ހަޔާތަކީ އެކި މީހުން އެކި ގޮތަށް މާނަކުރާ އެއްޗެކެވެ. އެކި މީހުނަށް މީ ފޮނިއެއްޗަކަށް ވާއިރު އަނެއްބައި މީހުނަށް މީ ހިތި އެއްޗެކެވެ. މާނަކުރުން ބިނާވެގެން މިދަނީ އެމީހަކު ތަޖުރިބާކުރާ ކަންކަމުންނެވެ. މިކަމުގެ ހަޤީގަތް ވެސް މި އެނގެނީ އެކި މީހުންގެ ވާހަކަތައް އަޑުއަހާލީމައެވެ. މިފަދަ ވާހަކަތައް ހިއްސާނުކޮށް އުޅޭ ކިތަންމެ ބަޔަކުވެސް އުޅޭނެކަން ގައިމެވެ. ހަޔާތުގެ ހިތި ރަހަ ނުދެކި އުޅޭ ބަޔަކީ ހާދަ ނަސީބު ރަނގަޅު ބައެކެވެ. އަހަންނަކީ ވެސް އެފަދަ ނަސީބުބެރިއެއް ކަން ނޭގެއެވެ. އަހަންނަކީ ރަށުގެ ޤަދަރުވެރި ބޮޑު އާއިލާއެއްގެ ކުއްޖަކީމެވެ. ބޮޑުވެގެންއައީ މާ ބޮޑު ވިސްނުންތަކެއް ވިސްނަން ނުޖެހި އުފާވެރި މާޙައުލެއްގައެވެ.
ހަޔާތުގެ ކިޔެވުން ނިމި މަސައްކަތުގެ މާޙައުލަށް ނިކުމެ އަމިއްލަ ފައިމައްޗަށް ތެދުވެ ހިންދެމިލީ ހާދަ އުފާވެރިކަމާއި އެކުގައެވެ. ކޮންމެއަކަސް އަހަންނަކީ ވެސް އަންހެން ކުއްޖަކީމެވެ. އަންހެން ކުދިން ހަޔާތެއް ފަށަނީ ނިކަން އަވަހަށޭ ކިޔާއަޑު އަހަމެވެ. އެހެންކަމުން އަހަރެންވެސް އެ ސަގާފަތް ދަމަހައްޓަން ޖެހޭނެތާއެވެ.
އާދިލަކީ ކިޔަވަން އުޅުނު އިރު އެކީ ކޮލެޖުގައި އުޅުނު ކުއްޖެކެވެ. އޭނަގެ ހުންނަ ސަކަ މިޒާޖާއި މީހުނަށް ބަހައްޓާ އޯގާތެރިކަމަކީ އަހަރެން އަބަދުވެސް ގަޔާވި ކަންކަމެވެ. އާދިލު އަހަރެން ކުރެން އިންނަން އެހުން ވެގެން ދިޔައީ އަހަންނަށް ލިބުނު ވަރަށް ބޮޑު އުފަލަކަށެވެ. ނަމަވެސް މިކަމާ އަހަރެންގެ އާއިލާ ނުރުހުންވިއެވެ. އާދިލަކީ ރާއްޖޭގެ ދެކުނު އަތޮޅެއްގެ ކުއްޖަކަށް ވާތީއެވެ. އެމީހުން ބުނާ ގޮތުން ދެކުނުގެ ކުދިން ރަނގަޅެއް ނުވާނެއެވެ. ވަކި ހިސާބަކުން އަނބިމީހާއަށް ހަދާނީ ހަދާނެ އެއްޗެކެވެ. ނަމަވެސް އާދިލަކީ ތަފާތު މީހެއްކަން އަހަރެން އެމީހުނަށް ވިސްނައިދެވޭތޯ ވަރަށް މަސައްކަތް ކުރީމެވެ. އެންމެ ފަހުން އަހަރެންގެ އާދޭސްތަކުގެ ކުރިމަތީ އެމީހުން ބަލި ގަބޫލުކޮށް ކައިވެންޏަށް ރުހުނީއެވެ.
