ތަފާތު ރީތި ޅެންތަކުން އަމުނާލެވޭ ފަށުވި ބަސްތަކުން، ހިތްގައިމު ރާގުތަކަށް ލަވަ ކިޔުމަކީ ކޮންމެ ލަވަކިޔުންތެރިއެއް ވެސް އެދޭނެ ކަމެކެވެ. އެކަމަށް މަސައްކަތް ވެސް ކުރާނެއެވެ. ލަވަ ކިޔުމުގެ ދާއިރާއަށް އެތައް އާ ކުދިންނެއް ވަންނަމުން ދާއިރު، އަޅުގަނޑުމެންގެ ނަޒަރު ހުއްޓިފައި މިވަނީ ޙަޤީޤަތުގައި ވެސް ވަރަށް މޮޅު، އުޖާލާ މުސްތަޤުބަލެއް މިދާއިރާގައި އޮތް ފަރާތަކަށެވެ. ޒުވާނެކެވެ.

އާނއެކެވެ! އަޅުގަނޑުމެންގެ ދުރުމީގެ ލެންސު އަމާޒުވެފައި މިވަނީ، އުމުރުން 19 އަހަރުގެ އުނެއިޝް ޚާލިދަށެވެ. އާންމު ނަމުން ނަމަ އުންނިއެވެ. ރ. އިނގުރައިދޫއަށް އުފަން މި ޒުވާނާއަކީ ނުގުޑާ ފަދަ ޢަޒުމެއްގައި ލަވަކިޔުމުގެ ދާއިރާއަށް ނުކުތް، ކެރޭ، ހިތްވަރުގަދަ ފަރާތެކެވެ. އުމުރުން ކިތަންމެ ޒުވާން ކަމުގައި ވިޔަސް، އުންނި އަކީ މިދާއިރާގައި ހުރި ހުނަރުން ފުރިފައިވާ ޒުވާނެއް ކަމާއި މެދު އަޅުގަނޑުމެން ޝައްކެތް ނުކުރަމެވެ.

އެންމެ ކުޑައިރުން ފެށިގެން، ލަވަ ކިޔުމާއި، އަޑު އެހުމަށް ނުހަނު ފޯރި ހުންނަ އުންނި މިދާއިރާއަށް ޝައުޤުވެރިކަން އުފެދުނު ގޮތް މުނިއަވަސްއާ ހިއްސާކޮށްދިނެވެ.

“އަޅުގަނޑު އެންމެ ކުޑައިރުންސުރެ ލަވަ އަޑުއެހުމާ، ބޮޑުބެރަށް ވަރަށް ޝައުޤުވެރިކަން ހުރޭ. އީދުގެ ކުޅިވަރުތަކުގަ ދޭ ބޮޑުބެރު ޝޯތައް ފެނިފާ އެކަން ކުރަން ވަރަށް ބޮޑަށް ޝައުޤުވެރިވީ. އަޅުގަނޑުގެ ރައްޓެހި ކުދިން އެކަމުގަ އުޅޭތަން ފެނުމުން އަޅުގަނޑު ވެސް ބައިވެރިވާން ބޭނުން ވެގެން ރަށުގެ ބެރު ގުރޫޕް (ތުނޑުބުރު)އަށް ވަނުމުގެ ފުރުޞަތު ލިބުމުން، ލަވަ ކިޔުމުގަ ރަސްމީކޮށް ބައިވެރިވާން ފެށީ.” އުންނި ކިޔައިދިނެވެ.

ބޮޑުބެރުގެ ވާހަކަ އުންނި ބުނުމުން ހަމަ އެއްގޮތަކަށް ވެސް ހައިރާން ނުވާށެވެ. އުންނި އަކީ ބޮޑުބެރުގައި ކުޅަދާނަ ފަރާތެއްކަން އޭނާ ގެންދަނީ ހުރިހާ ބެލުންތެރިންނަށް ރަނގަޅަށް ވެސް ސާބިތުކޮށް ދެމުންނެވެ. ގުރަހަލި ބޮޑުބެރު ގުރޫޕްގައި ހަރަކާތްތެރިވަމުން އަންނަ މި ޒުވާނާއަކީ ބޮޑުބެރުގެ ޖޯޝުން ކެކިގެން އަންނަ ލޭ ހިނގާ ޒުވާނެއްކަން އޭނާގެ ހުނަރުވެރިކަމުން ދަނީ ސާބިތުކޮށްދެމުންނެވެ. އެގޮތުން ފްރޮންޓު ލައިންގެ ބެރުވެރިއެއްގެ ގޮތުގައި އަދި ލަވަ ކިޔުމުގައި ވެސް އުންނި ފެނިގެން ދެއެވެ.

