ފާއިތުވި އެހެނިހެން އަހަރުތަކުގައި ރަމަޟާން މަހުގެ ފަހު ދުވަހަކީ ހއ. ބާރަށަށް ވަރަށް ޚާއްސަ ދުވަހެކެވެ. އެ ދުވަހަކީ އެރަށުގެ މީހުން ފަޚުރެއް ކަމުގައި މިހާރު ދެކެމުން އަންނަ ބާރަށު ދިގު ބަތްޕެން ކައްކާ ދުވަހެވެ. ނަމަވެސް، މި އަހަރުގެ ރަމަޟާންމަހުގެ ފަހު ދުވަހު ފެނިގެން ދިޔައީ ތަފާތު މަންޒަރެކެވެ. ކޮވިޑް-19 ބަލިމަޑުކަމުގެ ސަބަބުން ދިގުބަތްޕެން ކެއްކޭނެ ގޮތެއް ނުވިއެވެ. ބައެއް ޒުވާނުން އެކަން ހަނދާން އާ ކުރުމުގެ ގޮތުން ކުރީއަހަރު ތަކުގައި ރަށުގައި ބޭއްވުނު ބަތްޕެން ކެއްކުމުގެ ހަރަކާތުގެ ތެރެއިން ނަގާފައިވާ ފޮޓޯތަށް ސޯޝަލް މީޑިއާގައި ހިއްސާކޮށް އެކަން ހަނދާން އާކުރިއެވެ. އެހެން ގޮތަކަށް ބުނަނީ ނަމަ އެކަން ވަރަސް ބޮޑަށް “މިސް” ވެގެން އެ ޒުވާނުން އުޅުނެވެ.

ފޮޓޯ: ބާރަށު ޒުވާނުން

ބާރަށު ދިގުބަތްޕެން ކައްކަން ފެށުނު ތާރީޚެއް ބުނެދޭން އެނގޭ މީހަކު މިހާރު އެރަށުގައި ނެތްކަމުގައި ވެއެވެ. ވުމާއެކު ތާރީޚީ މި ކެއްކުން އެންމެ އަހަރަކު ވެސް ނުކައްކާ ދޫކޮށްލުމަކީ އެ ރަށުގެ ޒުވާނުން ހިތްހަމަޖެހޭ ކަމަކަށް ނުވިއެވެ. ވުމާއިއެކު، ބާރަށުގެ ޒުވާނުންގެ އިސްނެގުމުގެ މަތިން މި އަހަރުވެސް މިވަނީ އެ ބަތްޕެން ކައްކާފައެވެ. މިފަހަރު ރޯދަމަހުގެ ފަހު ދުވަހަކު ނޫނެވެ. ޝައްވާލުމަހުގެ ހަވަނައަށް ވީ ރޯދަދުވަހުއެވެ.

މި ބަތްޕެނަކީ ތަފާތު ގޮތަކަށް ކައްކާ ބަތްޕެނެކެވެ. މައިގަނޑު ގޮތެއްގައި ފަތްޕިލާވެއްޔާއި ފަލަމަޑީގެ ބާވަތްތައް ބޭނުންކޮށްގެން ކައްކާ މި ބަތްޕެން ކެއްކުމުގައި ބޭނުންކުރާ ތެކެތީގެ ތެރޭގައި ހިކަނދިފަތް، ރާނބާފަތް، މުރަނގަފަތް، ދިގުތިޔަރަފަތް، ދަނޑިއަލުވިފަތް، އާދައިގެ ކައްޓަލަފަތް، ޅޮސްފަތް، މިރިހިފަތް، ހަނޑޫ، ފިޔާ، މާޅަސްކެޔޮ، ބަރަބޯ، ރޯމަސް، ކޮތަނބިރި، ދިރި، ލޮނުމެދު، އިނގުރު، އަސޭމިރުސް، ލޮނު، އަޖިނަމުޓޯ، ގިތެޔޮ މިރުސް، ކާށިކިރު، ކާތެޔޮ، ފެން އަދި މީގެ އިތުރުން ހަވާދުގެ ބާވަތްތައް ވެސް ހިމެނެއެވެ.

ފޮޓޯ: ބާރަށު ޒުވާނުން

މި ބަތްޕެނަށް، ދިގު ބަތްޕެނުގެ ނަމުން ނަންދެވުނު ސަބަބެއް ވެސް އެނގޭކަށް ނެތެވެ. މިއަދާ ހަމައަށް  އައިރުވެސް މި ބަތްޕެން ކެއްކުމުގައި މައިގަނޑު ގޮތެއްގައި ބޭނުންކުރާ އެއްވެސް އެއްޗަކަށް ބަދަލެއް އައިސްފައި ނުވެއެވެ. މިއަދުވެސް އެ ބަތްޕެން ކައްކަމުން ގެންދަނީ އިހުގައި ވެސް ބޭނުންކުރި ތަކެތި ބޭނުން ކޮށްގެނެވެ. ފާހަގަކޮށްލެވޭ އެއްކަމަކީ މި ބަތްޕެން ކެއްކުމަށް ބޭނުންކުރެވޭ މައިގަނޑު ހުރިހާ ތަކެއްޗަކީ ވެސް އެ ރަށުން ލިބެން ހުންނަ ތަކެތިކަމެވެ.

