ފުރަން ތައްޔާރުވެގެން އަހަރުމެން އެންމެން ބޯޓަށް އަރަން ދިޔައީ އެއްކޮށެވެ. ނަސީބަކުން ކޮޓަރިތެރޭ ހިނގައިދިޔަ އެއްވެސް ކަމެއް މީހަކަށް އެނގޭވަރެއް ނުވިއެވެ. ނަމަވެސް އަޔާނާ ކުރިއަށްވުރެ އަހަންނާ ގާތްކޮށް ވާހަކަދައްކަން ފެށިއެވެ. އަހަރުމެން ފުރުވަން މަންމަވެސް އައެވެ. މަންމަ އަޔާނާމެންނާ ސަލާމްކޮށް ހެދިއެވެ. އަހަރެން ފުރަމުން މަންމަ ގާތު އަހަރެން މި ދަތުރު ނިންމާފައި އަންނާނީ މަންމަމެންނަށް ހަދިޔާއެއް ހިފައިގެންކަމަށް ބުނެ ވަޢުދުވީމެވެ. މަންމައަށް އަހަރެން ދެއްކި ވާހަކަތައް ފަސޭހަކަމާއެކު ދެނެގަނެވުނެވެ. އަދި އަހަރެންނަށް އިތުރަށް ހިތްވަރު ދިނެވެ.

ބޯޓު ފުރާ ގަޑި ކައިރިވަނީއެވެ. ބޯޓު ވަނީ މީހުން އަރައި ބަރާވެފައެވެ. މޫސުން ވަރަށް ރީއްޗެވެ. ވިއްސާރައިގެ ކުޑަވެސް އަސަރެއް ނެތެވެ. އަހަރެން އަޔާނާމެން ގާތު ދަބަސް ބެހެއްޓުމަށްފަހު ރައްޓެއްސަކާ ވާހަކަދައްކާލުމަށް މައްޗަށް އެރީމެވެ. އިރުކޮޅެއް ފަހުން ފެނިގެން ދިޔައީ މި އުފާވެރިކަން ހިތަށް ވެރިވެފައިވާ ދަނޑިވަޅުގައި އަހަރެން އެންމެ ދެކެން ބޭނުންވި މަންޒަރެއް ނޫނެވެ. އަހަރެންގެ ހިތަށް ހީވީ ހޮނުގުގުރިއެއް ޖެހިހެންނެވެ. އަހަރެން ވަރަށް ދެރަވިއެވެ. ކުޑަކޮށް ލޮލުން ކަރުނަވެސް ހިލުނެވެ.

ބޯޓާއި ކައިރިކުރި ލޯންޗަކުން ބޯޓަށް އެރީ އަޔާނާގެ ލޯބިވެރިޔާއެވެ. އޭނާ އައިސް އިށީނީ އަހަރެންގެ މަޤާމުގައެވެ. އަހަރެން ދަބަސް ބަހައްޓާފައި ހުރި ތަނުގައެވެ. ތަންކޮޅެއް ދުރުގައި މި މަންޒަރު ބަލަން ހުރިއިރު އަހަރެންގެ ހިތަކަށް ކެތެއް ނުވެއެވެ. އެހެނަސް އެއީ އަޔާނާގެ މައްސަލައެއް ކަމަކަށް އަހަންނަށް ޤަބޫލެއް ނުކުރެވުނެވެ. އަޔާނާ ވަނީ އަހަރެން ގާތު އޭނާ އަދިވެސް އޭނަގެ ލޯބިވެރިޔާއާ ގުޅުން އޮންނަ ވާހަކަ ބުނެފައެވެ. އަޔާނާ ކިޔައިދިން ގޮތުން އޭނަވެސް ވަނީ މި ދަތުރު ރަށަށް ދިއުމަށް ހަމަޖެހިފައެވެ. އޭނަގެ މިޒާޖު ހުންނަ ގޮތުން އަޔާނާގެ މަންމަމެން އޭނައަކާއި ޤަބޫލެއް ނޫނެވެ. އެހެންވެ  އަޔާނާވެސް ބޭނުންވަނީ އޭނަގެ ކިބައިން ސަލާމަތްވާށެވެ. ނަމަވެސް މިއަދު ސަލާމަތްވާނީ ކީކޭ ކިޔައިފައި ހެއްޔެވެ؟ އަހަރެންނަށް އޮތީ އެދުވަހަކަށް އިންތިޒާރުކުރުމެވެ. ކިތަންމެ ދުވަހެއް ވިޔަސް އަހަރެން އަޔާނާގެ ލޯތްބަށް އިންތިޒާރު ކުރާނަމެވެ. އަހަރެންގެ މިލްކަކަށް އަޔަނާ ހެދުން އެއީ އަހަރެންގެ ޢަޒުމެވެ. ކުރިޔާ ޚިލާފަށް އަހަރެންދެކެ އަޔާނާ ލޯބިވާކަންވެސް އަހަންނަށް ވަނީ އެނގިފައެވެ. ކޮންމެގޮތެއް ވިޔަސް އެ ހިތްހަމަޖެހުންވެސް މިހާރު އެބައޮތެވެ. އަދި އަހަރެން ވާނީ އަޔާނާއަށް ލޯބިވެސް ހުށަހަޅައިފައެވެ.

