ބޮލީވިއާގެ އަވަށެއްގައި “ސްޕައިޑަރ މޭން” އަށް ބަދަލުވުމަށް ޓަކައި، ވިހަ ގަދަ ބާވަތެއްގެ ފައިދިގުމަކުނެއް ކަމަށްވާ “ބްލެކް ވިޑޯ” އެއް ލައްވާ އަމިއްލަ ގައިގައި ދަތް އެޅުވި ތިން ބެއިން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފިއެވެ.

ޗަޔަންތާ ކިޔާ އަވަށެއްގައި ދިރިއުޅޭ ތިންބެއިން ގެ ނަންތައް ހާމަކޮށްފައި ނުވިނަމަވެސް، އެއީ އުމުރުން 8 އަހަރުގެ ކުއްޖަކާއި، 10 އަހަރުގެ ކުއްޖަކާއި އަދި، 12 އަހަރުގެ ކުއްޖެއް ކަމަށް ޚަބަރުތައް ބުނެއެެވެ.

ޚަބަރުތައް ބުނާގޮތުގައި އެ ތިން ކުދިންނަކީ ވެސް، މާވެލްގެ ސުޕަހީރޯ ފްރެންޗައިޒެއް ކަމަށްވާ “ސްޕައިޑަރ މޭން” އަށް މަރުދޭ ސަޕޯޓަރުންނެވެ. “ސްޕައިޑަރ މޭން” ފިލްމުގައި ޕީޓަރ ޕާކާ ގައިގައި ފައިދިގުމަކުނެއް ދަތްއެޅުމުން، ފައިދިގުމަކުނަކަށް ކުރެވޭ ކަންކަން ކުރުމުގެ ބާރުތަކެއް އޭނާ އަށް ލިބޭ މަންޒަރު ބަލާފައި، އެކުދިންނަށް ގަބޫލުކުރެވުނީ އެއީ ހަގީގަތެއް ކަމަށެވެ.

އެކުދިންގެ މަންމަ މީޑިއާތަކަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ، އޭނާ ދަރު ހޮވަން ބޭރަށް ނުކުތް ދަނޑިވަޅު ބަލާފައި، ފައިދިގުމަކުނެއް ހޯދަން ގޭގެ ބިއްދޮށް ފަރާތަށް އެކުދިން ނުކުތް ކަމަށެވެ. އެވަގުތު “ބްލެކް ވިޑޯ” ފައިދިގުމަކުނެއް ފެނުމުން އެ ފައިދިގުމަކުނު ލައްވާ އެކުދިން އަމިއްލައަށް ގައިގައި ދަތް އެޅުވީއެވެ. ދަރު ހޮވާ ނިމިގެން ގެއަށް އާދެވުނުއިރު، އެކުދިން ރޯން ތިބުމުން ވީގޮތް އޮޅުންފިލުވާފައި، ވީހާވެސް އަވަހަކަށް އެކުދިން ގޮވައިގެން އެ އަވަށުގެ ހޮސްޕިޓަލަށް އެކުދިންގެ މަންމަ ދިޔައެވެ. ނަމަވެސް އެ ހޮސްޕިޓަލުން ދިން ފަރުވާގެ ސަބަބުން އެކުދިންގެ ޙާލަތު ރަނގަޅު ނުވާތީ، ވެރިކަން ކުރާ ސިޓީގެ ކުޑަކުދިންގެ ހޮސްޕިޓަލެއްގައި އެމެޖެންސީކޮށް އެޑްމިޓްކުރި ކަމަށް އެކުދިންގެ މަންމަ ބުންޏެވެ. އޭގެ ފަސް ދުވަސް ފަހުން އެ ތިން ކުދިންގެ ހާލު ރަނގަޅުވެ، ގެއަށް ވަނީ ދޫކޮށްލާފައެވެ.

މި ކޭހާ ގުޅިގެން އެގައުމުގެ ހެލްތު މިނިސްޓްރީގެ އޮފިޝަލަކު ބުނެފައިވަނީ ފިލްމުތަކާއި، އަސްލު ދިރިއުޅުމާއި ހުންނަ ތަފާތު ކުޑަކުދިންނަށް ކިޔައިދީ، ވިސްނައިދޭން މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

“ބްލެކް ވިޑޯ” ފައިދިގުމަކުނަކީ ބައެއް ބާވަތްތަކުގެ ހަރުފަ އަށް ވުރެން 15 ގުނަ ވިހަ ގަދަ އެއްޗެކެވެ. އެ ބާވަތުގެ ފައިދިގުމަކުނު އާންމުގޮތެއްގައި ހަމަލާ ދެނީ އަމިއްލަ ނަފުސުގެ ދިފާއުގައެވެ. އޭގެ ވިހައިގެ ސަބަބުން އިންސާނާގެ ހިތު ވިންދު އަވަސްކޮށްލާ، މަސްތަކުގައި ރިއްސާ، ހުން އައިސް ހަށިގަނޑުގައި ދިލަ ނަގާ ގޮތް މެދުވެރިވާ ކަމަށް ކަމާބެހޭ މާހިރުން ބުނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝާމިން
އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.