އޮޓިސްޓިކް ކުދިންނަކީވެސް އެކުދިންގެ ކިބައިގާ ތަފާތު ޤާބިލް ކަމަކާއި ކުޅަދާނަކަމެއް ލިބިގެންވާ ކުދިންނެވެ. އޯޓިޒަމްއަކީ ނުކުޅެދުންތެރި ކަމަކަށް ވިޔަސް އެކުދިންނަކީ މުޖުތަމަޢުގައި ބޭނުންހިފޭނެ ހަރުދަނާ ކުދިންތަކަކަށް ހެދިދާނެއެވެ. އޯޓިޒަމްގެ އަލާމާތްތައް ދެނެގަނެ، އެކުއްޖަކީ އޮޓިސްޓިކް ކުއްޖެއްކަން ޤަބޫލުކޮށް ވީހާވެސް އަވަހަކަށް އެކަމަށް ފިޔަވަޅުއަޅާ އެކުއްޖާއަށް އެހީތެރިވެދެވޭނެ ގޮތްތައް ހޯދާބަލައި އެހެން ކުދިންނެކޭ އެއްފަދައިން އުޅެވޭނެ ކުދިބައަކަށް ހެދުމަށްޓަކައި މަސައްކަތް ކުރުން މިހިއްމެވެ. އޮޓިސްޓިކް ކުއްޖާގެ މިޒާޖު ހުންނަގޮތުން ނުވަތަ އެކުދިންގެ ޢަމަލު ހުންނަގޮތުން އެކުދިންގެ ދެކެ ފޫހިވެ އެކުދިންނާއިމެދު އިހުމާލުވެއްޖެނަމަ ނުކުޅެދުންތެރީ އެކުދިންނެއް ނޫނެވެ. އޭރުން ނުކުޅެދުންތެރި ބަޔަކަށް ވާނީ އަޅުގަނޑުމެން ‘ކުޅެދޭ ކަމަށް’ މި ބުނާ ނޯމަލް މީހުންނެވެ.

އޯޓިޒަމް ހުންނަ ކުދިންނަށްޓަކައި ބައިނަލްއަޤުވަމީ ގޮތުން ފާހަގަކުރަމުން އަންނަ ދުވަހަކީ ކޮންމެ އަހަރެއްގެވެސް އޭޕްރީލް މަހުގެ 2 ވަނަ ދުވަހެވެ. މި ދުވަސް ރާއްޖޭގައިވެސް އެކި ކަންކޮޅުތަކުގައި އެކި ފެންވަރަށް ފާހަގަކުރަމުން ދެއެވެ. އެކި ޖަމުއިއްޔާ ޖަމާޢަތްތަކުން ފާހަގަކުރުމަށް ތަފާތު ޙަރަކާތްތައް ހިންގަމުން ދެއެވެ. މިގޮތުން މިމަހުގެ 27 ވަނަ ދުވަހަކީ އޯޓިޒަމް އާއި ބެހޭގޮތުން ހޭލުންތެރި ކުރުވުމަށްޓަކައި ދިވެހިރާއްޖޭގެ އެއަރ ޓްރެފިކް ކޮންޓްރޯލަރުންގެ ޖަމުޢިއްޔާ – މޯލްޑިވްސް އެއަރ ޓްރެފިކް ކޮންޓްރޯލަރސް އެސޯސިއޭޝަން އިން ޙަރަކާތެއް ހިންގުމަށް ހަމަޖެހިފައިވާ ދުވަހެކެވެ. އެއަރ ޓްރެފިކް ކޮންޓްރޯލަރ އަކަށް ވީތީ އަޅުގަނޑު ފަޚްރުވެރިވާފަދައިން، މިފަދަ މުހިންމު ކަމެއްގައި އަޅުގަނޑުވެސް އެ ޖަމުޢިއްޔާއަކަށް ނިސްބަތްވާ ޖަމުއިއްޔާ އަކުން މިފަދަ ޙަރަކާތެއް ހިންގާތީ ފަޚްރުވެރިވަމެވެ. އުފާވެއެވެ. ހަމަ އެހެންމެ ހިތާމަވެސް ކުރަމެވެ. ނަމަވެސް މިފަދަ ހަރަކާތެއް މާލޭގައި ހިންގާއިރު، ސަރަޙައްދީ ވައިގެ ބަނދަރުތަކުގައި މަސައްކަތްކުރާ އަޅުގަނޑު ކަހަލަ އެހެން ކޮންޓްރޯލަރުންނަށް މިކަމުގައި ހިއްސާ ނުވެވޭތީ ހިތާމަ ކުރަމެވެ. ނަމަވެސް ބަވަނަ ވެފައިވާ އަދުގެ ދުނިޔޭގައި ދެ އަތް އުރާލައިގެން އިނުމުގެ ބަދަލުގައި ކުރެވިދާނެ ކަންތައްތައް ހުންނާނެއެވެ. އެގޮތުން އޯޓިޒަމް އާއި ބެހޭ މޢުލޫމާތު ހިމެނޭ ލިޔުމެއް އަޅުގަނޑުގެ ވެބްސައިޓްގައި ޝާއިޢު ކޮށްލުމަކީވެސް މިކަމުގައި ކޮންމެވެސް ހައިސިއްޔަތަކުން ބައިވެރިވުން ކަމުގެ އުފާ ލިބިގަންނަމެވެ. އޯޓިޒަމް އާއި ބެހޭގޮތުން އިނގިރޭސި ބަހުން ހުންނަ މަޢުލޫމާތު ތަކެއް، އެހައި ފުރިހަމައަށް ތަރުޖަމާކޮށްނުލެވިދާނެ ކަމަށްޓަކައި، މި މަޢުޟޫއަށް ރާއްޖޭގެ ފުންނާބު އުސް ބޭފުޅުންކޮޅެއްް ހިންގަވާ ޞިއްޙަތު ބްލޮގް ގައި ހިމަނާފައިވާ ވަރަށް ފުރިހަމަ ލިޔުމެއް ހުރިގޮތަށް ނަކަލުކޮށްލާނަމެވެ.

އޯޓިޒަމް

އޯޓިޒަމް(Autism) އަކީ ކުއްޖާގެ ހެދިބޮޑުވުމުގައި ދިމާވާ މައްސަލަ އެކެވެ. މިއީ ސިކުނޑި ހެދިބޮޑުވުމުގައި ކުރިމަތިވާ އުނިކަމެކެވެ. ނުވަތަ މިއީ ސިކުނޑި ތަރައްގީވެ، ހެދިބޮޑުވުމުގައި ކުރިމަތިވާ އުނިކަމަކުން ކުއްޖާގެ ހެދިބޮޑުވުމުގައި ދިމާވާ މައްސަލަ އެކެވެ. މިކަމުގެ ސަބަބުން ކުއްޖާގެ ވާހަކަ ދެއްކުމާއި، މުވާޞަލާތްކުރުން، މުއާމަލާތްކުރުން، އަދި އިޖުތިމާއީ ގުޅުން އުފެއްދުމުގެ ހުނަރު ދަށްވެގެން ދެއެވެ. އޯޓިޒަމް ކުރިމަތިވާ ހަގީގީ ސަބަބު އަދި ހޯދިފައެއް ނުވެއެވެ. އަދި މިއީ ހަގީގީ ފަރުވާއެއް މިހާތަނަށް ހޯދިފައިވާ ބައްޔެއްވެސް ނޫނެވެ. އޯޓިޒަމް ހުންނަ ކުދިންނަށް އެހެން މީހުންގެ އަޅާލުމާއި އޯގާތެރިކަން ނިހާޔަތަށް ބޭނުންވާނެ އެވެ.