ލަވަކިޔުމުގެ ދާއިރާއިން ކުރިއަރަމުން އަންނަ މި ހުނަރުވެރި ފަރާތާއި، މުނިއަވަސްގެ ފަރާތުން އިންޓަރވިއު ކޮށްލީމެވެ.

ކިތައް ލަވަ ބެލުންތެރިންނާ ހަމައަށް ދޫކޮށްލާފައި ވާނެތޯ؟
3 ލަވަ ވާނެ ރިލީޒް ކުރެވިފަ.

-އެންމެ ކަމުދަނީ ކޮން ދިވެހި ލަވަ ކިޔުންތެރިއެއް؟
މުހައްމަދު ސާދިން އަލީ (ޑިންބެ)ގެ ލަވަތައް ހަމަ ވަރަށް ކަމުދޭ އަޅުގަނޑަށް. ވަރަށް ތަފާތު އާރޓިސްޓެއް އަސްލު ޑިންބެ އަކީ ހަމަ.

އެންމެ ކަމުދާ ގޮތަށް ހެދިފަ އިނީ ކޮން ލަވައެއްތޯ؟
“މި ޅެން” މިލަވަ އަކީ އަޅުގަނޑުގެ ފުރަތަމަ އަމިއްލަ ލަވަ.

މި ނިމިގެން ދިޔަ ރޯދަމަހުގަ ވެސް ވަނީ އުންނިގެ ލަވައެއް ޓީވީއެމް އިން ފެނިގެން ގޮސްފަ. އެއީ ކިހިނެއް ލިބުނު ފުރުޞަތެއްތޯ؟
އެއީ ޓީވީއެމްގެ ބޭފުޅެއް އަޅުގަނޑަށް ކޮންޓެކްޓްކޮށް، ބައިވެރިވާން ދިން ފުރުޞަތެއް.

މިދާއިރާއިން ކުރިއަށް ދާން އެންމެ ބޮޑު އެހީތެރިކަމެއް ލިބެނީ ކޮންބައެއްގެ ފަރާތުންތޯ؟
މިކަމުގަ އަޅުގަނޑަށް އެންމެ ބޮޑު އެހީތެރިކަމެއް ދީފާ ވާނީ އަޅުގަނޑުގެ ކޮމްޕޯސަރ، ގުރަހަލި ބޮޑުބެރު އަދި އަޅުގަނޑުގެ ރައްޓެހިން. އަދި މިފުރުޞަތުގަ މިކަމުގަ އަޅުގަނޑަށް އެހީވެ ދެއްވި ހުރިހާ ބޭފުޅުންނަށް ހިތުގެ ފުންމިނުން ޝުކުރު ދަންނަވާލަން.

ކޮބާތޯ މިދާއިރާއިން ކުރިއަށް ދާން އޮތް އެންމެ ބޮޑު ގޮންޖެހުމަކީ؟
އޮޕޮރޗިޔުނިޓީސް މަދުވެފަ، ދަ ސޮސައިޓީ ރެފިޔުޒް ޓު ގިވް ދަ ނިޔު ކަމާރސް އަ ޓްރައި.

އުންނި އަކީ ވަރަށް މޮޅަށް ޅެން ވެސް ހައްދަވާ ފަންނާނެއްކަން ފާހަގަކުރެވޭ. ކިޔާ ކޮންމެ ލަވައެއްގަ ބޭނުން ކޮށްފައިވާނީ އަމިއްލަ ޅެންތޯ؟
ލައްބަ! އޮރިޖިނަލީ ހަމަ އަޅުގަނޑު.

ޅެމެއް ހައްދަވާއިރު އެންމެ ބޮޑަށް ވިސްނަނީ ކޮން ކަމަކަށްތޯ؟
އަޅުގަނޑު އެންމެ ބޮޑަށް ވިސްނަނީ އެޅެމުގެ ބުނެދޭން ބޭނުންވާ އެތި ސާފުކޮށް ހުށައެޅޭނެ ގޮތް، ނުވަތަ ބުނެދޭން ބޭނުންވާ ވާހަކަ މާނަ ނުގެއްލި އަންގާދެވޭނެ ގޮތެއް.

