އަހަރެން ކުޑައިރު އެއްމެ ބޮޑަށް ދާހިތްވި އެއް ރަށަކީ ލ. ހިތަދު އަށެވެ. އަތޮޅުގެ ވެރިކަން ކުރާ ރަށަށް ވީމަ އެވެ. ވަކިން ޚާއްޞަކޮށް އެރަށުގައި ހުންނަ އަތޮޅު އޮފީސް އިމާރާތު ގޯތިތެރޭގައި އުވައިން ރާނާ ފައިހުރި ބޮޑު ދޯނި ބަލައިލުމުގެ އެދުމުގައެވެ. ނަމަވެސް ޅަދުވަސް ފަހަޅައަޅައި ދިޔައީ އެބުނާ ދޯންޏެއް ލޮލުން ދުށުމުގެ ނަސީބު ނުލިބިއެވެ. އެއްމެ ފަހުން އަތޮޅުވެރިކަން ކުރާ ރަށް ބަދަލުވީ ލ. ފޮނަދު އަށެވެ. އަހަރެންގެ ގަތްވަޅަށެވެ. އަހަރެން ހީކޮށްގެން ހުރީ އެބުނާ ރީތި ދޯނިވެސް ފޮނަދޫގައި ހަދާ އަތޮޅު އޮފީހު އިމާރާތުގެ ގޯތި ތެރޭގައި ހުންނާނެ ކަމަށެވެ. ނަމަވެސް އެފަދަ ދޯންޏެއް ފެނުމުގެ ނަސީބެއް ނުލިބުނެވެ. ވާނީވެސް އެހެންތާ އެވެ. އެބުނާ ދޯންޏަކީ އުވައިން ރާނައިގެން ހަދާފައިވާ ދޯންޏެކެވެ.

ކޮންމެއަކަސް މިބުނާ ދޯންޏެއް ދުށުމުގެ ނަސީބު އަހަންނަށް ލިބުނީ ދެހާހުގެ އަހަރުތަކަށް އެޅުނުފަހުންނެވެ. ފެނިގެން ދިޔައީ ވީރާނާވެ ހަލާކުވަމުންދާ ދޯންޏެކެވެ. ކުނބުކަތްޕެއް، ހުންގާނެއް އަދި ބޮޑު މުލަކެއްވެސް ނެތެވެ. އެއްވެސް ކުލަ އެއްވެސް ނެތެވެ. ގަލުގައި ފެހި ޖަހާފައި ހުރި ވީރާނާ ކަމެއް ފިޔަވައި އެހެން ކަމެއް ފެންނާކަށް ނެތެވެ. އެތަން ފެނިފައި އަހަރެންގެ ހިތަށް އެރީ މިއީ ނެތިގެން ދާން ދޫކޮށްލަން ހެޔޮވަރުވާ ތަނެއް ނޫންކަމަށެވެ. މިތަން މަރާމާތުކޮށް އާބުތުރަފިލުވައި ބަލަހައްޓަން ޖެހޭނެ ކަމެވެ. އަހަރެން އެގޮތަށް އުއްމީދުވެސް ކުރީމެވެ.

މިބުނާ ދޯނީގެ އަސްލު ކުލަ ފޮޓޯއެއް އަހަންނަށް އެއްމެ ފުރަތަމަ ފެނުނީ ފޭސްބްކްގައި ހިންގަމުން އަންނަ ‘ލާމު ހިސްޓްރީ’ ޕޭޖުންނެވެ. ހިތްގައިމު ނަލަ ދޯންޏެކެވެ. ދިވެހި މަސައްކަތްތެރިންގެ ކުޅަދާނަކަން ދައްކައިދޭ ދޯންޏެކެވެ.