އޯޓިޒަމް އަކީ ތުއްތު ކުދިންގެ އުމުރުން ފުރަތަމަ ދެތިން އަހަރުގެ ތެރޭގައި ފާހަގަކުރެވޭ ސިކުނޑި ތަރައްގީވެ ހެދި ބޮޑުވުމުގައި ދިމާވާ މައްސަލަ ތަކެކެވެ. އޭގެ ސަބަބުން ވާހަކަ ދައްކައި މުވާޞަލާތު ކުރުމާއި، އިޖުތިމާޢީ ގުޅުންތައް އުފެއްދުމުގެ ހުނަރުތައް ކުއްޖާގެ ކިބައިގައި ނުހުރެއެވެ. މިއީ ރާއްޖޭގެ ނިސްބަތުން މަދުނޫން އަދަދަކަށް ކުޑަކުދިންނަށް ރާއްޖޭގައި ވެސް ޖެހޭ ބައްޔެކެވެ. ނަމަވެސް މައިން ބަފައިންނަށް މިއީ ކޮންކަމެއްކަން ނޭނގި ތަފާތު ފަރުވާ ތަކުގައި ކުއްޖާގެ އުމުރުން ދުވަސްތަކެއް ނަގާލައެވެ. އޯޓިޒަމަކީ އުފެދެމުން އަންނައިރު ސިކުނޑީގައި ހުންނަ ތަފާތެއްގެ ސަބަބުން ކުއްޖާގެ އުޅުމަށާއި، މުއާމަލާތް ކުރުމަށް އަދި މީހުންނާއި ގުޅިގެން އުޅުމަށް އަންނަ ބަދަލު ތަކެކެވެ. އުގެނުމާއި، ކަންކަމަށް ސަމާލުކަން ދިނުމަށް އަދި ހިއްސުތައް މަސައްކަތް ކުރާގޮތުގައި ވެސް ބައެއް ފަހަރު އޯޓިޒަމް ހުންނަ ކުދިންގެ ކިބައިގައި ތަފާތު ތަކެއް ހުރެއެވެ. މީގެ އަސަރު އެކި ކުދިންނަށް ކޮށްފައި ހުންނަނީ އެކިވަރަށެވެ.

އޯޓިޒަމް އަންހެން ކުދިންނަށްވުރެ ގިނައިން ޖެހެނީ ފިރިހެންކުދިންނަށްކަން ފާހަގަ ކުރެވެއެވެ. އަދި މިނިސްބަތް ފިރިހެންކުދިންނަށް 5 ގުނަ އިތުރުކަން ވަނީ ފާހަގަކުރެވިފައެވެ. ދުނިޔޭގެ ނިސްބަތަށް ބަލާއިރު ކޮންމެ 10000 މީހުންގެ ތެރެއިން 10 ނުވަތަ 15 މީހުންނަކީ އޯޓިޒަމް ޖެހިފައިވާ މީހުންކަން ވަނީ ފާހަގަ ކުރެވިފައެވެ. އަދި ޖަޕާންގައި މިބަލި މާގިނަކަމަށް ދިރާސާތަކުން ދައްކައެވެ. މިބައްޔާއި އެއްވައްތަރު އަލާމާތްތައް ސިކުނޑީގެ ބައެއް ބަލިތަކުން ފެންނާތީ ބައެއް ފަހަރު މިބަލި ދެނެގަންނަށް އުދަގޫވެ ދުވަސްކޮޅެއް ނަގައެވެ.

އޯޓިޒަމް އާއި މެދު އާންމު މުޖުތަމައު ހޭލުންތެރި ކުރުމުގެ ގޮތުން ކޮންމެ އަހަރެއްގެ އޭޕްރީލް މަހުގެ 2 ވަނަ ދުވަސް އޯޓިޒަމް ދުވަހުގެ ގޮތުގައި ބައިނަލް އަގުވާމީ ފެންވަރުގައި ފާހަގަ ކުރެއެވެ.

ސަބަބު
ޒަމާންތަކެއް ކުރިން އޯޓިޒަމް އަކީ މައިންބަފައިންގެ އިހުމާލުން ދިމާވާ ކަމެއްކަމަށް ބެލުނެވެ. މައިންބަފައިން ކުއްޖާ ބޭނުންނުވުމާއި ކުއްޖާއާއި މެދު އިހްމާލުވުމަކީ އެކުދިންގެ ސިކުނޑިއަށް ލިބޭ ޝޮކަކަށްވެ، ވާހަކަ ދެއްކުމާއި އެހެން ހުނަރުތައް ތަރައްގީ ނުވުމުގެ ސިއްރަކީ މައިންބަފައިން ކަމުގައި ބެލެވުނެވެ. ނަމަވެސް ފަހުގެ ދިރާސާތަކުން ހާމަވާގޮތުގައި އެފަދަ ކަންތައްތަކެއް އޯޓިޒަމް މެދުވެރިވުމުގައެއް ނުހިމެނެއެވެ. އޯޓިޒަމްގެ ހަގީގީ ސަބަބުތައް އަދިވެސް ވަނީ ދިރާސާ މަރުހަލާގައެވެ. އޯޓިޒަމް މެދުވެރިވާ ސީދާ ސަބަބެއް ހޯދިފައި ނެތަސް، އޯޓިޒަމް މެދުވެރިވުމުގައި ކުއްޖާ އުފެދެމުން އަންނައިރު ވިރާސީ ގޮތުން އަންނަ ބަދަލުތަކާއި، މާހައުލުން ކުރިމަތިވާ ކަންތައްތަކެއް ޝާމިލްވުމަކީ ގާތްކަމެއްކަމަށް ބެލެވެއެވެ.

އޯޓިޒަމް ހުންނަ ކުދިންގެ ބޭނުންކޮށްގެން ހަދާފައިވާ ބައެއް ދިރާސާތަކުން އެނގިފައިވާ ގޮތުގައި އެފަދަ ކުދިންގެ ސިކުނޑީގެ އެކި ހިސާބުތަކުގައި އެއްވެސް ކަހަލަ އިންތިޒާމެއް ނުހުންނަކަން ފާހަގަ ކުރެވިފައި ވެއެވެ. އެހެން ދިރާސާއެއްގައި އެފަދަ ކުދިންގެ ސިކުނޑީގައި “ސެރަޓޯނިން” އަދި އެހެނިހެން “ނިއުރޯޓްރާންސްމިޓަރު” ތަކުގެ މިންގަނޑަށް ބަދަލު އައިސްފައި ހުންނަކަން ފާހަގަ ކުރެވިފައި ވެއެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި އެއްމާބަނޑު ދެކުދިންގެ ތެރެއިން އެއްކުއްޖަކަށް އޯޓިޒަމް ޖެހިފައިވާނަމަ، ދެވަނަ ކުއްޖާއަށް އޯޓިޒަމްޖެހުމުގެ ފުރުޞަތު (90 އިންސައްތަ) ބޮޑެވެ. އޯޓިޒަމް ކުއްޖަކު ލިބިފައިވާ ދެމަފިރިންނަށް އޯޓިޒަމް ހުރި ދެވަނަ ކުއްޖަކު ލިބުމުގެ ފުރުޞަތު (5 އިންސައްތަ) ކޮންމެ ވެސް މިންވަރަކަށް އޮންނަކަމަށް ފާހަގަ ކުރެވިފައި ވެއެވެ.