އާއިލާގެ މާބޮޑު އެއްބާރުލުމެއް އެކަމުގައި ނުލިބުނަސް އަހަރެންގެ އުފަލަށްޓަކައި އެންމެން ބައިވެރިވެދިނެވެ. އާދިލުގެ ސަކަ މިޒާޖު މާކަ ގިނަ ދުވަހެއް ނުވެ އެންމެންގެ ހިތްތައް ފަތަހަ ކުރަންފެށިއެވެ. އާއިލާއިން އާދިލު ބަލައިގަތީ ނިކަން އުފަލާއެކުގައެވެ. ހަޔާތުން ފާއިތުވެގެން ދިޔަ ކޮންމެ ދުވަހެއް އަހަންނަށް އިތުރު ހިތްހަމަ ޖެހުމާއި އުފާ ގެނުވަމުން ދިޔައެވެ. ފަހަރަކު ހަރުފަތެއް ގިރާކުރަމުން އަހަރުމެންނަށް އަހަރުމެންގެ އަލަތު ދަރި ޔާލިނީ ލިބުނެވެ. ކުޑަކުޑަ ޔާލިނީ އަހަރެންގެ ހަޔާތުގެ ދެން ނުފުރި އޮތް ތަންކޮޅުވެސް ފުރާލައިދިން ކަހަލައެވެ.
ދުވަސްތައް ފާއިތު ވަމުންދެއެވެ. އާދައިގެ މަތިން އަހަރެން ހުރީ އޮފީހުން އައިސް ޔާލިނީ ނިންދަވަން ތައްޔާރު ކުރާށެވެ. ދުވަސްކޮޅަކީ އާދިލުވެސް ޗުއްޓީއަށް ރިސޯޓުން ރަށަށް އައިސް އުޅުނު ދުވަސްކޮޅެކެވެ. އާދިލް ކޮޓަރިއަށްވަނީ ނިކަން ހާސްވެ ހުރެއެވެ. އަހަރެން ވެގެން އުޅޭގޮތެއް ސާފުކުރުމަށްޓަކައި ސުވާލު ކުރާ ވަރަކަށް އާދިލުގެ ލޮލުން ފައިބާ ކަރުނަ ވަނީ ގިނައެވެ. އާދިލަށް ބަހެއް ބުނެވުނީ އެތައް އިރެއްފަހުންނެވެ. އާދިލްގެ ބައްޕަ ނިޔާވީއެވެ. އަހަންނަށްވެސް ބުނާނެ އެއްޗެއްވެސް ނުވިސްނުނެވެ. އާދިލަށް ހިތްވަރުދޭން މަސައްކަތް ކުރީ އަމިއްލަ ހިތަށް ކުރަމުންދިޔަ އަސަރު ފޮރުވާ ހާލުގައެވެ.
އާދިލް ފުރައިގެން ރަށަށް ދިޔައީ އޭނަ ބައްޕަގެ މޫނު އެންމެ ފަހު ފަހަރަށް ދެކެލުމުގެ ބޭނުމުގައެވެ. އަހަންނަށް ޗުއްޓީ ނުލިބުމާއި ޔާލިނީ ޅަ ކަމުން ދެވޭގޮތެއް ނުވިއެވެ. އެކޮޅަށް ދިޔަ ފަހުންވެސް އާދިލްމެންގެ ދެމައިންނަށް އަހަންނަށް ވީ ވަރަކުން ވާހަކަ ދައްކާ ހިތްވަރު ލައިދެމުން ދިޔައިމެވެ. ޗުއްޓީ ނިންމާ އާދިލް ރިސޯޓަށް އެނބުރި ދިޔައީ އެރަށުގައި ހުރެއެވެ. މަންމައަށް ގުޅާ ކޮންމެ ފަހަރަކު އަހަންނަށް އަޑުއިވެމުން ދިޔައީ އެއް ވާހަކަތަކެކެވެ. މަންމަ އެކަނި ވި ކަމާއި އަޅާލާނެ މީހަކު ނެތްވާހަކައެވެ. އެވާހަކަ ތަކަށް އަހަރެން ދޭނީ ވަކި ކޮންޖަވާބެއް ހެއްޔެވެ. މަންމަމެންގެ ހުރި ހަމައެކަނި ދަރިފުޅަކީ އާދިލެވެ. ބައްޕަ ނެތްތާންގައި އާދިލްގެ އެހީތެރިކަމާއި އަޅާލުމަށް ނިހާޔަތަށް ބޭނުންވާނެކަން އަހަންނަށްވެސް އެނގެއެވެ. އެންމެ ފަހުން އާދިލާއި ދެމީހުން ވަރަށް މަޝްވަރާކުރުމަށްފަހު އެކޮޅަށް އަހަރެން ބަދަލުވާން ނިންމީމެވެ. ވަޒީފާއިން ވެސް ކެނޑިގެންނެވެ.
