”މުނިއަވަސް ކުޑަކުދިންގެ ޤުރުއާން މުބާރާތް 1441″ގައި ބައިވެރިވެ، ވީޑިއޯ ފޮނުވި 161 ބައިވެރިންގެ ވީޑިއޯތައް މުނިއަވަސްގެ ފޭސްބްކް ޕޭޖްގައި އާއްމުކޮށްފިއެވެ.

މުނިވަސް އޮންލައިން ނޫހުގެ ފަރާތުން އިންތިޒާމުކޮށްގެން، ”އިއްޔާ ރެކޯޑްސް“ އާއި ”ޑީބީ ރެކޯޑްސް“ގެ ހެޔޮއެދުންތަކާއެކު މިދިޔަ ރަމަޟާން މަހު ކުރިއަށް ގެންދިޔަ މި މުބާރާތުގައި ބައިވެރިވި ދަރިވަރުންގެ ވީޑިއޯތައް އާއްމުކޮށްފައި މިވަނީ މުނިއަވަސްގެ ކިޔުންތެރިންގެ އެންމެ މަޤުބޫލު ކިޔެވުން ހޮވުމަށެވެ. މި ވަނަ ހޮވުމަށް ހަމަޖެހިފައިވާ ގޮތަކީ މުބާރާތުގެ ހުރިހައި ކިޔެވުމެއް މުނިއަވަސްގެ ފޭސްބުކް ޕޭޖަށް އަޕްލޯޑް ކުރުމަށްފަހު އެންމެގިނަ ލައިކްސް އާއި ޝެއާރ ލިބޭ ކިޔެވުމަކަށެވެ. މި ވަނަ ހޮވުމުގައި ޖަޖުންގެ މާކްސް އަށް ބެލުމަށް ހަމަޖހިފައެއް ނުވެއެވެ. މި ވަނައަށް ހޮވޭ ކުއްޖަކަށް 1000 ރުފިޔާގެ ފައިސާގެ އިނާމެއް ދެވޭނެއެވެ.

ދަރިވަރުންގެ ކިޔެވުންތައް މި ލިންކުން ބަލައިލެވޭނެއެވެ.

މުނިއަވަސްގެ ކިޔުންތެރިންގެ އެންމެ މަޤުބޫލު ކިޔެވުން ހޮވުމުގެ އިތުރުން މި މުބާރާތުގައި އަންނަނިވި ވަނަތައް، ފަނޑިޔާރުންގެ މާކްސް އިން ހޮވުމަށް ވަނީ ހަމަޖެހިފައެވެ.

މުޅި މުބާރާތުން 01 ވަނަ: މި ވަނަ ލިބިގެންދާނީ ފަނޑިޔާރުންގެ މާކުހުން އެންމެ މަތި ލިބޭ ކުއްޖަކަށެވެ.

* 01 ވަނައަށް ހޮވޭ ކުއްޖަކަށް 3500 ރުފިޔާގެ ފައިސާގެ އިނާމެއް ދެވޭނެއެވެ.

– މުޅި މުބާރާތުން 02 ވަނަ: މި ވަނަ ލިބިގެންދާނީ ފަނޑިޔާރުންގެ މާކުހުން ދެވަނައަށް އެންމެ މަތި ލިބޭ ކުއްޖަކަށެވެ.

* 02 ވަނައަށް ހޮވޭ ކުއްޖަކަށް 1500 ރުފިޔާގެ ފައިސާގެ އިނާމެއް ދެވޭނެއެވެ.

– މުޅި މުބާރާތުން 03 ވަނަ: މި ވަނަ ލިބިގެންދާނީ ފަނޑިޔާރުންގެ މާކުހުން ތިންވަނައަށް އެންމެ މަތި ލިބޭ ކުއްޖަކަށެވެ.

* 03 ވަނައަށް ހޮވޭ ކުއްޖަކަށް 1000 ރުފިޔާގެ ފައިސާގެ އިނާމެއް ދެވޭނެއެވެ.

މީގެ އިތުރުން މުބާރާތުގައި ބައިވެރިވި ދަރިވަރުންގެ އެދިލެއްވުމަށް، ފަނޑިޔާރުންގެ މާކްސް އަށް ބަލައި އެންމެ މޮޅު 10 ކިޔެވުން ހޮވައި ވީޑިއޯ ޗާޓެއްގެ ގޮތުގައި އާއްމުކުރެވޭނެއެވެ.

މުބާރާތުގެ ނަތީޖާތައް ހާމަކުރުމަށް ހަމަޖެހިފައިވަނީވެސް މުނިއަވަސްގެ ފޭސްބްކް ޕޭޖް މެދުވެރިކޮށް، ވީޑިއޯ އެއްގެ ޒަރީޢާއިންނެވެ.

މިމުބާރާތުގައި ފަނޑިޔާރުކަން ކޮށްދެއްވާނީ 2016 ވަނަ އަހަރު ޕީއެސްއެމް އިން ބޭއްވި ”ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތުން“ ފަޚްރުވެރި 01 ވަނަ ޙާޞިލްކުރެއްވި އާދަމް ނަޞީމް ގެ އިތުރުން ޕާކިސްތާނުގެ ޙާފިޒް އަލްޤާރީ މުޙައްމަދު އުޘްމާން އެވެ. އާދަމް ނަޞީމަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤުރުއާން އުނގަންނަވަދެއްވުމުގައި ތަޖްރިބާ ލިބިލައްވާފައިވާ މި ފަންނުގައި އަރައި ހުންނެވި ބޭފުޅެކެވެ. ހަމަ އެހެންމެ މުޙައްމަދު އުޘްމާން އަކީ ރާއްޖޭގައި ކީރިތި ޤުރުއާން އުނގަންނަވައިދެއްވުމުގައި އެތައް އަހަރެއްގެ ތަޖްރިބާ ލިބިލައްވާފައިވާ ޤާރީއެކެވެ. މީގެ އިތުރުން ތަޖްވީދު ޢިލްމުގެ ފޮތްތައް ދިވެހިބަހުން ލިޔުއްވައި ޝާއިޢުކުރައްވަމުން ގެންދަވާ ބޭފުޅެއްވެސް މެއެވެ.

 

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.