އޯޓިޒަމް އަށް މަގުފަހިކުރާ ކަންތައްތައް

އޯޓިޒަމް އަށް މަގުފަހިވާ ކަންތައްތަކެއް ފާހަގަކުރެވިފައި ވެއެވެ.
• ވާރުތަވުން : އޯޓިޒަމް އަކީ ވާރުތަވަމުން އަންނަ ޖީން އަކުން ދިމާވާ ކަމެއްކަމަށް ވަރަށް ގިނަ ދިރާސާތަކުން ދައްކައެވެ. ނަމަވެސް ބައެއް ޙާލަތްތަކުގައި މިހެން ދިމާނުވެވެސް ދެއެވެ.
• ކުރިން އޯޓިޒަމް ޖެހިފައިވާ ކުއްޖަކު ހުރުން : ކުރިން އޯޓިސްޓިކް ކުއްޖަކު ހުރުމަކީ ދެވަނަ ފަހަރަށް އެފަދަ ކުއްޖަކު ލިބުމުގެ ފުރުޞަތު އިތުރުކުރާ ކަމެއްކަމަށް ދިރާސާތަކުން ދައްކައެވެ.
• ބައެއް ކަހަލަ ކްރޯމޮސޯމް އަންނަ ބަދަލުތައް ނުވަތަ ވާރުތަވާ ބަލިތައް ހުރުން : ބައެއް ކަހަލަ ކްރޯމޮސޯމް އަންނަ ބަދަލުތައް ނުވަތަ ވާރުތަވާ ބަލިތައް (މިސާލަކަށް ފްރެޖައިލް އެކްސް ސިންޑްރޯމް، ޓޫބަރަސް ސްކެލަރޯސިސް ފަދަ ބަލިތައް) ހުރުމަކީ އޯޓިޒަމް ޖެހުމުގެ ފުރުޞަތު އިތުރުކުރާ ކަމެކެވެ.
• މާބަނޑު ދުވަސްވަރު ބޭސް ބޭނުންކުރުން : ބަލިވެ އިންނަ ދުވަސްވަރު ބައެއް ވައްތަރުގެ ބޭސް ބޭނުންކުރުމަކީ މިފަދަ ކަމެއް ދިމާވެދާނެ ކަމެކެވެ. ފިޓުޖެހޭ މީހުންނަށް ފަރުވާގެ ގޮތުގައި ދީއުޅޭ “ވެލްޕޯރިކް އެސިޑް”(valporic acid) އަދި ތަފާތު ނަފްސާނީ ބަލިތަކާއި ގުޅިގެން މީހަކާ ހަމައަކަށް އެޅުވުމަށް އެހީތެރިވެދޭ “ތެލިޑޯމައިޑް”(thalidomide) ފަދަ ބޭސްތައް މާބަނޑު ދުވަސްވަރު ބޭނުންކުރުމުން އޯޓިޒަމް ޖެހިފައިވާ ކުދިން ލިބުމުގެ ފުރުޞަތު އޮވެދާނެ ކަމަށް ބުނެވެއެވެ.
• މާބަނޑު ދުވަސްވަރު ޖެހޭ އިންފެކްޝަން : ބަލިވެ އިންނަ ދުވަސްވަރު މަންމައަށް ތަފާތު ބަލިތައް ޖެހުމަކީ ބަނޑުގައިވާ ދަރިފުޅަށް އޯޓިޒަމް ޖެހިދާނެ ސަބަބެއް ކަމުގައި ބެލެވިފައި ވެއެވެ. އޭގެ ތެރޭގައި ވިލާތު ހިމަބިހި ފަދަ ބަލިތައް ހިމެނެއެވެ.
• މައިމީހާގެ އުމުރުން މަތިވުން : މާ އުމުރުން މަތިވުމަށްފަހު ބަލިވެ އިނދެ، ލިބޭ ކުދިންނަށް އޯޓިޒަމް ޖެހުމުގެ ފުރުޞަތު ބޮޑުކަމަށް ދިރާސާތަކުން ދައްކައެވެ.
• ވިހެއުމުގެ ތެރޭގައި ދިމާވާ މައްސަލަތައް : މިސާލަކަށް ވިހެއުމުގެ ތެރޭގައި ކުއްޖާގެ ސިކުނޑިއަށް އޮކުސިޖަން ނުލިބި ގިނައިރުވުން
އޯޓިޒަމް އާއި އެމް އެމް އާރު ވެކްސިން
ބައެއް ފަރާތްތަކުން ހާމަކުރާ ގޮތުގައި ތުއްތު ކުދިންނަށް ދެވޭ ވެކްސިން ތަކުގެ ތެރޭގައި ވެސް އޯޓިޒަމް ޖެހުމުގެ ރިސްކު އޮތް ވެކްސިނެއް ވެއެވެ. އެއީ އެމްއެމްއާރު ވެކްސިން އެވެ. ނަމަވެސް މިހާތަނަށް ހަދާފައިވާ އެއްވެސް ދިރާސާ އަކުން މިކަން ސާބިތު ކުރެވިފައެއް ނެތެވެ. ވީމާ އެމްއެމްއާރު ވެކްސިން ދިނުމުން އޯޓިޒަމް ޖެހޭނެ ކަމަށްބުނެ އެވެކްސިން ނުޖެހުމަކީ ބުއްދިވެރި ގޮތެއް ނޫނެވެ.

“އޯޓިޒަމްގެ ހުންނަ މައިގަނޑު ކަންތައްތަކުގެ ތެރެއިން ބެލެނެވެރިންނަށް އެންމެ ފަސޭހައި ދެނެގަނެވޭ ކަމަކީ ވާހަކަ ދެއްކުމުގައި ދިމާވާ ދަތިތައް! އެއުމުރަކީ ދޮޅު އަހަރު! އެމްއެމްއާރު ވެކްސިން ޖަހަނީ ދޮޅު އަހަރުގައި! ވެކުސިން ޖަހާތާ ގިނަ ދުވަސްތަކެއް ނުވަނީސް މިކަންތައްތައް ފާހަގަވަނީ! އެހެންވީމާ ވެކުސިނާ ގުޅުވެނީ! ކަމަކާ ގުޅުވުނީމާ ސައިންސްވެރިންގެ މަސައްކަތަކީ ދިރާސާކުރުން!” (ޑރ އަހުމަދު ފައިޞަލް-ކުޑަކުދިންގެ ބަލިތަކުގެ ޚާއްޞަ ޑޮކްޓަރު)

އަލާމާތްތައް
އޯޓިޒަމްގެ އަލާމާތްތައް ފާހަގަކުރެވެން ފަށަނީ ކުއްޖާގެ އުމުރުން 2 ވަނަ އަހަރު ނުވަތަ 3 ވަނަ އަހަރުގެ ތެރޭގައެވެ. ނަމަވެސް ބައެއް ކުދިން ތުއްތު އިރު ވެސް އެކަހަލަ ބައެއް އަލާމާތްތައް ފާހަގަ ކުރެވިދާނެ އެވެ. އަދި ކުއްޖާގެ އުމުރުން އެންމެ ކުޑައިރު އެހެން ކުދިންނެކޭ އެއްފަދައިން ބޮޑުވަމުން އައިސް، އުމުރުން 24 މަސް ވުމުން ސިކުނޑިއާއި އަދި އެހެނިހެން ހުނަރުތައް ތަރައްގީވުން ހުއްޓިދެއެވެ. މައިންބަފައިންނަށް މިކަން ފާހަގަ ކުރެވޭނީ އެހާ ހިސާބުންނެވެ.