އާއިލާއާއި ދެކޮޅަށް އަހަރެން ނިންމި ދެވަނަ ނިންމުން ނިންމީ އެމީހުން ދައްކަމުންދިޔަ ވާހަކަ ތަކާއި ދެމުން ދިޔަ ނަސޭހަތްތަކަށް ބީރުކަންފަތެއް ދެމުންނެވެ. އަހަރެންގެ އާއިލާ އަށް އަހަރެން އެންމެ ފަހުންދިން ޖަވާބަކީ “ކޮންމެ ހާލެއްގަ އުޅެން ޖެހުނަސް ހާލުގައި ޖެހިގެންނޭ ކިޔާ އަލުން އަނބުރާ ނާންނާނަމެވެ.” އަހަރެން އާދިލަށް ވަރަށް އިތުބާރު ކުރަމެވެ. އާދިލް އަހަންނަށް ދެރަ ގޮތެއް ހަދާފާނެ ކަމަކަށް ދުވަހަކު ހުވަފެނުންވެސް ދެކެން ބޭނުންނުވެއެވެ.
ކުޑަކުޑަ ޔާލިނީ އާއި އެކު ދުވަހަކު ނުދާ ނުވެސް ދަންނަ ހިސާބަކަށް އަހަރެން އަހަރެންގެ ހުރިހާ އެއްޗެއް ދޫކޮށްލުމަށްފަހު ދިޔުމަށް ދަތުރު ފެށީ ވަރަށް ފޮނި އުންމީދަކާއި އެކީގައެވެ. ހަޔާތުގެ ބާކީ ދުވަސްތައްވެސް ކުރިއެކޭ އެއްފަދައިން އުފާވެރި ކަމުގައި ހޭދަ ކުރެވޭނެ ކަމުގެ ފޮނި ހުވަފެން ދެކޭހާލުގައެވެ. ނަމަވެސް ހަޔާތުގައި މޫސުން ބަދަލުވާކަށް މާގިނަ ދުވަހެއް ނުނަގައެވެ.
ތަނުގެ މާހައުލަށް އައު ކަމުން އަހަންނަށް ހިސާބުގަނޑުގެ ގޮތްގަނޑު ނަގަން ވަރަށް އުނދަގޫވިއެވެ. ނަމަވެސް މަންމަގެ ހެޔޮ ބަސްތަކާއި ހިތްވަރުން އަހަންނަށް ދުވަހެއް ދުވަހެއް ކަންކަމުގައި ފަސޭހަތަށް ލިބި ކަންކަން އަމިއްލައަށް ކުރެވެން ފެށުނެވެ. ކުޑަ ކުޑަ ޔާލިނީ ގޮވައިގެން ދުވާލުދާ ހަތަރު ދަމު ގޭގައި އިނުމުން ކުރަންޖެހުނު ތަޖުރިބާވެސް ވަރަށް ތަފާތެވެ. ރަށުގެ މީހުން ފަރާތުން ވެސް އަހަންނަށް ލިބެމުންދިޔައީ މަރުޚަބާގެ އަޑުތަކެވެ. ނަމަވެސް… ދުނިޔެ މަތީ ލިބޭ އެހެން ހުރިހާ އެއްޗަކަށްވުރެ ބޮޑަށް އަތްބަކަށް ބޭނުންވާނީ ފިރިމީހާގެ ލޯތްބާއި އަޅާލުން ނޫންތޯއެވެ؟
އާދިލްއަކީ ރަނގަޅު ހެޔޮލަފާ ފިރިއެކެވެ. ނަމަވެސް އަމިއްލަ ފަސްގަނޑުގެ ބާރު އާދިލް ބޭނުން ކުރަންފެށުނީއެވެ. އެކުގައި ކުޑައިރު އުޅުނު ރަހުމަތްތެރިން ފެނުނީއެވެ. އޭގެ ތެރެއިން ގިނަ ރަޙުމަތް ތެރިންނަކީ އަދި ހަޔާތެއް ފަށާފައި ނުވާ ނޫނީ ހަޔާތުގެ ވަކި ހިސާބަކުން ހަޔާތް ރޫޅިފައި ތިބި ބަޔަކަށް ވުމާއި އެކު އެމީހުންނާއި އާދިލްގެ އުޅުން ތަފާތު ވާންޖެހޭނެކަން އާދިލްއަށް ނުވިސްނުނީއެވެ. ތަފާތު މާހައުލަކަށް އަހަރެން ގެނެސްލާފައި އާދިލްއަށް އަހަރެން އުޅޭނެ ގޮތަކާއި ދޭތެރޭ ވިސްނާލަންވެސް ވަގުތު ނުލިބި މާބޮޑަށް ބިޒީ ވީއެވެ.