ލ އަތޮޅުގެ ވެރިކަން ހިތަދޫގައި ކުރިއިރު އަތޮޅު އޮފީސް ތެރޭގައި ހަދާފައިވާ ދޯނީ – ފޮޓޯ: ލާމު ހިސްޓްރީ ފޭސްބްކް ޕޭޖް

ނަމަވެސް މިއަދު ވަރަށް ދެރަވެއްޖެ އެވެ. ކުރިން މިދެންނެވި ފޭސްބްކް ޕޭޖަށް މިއަދު ލިބުނު ހައެެއްކަ ފޮޓޯއަކާއި އެކު ލިބިގެންދިޔަ މަޢުލޫމާތެއްގެ ސަބަބުންނެވެ.

“މީތި ވަނީ މީގެ ދުވަސްކޮޅެއް ކުރިން ހިތަދޫ ކައުންސިލުން ނަގާފަ.” ފޮޓޯ ފޮނުވި ފަރާތުން އިނގިރޭސި ބަހުން ލިޔެލި އިބާރާތުގައި ވަނީ މިހެންނެވެ.

އަހަރެންގެ ހިތަށް އެރި އެވެ. އެ ދޯނި ނައްތައިލުމަކީ ކުރަން ހެޔޮވާ ވަރުގެ ކަމެއްބާވަ އެވެ؟ އެތަނަނީ ލ. އަތޮޅުގެ ނިސްބަތުން ބަލާއިރު ‘ތަރިކަ ބިނާ’ އަކަށް ނުވާނެ ބާވައެވެ؟ އެހެންކަމުން އެ ދޯނި ނަގައިފިކަމަށް އެބުނާ ބުނުން ޔަޤީން ކުރުމަށް އަހަރެން އިތުރަށް ބޭނުންވި އެވެ. ހިތަދޫ ކައުންސިލް ރައީސަށް ގުޅާލީމެވެ. އަހަރެންގެ ތަޢާރަފެއް ދެމުން ކުރަން ބޭނުންވާ ސުވާލުތައް ފައްޗަކަށް އަމުނާލެވުނެވެ.

މިކަމާމެދު ހިތަދޫ ކައުންސިލް ރައީސް ގެ ބަހެއް

ކައުންސިލް ރައީސް ނާފިޒް ޙުސައިން ވިދާޅުވީ އެ ދޯނި ހުރީ އިތުރަށް މަރާމާތު ކުރެވޭ ވަރަށް ވުރެން ބޮޑަށް ހަލާކުވެފައި ކަމަށެވެ. ކައިރީގައި ހުރި ދިއްގާ ގަހެއްގެ މޫތައް ވަދެ ވަރަށް ބޮޑަށް ހަލާކުވެފައި ވާކަމަށެވެ. އެހެންކަމުން އެ ދޯނި މައްޗަށް ހައިމާކުން ވެލިއަޅައި ފޮރުވާލާފައި ވާކަމަށެވެ. އަދި އެދޯނީގެ ބަދަލުގައި ރަށުގެ ޕާކު ތެރޭގައި ހަމަ އެކަހަލަ ދޯންޏެއް ހެދުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ. ދޯނި ހަދާނީ ކުރިން ހަދާފައިވާ ދޯނި ހެދުމުގެ މަސައްކަތުގައި އިސްވެ އުޅުނު ޙަސަން އަލީ ކަމަށްވެސް ކައުންސިލް ރައީސް ވިދާޅުވި އެވެ.

ހައިމާކުން ވެލިއަޅައި ދޯނި ފޮރުވާލާފައި. ފޮޓޯ: ކިޔުންތެރިއެއް

ކައުންސިލް ރައީސްގެ ވާހަކައިން ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް އަހަންނަށް ލިބުނެވެ. ނަމަވެސް އެ ދޯނި އަލުން މަރާމާތުކޮށް އާބާތުރަފިލުވައިގެން ބޭނުންކުރުމުގެ ޚިޔާލު ނުގެންގުޅުއްވާކަން އެނގުމުން އަހަރެންގެ ހިތުގައި ޝަކުވާ އުފެދުނެވެ.