އެއްވެސް މީހެއް ބުނެގެން ލަވަކިޔުން ހުއްޓާލާފާނަންތޯ؟
ނުހުއްޓާލާނަމެކޭ ނުބުނާނަން. އެކަމަކު އަދި ވިސްނުމުގަ ނެތް ހުއްޓާކަށް.

ކޮބާތޯ ލަވަކިޔުމުގެ ދާއިރާއިން ކުރިއަށް ދާން އޮތް އުއްމީދަކީ؟
އަޅުގަނޑުގެ ގޯލަކީ ގިނަ ބަޔަކަށް އަޅުގަނޑުގެ އަމިއްލަ ރާގުތައް ފޯރުކޮށްދިނުން. އަދި މިކަމުގަ ދާން ބޭނުންވާ ހިސާބަށް ދެވޭނެ ކަމަށް އުއްމީދު ކުުރަނީ.

އެއްވެސް ލަވަ ކިޔުންތެރިއަކަށް ކޮޕީ ކުރަންތޯ؟
ނޫން!

އާންމު ދިރިއުޅުން ކިހިނެއްތޯ؟
ވަރަށް ރަނގަޅު ހަމަ.

ލޯބިވެރިޔަކު ހުރޭތޯ؟
އާދެ!

މި ލޮކްޑައުންގެ ދުވަސްތައް ހޭދަވާ ގޮތް ޙިއްޞާ ކޮށްލަ ދެވިދާނެތޯ؟
ލޮކްޑައުންގެ ދުވަސްތައް އަޅުގަނޑަށް ވެފަ ވަނީ އަސްލު ވަރަށް އުނދަގޫ ދުވަސްކޮޅަކަށް. ގޭގަ އާންމުކޮށް މިހެން ނޫޅޭތީވެ ކަމަށް ވެސް ވެދާނެ. އެކަމަކު ހަމަ ގޭގަ ތިބެލަން ލިބުނު ފުރުޞަތުގެ ބޭނުން ހިފާ، އަޅުކަން ތަކަށްފަހު، އާ ޅެން ހަދާލާ، ވާހަކަ ކިޔާފަ މިކަހަލަ ގޮތަކަށް ހަމަ ވޭތުވެ މިދަނީ.

ތީ ވަރަށް ފޮނި މީހެކޭ ބުނެވިދާނެތޯ؟
ނޫނޭ! އަޅުގަނޑަކީ ހަމަ ކޮންމެ މީހަކާވެސް ގުޅޭނެ މީހެއް.

ކޮބާތޯ މިދާއިރާގަ އާންމުންގެ ފަރާތުން ލިބޭ ތަރުޙީބަކީ؟
މިހާ ހިސާބަށް އަދި ހަމަ ތަރުޙީބު ލިބިގެން ދޭ ވަރަށް ފުރިހަމައަށް. ވަރަށް ގިނަ ކުދިންގެ ޕޮޒިޓިވް ކޮމެންޓްސް ލިބޭ ހަމަ، އަދި އިތުރަށް ޕާރފެކްޓް ކޮށްލެވޭނެ ގޮތްގަތާ، ފާޑު ކިޔުން އެންމެ ބޮޑު ތަރުޙީބު ކަމަށް އަޅުގަނޑު ދެކެނީ.

މުނިއަވަސްއާ މެދު ދެކެނީ ކިހިނެއްތޯ؟
މުނިއަވަސް އަކީ ހަމަ ވަން އޮފް ދަ ބެސްޓް ނިއުސް ފޯރ ދަ ލޭޓަސްޓު އަޕްޑޭޓްސް އެންޑު ނިޔު ތިންގްސް.

އަޅުގަނޑުމެން މުނިއަވަސްގެ ޓީމުގެ ފަރާތުން، މިޒުވާން ފަންނާނަށް އެދެނީ ކުރިއެރުމާއި ކާމިޔާބެވެ. އަދި އުންނިގެ ހުވަފެންތަކުގައި ކުލަ ޖެހިގެން ދިޔުމަކީ އަބަދުވެސް މުނިއަވަސްގެ ދުޢާއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އިބްރާހިމް ޒިހްނީ
ޒިހުނީ އަކީ ހުނަރުވެރި. ވާހަކަ ލިޔުންތެރިއެކެވެ. އިޖްތިމާޢީ މަޢުޟޫތަކަށްވެސް ގަލަންހިނގާ ކުޅަދާނަ ލިޔުންތެރިއެކެވެ.