ހިތްތަލަ އިން އަވެލި ހެދުން

* ހިތްތަލަ ކޮންނަން ބޭނުންވަނީ ކަތިވަޅިއެކެވެ. ހިތްތަލަ އެޅުމަށް ބޭނުންކުރާނީ ފަނުން ވިޔެފައިވާ މުޅޯށްޓެކެވެ.

* ހިތްތަލަ ކޮނެގެން ގެނެސް މެށުމަށްފަހު ޕޮޓޭޓޯ ޗިޕްސް ފޮތި ހުންނަ ގޮތަށް ކޮށާފައި ފެނަށް އަޅައި ކައްކަނީއެވެ. މި ކައްކާނީ ބޮޑެތި ލޯގަނޑު ތަކުގައެވެ. (ލޯގަނޑު އެއީ ވަރަށް ބޮޑެތި ތެއްޔެވެ. ދެ ފަރާތުގައި ދެ އަތްގަނޑު ލާފައި މީގައި ހުންނާނެއެވެ.)

* ހިތްތަލަ ހަތް ފެނުގައި (ހަތް ފަހަރު) ކައްކައެވެ.

* ކައްކާ ނިމިގެން އަވީގައި ލައި ފަތުރާ ހިއްކައިގެން އަވެލި ހަދައެވެ. ހިތްތަލައިގެ އަވެލި ދޮންކެޔޮލާއި ހުނި އަދި ހަކުރު ލައިގެން ފޮނިކޮށް މޮޑެގެން ވަރަށް މީރު ވާނެއެވެ. އަވެލި ހަދަނީ ޢީދާއި ދިމާކޮށެވެ.

ހިތްތަލަ ގަހުގެ މާ އަދި ހިތްތަލަ މަށާފައި – ފޮޓޯ: މުނިއަވަސް

އުވަދެވުން

* ދުފަން ގެންގުޅޭ ހުނި ހަދާފައި ހުންނަނީ އުވައިންނެވެ. ހިކި އުވަ (ކެލްސިއަމް އޮކްސައިޑް) ނުވަތަ ތެތް އުވަ (ކެލްސިއަމް ހައިޑްރޯ އޮކްސައިޑް) ހަދަނީ މޫދުގައި ހުންނަ މުރަކަ ގަލާއި ލަކުޑި ބޭނުންކޮށްގެންނެވެ.

* އެއްމެ ކުރިން މުރަކަ ނުވަތަ އަކިރި ގައު ނަގައި ހިއްކަނީ އެވެ. ދެން ހިކިފައި ހުންނަ ބޮޑެތި ގަސްގަހުގެ މައި ގޮފިތަކާއި ގަސްގަނޑު އެއްކުރަނީ އެވެ. މިއަށް ކިޔަނީ ދަރެވެ.

* ބިންމަތީގައި ވަށްކޮށް ބޮޑު ވަޅުގަނޑެއް (ދެ ފޫޓް ބައި ފުންމިން ހުންނަ) ކޮންނަނީ އެވެ. ވަޅުގެ އެއްމެ އަޑިއަށް ރުއްރުކުގެ ހިކި ފަނާއި، އިލަޔާއި އިހާގޮނޑިއާއި ފުޅަފި ފަދަ ތަކެތި އަޅައި ރީއްޗަށް އަތުރައެވެ. އެއަށްފަހު އޭގެ މައްޗަށް ހޯދި ދަރުތައް އަޅައި ރީއްޗަށް އަތުރައެވެ. ދަރުތަކުގެ މައްޗަށް އަޅަނީ ހޯދި އަކިރި ގަލެވެ.