ވީރާނާ ވެ ހަލާކުވަމުން ދަނިކޮށް ނަގާފައިވާ ފޮޓޯއެއް. ފޮޓޯ: ލާމު ހިސްޓްރީ ފޭބްކް ޕޭޖް (އަހްމަދު އިހްސާން)

ދޯނި ހެދުމުގެ މޭސްތިރިޔާ

މި ދޯނި ހެދުމުގެ މޭސްތިރިޔާ އަކީ ލ. އަތޮޅު ދަނބިދުއަށް އުފަން ޙަސަން މޫސާ އެވެ. އަތޮޅުގެ އެއްމެންނާއި ރާއްޖޭގެ ގިނަބަޔަކުވެސް ދަންނާނެ މަޝްހޫރު ސެންޓަރު ޙަސަން މަނިކް އެވެ. ނަސީބު ރަނގަޅުކަމުން ސެންޓަރު ހަސަން މަނިކަށް ވަރަށް ފަސޭހައިން ގުޅާލެވޭގޮތް ވެއްޖެ އެވެ. ދޯނި މައްޗަށް ހައިމާކުން ވެލިއަޅައި ފޮރުވި ވާހަކަ ބުނުމުން ޙަސަން މަނިކް ހައިރާން ކަމާއެކު ވިދާޅުވީ ‘އަސްލުވެސް! ތީ ދެން ހާދަ ދެރަކަމެކޭ!’ މިހެންނެވެ.

ހަސަން މޫސާ (ހަސަން މަނިކް) ގެ ކިބައިން މި ދޯންޏާއި ބެހޭ މަޢުލޫމާތު އޮޅުންފިލުވައިލީމެވެ. ޙަސަން ވިދާޅުވީ އޭރު އަތޮޅުވެރިޔަކަށް ހުންނެވީ އިސްމާޢީލް މުޙައްމަދު ނުވަތަ މަޝްހޫރު ނަމުންނަމަ ‘ޖަންބު ދޮން އިސްމާއީލް’ ކަމަށެވެ. އޭރު ހަސަން މަނިކް ހުންނެވީ ވެރިކަން ކުރާ ރަށް ހިތަދޫގައި ހުންނަ ހެލްތު ސެންޓަރުގައެވެ. ކޮމިއުނިޓީ ހެލްތު ވޯކަރެއްގެ މަގާމުގައެވެ. ސެންޓަރު ހަސަން މަނިކް ގެ ލަގަބް ލިބުނީ އޭރު އެވެ. ހަސަން މަނިކް ވިދާޅުވީ އޭރު އަތޮޅު އޮފީހުގެ މުވައްޒަފުންނާއިއެކު އަތޮޅުވެރިޔާ ބައްދަލުކުރައްވައި އަތޮޅު އޮފީސް ގޯތިތެރޭގައި އެފަދަ ދޯންޏެއް ބިނާކުރުމުގެ ޚިޔާލު ހުށައެޅުއްވި ކަމަށެވެ. އަދި މަޝްވަރާއަށްފަހު ދޯންޏެއް ހެދުމަށް ނިންމީ ކަމަށެވެ. ދޯނި ހެދުމަށް އިސް މޭސްތިރިޔަކަށް އަތޮޅުވެރިޔާ ޚިޔާރުކުރެއްވީ ހަސަން މަނިކެވެ. އެހެންކަމުން އެ ދޯނީގެ ކުރެހުންތައް ކުރަހައި، ޕާކެއް ގޮތަށް އެ ސަރަހައްދު ތައްޔާރުކުރާނެ ގޮތް ކުރެހީ ހަސަން މަނިކެވެ. ދޯނި ހެދުމުގެ އަމަލީ މަސައްކަތް އިސްވެ ކޮށްފައިވަނީ ކުނަހަންދޫ އަހްމަދު ޔޫޞުފް (ކުނަހަންދޫ ފުތުބޭގެ އަހައްމަދު) ކަމަށް ހަސަން މަނިކް ވިދާޅުވިއެވެ. ހަސަން މަނިކް ވިދާޅުވީ ކައުންސިލް ރައީސް އެ އިޝާރާތް ކުރައްވާ ހަސަން އަލީ އަކީ އޭރު އަތޮޅު އޮފީހުގެ ޕިޔޯނަކަށް އުޅުނު ކުއްޖެއް ކަމަށެވެ. ދޯނި ހެދުމުގެ މަސައްކަތުގައި ހަސަން އަލީ ކޮންމެވެސް ވަރަކަށް ބައިވެރިވެފައި ހުރެދާނެ ކަމަށްވެސް ހަސަން މަނިކް ވިދާޅުވިއެވެ. ނަމަވެސް ދޯނި ހެދުމުގެ އަމަލީ މަސައްކަތް ކޮށްފައިވަނީ ކުނަހަންދޫ ފުތުބޭގެ އަހައްމަދު ކަމަށް ހަސަން މަނިކް ތަކުރާރު ކުރެއްވި އެވެ.

