އެފްރިކާ ނަސްލުގެ އެމެރިކާ ރައްޔިތެއް ކަމަށްވާ ޖޯޖު ފްލޮއިޑުގެ ކަރަށް އެގައުމުގެ ފުލުހެއް ކަކުލުން އަރާ މަރާލި މައްސަލަ މުޅި ދުނިޔޭގައި ހޫނުވެފައިވާ މި ދަނޑިވަޅުގައި، ފުޓްބޯޅަ ކުޅުންތެރިން ވެސް އަންނަނީ އެކަމާ ދެކޮޅަށް ޝުޢޫރުތައް ފާޅުކުރަމުންނެވެ.

ބުންޑަސްލީގާގައި މެއި 30 އަދި 31 ވަނަ ދުވަހު ކުޅުނު މެޗުތަކުން ބައެއް ކުޅުންތެރިން ވަނީ ޖޯޖު ފްލޮއިޑަށް އިންސާފު ހޯދައިދިނުމަށް ގޮވާލާ އެ ޝުޢޫރުތައް ޓީޝާޓުތަކާއި، އަތުގައި އަޅާ ބޭންޑުތަކުގައި ލިޔެގެން ބެލުންތެރިންނަށް ދައްކާލާފައެވެ. އަދި، ބައެއް ކުޅުންތެރިން ގޯލުޖެހުމަށް ފަހު، ފްލޮއިޑުގެ މަރާ ދެކޮޅު ހެދުމުގެ ގޮތުން އެމެރިކާގެ ފުލުސް މީހާ ޖޯޖު ފްލޮއިޑުގެ ކަރަށް ކަކުލުން އެރިގޮތް ދަނޑުމަތީގައި ދައްކާލާފައިވެއެވެ.

އެގޮތުން ބޮރޫސިއާ ޑޯޓްމަންޑުގެ ޖޭޑަން ސަންޗޯ އާއި، އަޗްރަފް ހަކީމީ ވަނީ ގޯލުޖެހުމަށް ފަހު، ޖޯޖު ފްލޮއިޑަށް އިންސާފު ހޯދައިދިނުމަށް ގޮވާލުމުގެ ގޮތުން އެކުޅުންތެރިން ލައިގެން ހުރި ޓީޝާޓުގައި ލިޔެފައިވާ ލިޔުންކޮޅެއް ދައްކާލާފައެވެ. އެ ލިޔުން ކޮޅުގައި ވަނީ “ޖަސްޓިސް ފޯރ ޖޯޖު ފްލޮއިޑް” މިހެން ލިޔެފައެވެ.

ޖޯޖު ފްލޮއިޑް މަރާލުމާ ދެކޮޅު ހެދުމުގެ ގޮތުން ބޮރޫސިއާ މޮންޗެންގްލަޑްބެކް ގެ ފޯވާޑު މާކަސް ތުރަމް ގޯލު ޖެހުމަށް ފަހު، އުފާފާޅުކުރުމުގެ ބަދަލުގައި ބިންމަތީގައި ވަނީ ކަކޫ ޖައްސާފައެވެ. އަދި، ޝާލްކޭ އަށް ކުޅެމުން އަންނަ އެމެރިކާގެ ކުޅުންތެރިއެއް ކަމަށްވާ ވެސްޓަން މެކް ކެނީ މެޗު ކުޅެފައިވަނީ “ޖަސްޓިސް ފޯރ ޖޯޖު ފްލޮއިޑް” ލިޔެފައިވާ ބޭންޑެއް އަތުގައި އަޅައިގެންނެވެ.

މިކަމާއި ގުޅިގެން ބުންޑަސްލީގާގެ ކޮންޓްރޯލް ކޮމިޓީން ބުނެފައި ވަނީ، އެ މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

“ހިނގާދިޔަ ކަންކަން ރަނގަޅަށް ބަލާ ދިރާސާކުރުމަށްފަހު، ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ކޮމިޓީން މިކަމާއި މެދު ގޮތެއް ނިންމާނެ.”

ބުންޑަސްލީގާ ކޮންޓްރޯލް ކޮމިޓީގެ މެންބަރެއް ބުނެފައިވެއެވެ.

ބުންޑަސްލީގާގެ ގަވާއިދު ބުނާގޮތުން ސިޔާސީ ނުވަތަ އެފަދަ އެއްވެސް ޝުޢޫރެއް ފާޅުކުރުމަކީ ކުށެކެވެ. ކުޅުންތެރިއެއްގެ މައްޗަށް އެކަން ސާބިތުވެއްޖެނަމަ، އެކަމުގެ އަދަބަކީ ސަސްޕެންޑް ކުރުން ނުވަތަ ޖޫރިމަނާ ކުރުމެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝާމިން
އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.