ބޯޓުގެ ދުވެއްޔަކަށް ކުޑަވެސް ބަދަލެއް ނާދެއެވެ. ހައެއްކަ ގަޑިއިރު ދުއްވުމަށްފަހު އަޔާނާމެންގެ ރަށާއި ކައިރިވަމުން ދެއެވެ. ލިބުނު ހިތްދަތިކަމެއްގެ ސަބަބުން އަހަރެން ކެމެރާ ނަގައިގެން ފޮޓޯ ނެގުމުގައި ވަގުތުކޮޅެއް ހޭދަކުރީމެވެ. ދުނިޔެމަށްޗަށް ވެރިވެފައިވާ ޤުދުރަތީ ރީތިކަމުގެ ސަބަބުން ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނެވެ. ހުސް ވަގުތުތަކުގައި ޤުދުރަތީ ރީތި މަންޒަރުތައް ފޮޓޯ ނެގުން އެއީ އަހަރެންގެ ހިތަށް ހަމަޖެހުން ގެނެސްދޭ ކަމެކެވެ.

ބޯޓު ފަޅަށް ވަނުމާއިއެކު އަހަރެން ދަބަސް ނެގުމުގެ ބޭނުމުގައި އަޔާނާމެން ގާތަށް ދިޔައީމެވެ. އަހަރެން އަޔާނާމެން ގާތަށް ދިއުމުން އަޔާނާގެ ލޯބިވެރިޔާއަށް އަޔާނާ އަހަރެން ތަޢާރަފު ކޮށްދިނެވެ. އަދި އަހަރެމެންގެ ޢާއިލާގެ ފަރާތުން އަޔާނާމެނަށް ލިބުނު އެހީތެރިކަން ފާހަގަކުރިއެވެ. އަޔާނާގެ މަންމަ ގާތު ރަށަށް ލެފުނީނުންހޭ އަވަހަށް ފައިބާން ހިނގާށޭ ބުނުމުން އަޔާނާގެ މަންމަ ތެދުވިއެވެ. އަޔާނާގެ ލޯބިވެރިޔާ ހިނިތުންވެލައިފައި އަތް ދިއްކޮށްލުމުން އެއްވެސް ޝަކުވާއެއް ނެތި އަހަރެން އަޔާނާގެ ލޯބިވެރިޔާއާ ސަލާމްކޮށް އެންމެން އެކުގައި ކަހަލަ ގޮތަކަށް ބޯޓުން ފޭބީމެވެ.

އަޔާނާމެންގެ ރަށަކީ މަދު މީސްކޮޅެއް ދިރިއުޅެމުން ގެންދާ ރަށެއްކަމަކު ރަށަށް މާލެއިން ބޯޓެއް އަތުވެއްޖެނަމަ މުޅި ބަނދަރުމަތި އެއްކޮށް ފުރައިލައެވެ. އާދައިގެ މަތިން މިއަދަކީވެސް ވަރަށް ގިނަ އަދަދެއްގެ މީހުން ބަނދަރުމައްޗަށް ނިކުމެ ތިބި ދުވަހެކެވެ. ކުދިބޮޑު އެންމެން ކަހަލަ ގޮތަކަށް މި ސަރަހައްދުގައިވެއެވެ. އެންމެންގެ މޫނުމަތީންވެސް ފެންނަން ހުރީ އުފާވެރިކަމެވެ. ބޯޓުގައި ގިނައީ ޗުއްޓީގައި އެކިއެކި ބޭނުންތަކަށް މާލެ ގޮސްފައި އައި މީހުންނެވެ. އެމީހުންގެ ޢާއިލާތަކުގެ އެންމެން ކަހަލަ ގޮތަކަށް އެމީހުން ލައްޕަން އައިސް ތިއްބެވެ. ހަމަ އެގޮތަށް އަހަރެންގެ އެންމެ ގާތް އެކުވެރިޔާ ނާއިސްވެސް އަހަރެންގެ އިންތިޒާރުގައި ހުއްޓެވެ.