އޯޓިޒަމް ޖެހިފައިވާ ކުދިންގެ ކިބައިން ފެނިދާނެ އާންމު އަލާމާތްތަކުގެ ތެރޭގައި:-
• ނަމުން ގޮވާލުމުން ނުބެލުން (އުމުރުން 1 އަހަރުވާއިރު ވެސް ނަމުން ގޮވާލުމުން ނުބެލުން)
• ސަމާލުކަން ދީގެން ވަކި އެއްޗަކަށް އިގިލި ދިއްކޮށް ނުހެދުން (އުމުރުން 14 މަސް ފުރި ދިޔައިރުވެސް)
• ކުޑަކުދިން ކުޅޭ (ބަތް ކައްކާކުޅުން، ބުދު ފެންވަރުވާ ކާންދިނުން ފަދަ) ކުޅިވަރުތައް ނުކުޅުން (އުމުރުން 18 މަސް ފުރިދިޔަ އިރުވެސް)
• ކައިރީގައި ހުރެގެން ވާހަކަ ދައްކާއިރު ހަތަރުކަޅި ހަމަކޮށް ނުބެލުން (އެހެން މީހުންގެ މޫނަށް ބަލާ ކަޅިއާއި ކަޅި ހަމަ ނުކުރުން) ނުވަތަ ހަތަރުކަޅި ހަމަނުކުރުން
• އެކަނި ވަކިން ތަންތަނުގައި އިނުމަށް ލޯބިކުރުން
• އެހެން މީހުންގެ އިހުސާސްތައް ދެނެގަތުމަށް ނުކުޅެދުން
• އަމިއްލަ އިހުސާސްތައް ހާމަކޮށް ނުދެވުން (އަމިއްލަ އިހުސާސްތަކާއި ބެހޭގޮތުން ވާހަކަ ނުދެއްކުން)
• ވާހަކަ ދެއްކުމުގެ ހުނަރު ދަށްވުން
• ވާހަކަ ދައްކަން ފަށާ އުމުރު މަތިވުން
• އެއް ބަހެއް ނުވަތަ ލަފުޒެއް ތަކުރާރުކޮށް ކިޔަމުން ގެންދިއުން
• ބުނާ ބަހެއް އެބުނި ގޮތަކަށް ބުނުން
• ކުރާ ސުވާލުތަކަށް ނުގުޅޭ ޖަވާބު ދިނުން
• ކުދިކުދި ކަންތައްތަކުން އަވަހަށް ރުޅި އައިސް ޖަވާބު ދިނުން
• އަތްތިލަ ބަޑި ޖެހުމާއި، ހަށިގަނޑު އެކި ގޮތްގޮތަށް ހަރަކާތްކުރުން (ވަށްބުރަށް ވާހެން އެނބުރުން/ ބޯގުޑުވުން/ ކޮނޑުއެރުވުން)
• އިވޭ އަޑުތަކާއި، ދުވާ ވަހާއި، ފެންނަ ތަކެއްޗާއި މެދު ފާޅުކުރާ ޝުއޫރު އެހެން މީހުންނާއި ތަފާތުވުން
• ތަފާތު ތަކެތި (ފާރުގައި ހުންނަ ގަޑި، ފަންކާ ފަދަ ތަކެތި) ދެއްކުމުން ނުބެލުން
• އަހަރެމެން އެއްޗެއް ހޯދަން އުޅުނަސް އަޅާނުލުން
• ކިތައްމެ ވަރަކަށް ސަމާސާ ކުރިޔަސް ހީވެސް ނުލުން
• އެހެން މީހުންނަށް ފޮނި ދައްކައި ނޫޅުން
• އެހެން ކުދިން ކޮޕީ ނުކުރުން
• ލޮލުގައި ޖެހޭ ވަރަށް އަތްކައިރި ކޮށްގެން އަމިއްލަ އިގިއްޔާއި ކުޅުން
• މަތިންދާ ބޯޓެއް ފަދަ އެއްޗެއް ފެނުނަސް އެހެން ކުދިންނަށް ނުދެއްކުން
• އަލަށް ގެނެސްދޭ ކާރު ފަދަ ކުޅޭ ތަކެތި އެހެން ކުދިންނަށް ދައްކަން ނޫޅުން
• ބުރުމާ، މިކްސްޗަރު ފަދަ ތަކެތި ޖެއްސުމުން ރުޅިއައުން
• އެއްކަމެއް ތަކުރާރުކޮށް އެއްގޮތަކަށް ކުރަމުން ގެންދިއުން
• ކުރަމުން އައި ކަމެއް ބަދަލުވުމުން އެކަމަށް ހޭނެން އުދަނގޫވުން
• ކުރިން ހުރި ހުނަރެއް ނެތިދިއުން (މިސާލަކަށް ކުރިން ކިޔަމުން އައި ބަހެއް ފަހުން ކިޔަން ނޭގުން)
• އެހެން މީހުން ގައިގައި އަތްލައި އުރައި ހެދުމުން ހިތްހަމަނުޖެހުން

އިޖުތިމާޢީ ހުނަރުތަކާ ގުޅުންހުރި އަލާމާތްތައް
• ނަމުން ގޮވާލުމުން ނުބެލުން (އުމުރުން 1 އަހަރުވާއިރު ވެސް ނަމުން ގޮވާލުމުން ނުބެލުން)
• ކައިރީގައި ހުރެގެން ވާހަކަ ދައްކާއިރު ހަތަރުކަޅި ހަމަކޮށް ނުބެލުން ނުވަތަ ހަތަރުކަޅި ހަމަނުކުރުން
• އެކަނި އިނދެ ކުޅުމަށް ލޯބިކުރުން
• ޝައުގުވެރިވެ، ގަޔާވާ ކަންކަން އެހެން މީހުންނާއި ހިއްސާނުކުރުން
• ހަމައެކަނި ބޭނުންވާ ވަކިކަމެއް ކުރުމަށް އެހެންމީހުންނާއި ގުޅިގެން އުޅުން
• އަނެކާޔާ ބާއްވަންޖެހޭ ދުރުމިން ދޭހަނުވުން : މިސާލަކަށް މަގުމަތިން މީހަކު ފެނުނަސް ބައްދައިގަތުން
• އެކި އެކި ޝުއޫރުތަކާއި ގުޅިގެން މޫނުމައްޗަށް އަންނަ ބަދަލު އެދިމާވި ކަމަކާއި ނުގުޅުން
• އެހެންމީހުން އޭނާގެ ގައިގައި އަތްލައި ހަދަން ނުރުހުން
• ހިތްހަމަނުޖެހިފައި ހުންނަ ވަގުތަކު އެހެން މީހަކު އަތްލުމުން އިތުރަށް ހިތްހަމަނުޖެހުން
• އެހެން މީހުންގެ އިހުސާސްތައް ދެނެގަތުމަށް ނުކުޅެދުން