ދެމަފިރިން އެކަކު އަނެކަކާއި އެކު ހަޔާތުގެ ކޮންމެ ކަމެއްގައިވެސް އެކުގައި ވާނެކަމަށް ބުނެ ކުރި ވަޢުދުތައް އާދިލް ހަނދާން ނެތުނީއެވެ. މިއަށް ހުރިހާ ދުވަހު އާދިލް ފަރާތުން ފެނުނު އަހަރެންގެ ހިތް ފަތަޙަ ކުރަމުންދިޔަ ސިފަތައް އާދިލްގެ ގައިން މުޅިން ފިލާ ދާންފެށިކަހަލައެވެ. ގޭގައި ގިނަ އިރު މަޑުކޮށް އެކީގައި ގޭގެ ކަންތަކުގައި އެހީވެދީ ދަރިފުޅު ޔާލިނީގެ ކޮންމެ ކަމަކީ ދެމީހުންގެ ކަމެއް ކަމުގައި ދެކެމުން އައި އާދިލް އަހަންނަށް މަޑު މަޑުން ގެއްލެން ފެށިއެވެ. ހޭލައިގެން އަހަރެން ނިކުންނަ އިރު ނިދާފަ އޮންނަ އަހަރެންގެ ފިރިމީހާ އަހަރެން މަސައްކަތުގައި އަވަދި ނެތި އުޅެނިކޮށް ބޭރަށް ނިކުމެގެން ދާއިރެއް އަހަންނަށް ނޭގެއެވެ. އާދިލްގެ މަންމައާއި އަހަރުމެންގެ ދަރިފުޅު ބަލަމުން ގޭތެރޭ ހުރިހާ ކަމެއް ކުރަމުން ގޮސް ވަރުބަލިވެ ރޭގަނޑު އަހަންނަށް ނިދި ޖެހޭއިރު އަހަރެންގެ ފިރިމީހާ އަހަންނަށް ނުފެނި ދާ ދުވަސްތައް ގިނަވާންފެށިއެވެ.
ކޮންމެ ގޮތަކަށް ކަންތައްވަމުން ދިޔަ ކަމުގައިވިޔަސް އެއްވެސް ޝަކުވާއެއް ނުކޮށް އަހަރެން ކެތްކުރަން ނިންމީ އަހަރެން އާދިލްދެކެ ވާލޯބީގެ ސަބަބުންނެވެ. އަހަރެންދެކެ އެހާ ލޯބިވާ މައިދައިތައާއި އަހަރެންގެ ކުޑަ ކުޑަ ޔާލިނީއަށްޓަކައެވެ. އަހަރެންގެ ހިތުގައިވާ ޝަކުވާތައް އަހަރެން ކޮންމެ ފަހަރަކު ހިތުގެ އެއްކަނެއްގައި ފޮރުވަމުން ދިޔައީ އާދިލް އަށް އެ އުޅުވޭ ގޮތާއި ދޭތެރޭ ވިސްނި އަލުން އަހަރުމެންނަށްޓަކައި އަންނާނެ ދުވަހެއްގެ އިންތިޒާރު ކުރާ ހާލުގައެވެ.
