މެންޗެސްޓަރ ޔުނައިޓެޑް ސަޕޯޓަރުންގެ އުންމީދުތަކަށް ސައުލް ހޫނު ފެން ބާލިދީއެއް އޮއްސާލައިފިއެވެ.

ސްޕެއިން އަދި އެތްލެޓިކޯ މެޑްރިޑުގެ ހުނަރުވެރި މިޑްފިލްޑަރު ސައުލް ނިގުއޭޒް އަކީ އަންނަ ހޫނު މޫސުމުގެ ޓްރާންސްފަރ ބާޒާރުގައި ޔުނައިޓެޑަށް ގެންނާނެ ކަމަށް އެންމެ ބޮޑަށް އަޑު ފެތުރިފައިވާ އެއް ކުޅުންތެރިޔާ އެވެ. އޭނާ މެންޗަސްޓަރ ޔުނައިޓެޑަށް ގެނައުމަށް އެކުލަބުން މަސައްކަތް ކުރާ ކަމަށް ދުނިޔޭގެ ކުޅިވަރާއި ބޭހޭ ފުންނާބު އުސް ނޫސްތަކުން ވެސް ރިޕޯޓުކޮށްފައިވެއެވެ.

ސައުލްގެ ޓްރާންސްފަރ ޚަބަރުތައް ފެތުރިފައި ވަނިކޮށް، މެންޗަސްޓަރ ޔުނައިޓެޑުގެ ސަޕޯޓަރުންނަށް އުންމީދުގެ އަލިކަމެއް ވެރިވީ މިދިޔަ މެއި މަހުގެ 31 ވަނަ ދުވަހު ސައުލް ކުރި ޓްވީޓަކާ ގުޅިގެންނެވެ. އެ ޓްވީޓުގައި ސައުލް ބުނެފައި ވަނީ “އާ ކުލަބެއް ކުރިއަށް އޮތް ތިން ދުވަސް ތެރޭގައި އަހަރެން އިޢުލާން ކުރާނަން.” މިހެންނެވެ. ސައުލް ގެ މި ޓްވީޓާ އެކު، މެންޗަސްޓަރ ޔުނައިޓެޑް ސަޕޯޓަރުން ވަނީ އުފާވެރިކަމުގެ ތަފާތު ގިނަ ޝުޢޫރުތަކެއް ފާޅުކޮށްފައެވެ.

ކޮންމެ އަކަސް، މެންޗެސްޓަރ ޔުނައިޓެޑުގެ ސަޕޯޓަރުން ތިން ދުވަހު ތަޅުވާލުމަށް ފަހު، ސައުލް އިޢުލާނުކުރީ އޭނާ އާއި އޭނާގެ ބޭބެ އުފައްދާ އެކެޑަމީ ފުޓްބޯޅަ ކުލަބެެއްގެ ވާހަކައެވެ. އެއާއެކު، މެންޗެސްޓަރ ޔުނައިޓެޑުގެ ސަޕޯޓަރުންނަށް ހީވީ އެ މީހުންގެ އުންމީދުތަކަށް ހޫނު ފެން ބާލިދީ އެއް ބަންޑުން ވެގެން ދިޔަހެނެވެ.

މެންޗެސްޓަރ ޔުނައިޓެޑް ބައެއް ސަޕޯޓަރުންގެ ޝުޢޫރުތައް

ސައުލް އާއި އޭނާގެ ބޭބެ އުފެއްދި ފުޓްބޯޅަ ކުލަބު “ކުލަބު ކޯސްޓާ ސިޓީ” ސްޕެއިންގެ އެލްޗޭ ގައި ހުޅުވި އެކެޑަމީ ކުލަބެކެވެ. މި ކުލަބުގައި އެލްޗޭ ސިޓީ ގައި ހަރަކާތްތެރިވާ 30 ޓީމަކުން، 4 އަހަރާއި، 18 އަހަރާ ދެމެދު އުމުރުފުރާތަކުގެ 500 ކުޅުންތެރިން ބައިވެރިވި ކުރާނެ ކަމަށް ސައުލް ބުނެފައިވެއެވެ.

ރެއާލް މެޑްރިޑުގެ އެކެޑަމީން 2008 ވަނަ އަހަރު އެތްލެޓިކޯ މެޑްރިޑަށް ބަދަލުވި ސައުލް ނިގުއޭޒް އަކީ އެޓީމުގެ މެދުތެރޭގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ކުޅުންތެރިއެކެވެ. އުމުރުން 25 އަހަރުގެ ސައުލް ވަނީ 2017 ވަނަ އަހަރު 9 އަހަރުގެ މުއްދަތަށް އެތްލެޓިކޯ މެޑްރިޑުގައި މަޑުކުރުމަށް ނިންމައި އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެހެންކަމުން އެހެން ކުލަބަކުން އޭނާ ގެންދަން ބޭނުން ނަމަ، މަދުވެގެން 100 މިލިއަން ޕައުންޑް ޚަރަދުކުރަން ޖެހޭނެކަމަށް ރިޕޯޓުތައް ބުނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝާމިން
އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.