މުއާމަލާތްކުރުމާއި މުވާޞަލާތު ކުރުމާއި ގުޅުންހުރި އަލާމާތްތައް
• ވާހަކަ ދެއްކުމުގެ ހުނަރު ދަށްވުން
• ވާހަކަ ދައްކަން ފަށާ އުމުރު މަތިވުން
• އެއް ބަހެއް ނުވަތަ ލަފުޒެއް ތަކުރާރުކޮށް ކިޔަމުން ގެންދިއުން
• ބަސްކިޔަންޖެހޭގޮތް ނޫން އެހެން ގޮތްގޮތަށް ކިޔުން : މިސާލަކަށް “އަހަރެން” ބުނަންޖެހޭ ތާގައި “ކަލޭ” ބުނުން
• ކުރާ ސުވާލުތަކަށް ނުގުޅޭ ޖަވާބު ދިނުން
• މަތިންދާ ބޯޓެއް ފަދަ އެއްޗެއް ފެނުނަސް އެހެން ކުދިންނަށް ނުދެއްކުން
• އަލަށް ގެނެސްދޭ ކާރު ފަދަ ކުޅޭ ތަކެތި އެހެން ކުދިންނަށް ދައްކަން ނޫޅުން
• ވަރަށް މަދުން ނޫނީ އެއްގޮތަކަށް އިޝާރާތްނުކުރުން (މިސާލަކަށް މީހަކު ދާއިރު ޓާޓާ ކިޔުމަށް އަތް ހޫރުވައި ނުހެދުން)
• ވާހަކަ ދައްކާގޮތް (އަޑު، ރާގު) ތަފާތުވުން (ރޮބޮޓެއްގެ އަޑުހެން އަޑުހުރުން)
• ކުޑަކުދިން ކުޅޭ (ބަތް ކައްކާކުޅުން، ބުދު ފެންވަރުވާ ކާންދިނުން ފަދަ) ކުޅިވަރުތައް ނުކުޅުން
• މަޖާޒީ ބަސް، މިސާލު ބަސް، ސަމާސާ ބަހުރުވަ، ޖޯކު، މަލާމާތުގެ ގޮތުން ބުނާ ބަސްތައް ދޭހަނުވުން

އުޅުމުގައި ހުންނަ އާދަޔާ ޚިލާފު ކަންތައްތައް
• ކުޅޭ އެއްޗެތި ފަދަ ތަކެތި އެއް ރޮނގަކަށް އެތުރުން
• ކޮންމެ ފަހަރަކު ކުޅޭ އެއްޗެތި ބޭނުންކޮށްގެން އެއްގޮތަކަށް ކުޅެހެދުން
• އެކި އެއްޗެތީގެ ވަކި ބައިބައި ދެކެ ލޯބިވުން ނުވަތަ ގަޔާވުން (މިސާލަކަށް ދުއްވާ އެއްޗެތީގެ ފުރޮޅު)
• ވަރަށް ތަރުތީބުން ކަންކަން ކުރުން
• ކުދިކުދި ކަންތައްތަކުން އަވަހަށް ރުޅި އައިސް ޖަވާބު ދިނުން
• އެކަނި އިނދެ ކުޅުމަށް ލޯބިކުރުން
• ވަކި ގޮތަކަށް (އުސޫލަކަށް) ކަންކަން ބަހައްޓަމުން ގެންދިއުން
• އަތްތިލަ ބަޑި ޖެހުމާއި، ހަށިގަނޑު އެކި ގޮތްގޮތަށް ހަރަކާތްކުރުން (ވަށްބުރަށް ވާހެން އެނބުރުން/ ބޯގުޑުވުން/ ކޮނޑުއެރުވުން)

އެހެނިހެން އަލާމާތްތައް
• މާބޮޑަށް ހަލަނިވުން (ހިފިހިމޭނުން ނުހުރެވުން)
• ވިސްނާލުމަކާ ނުލައި ހިތަށްއެރިގޮތަކަށް ކަންތައް ކުރުން
• ކަންކަމަށް ސަމާލުކަން ދިނުން ކުޑަވުން
• ބައެއް ފަހަރު މާބޮޑަށް ރުޅިގަދަވެ، މައިތިރިނުވެގެން އުޅުން
• ކަންކަމާ ހިތްހަމަނުޖެހި، ގޮތްދޫނުކޮށް، ރުޅިއައިސް، ހަޅޭލަވައި ބޮޑާހާކާ ހެދުން
• އަމިއްލަ ނަފުސަށް އަނިޔާދިނުން
• ރަގަޅަށް ނުނިދުން
• ތަފާތު އެއްޗެތި ކެއުން
• ޖަޒުބާތީ ޝުޢޫރު ތަކާއި މިޒާޖު އެހެން މީހުންނާއި ތަފާތުވުން
• އެކި ކަންކަން ކުރުމަށް ބިރުނުގަތުން
• އިވޭ އަޑުތަކާއި، ދުވާ ވަހާއި، ފެންނަ ތަކެއްޗާއި މެދު ފާޅުކުރާ ޝުއޫރު އެހެން މީހުންނާއި ތަފާތުވުން

” އެހެންކުދިންނާއި ގުޅިގެން އުޅުމާއި، މުއާމަލާތް ކުރުމުގައި އޯޓިޒަމް ހުންނަ ކުދިން ތަފާތެވެ. އެކަހެރިކަން އިޚްތިޔާރު ކުރެއެވެ. ބަނޑުހައި ވިޔަސް، ތަނަކަށް ކިތަންމެ ވަރަކަށް ތަދުވިޔަސް ބުނަން ނޭނގިފައި ހުރެދާނެ އެވެ. މިސާލަކަށް ކުޅެނިކޮށް ބޯފަޅައިގެންގޮސް ލޭއައުމުން ތަދުވެގެން ނޫޅިދާނެ އެވެ. ބޮޑާ ހޭކުމާއި، އަޑުގަދަކުރުމާއި، އަމިއްލަ ނަފުސަށް އަނިޔާކުރުމަކީ އޯޓިޒަމް ހުންނަ ކުދިންގެ އާދަ އެކެވެ. އޯޓިޒަމްކަން ނޭނގޭ އިރު، އެފަދަ ކުއްޖަކު ކަމެއް ބޭނުންވުމުން އެވާހަކަ ބުނާނީ އަމިއްލަ ބަސްތަކަކުންނެވެ. (އަމިއްލަ އިހުސާސްތައް ހާމަކޮށް ނުދެވުން) ކިތައްމެ ވަރަކަށް ގައިގައި ކޮއްޓައި ގޮވާ ހެދިޔަސް އިޖާބަ ނުދީފާނެ އެވެ. ކިތަންމެ ނިދިއަޔަސް ނުނިދިގެން އުޅެފާނެ އެވެ. ބާލީހަށް ލައި ހަލުވައި، ގުރުއާން ޖަހައި ހެދުމުން ނުނިދިގެން އުޅެދާނެ އެވެ. ދަންވަރު ނުނިދިގެން އެދުމަތީގަޔާއި، ބިންމަތީގައި ބާރު ބާރަށް ހިނގާފައި އުޅެފާނެ އެވެ. ”
(ހަވީރު ނޫސް 2 އޭޕްރީލް 2012 ގައި އާސިޔަތު މުހައްމަދު ސަޢީދު ލިޔެފައިވާ ލިޔުމަކުން ނަގާފައި)

(http://www.haveeru.com.mv/dhivehi/report/119226)