* ވަޅުގަނޑުގެ އެއް އަރިމަތިން އަލިފާން ރޯކުރާނެ ތަނެއް (ހޮހަޅައެއްގެ އަނގަ ފަދަ ތަނެއް) ހުންނާނެއެވެ. އެތަނުގެ ތެރެއަށް އަލިފާން ރޯކޮށްފައި ފަންގަނޑެއް ފަދަ އެއްޗެއް ކޮއްޕަނީ އެވެ. އިރުކޮޅެއްފަހުން ‘އުވަ ވަޅު’ ތެރެއަށް އެޅި ދރުތަކުގައި ރަނގަޅަށް ހުޅުހިފާ އަނދަން ފަށައެވެ. މިގޮތަށް އަނަދަމުންދާއިރު މަޑުމަޑުންދަނީ އެއްކަލަ ގާތަކަށްވެސް ހޫނު ‘ރޯސްޓް’ ވަމުން ނެވެ. ވަރަށް ގިނަ އިރު (ދޭތް ނުވަތަ ތިން ދުވަހު މި ވަޅު އަނދަމުން ދާނެއެވެ. ވަޅު އަނދައި ނިމުމުން، މޫދުން ލޮނު ގެނެސް ވަޅަށް ޖަހައެވެ.

* ވަޅު އެއްކޮށް ނިވުމުން މަތީގައި ހުންނަ ގާތަށް ކަހާލާއިރު އަޑީގައި ހުންނާނީ އެއްކަލަ ގާތަށް ރޯސްޓްވެގެން ފުށަށް (ޕައުޑަރ) އަށް ބަދަލުވެފައެވެ. މިއަށް ކިޔަނީ އުވަ އެވެ.

ފަންގިވިނުން

* ތިން އިލީގައި ތިން ފަށް ރޯނު ގުޅައިގެން ވަކި ދުރުމިނެއްގައި ބަހައްޓައިގެން ފަންވަތްތަކެއް ވަކިގޮތަކަށް އެމުނުން. (ދިވެހި ބަސްފޮތް)

* ފަންގިވިނުމަކީ ޒަމާނުއްސުރެން ދިވެހިން ކުރަމުންއައި ވަރަށް ގަދީމީ މަސައްކަތެކެވެ. އެމަސައްކަތް ފެށުގޮތެއްކަމަށް އެގިފައިވަނީ އެދުވަސްރު ގިނަމީހުން ގެދޮރުއަޅާއިރު ފުރާޅާއި ގޭގެ ބިއްތައްހަނދަނީ ދަޑިންގަތާފައި ފަންޖަހައިގެންކަމަށްވާތީއެވެ.

* ފަންގި ވިނުމަށް ބޭނުންވަނީ ރުއްދޮށަށް ވެރިފައި ހުންނަ ހިކި ފަނުގެ ފަންވަތެވެ. ފަނުން ފަންވަތް ކީހައިގެން ބޮނޑިބޮނޑިއަށް ބަނަދެގެން ގެއަށް ގެނެސް ނުވަތަ އަތިރިމައްޗަށް ގެންގޮސް އިހުގައި ފަންގިވިނދެ އުޅުނެވެ.

* ފަންގި ވިންނަނީ ތިން ‘އިލި’ ބޭނުން ކޮށްގެންނެވެ. އިލި ނުވަތަ އިއްޔަކީ ‘ދެއެއްޗެއް ހަރުކުރާއިރު މޮހޮރުގެ ބަދަލުގައި ޖަހާން ލަކުޑީން ފޯލިކޮށް އެއްކޮޅަށް ހިމަކޮށް ހަދާ އެއްޗެއް.’ (ދިވެހި ބަސްފޮތް). އިލި ހުންނާނީ އަތުން ފަހަން ގެންގުޅޭ ތިނޯސް ގޮތަށް އެކަމަކު ފޫޓެއް ނުވަތަ ދޮޅުފޫޓް ހައި ދިގުކޮށް ހިމަ ފަތިކޮށެވެ.

* ތިން އިލީގެ ފަގައަށް (ތިނޯހަށް ރޮދިލައްވާ ގޮތަށް) ހިމަ ރޯނު ލައްވައެވެ. އެއަށްފަހު ހިކި ފަންވަތުން ދެ ފަންވަތް ނަގައި އެއް ފަންވަތުގެ ބަނޑުދޮށުގައި އަނެއް ފަންވަތް ޖައްސައެވެ. އެއަށްފަހު އިލި ކޮށްޕާލަނީ އިލޮށީގެ ދަށުންނެވެ. މިގޮތަށް ބައިވަރު ފަންވަތްތައް އަމުނަމުން ގޮސް 12 ނުވަތަ 13 ރިޔަން ހުންނަވަރުގެ ފަންގަނޑު ވިޔެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.