1999 ވަނަ އަހަރު ބޮލީވުޑްގެ މަޝްހޫރު ފިލްމު ޑައިރެކްޓަރ ސަންޖޭ ލީލާ ބަންސާލީގެ ފިލްމު “ހަމް ދިލް ދޭ ޗުކޭ ސަނަމް” ގައި އައިޝްވާރިޔާ ރާއީ ކުޅުނު ނަންދިނީގެ ރޯލު ފުރަތަމަ ހުށަހެޅީ އައިޝްވާރިޔާއަކަށް ނޫނެވެ.

އެންމެ ފުރަތަމަ އެ ރޯލު ހުށަހެޅީ ކަރީނާ ކަޕޫރަށެވެ. ބަންސާލީ ބޭނުންވީ މަޝްހޫރު ދެ ފަންނާނުންނާއެކު، އޭނާގެ ފިލްމުން ކަރީނާ ބޮލީވުޑަށް ތަޢާރަފުކުރާށެވެ. ނަމަވެސް ކިޔެވުން ކުރިއަށް ގެންދަން ބޭނުންވާތީކަމަށް ބުނެ ކަރީނާ ވަނީ އެ ހުށަހެޅުން ދޫކޮށްލާފައެވެ.

އައިޝްވާރިޔާ ރާއީ ބައްޗަން އާއި، ސަލްމާން ޚާން އަދި އަޖޭ ދޭވްގަން މައިގަނޑު ރޯލުތައް ކުޅެފައިވާ ތިނެސްކަން ލޯބީގެ މި ފިލްމަކީ 1999 ވަނަ އަހަރު ބޮކްސް އޮފީހުގައި ތިންވަނައަށް އެންމެ ބޮޑު ފައިދާއެއް ހޯދި ބޮލީވުޑް ފިލްމެވެ. ހިޓެއްގެ ދަރަޖަ ދީފައިވާ މި ފިލްމަކީ ޖެހިގެން އައި އަހަރު ބޭއްވި ބޮޑެތި ހުރިހާ އެވޯޑް ހަފުލާއެއްގައި އެންމެ ގިނަ އެވޯޑް އުފުލާލި ހިންދީ ފިލްމެވެ. އޭގެ ތެރޭގައި އެ އަހަރު ބޭއްވި ބޮޑެތި ހުރިހާ އެވޯޑް ހަފުލާއެއްގައި ނަންދިނީގެ ރޯލު ކުޅެގެން އައިޝްވާރިޔާއަށް ލިބުނު ބެސްޓް އެކްޓްރެސް އެވޯޑް ފާހަގަކޮށްލެވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ސާޖިދު ޢަބްދުﷲ
ސާޖިދު ޢަބްދުﷲ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.