” އޯޓިޒަމް އަކީ އުމުރަށް ދިގުދެމިގެންދާ ފަދަ ނުކުޅެދުންތެރި ކަމެކެވެ. މިނުކުޅެދުންތެރިކަމުގެ ސަބަބުން މީހާއަށް މައުލޫމާތު ލިބިގަންނަ ގޮތާއި، އޭނާގެ ވަށައިގެން އަންނަ ކަންތައްތައް އިހުސާސް ކުރުމުގައި އުދަނގޫތަކެއް ދިމާވެއެވެ. މީހަކާ ދިމާވުމުން އެމީހެއްގެ މޫނަށް ނުވަތަ ހަށިގަނޑަށް ބަލާލުމަށްފަހު އެމީހެއްގެ އިހުސާސްތައް ދެނެގަންނަން އޯޓިޒަމް ހުންނަ ކުދިންނަށް ބައެއް ފަހަރު ދަތިވެއެވެ. އޯޓިޒަމް ހުންނަ ކުދިންނަކީ ގިނަ ފަހަރު މުއާމަލާތް ކުރުމާއި މީހުންނާއި ގުޅިގެން އުޅުމަށް ބޭނުންވާ ބައެއް ނޫނެވެ. މީހުން ގިނަ ތަންތަނުގައި މީހުންނާއި ގުޅިގެން އުޅުމަކީ މިފަދަ ކުދިންނަށް އުދަނގޫ ކަމެކެވެ. މިފަދަ ކުދިންނަށް ވަކި ބަސްތައް އެނގެނީ އެބަސްތައް އެބުނާގޮތަށް ކަމުން، މަޖާޒީ ބަސްތަކާއި، ސަމާސާގެ ގޮތުގައި ބުނާ ބަސްތައް ނަގައިގަންނަން އުދަނގޫވެއެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުގައި އޯޓިޒަމް ޖެހިފައިވާ ކުދިންގެ ތެރެއިން 30 އިންސައްތަ ކުދިންގެ ވިސްނުން އެހެން ކުދިންނާއި އެއްވަރަކަށް ހުރެއެވެ. އަދި މައްސަލަތަކެއް ހުއްޓަސް އޯޓިޒަމް ހުންނަ ބައެއް ކުދިންނަށް އެހެން ކުދިންނެކޭ އެއްގޮތަށް ވަކި ޚާއްޞަ ހުނަރުތަކެއް ލިބިގެން ވެއެވެ. މީގެ ތެރޭގައި ހަދާނުގައި އެއްޗެތި އަވަހަށް ހަރުލުމާއި، ހިސާބު އިލްމުގެ ހުނަރާއި، މިއުޒިކާއި އަދި ކަންކަމުގައި މަޝްއޫލުވުމާއި، ވަކި ކަމަކަށް އާދަޔާ ޚިލާފަށް ސަމާލުކަން ދިނުމުގެ ހުނަރު އެމީހުންގެ ކިބައިގައި ހުރެއެވެ. “(ހަވީރު ނޫސް 11 އޭޕްރީލް 2013 ގައި ޑރ ޢުގައިލްގެ ލިޔުމަކުން ނަގާފައި) (http://www.haveeru.com.mv/dhivehi/opinion/136798 )

” އޯޓިސްޓިކް މީހުންގެ ތަފާތު އެކި ސިފަތައް ހުރެއެވެ. މިގޮތުން ބައެއް މީހުންނަކީ ކަންކަމަށް އާދަޔާ ޚިލާފަށް ސަމާލުކަން ދިނުމާއި، ގަޑިއަށް ފަރުވާތެރިވުމަށް ޝައުގުވެރިކަން ބަހައްޓާ މީހުންނެވެ. މިސާލަކަށް އޯޓިސްޓިކް މީހެއްގެ ގާތުގައި ގަޑިކިޔާފައި ބައްދަލުކުރަން ބުނެފައި ކުޑައިރުކޮޅެއް އެމީހަކު ލަސްވިޔަސް ހިތްހަމަނުޖެހުން ފާޅުކުރެވޭނެ އެވެ. ބައެއް އޯޓިސްޓިކް ކުދިން އެކުދިން ކުޅޭ ތަކެތި ރީތިކޮށް އެތުރުމުގައި އެތަކެއް ވަގުތެއް ހޭދަކުރެއެވެ. އަދި އެތަކެތި އެހެން މީހަކު ހަޑިކޮށްފިނަމަ އެކަމާ އެކުދިން ވަރަށް ރުޅިގަދަވާނެ އެވެ. ” (ހަވީރު ނޫސް 11 އޭޕްރީލް 2013 ގައި ޑރ ޢުގައިލްގެ ލިޔުމަކުން ނަގާފައި) (http://www.haveeru.com.mv/dhivehi/opinion/136798 )

ތިރީގައި މިވާ ކަންތައްތައް ފާހަގަވާނަމަ އޯޓިޒަމް ކުއްޖެއްތޯ ބެލުން ބުއްދިވެރި އެވެ.
1- ފާރުގައި ހުންނަ ގަޑި ފައްކާ ފަދަ ތަކެތި ދައްކާލީމާ އެއަކަށް ނުބަލާ
2- އަހަރެމެން އެއްޗެއް ހޯދަން އުޅުނަސް އޭނާ އަޅާނުލާނެ
3- ނަމުން ގޮވިޔަސް ނުބަލާނެ! ބައެއް ފަހަރު ދަރިފުޅު ބީރުހެންވެސް ހީވޭ
4- ކައިރީ ހުރެގެން ވާހަކަ ދެއްކިޔަސް ހަތަރުކަޅި ހަމަކޮށް ނުބަލާނެ
5- އަހަރެމެން ކިތައްމެ ވަރަކަށް ސަމާސާ ކުރިޔަސް އޭނާ ހީވެސް ނުލާނެ
6- އެހެން މީހުންނަށް ފޮނިދައްކާކަން ވެސް ނުއުޅޭނެ
7- އަބަދު އެކައްޗެއް ހިފައިގެން ކަނަކަށްވަދެ މުޅިން ވަކިން އުޅޭނީ
8- ބަތްކައްކާ ކަހަލަ އެއްޗެއް ވެސް ނުކުޅޭނެ
9- ދައިދޯ ހެއްލާ އުކާ ހެދީމާ ވެސް މަޖާވެގެން ނުއުޅޭނެ
10- އެހެން ކުދިން ކޮޕީ ނުކުރާނެ
11- ވަރަށް ގިނައިން ލޮލުގައި ޖެހޭ ވަރަށް އަތްކައިރިކޮށްގެން އަމިއްލަ އިގިއްޔާ ކުޅޭނެ
12- މަތިންދާ ބޯޓެއް ކަހަލަ އެއްޗެއް ފެނުނަސް އެހެން ކުއްޖަކަށް ނުދައްކާނެ
13- އަލަށް ގެނެސްދޭ ކާރު ވެސް އެހެން ކުއްޖަކަށް ދައްކާކަން ނުއުޅޭނެ
14- މިކްސަރު ނޫނީ ބުރުމާއެއް ޖައްސާލިޔަސް ވަރަށް ރުޅި އަންނާނެ
(ކުޑަކުދިންގެ ބަލިތަކުގެ ޚާއްޞަ ޑޮކްޓަރ، ޑރ އަހުމަދު ފައިޞަލްގެ ފޭސްބުކް ޕޭޖުން ނަގާފައި 02-04- 2014 )