ބަނދަރުމައްޗަށް ދަބަސް ހިފައިގެން ފައިބާ، ރަގަޅަށް ގެއަށް ދިއުމަށް ހިނގައިނުގަނެވި އުޅެނިކޮށް ދެމީހަކު ފަހަތުން އައިސް އަހަރެން މަޑުކުރުވިއެވެ. އަހަރެން ފަދައިން ބޯޓުން ފޭބި އެހެން ފިރިހެނުންނަށްވެސް މަޑުކުރަން އެންގިއެވެ. އަހަރެން ދަބަސް ދިނުމަށް އެދުމުން ހާސްކަމެއްގެ ތެރޭ ހުރެފައި ދަބަސް ދިއްކޮށްލުމުން އެމީހުން އަހަރެންގެ ދަބަސް ޗެކުކޮށް އަހަރެންގެ ޖީބުތައްވެސް ޗެކުކުރަން ފެށިއެވެ. ޔުނީފޯމު ނުލައި ތިބީމަ އަހަރެންނަށް ފުލުހުންކަން އެނގުނީ ކުޑައިރުކޮޅަކުންނެވެ. އަދިވެސް އެކަމަކު ވީނުވީއެއް އެކަކަށްވެސް ނޭނގެއެވެ. ބަނދަރުމައްޗަށް އެއްވެފައި ތިބި އެންމެންގެ ކަޅި ހުއްޓިފައިވަނީ އަހަރެންނަށެވެ. އަޔާނާގެ މަންމައާއި އަޔާނާވެސް ހުރީ ފެންކަޅިވެފައި ދުރުގައި ބަލަހައްޓައިގެންނެވެ. އަހަރެން ގާތު ނާއިސް ހުރިކަމުގައި ވީނަމަވެސް އަހަރެން ހުރީ ވަރަށް ޖެހިލުންވެ އަނގައިންވެސް ނުބުނެވިފައެވެ. ކުޑަކޮށް ލަދުވެސް ގެންފައެވެ. ނާއިސްވެސް ހުރީ ވާނުވާއެއް ނޭނގިފައެވެ. އަހަރެން ޗެކުކުރުމަށްފަހު އަހަރެން ގާތު މަޑުކޮށްލުމަށް ބުނެ އެހެން މީހުންވެސް ޗެކުކުރަމުން ގެންދިޔައެވެ. އެންމެން ބަލައި ފާސްކުރަމުން ގޮސް އަޔާނާގެ ލޯބިވެރިޔާއާ އަރައި ހަމަވެއްޖެއެވެ. އެންމެ ފަހު މީހަކަށްވީ އޭނައެވެ. އޭނަވެސް ޗެކުކޮށް މަޑުކޮށްލުމަށް ބުންޏެވެ.

އަހަރުމެން އެންމެން މަޑުކުރުމަށްފަހު ފުލުހުން އެރީ ބޯޓަށެވެ. ބޯޓަށް އަރައި ބޯޓުތެރޭގެ އެތަންމިތަން ބަލަމުން ގެންދިޔައެވެ. ކުއްލިއަކަށް އަހަރުމެންގެ ތެރެއިން އެކަކު ވަރަށް ބާރަށް ދުއްވައިގަތެވެ. އޭނަ ދުއްވައިގަތުމާއިއެކު ޔުނީފޯމް ލައިގެން ތިބި ފުލުހުންގެ ބަޔަކު އެކި ދިމަދިމާލުން ނުކުމެ އެ ސަރަހައްދަށް އެއްވިއެވެ. އޭގެއިން ދެމީހަކު ދުވެފައި ދިޔަ ޒުވާނާގެ ފަހަތުން ދިޔައެވެ. ދެން ތިބި ފުލުހުން އައިސް މަޑުކުރުވައިފައި ތިބި މީހުންނަށް ދެން ދިޔަޔަސް އެންމެ ރަނގަޅުކަމަށް ބުނުމުން އަހަރެންނާއި ނާއިސް އަޔާނާމެން ގާތަށް ދިޔައީމެވެ.

