ކޮވިޑް-19 އާއި ގުޅިގެން މެދުކަނޑާލާފައިވާ އިނގެރޭސި ޕްރިމިއަރ ލީގު އަންނަ ޖޫންމަހުގެ 17 ވަނަ ދުވަހުގައި ފަށާގޮތަށް ނިންމައިފިއި ކަމަށް ބީބީސީ އިން ރިޕޯޓުކޮށްފިއެވެ.

ޖޫން 17 ވަނަ ދުވަހު ލީގު އަލުން ފެށުމަށް ހަމަޖެހިފައިވަނީ މެންޗެސްޓަރ ސިޓީ އާއި އާސެނަލް ބައްދަލުކުރާ މެޗާއި، އެސްޓަންވިލާ އާއި ޝެފީލްޑް ޔުނައިޓެޑް ބައްދަލުކުރާ މެޗުން ކަމުގައި ބީބީސީ އިން ރިޕޯޓުކޮށްފައިވެއެވެ.

މިއަހަރުގެ މާރިޗު މަހުގެ 13 ވަނަ ދުވަހުން ފެށިގެން އިނގިރޭސި ޕްރިމިއަރ ލީގު މެދުކަނޑާލާފާއި ވާއިރު، އެ ލީގުގެ ކުރިމަގާއި ބެހޭގޮތުން މަޝްވަރާކުރުމަށް މިދިޔަ ބުދަ ދުވަހު ކުލަބުތަކާ އެކު ބައްދަލުވުމެއް ވަނީ ބާއްވާފައެވެ. ޕްރިމިއަރ ލީގުގެ 20 ކުލަބާއި އެކު، ބާއްވާ މި ބައްދަލުވުމުގައި ސަޕޯޓަރުންނާ ނުލައި ލީގު ކުރިއަށް ގެންދިއުމާއި އަދި މެޗުގައި ބައްދަލުކުރާ ދެ ޓީމުގެ ދަނޑު ނޫން އެހެން ދަނޑެއްގައި ކުޅޭނެ ގޮތް ހެދުމާއި ބެހޭގޮތުން ވާހަކަތައް ދެކެވުނު ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި އެ ބައްދަލުވުމުގައި ޓީމުތަކުގެ ކުޅުންތެރިން އެއްކޮށް ފަރިތަކުރުންތައް ކުރިއަށް ގެންދިއުމަށް ނިންމި ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

ދުނިޔޭގެ އެންމެ މަޝްހޫރު އެއް ފުޓްބޯޅަ ލީގުގެ 2019/2020 ވަނަ ސީޒަނުގައި ބާކީ 92 މެޗު އަދި ކުޅެފައި ނުވެއެވެ. ލީގުގެ ތާވަލުގެ ގަދަ ހަތަރަކަށް ބަލާއިރު، 82 ޕޮއިންޓާއި އެކު ވާދަވެރިންގެ މައްޗަށް 25 ޕޮއިންޓުގެ ލީޑެއް ހޯދައިގެން އެއްވަނައިގައި އޮތީ ލިވަޕޫލް އެވެ. ދެވަނައިގައި 57 ޕޮއިންޓާއި އެކު މެންޗެސްޓަރ ސިޓީ އޮތްއިރު، 53 ޕޮއިންޓާއި އެކު ތިންވަނައިގައި އޮތީ ލެސްޓާ ސިޓީ އެވެ.އަދި ހަތަރުވަނައިގައި 48 ޕޮއިންޓާއި އެކު އޮތީ ޗެލްސީ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝާމިން
އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.