 ގެ ނަތީޖާއަކުން ނިމުނީ އެއްވަރުވެގެންނެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝާމިން
އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.