މިކަމާމެދު އަތޮޅު ކައުންސިލް ރައީސް ގެ ބަހެއް

އަތޮޅު ކައުންސިލް ރައީސް އަބްދުﷲ ޝަރީފް މިކަމާ ގުޅޭގޮތުން ދެކިލައްވާ ގޮތެއްވެސް އަަހަރެން ހޯދާލީމެވެ. އަތޮޅު ކައުންސިލް ރައީސް ގެ ވިސްނުންފުޅުގައިވެސް ހުރީ މިފަދަ ބިނާ އަކީ ނައްތާލައިގެންވާނެ ބިނާއެއް ނޫންކަމަށެވެ.

“ހިތަދޫގައި އަތޮޅުވެރިކަން ކުރި ޒަމާނުއްސުރެ، އަތޮޅުގެ އަދި ރަށަށް ޒިޔާރަތްކުރާ ފަރާތްތަކުގެ މެދުގައި މަގުބޫލު ތާރީޚީ ބިނާއަކަށް ވާތީވެ، ޤައުމީ ތަރިކައިގެ ގޮތުގައި ނުހިމެނުނު ކަމުގައި ވީނަމަވެސް، ތާރީޚީ މިއަތޮޅުގެ މުހިންމު ބިނާއަކަށް ވާތީވެ އެތަން ބަލަހައްޓަން ޖެހޭ.” އަތޮޅު ކައުންސިލް ރައީސް ޢަބްދުﷲ ޝަރީފް މިކަމާމެދު ދެކިލައްވާ ގޮތަކީ މިއީއެވެ.

މި ދޯންޏަކީވެސް އަހަރެން ދެކޭ ގޮތުގައި ލ. އަތޮޅުގެ ތާރީޚާއި ވަރަށް ބޮޑަށް ގުޅިފައިވާ ތަރިކަ އެކެވެ. ނަމަވެސް މި ތަރިކަ މިހާރު މިވަނީ ޒާތަކަށް ނައްތައިލެވިފަ އެވެ. އެ ދޯނީގެ ބަދަލުގައި އެހެން ދޯންޏެއް ހެދިދާނެ އެވެ. ނަމަވެސް އެއީ ހަމަ އެއްމެ ރަނގަޅުގޮތް ބާވައެވެ. މަރާމާތުކޮށް އާބާތުރަ ފިލުވައިލައިގެންވެސް އަސްލު ދޯނި ބޭނުންކުރުން މުހިއްމު ކަމަށް އަހަންނަށް ގަބޫލުކުރެވެއެވެ. މިއީ އަހަރެންގެ ޚިޔާލެވެ. ގަލަން ހިގައިލެވުނީ ތާރީޚާއި ތަރިކައަށް ލޯބިކުރެވޭތީ އެވެ. މިކަން އެހެން ގޮތަކަށް ތިޔައިގެ ތެރެއިން އެއްވެސް ބޭފުޅަކު ނުނެންގެވުމަކީ އަހަރެންގެ އެދުމެކެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.