އޯޓިޒަމް ހުރުމާއެކު ކުރިމަތިވެދާނެ އެހެނިހެން ޞިއްޙީ މައްސަލަތައް

އޯޓިޒަމް ހުންނަ ބައެއް ކުދިންނަށް އޯޓިޒަމް ހުރުމާއެކު ބައެއް އެހެނިހެން ޞިއްޙީ މައްސަލަތައް ކުރިމަތިވާކަން ފާހަގަ ކުރެވެއެވެ. އެގޮތުން ކުރިމަތިވެދާނެ މައްސަލަތަކުގެ ތެރޭގައި:-
• ފްރެޖައިލް އެކްސް ސިންޑްރޯމް (fragile x syndrome): މިއީ ވެސް ވާރުތަވާ ބައްޔެކެވެ. މިބަލިޖެހިފައި ތިބޭ ކުދިންގެ ސިކުނޑީގައި އުނިކަމެއް ހުންނާނެ އެވެ.
• ޓޫބަރަސް ސްކެލަރޯސިސް (tuberous sclerosis): މިއީ ވާރުތަވާ ވަރަށް ނާދިރު ބައްޔެކެވެ. މިބަލި ޖެހުމުން ހަށިގަނޑުގެ އެކި ހިސާބުތަކުގައި ބިނައިން ޓިއުމަރު ތަކެއް އުފެދޭގޮތް ވެއެވެ.
• ޓޫރެޓް ސިންޑްރޯމް (tourette syndrome): މިއީ ނާރުތަކުގައި ހުންނަ މައްސަލައެއްގެ ސަބަބުން ހަށިގަނޑަށް އަރާ ލޮޅުމެކެވެ. މިމައްސަލަ ކުރިމަތިވުމުން ކޮންޓްރޯލެއްނެތި ހަރަކާތްތަކެއް، ނުވަތަ އަޑުތަކެއް އުފެއްދޭގޮތް ވެއެވެ. މިސާލަކަށް ހުއްޓުމެއްނެތި އެސްފިޔަ ޖަހައިދާނެ އެވެ. ނުވަތަ ކޮޑު އަރުވައިފާނެ އެވެ. ނުވަތަ ބޯ ގުޑުވައިފާނެއެވެ. ކުއްލިއަކަށް އަޑުތަކެއް ލައްވަ ލައްވައި ހުރެދާނެ އެވެ.
• ފިޓުޖެހުން : އޯޓިޒަމް ހުންނަކުދިންގެ ތެރެއިން 30-20 އިންސައްތަ ކުދިންނަށް ޒުވާން އުމުރު ފުރައަށް ދާއިރު ފިޓުޖެހޭކަން ފާހަގަ ކުރެވެއެވެ. ނަމަވެސް އޯޓިޒަމް ހުންނަ ކުދިންނަށް ކޮންމެ އުމުރެއްގައި ވެސް ފިޓުޖެހިދާނެކަން ހަދާން ކުރަން ޖެހެއެވެ.
• އުގެނުމުގެ ނުކުޅެދުންތެރިކަން ހުރުން
• ކަންކަމަށް ސަމާލުކަން ދިނުން ކުޑަވުން
• ބަނޑާއި ގޮހޮރުގެ މައްސަލަތައް : މިސާލަކަށް ބޭރަށްހިންގުން، ބަނޑުހަރުވުން ފަދަ މައްސަލަތައް އޯޓިޒަމް ކުދިންގެ ކިބައިގައި ހުރުމަކީ ވެދާނެ ކަމެކެވެ.
• ނިދިނައުމުގެ މައްސަލަ ކުރިމަތިވުން
• ތަފާތު އެއްޗެތި ކެއުން (pica): މިސާލަކަށް އާންމުކޮށް ކައިނޫޅޭތަކެތި (ކާތަކެތި ނޫން އެއްޗެތި) ކައި ހަދައިފާނެ އެވެ. ހެދިބޮޑުވަމުން އަންނަ އައުމުގެ ތެރޭގައި އުމުރުން 24- 18 މަހާއި ދޭތެރޭގައި ކާތަކެތި ނޫން އެއްޗެތި ކައި ހެދުމަކީ ތަބީޢީ ކަމެކެވެ. ނަމަވެސް މިމުއްދަތު ފަހަނައަޅައި ދިއުމަށްފަހު އެފަދަ ތަކެތި ކައި ހެދުމަކީ ތަބީޢީ ކަމެއް ނޫނެވެ. މިސާލަކަށް އޯޓިޒަމް ހުންނަ ކުދިން ބައެއް ފަހަރު ކްލޭ، ޗޯކު، ކުލަ ފަދަ ތަކެތި ކައި ހަދައިފާނެ އެވެ.
ދެނެގަތުން
އޯޓިޒަމް ހުރިތޯ ބެލުމަށް ހެދޭ ވަކި ޓެސްޓެއް ނެތުމާއެކު އޯޓިޒަމް ހުރިކަން ދެނެގަތުމަކީ ފަސޭހަ ކަމެއް ނޫނެވެ. އޯޓިޒަމް ހުރިކަން ދެނެގަނެވޭނީ ކުއްޖާގެ އުޅުމާއި، ހެދިބޮޑުވުމަށް އަންނަ ބަދަލުތައް ބަލައި ހަދައިގެންނެވެ. ގިނަ ފަހަރު އޯޓިޒަމްގެ އުދަނގޫތައް ފާހަގަ ކުރެވެން ފަށާނީ ދޮޅުއަހަރު ނުވަތަ 3-2 އަހަރާއި ދެމެދުގެ މުއްދަތުގެ ތެރޭގައެވެ. އޯޓިޒަމް ހުރިކަން ދެނެގަތުމަށް ކުރެވޭ ކަންކަން ދެފިޔަވަޅަކަށް ބަހާލެވިދާނެ އެވެ. އެއީ:-
• ޑިވެލޮޕްމެންޓަލް ސްކްރީނިންގ
• ކޮމްޕްރެހެންސިވް ޑައިގްނޯސްޓިކް އިވެލުއޭޝަން

ޑިވެލޮޕްމެންޓަލް ސްކްރީނިންގ

ޑިވެލޮޕްމެންޓަލް ސްކްރީނިންގ(developmental screening) އަކީ ކުއްޖާގެ ހެދިބޮޑުވަމުން އަންނަގޮތް ބެލުމަށް ކުރެވޭ ކަންތައްތަކެވެ. ހެދިބޮޑުވުމުގައި ލަސްކަމެއް އުޅޭނަމަ އެކަމެއް މިޓެސްޓު ހެދުމުން ފާހަގަ ކުރެވޭނެ އެވެ. އެގޮތުން މައިންބަފައިންނާއި ކުއްޖާގެ ހެދިބޮޑުވުމާއި ގުޅޭގޮތުން ތަފާތު ސުވާލުތައް ކުރުމުގެ އިތުރުން، ކުއްޖާއާއެކު ކުޅެ، ވާހަކަ ދައްކައި، ވަގުތު ހޭދަކޮށް، ކުއްޖާގެ އަމަލުތައް ހުރިނެތްގޮތާއި، އެކި ކަންކަމުގައި ކުއްޖާގެ އިހުސާސްތައް ހުންނަގޮތް ދެނެގަންނާނެ އެވެ. މިސްކްރީނިންގ ހެދުމުން ކުއްޖާގެ ހެދިބޮޑުވުމުގައި އެއްވެސް ކަހަލަ ލަސްކަމެއްހުރިނަމަ އެކަމެއް ފާހަގަ ކުރަން ފަސޭހަވާނެ އެވެ.
ހެދިބޮޑުވުމުގައި ލަސްކަމެއް ނުވަތަ ނުކުޅުދުންތެރިކަމެއް ހުރިތޯ ބެލުމަށް ހުރިހާ ކުޑަކުދިން ވެސް އަންނަނިވި މުއްދަތު ތަކުގައި ސްކްރީން ކުރެވިދާނެ އެވެ
• އުމުރުން 9 މަހުގައި
• އުމުރުން 18 މަހުގައި
• އުމުރުން 30-24 މަހާއި ދޭތެރޭގައި
• ދުވަސްނުފުރާ ވިހެއުން، ވިހޭއިރު ބަރުދަން ލުއިވުން ފަދަ ކަމެއް ހުރިނަމަ އިތުރު ސްކްރީނިންގ އަކަށް ދާންޖެހިދާނެ އެވެ.
މީގެ އިތުރުން އޯޓިޒަމް ހުރިތޯ ހުރިހާ ކުޑަކުދިން ވެސް އަންނަނިވި މުއްދަތު ތަކުގައި ސްކްރީން ކުރެވިދާނެ އެވެ
• އުމުރުން 18 މަހުގައި
• އުމުރުން 24 މަހުގައި
• އޯޓިޒަމް ޖެހުމުގެ ފުރުޞަތު ބޮޑުކަމުގައިވާނަމަ (އާއިލާގައި އޯޓިސްޓިކް ކުއްޖަކު ހުރުން) އިތުރު ސްކްރީނިންގ އަކަށް ދާންޖެހިދާނެ އެވެ.
އޯޓިޒަމް ފަދަ ބަލިތައް އާންމުވަމުން ދާއިރު ހުރިހާ ކުޑަކުދިން ވެސް ހެދިބޮޑުވުމުގައި މައްސަލައެއް (ލަސްކަމެއް) ހުރިތޯ ބެލުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެގޮތުން ބަލާބެލުމުގައި މައްސަލަ އެއް ފާހަގަ ކުރެވޭނަމަ “ކޮމްޕްރެހެންސިވް ޑައިގްނޯސްޓިކް އިވެލުއޭޝަން” އެއް ހެދުމަކީ ބޭނުންތެރި ކަމެކެވެ.