ހަޔާތަކީ ހަމައެކަނި އެކަކު ބޭނުންވާގޮތަށް ކަންނިންމާލުމަށް ކިޔާ ނަމެއް ނޫނެވެ. ހަޔާތަކީ ދެމަފިރިއަކު އެކަކު އަނެކަކުގެ ބޭނުންތަކާއި އުފާތައް އަމިއްލަ އުފަލާ ހިތްހަމަޖެހުމަށްވުރެ ބޮޑަށް އިސްކަން ދީގެން އެކުގައި އުޅުމަށް ކިޔާނަމެކެވެ. މި ހަޔާތް އުފަވެރި ނުވަތަ ހިތާމަވެރި ކުރަނީ އެ ހަޔާތެއްގަ އުޅޭ ބަޔެކެވެ. ކޮންމެ މީހަކު ކުރާ ކަމަކީވެސް މުހިންމު ކަމެއްކަމުގައި ދެކި އެކަކު އަނެކަކަށް ތައުރީފުގެ ބަހެއް ރައްދުކޮށްލުމަކީވެސް ހަޔާތެއް އުފާވެރި ހަޔާތަކަށް ހެދުމަށް މުހިންމު ކަމެކެވެ.
ދެމަފިރިއަކު ހަޔާތެއް ފަށާއިރު އެންމެ ވިސްނަންޖެހޭ ކަމަކީ އެކަކު އަނެކަކަށް ދެވޭ ވަގުތަކީ ދެން ހުންނަ ބައިވެރިއަކަށް ދެވޭ ހަދިޔާއަކަށް ވޭތޯއެވެ. އެދެވޭ ވަގުތަކީ އަގުހުރި ވަގުތު ކޮޅެއްނަމަ ދެމަފިރިންނަކީވެސް އުފާވެރިބަޔަކަށް ވެގެންދާނެކަން ކަށަވަރެވެ. ދަރިއަކު ލިބޭ ހިސާބުން އެދަރީގެ ކަންކަން އަނބިހާ އަތްމަތްޗަށް އެކަނި ދޫކޮށްލަން ވެއްޖެނަމަ އެއަދާ ކުރެވެނީ ފިރިއެއްގެ ވާޖިބެއް ނޫނެވެ. ފިރިންގެ ވާޖިބު ހަމަ އެކަނި ގެއަށް ގެނެސް ވައްދާ ފައިސާ އަކުން ނުނިމެއެވެ. ދިރިއުޅުމުގެ ކޮންމެ ހިސާބެއްގައިވެސް އެއްބާރުލުމާއި އެކީ ހޭދަކުރެވޭ ވަގުތަކީ ވަރަށްވެސް މުހިންމު އެއްޗެކެވެ. އެހެންނޫން ކަމުގައި ވާނަމަ މުދާތަކުން ފުރިބާރުވެފައިވާ އިމާރާތަކާއި ނަން ގުނާ އަދަދު ނުކުރެވޭ ވަރުގެ ލިސްޓެއްގެ އާއިލާއަކާއި އެކުގައި ގަނަތެޅޭ އެކަނިވެރިއަކަށް ނޫނީ ނުވާނެއެވެ. އަހަންނަކީވެސް މިއަދު އެފަދަ އެކަނި ވެރިއަކީމެވެ.
= ނިމުނީ=
ލިޔުންތެރިޔާގެ ފުރަމަލަ
- މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ޚަދީޖަތު ސަނާ އަކީ ލޯބީގެ، އަސަރުގަދަ އަދި ހިތާމަވެރި ވާހަކަ ލިޔުމާއި ކިޔުމުގައި ފާހަގަކޮށްލެވޭ ލިޔުންތެރިއެކެވެ. އިޖްތިމާޢީ މައުޟޫތަކަށް ސައްނު ލިޔާ ކުރުވާހަކަތަކުން ބޭނުންވާ މެސެޖް ފޯރުކޮށްދެނީ ވަރަށް އަސަރާއި އެކުގައިކަން ފާހަގަކޮށްލެވެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 13 ޖެނުއަރީ 2024ވާހަކަހަޔާތޭ މީ – ހަތަރުވަނަ ބައި
- 8 ޖެނުއަރީ 2024ވާހަކަހަޔާތޭ މީ – ތިންވަނަ ބައި
- 30 ޑިސެމްބަރ 2023ވާހަކަހަޔާތޭ މީ – ދެވަނަ ބައި
- 25 ޑިސެމްބަރ 2023ވާހަކަހަޔާތޭ މީ – ފުރަތަމަ ބައި