އަޔާނާ މޫނުގައި އަތް އަޅައިގެން ހުރެ ރޮނީއެވެ. އަޔާނާގެ މަންމަ އަޔާނާ ކޮނޑުގައި ހިފަހައްޓައިގެން ހުރެ ހިތްވަރު ދެމުން ދިޔައެވެ. އަހަރުމެން އެތަނަށް ދިއުމުން އަޔާނާމެންވެސް ގެއަށް ދިއުމަށް ހިނގައިގެންފިއެވެ. ފުލުހުންނަށް ނުކިޔަމަންތެރިވެ ފިލަން ދުއްވައިގަތީ އަޔާނާގެ ލޯބިވެރިޔާއެވެ. ފުލުހުން އެ ސަރަހައްދަށް އައިސް ތިބި މަޤުސަދަކީ އަޔާނާމެން ރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިގެން އެމީހަކު ހައްޔަރުކުރުމުގެ ބޭނުމުގައެވެ. އެއީ ކާކުކަމެއް އެމީހުންނަށްވެސް އެނގިފައި ނުވާތީ ބޯޓުން ފޭބި ގިނަ މީހުން ޗެކުކުރީއެވެ. އަޔާނާމެން ގޮވައިގެން ގެއަށް ދިއުމަށްފަހު، އަޔާނާގެ މަންމަ ގާތު އަޔާނާއަށް ރައްކާތެރިވުމަށް ބުނެފައި އަހަރުމެން އެބަ އަންނަމޭ ކިޔައިފައި އަހަރެންނާއި ނާއިސް ނުކުތީ ޚަބަރުތައް ބަލައިލުމަށް ބަނދަރު ސަރަހައްދަށެވެ.

އަޔާނާގެ ލޯބިވެރިޔާ ހައްޔަރުކޮށްފިއެވެ. ހައްޔަރުކުރިއިރު އޭނާ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެ، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހިތަކެއް އަޅާފައިހުރި ރަބަރު ޕެކެޓްތަކެއް އޭނާގެ އަތުން ފެނުނެވެ. އަދި އޭނާގެ ނަމުގައި ބޯޓުން ގެނައި ފޮށިގަނޑެއްގެ ތެރޭގައިވެސް މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހި ހުރިކަމަށް ވެއެވެ. ރަށުތެރޭގައި ދެކެވޭ ވާހަކަތަކުން ވަރަށް ބޮޑު ހުކުމެއް އޭނާއަށް މިފަހަރު އަންނާނެއެވެ. އަޔާނާގެ ލޯބިވެރިޔާއަކީ މަސްތުވާތަކެތި ބޭނުންކުރާ މީހެއްކަމަށް މުޅި ރަށަށް ފަޅައި އެރީއެވެ.

