ފުޓްބޯޅަ ކެރިއަރުގައި ދިމާވި އެންމެ މޮޅު ޓީމަކީ ޕެޕް ގާޑިއޯލާގެ ބާސެލޯނާ ކަމަށް މެންޗެސްޓަރ ޔުނައިޓެޑުގެ ލެޖެންޑް އަދި، ޕްރިމިއަރ ލީގުގެ ތާރީޚުގައި ކުޅުނު އެންމެ މޮޅު އެއް މިޑްފިލްޑަރު ޕޯލް ސްކޯލްސް ބުނެފިއެވެ.

ގާޑިއޯލާގެ ބާސެލޯނާ އަށް ތަޢުރީފު ކުރަމުން ސްކޯލްސް ބުނެފައި ވަނީ، އޭނާގެ ކެރިއަރުގައި ދިމާވި އެންމެ މޮޅު ޓީމަކީ ގާޑިއޯލާގެ ބާސެލޯނާ ކަމަށާއި، އެޓީމާ ދެން އެންމެ ކައިރިކުރީ ރެއާލް މެޑްރިޑް ކަމަށެވެ. އަދި، އެ ދެ ޓީމާއި ހެދިގެން ނޫންނަމަ، މެންޗެސްޓަރ ޔުނައިޓެޑަށް އިތުރު ކާމިޔާބީތައް ހޯދުނީސް ކަމުގައި ސްކޯލްސް ބުނެފައިވެއެވެ.

“ހަގީގަތުގައި ވެސް އެއީ އަހަރެމެންގެ ބަދު ނަސީބު. އެހެން ދުވަސްވަރެއްގައި ނަމަ، އަހަރެމެންނަށް ހަތަރެއް ނޫނީ ފަސް ވަރަކަށް ޗެމްޕިއަންސް ލީގު ހޯދުނީސް. އެކަމަކު ގާޑިއޯލާގެ ބާސެލޯނާ ފަދަ ޓީމަކަށް ބަލާބަލަ. މާތްކަލާކޯ! ހާދަ މޮޅޭ. އެ ޓީމަށް ބަލާލާއިރު، މެދުތެރޭގައި އިނިއެސްޓާ، ޒާވ އަދި، ބުސްކެޓްސް ހުރި. ކުރީގައި މެސީ އާއި ހެންރީ ހުރި. ފަހަތުގައި ޕުޔޯލް، އާއި ޕީކޭ ހުރި. އަސްލު ގަބޫލުކުރަން ވެސް ދަތި. ޝައްކެއްވެސް ނެތް ގޮތުގައި އަހަރެންނާ ދިމާވި އެންމެ މޮޅު ޓީމަކީ އެއީ.”

“އަ ގޯލް އިން ވަން ޕޮޑްކާސްޓް” އާ ވާހަކަ ދައްކަމުން ސްކޯލްސް ބުނެފައިވެއެވެ.

ޕެޕް ގާޑިއޯލާގެ ބާސެލޯނާ އިން ޗެމްޕިއަންސް ލީގު ފައިނަލުގައި މެންޗަސްޓަރ ޔުނައިޓެޑް ދެ ފަހަރު ބަލިކޮށްފައިވެއެވެ. 2009 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި 0-2 އަދި 2011 ގެ ފައިނަލުގައި 1-3 ގެ ނަތީޖާއަކުން ބާސެލޯނާ އިން ވަނީ މެންޗެސްޓަރ ޔުނައިޓެޑް ބަލިކޮށް ތަށި އުފުލާލާފައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝާމިން
އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.