މި ބަތްޕެން ކައްކާ އުޅެނީ އަބަދުވެސް އެ ރަށު ފިރިހެނުންނެވެ. މިހާރަކަށް އައިސް މިކަމުގައި ފޯރިހުންނަނީ ބޮޑަށް ރަށުގެ ޒުވާނުންނެވެ. އާންމުގޮތެއްގައި މި ކަމަށް ބޭނުންވާ ޚަރަދު އެ ރަށުގެ ވިޔަފާރިވެރިން ހަމަޖައްސައިދިން ނަމަވެސް، އެކިގޮތް ގޮތުން މިކަމަށް ބޭނުންވާ ފައިސާ ހޯދުމުގައި ޒުވާނުންގެ ދައުރު މިހާރު ބޮޑެވެ.

އާންމު ގޮތެއްގައި ބަތްޕެން ކައްކައި އުޅެނީ އެ ރަށުގެ އަތިރިމަތި ކަހަލަ ހާމައަށް އޮންނަ، ގިނަ މީހުންނަށް ޖަމާވާން ފަސޭހަ ސަރަހައްދުތަކުގައެވެ.

މި ހަރަކާތް ކުރިއަށް ދާ ގޮތަށް ބަލައިލާއިރު، ބަތްޕެން ކެއްކުމަށް ކަނޑައެޅިފައި އޮންނަ ދުވަހުގެ ކުރިން އެކަމަށް ބޭނުންވާ ބައެއް ސާމާނު ހޯދާފައި ބެހެއްޓި ނަމަވެސް، އެކަމަށް ވާންޖެހޭ ގިނަތައްޔާރީތައް ވަނީ ހަމަ އެ ކައްކާ ދުވަހުއެވެ. ދުވަހުގެ ހެނދުނުން ފެށިގެން އެކަމަށް  ބޭނުންވާ ފަތްޕިލާވެލި ހަމަކުރުމާއި، އެ ކައްކަން ބޭނުންވާ ތަކެތި ކުދިކޮށް ކޮށައި ތައްޔާރު ކުރުން ހިމެނެއެވެ. މީގެއިތުރުން އެއަށް އެޅުމަށް ކާށިކިރު ފެލުމަށް ބޭނުންވާ ހުނިވެސް ގާނާނީ ހަމަ އެދުވަހުއެވެ. މި ބަތްޕެން ކެއްކުމުގައި އަންހެންވެރިންގެ ދައުރަކީ ހަމައެކަނި ބަތްޕެނަށް އަޅަން ބޭނުންވާ ކިރުފެލުމަށްޓަކައި ހުނިގޭނުމެވެ. އޭގެއިތުރުން ކުރަންޖެހޭ ހުރިހައި މަސައްކަތެއް ވެސް ކުރަމުން ގެންދަނީ ރަށުގެ ފިރިހެނުންނެވެ. ޒުވާނުންނެވެ.

ފޮޓޯ: ބާރަށު ޒުވާނުން

ދިގުބަތްޕެން ކެއްކުމުގައި ރަށުގެ ފިރިހެން ކުދިބޮޑު އެންމެން ބައިވެރިވާއިރު ބަތްޕެން ކައްކަނީ ބޮޑެތި ތެލިތަކުގައި ރަށުގެ ހުރިހާ މީހުންނަށް ވެސް ރަހަބަލައި ހެދޭހާ ގިނައިންނެވެ. ބަތްޕެން ކައްކާ ދުވަހުގެ އިރުއޮއްސެން ކައިރިވުމުން އެ ސަރަހައްދަށް ތަށިތައް ހިފައިގެން ބަތްޕެން ބަލައި އަންނަ މީހުންނާއި، އެ ތަނުގައި ތިބެ އެ ބޯން އަންނަ މީހުން ޖަމާވާނެއެވެ. ވިއްސާރަވުން ކަހަލަ ކަމަކާއި ގުޅިގެންވެސް މި ހަރަކާތް ކެންސަލެއް ނުވާނެއެވެ. އެއީ މިކަމަށް ބާރަށުގެ ރައްޔިތުން އޮންނަ ޝަޢުގުވެރިކަން ހާމަވާ ކަމެކެވެ.

މިއީހަމަ އެކަނި ކެއްކުމެއް ކަމުގައި ބުނެ މިއަދު ފުއްދާލެވޭކަށް ނެތެވެ. ސަބަބަކީ މި ހަރަކާތުގެ ސަބަބުން ރަށުގެ ކުދިބޮޑު އެންމެން އެކުގައި މަސައްކަތްކުރުމުގެ ރޫޙު އާލާވެގެން ދާތީއެވެ. އަދި ރަށުގެ އާބާދީގެ މެދުގައި އެއްބައިވަންތަކަން އާލާވާ ހަރަކާތަކަށް ވެސް މިއަދު މިހަރަކާތް މިވަނީ ވެފައެވެ

ލިޔުންތެރިޔާގެ ފުރަމަލަ

އިބްރާހިމް ޚަލީލް
އިބްރާހިމް ޚަލީލް
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ އިބްރާހިމް ޚަލީލްގެ ޚާއްޞަ ދާއިރާ ތަކަކީ ދީނީ، އިޖްތިމާޢީ އަދި އަދަބިއްޔާތެވެ. ކަރަންޓް އެފެއާޒަކީވެސް އޭނާ ފަރިތަ ދާއިރާއެކެވެ.