އަޔާނާ އަދިވެސް ރޮނީއެވެ. އަޔާނާގެ މަންމަވެސް އިނީ ރޮވިފައެވެ. އާނއެކެވެ. ކޮންމެ މީހަކުވެސް އެކަމާ ދެރަވާނެއެވެ. ކޮންމެ މަޔަކު އަދި ކޮންމެ ބަފަޔަކުވެސް ދަރިން ބޮޑެތިކުރަނީ އެތަކެއް ފޮނި އުއްމީދަކާ އެކުގައެވެ. ނަމަވެސް މިއަދު ރާއްޖޭގެ ޒުވާނުންގެ ތެރެއިން މަސްތުވާތަކެތީގެ އަވައިގައި ނުޖެހި ސަލާމަތްވަނީ މަދު ކުއްޖެކެވެ. އަޔާނާގެ ލޯބިވެރިޔާއާއެކު ޒަވާޖީ ޙަޔާތެއް ނުފެށެނީސް އަޔާނާ އެކަމުން ސަލާމަތްވިކަމަށްޓަކައި އަހަރެން ހެއްދެވި ފަރާތަށް ޙަމްދުކުރީމެވެ. ޙަޤީޤަތުގައި އަހަރެންވެސް ވަރަށް ދެރަވިއެވެ. އަހަރެންގެ ލޯބިވެރިޔާ ލޯބީގެ ގޮތުން ގުޅިފައި މިވަނީ މަސްތުވާތަކެތި ބޭނުންކުރާ މީހަކާއެވެ. އަހަރެން އަޔާނާއަށް ހިތްވަރުދެވޭތޯ މަސައްކަތްކުރީމެވެ. އަޔާނާއަށް ލިބޭ ކޮންމެ އުފަލެއް އަދި ކޮންމެ ހިތާމައެއްގައި ބައިވެރިވުމަކީ އަހަރެން އެންމެ އެދޭ އެދުމެވެ. އަޔާނާ ވެފައި ހުރި ދެރައިން އަޔާނާ ގާތަށް ގޮސް އަޔާނާގެ އަތުގައި ހިފައިލުމަށްފަހު ދެރަނުވާށޭ އަހަރެންވެސް މިހިރީނުންހޭ ބުނީމެވެ. އަޔާނާވެސް އަހަރެންނަށް މާފުކުރާށޭ ބުނެ އަހަރެން ގައިގައި އޮޅުލައިގަތެވެ. އަދި އަހަރެން މި ރޮނީކީ އޭނަ ހައްޔަރުކުރީމަ ދެރަވެގެނެއް ނޫނޭ، އެކަމާ އަހަރެން މިހާރު ވަނީ އުފާކަމަށް ބުންޏެވެ. މިއަދުން ފެށިގެން އަހަރެންނަކީ ސިޔާންގެ މީހެއްކަމަށް އަޔާނާ ބުންޏެވެ. އަހަރެން މިހާރު އޭނަމަތިން ހަނދާން ނައްތާލައިފިކަމަށް ބުންޏެވެ. އަހަންނަށް ބުނަން ނޭނގޭފަދަ އިހުސާސްތަކެއް ކުރެވެން ފެށިއެވެ. އަހަރެންވެސް އަޔާނާއާ މެރީކުރަން ބޭނުންކަމަށް ބުނެ އަޔާނާ ގަޔާލައި ބާރުކޮށްލީމެވެ. އަހަރެން ވަރަށް އުފާވިއެވެ. ޔަޤީނުންވެސް މިފަހަރު އަހަރެންގެ އުއްމީދުތައް ފުރިހަމަވީއެވެ. މި މަންޒަރު ބަލަން އަޔާނާގެ މަންމަ ދުރުގައި ހުއްޓެވެ. އަޔާނާގެ ޙާލާމެދު ދެރަވެ ހިތާމަކުރަމުން ދިޔަ އަޔާނާގެ މަންމަގެ މޫނުމަތިވެސް އުޖާލާވެގެން ދިޔައެވެ. އަޔާނާގެ މަންމަ ކައިރިވެލައިފައި އަހަރެންނަށް ޝުކުރުއަދާކޮށް މަންމަ ތިކަމާ ވަރަށް ޤަބޫލުކަމަށް ބުންޏެވެ.

އަޔާނާގެ ކުރީގެ ލޯބިވެރިޔާ ފަންސަވީސް އަހަރަށް ޖަލަށްލުމަށް ހުކުމްކުރިއެވެ. އަހަރެންގެ ލޯތްބަށް މިނިވަންކަން ލިބި، އެދުވަހަށްފަހު އަހަރެންނާއި އަޔާނާގެ ލޯބީގެ ދުވަސްތައް ކުރިއަށް ގެންދިއައީ ވަރަށް އުއްމީދާއި އެކުގައެވެ. އަޔާނާމެންގެ ރަށުގައި ހަދަމުންދިޔަ ގެސްޓްހައުސްތައް ނިމި ގެސްޓްހައުސްތައް ހިންގުމަށް ބޭރުގެ ކުންފުންޏަކާ ހަވާލުކުރިއެވެ. ކުންފުނީގެ ފަރާތުން އަހަރެންނަށް މަސައްކަތްތައް ނިމުނުލެއް ހަލުވިކަމާއި ފުރިހަމަކަމާއިއެކު އަޔާނާމެންގެ ރަށުގައި އަހަރެންނަށް ޚާއްޞަ ޕެލަސްއެއް ޤާއިމްކޮއްދިނެވެ. މި އުފާވެރި ހިތްގައިމު މަންޒިލަށް އަހަރެންގެ ދިރިއުޅުން ބަދަލުކުރީމެވެ. ވަރަށްވެސް ކުލަގަދަ ހަފުލާއަކާއެކު އަހަރެންނާއި އަޔާނާގެ ކައިވެނި ކުރެވި އަހަރެން އެ ލޯތްބެއް ލިބޭތޯ އަބަދާއިއަބަދު ދުޢާކުރަމުންދިޔަ އަހަރެންގެ ހިތުގެ ރާނީ އަހަރެންގެ މިލްކަކަށް ވީއެވެ.

(ނިމުނީ)

ލިޔުންތެރިޔާގެ ފުރަމަލަ

މުޙައްމަދު ޝާހީން