ކޮމްޕްރެހެންސިވް ޑައިގްނޯސްޓިކް އިވެލުއޭޝަން
ކޮމްޕްރެހެންސިވް ޑައިގްނޯސްޓިކް އިވެލުއޭޝަން(comprehensive diagnostic evaluation) ގައި ކުއްޖާގެ ހެދިބޮޑުވުމުގެ އިތުރުން، ކުއްޖާގެ އުޅުމާއި، ސުލޫކާއި، މިޒާޖާއި ބެހޭގޮތުން މައިންބަފައިންނާއި، ސުވާލުކޮށް މައުލޫމާތު އޮޅުން ފިލުވާނެ އެވެ. މީގެ އިތުރުން ކުއްޖާގެ އަޑުއިވުން، ފެނުމުގައި އެއްވެސް މައްސަލައެއް ހުރިތޯ ޓެސްޓުކޮށް ބަލާނެއެވެ. ނާރުގެ ޓެސްޓުތަކާއި، ވިރާސީ ޓެސްޓުތައް ހަދައި، ލޭގެ ޓެސްޓުތައް ހަދައި އެއްވެސް ކަހަލަ މައްސަލައެއް ހުރިތޯ ދެނެގަންނާނެ އެވެ. މިއިވެލުއޭޝަން ފުރިހަމަ ކުރުމުގައި ކުޑަކުދިންގެ ހެދިބޮޑުވުމުގެ މައްސަލަތަކަށް ޚާއްޞަ ޑޮކްޓަރުންގެ އިތުރުން، ކުޑަކުދިންގެ ނަފުސާނީ ބަލިތަކުގެ ޑޮކްޓަރުންނާއި، ކުޑަކުދިންގެ ނާރުގެ ބަލިތަކުގެ ޑޮކްޓަރުން ބައިވެރިވާނެ އެވެ.

ފަރުވާ
އޯޓިޒަމް އަކީ މިހާތަނަށް ފަރުވާއެއް ހޯދިފައިވާ ބައްޔެއް ނޫނެވެ. ނަމަވެސް ދިރާސާތަކުން ސާބިތުވާ ގޮތުގައި ކުއްޖާގެ އުމުރުން ހަނގުއިރު މިކަން ދެނެގަނެވި، އެކަމަށް ޚާއްޞަ ކުރެވިފައިވާ ތާވަލެއްގެ ދަށުން ތަޖުރިބާ ކާރުންގެ އެހީތެރިކަން ލިބޭ ކުދިންގެ އަލާމާތްތައް ކޮންމެވެސް ވަރަކަށް ލުއިކުރެވެއެވެ. އަދި އެކުދިންނަކީ އެހެން މީހުންގެ އެހީތެރިކަމާނުލައި އެކަނި އުޅެވޭވަރުގެ ކުދިންތަކަކަށް މިޕްރޮގްރާމްގެ ދަށުން ދެވޭ ތަމްރީން ތަކެއްގެ ސަބަބުން ބަދަލު ކޮށްލައެވެ. މާނައަކީ އެކުދިންނަށް ވާހަކަ ދައްކަން ދަސްކޮށްދިނުމާއި، ސަމާލުކަން ދޭން ދަސްކޮށްދިނުމާއި، އަދި ދިރިއުޅުމުގެ ބައެއް ހުނަރުތައް ދަސްކޮށްދެވެއެވެ. މިފަދަ ކުދިންނަށް ލިބިދެވޭ ފަރުވާ އަކީ ދިރިއުޅުމުގެ އެކިއެކި ކަންތައްތަކަށް ކުއްޖާ ހާނުވައިގެން، ދުނިޔޭގެ ކަންތައްތަކާއެކު އުޅެން ދަސްކޮށް ދިނުމެވެ. މީހުންނާއި ގުޅިގެން އުޅެން ދަސްކޮށްދޭން ޖެހެއެވެ. އިވޭ އަޑުތަކާއި، ފެންނަ މަންޒަރުތަކަށް ހޭނެން މިފަދަ ކުދިންނަށް ދަސްކޮށްދޭން ޖެހެއެވެ. ދިރިއުޅުމުގެ ހުނަރުތައް އުގަންނައިދީ އެހުނަރުތައް ދަސްކޮށްދީ، އެހުނަރުތަކަށް އާދަކުރުވަން ޖެހެއެވެ.

މައުލޫމާތު :
Autismspeaks.org. (n.d.). What is Autism? Retrieved 01 07, 2015, from Autismspeaks.org: http://www.autismspeaks.org/what-autism
CDC. (2014, 11). AUTISM SPECTRUM DISORDER (ASD). Retrieved 01 09, 2015, from CDC: http://www.cdc.gov/ncbddd/autism/index.html
NINDS. (2009, 09). Autism Fact sheet. Retrieved 01 05, 2015, from http://www.ninds.nih.gov/disorders/autism/detail_autism.htm: http://www.ninds.nih.gov/disorders/autism/detail_autism.htm
ޢުބައިދު, ޑ. ޢ. (2010, 04 13). އޯޓިޒަމް : ހަގީގީ ސަބަބުތަކީ ކޮބާ؟. Retrieved 12 12, 2014, from ހަވީރު ނޫސް: http://www.haveeru.com.mv/dhivehi/health/88511
ޢުގައިލް, ޕ. ޑ. (2013, 04 11). އޯޓިޒަމާ އާދަޔާ ޚިލާފު ވިސްނުންތޫނު ކަމާ ގުޅުމެއް ނުވޭބާ؟. Retrieved 01 04, 2015, from ހަވީރު ނޫސް: http://www.haveeru.com.mv/dhivehi/opinion/136798
ސަޢީދު, އ. މ. (2012, 04 02). އޯޓިޒަމް : އެކުދިންގެ އެކަހެރި، އެކަނިވެރި ދުނިޔެ. Retrieved 12 14, 2014, from ހަވީރު ނޫސް: http://www.haveeru.com.mv/dhivehi/report/119226

ލިޔުންތެރިޔާގެ ފުރަމަލަ

ރަން ގަލަން
ރަން ގަލަން
މުހިންމު ބޭނުންތެރި ލިޔުންތައް އެކިއެކި ވަޞީލަތް ތަކުން ނަގައިގެން، ލިޔުމުގެ އަސްލު މުސައްނިފް ލިޔުއްވި ލިޔުމެއްކަން އެނގޭ ގޮތަށް 'ރަން ގަލަން' ޕޯސްޓް ކުރާނެ އެވެ.