ހޯމްރިމެޑީ (Home-remedy) އަށް ކިޔާނެ ދިވެހި ނަމެއް ފާސްކޮށްފި އެވެ. ދިވެހި ބަހުގެ އެކެޑެމީގެ ރައީސް އަޝްރަފް ޢަލީ އެކަން ވަނީ މިއަދު ފޭސްބްކް މެދުވެރިކޮށް އާއްމު ކޮށްފަ އެވެ. ހޯމްރިމެޑީ އަށް ގެވެށިފަރުވާ ކިޔުމަށް ފާސްވެއްޖެ ކަން މިއަދު މެންދުރުފަހުގެ ވަގުތެއްގައި އެކަން އަޅުގަނޑާއި ހިއްސާ ކުރެއްވި އެވެ. އެހިނދު އަޅުގަނޑަށް ވަރަށް ބޮޑު އުފަލެއް ލިބިގެން ދިޔައެވެ. ސަބަބަކީތޯ އެވެ. އަޅުގަނޑާއި، ހޯމްރިމެޑީ މި ލަފުޒާއި ގުޅުމެއް ހުރުމެވެ.

2009 ވަނަ އަހަރު އަޅުގަނޑު ފަންވަތް އިންފޯ ގައި ‘އެސްވަޅުގެ ޙައްލަކީ ކޮބާ؟‘ މި މަޢުޟޫއަށް ލިޔެެ ޝާއިޢުކުރި ލިޔުމެއްގައި އެއްމެ ފުރަތަމަ ފަަހަަރަށް މި ބަސް ބޭނުންކުރެވުނެވެ. އަޅުގަނޑު ތަރުޖަމާކުރި ލިޔުމުގެ އަސްލުގައި ‘ހޯމްރިމެޑީ’ މި ލަފުޒު ބޭނުންކޮށްފައި ވުމުން، އޭގެ މާނައާއި އެއްމެ އެކަށޭނަ ދިވެހި ލަފުޒަކާއިމެދު ވިސްނާލުމުން ‘ގެވެށިފަރުވާ‘ މި ލަފުޒު ހިތަށް ވެރިވި އެވެ. ކިޔައިލަން ފަސޭހަ، ހޯމްރިމެޑީގެ މާނަ ދޭހަވާ ލަފުޒެއްކަމުން އެ ލަފުޒު ބޭނުންކޮށްލީމެވެ. ލިޔުން ނިންމާލަމުން ބަސްކޮށާރުގައި ގެވެށިފަރުވާ ގެ މާނަވެސް ލިޔެލީމެވެ.

ގެވެށިފަރުވާ: –    ގޭތެރެއިން ދެވެން ހުންނަ ފަރުވާ (ދާދިފަހުން އުފެދިގެން އައި ލަފުޒެއް ކަމުގައިވާ “ގެވެށި އަނިޔާ” މިބަސް އުފައްދާފައިވާގޮތަށް ބަލައިގެން “ހޯމް ރިމެޑީ” އަށް ބޭނުންކޮށްފައިވާ ލަފުޒެއް).

މަތީގައި އެވާގޮތަށް މާާނަ ލިޔެލުމަށްފަހު ލިޔުން ފޮނުވީމެވެ. ޗެކް ކުރައްވާ ބޭފުޅުން ޗެކްކުރެއްވުމަށްފަހު ލިޔުން ޝާޢިއު ވެގެން ދިޔައެވެ.

ބަހުގެ ބައެއް މާހިރުންނާއި ބަހަށް ލޯބިކުރައްވާ ބައެއް ބޭފުޅުންނަށް އަޅުގަނޑު މި ލަފުޒު ހުށައެޅީމެވެ. ބަހުގެ އެކެޑެމީ ގެ ހަފޮޅުން އެތެރެކޮށްގެން އެ ލަފުޒު ފާސްކޮށްދެއްވުމަށް އެހީތެރިވުމަށް ދެންނެވީމެވެ. ނަމަވެސް އެތަކެއް ދުވަހެއް ފާއިތުވެ ދިޔައިރުވެސް އެ ލަފުޒު ބަސްކޮމެޓީ އާއި ހަމައަށްވެސް ދާގޮތެއް ނުވިއެވެ.

ޙޯމްރިމެޑީ އަށް، ‘ގެވެށިފަރުވާ‘ އަށް ވުރެން ވަކިން ރިވެތި އެހެން ލަފުޒެއްނުލިބޭނެކަމަށް އަޅުގަނޑުގެ ނިކަމެތި ސިކުނޑި އަބަދުވެސް ބުނަމުން ދިޔައެވެ. އެހެންކަމުން، މީގެ ދެތިން ހަތަރު ވަރަކަށް މަސްކުރިން ދިވެހި ބަހުގެ އެކެޑެމީގެ ރައީސް އަލްފާޟިލް އަޝްރަފް ޢަލީ އަށް އަޅުގަނޑު މި ލަފުޒު ހުށައެޅީމެވެ. އެ ލަފުޒު ބައްލަވާފައި އަޝްރަފް ޢަލީ އަށް އެ ލަފުޒު ވަރަށް ކަމުދިޔަ އެވެ. އަދި ބަސްކޮމެޓީ އަށް ހުށައަޅުއްވާނެ ކަމަށް ވިދާޅުވިއެވެ.

ދުވަސްތަކެއް ފަހުން މިއަދު ފޭސްބްކް މެސެންޖާ މެދުވެރިކޮށް ދިވެހި ބަހުގެ އެކެޑެމީގެ ރައީސް ދެއްވީ އަޅުގަނޑަށް ވަރަށް އުފާވެރި ޚަބަރެކެވެ.

ގެވެށިފަރުވާ ފާސްވެއްޖެ”

   

އަޝްރަފް ގެ މެސެޖް ކުރުނަމަވެސް އަޅުގަނޑަށް ވީ ވަރަށް ބުރަދަންހުރި ޖުމްލައަކަށެވެ. ދިވެހި ބަހަށް ކޮންމެވެސް ވަރެއްގެ ބުރަދަނެއް ހުރި އެހީއެއް ވުމުގައި ބައިވެރިވެވިއްޖެ ކަމުގެ އިހްސާސެއް ކުރެވުނެވެ.

ހޯމްރިމެޑީ އަށް ގެވެށިފަރުވާ ފާސް ކުރުމުގެ އިތުރަށް މިއަދު ވަނީ ހިމޮގްލޮބިން އަށް ރަތަނި މި ލަފުޒުވެސް ފާސްކޮށް އާއްމުކޮށްފަ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.