ބުންޑަސްލީގާގެ އާރުބީ ލިޕްޒިގަށް ކުޅެމުންދާ ޖާމަނީގެ ހުނަރުވެރި ފޯވާޑު ޓިމޯ ވާނާ ގަތުމަށްޓަކައި، އޭނާ ވިއްކުމަށް ހަމަޖެހިފައިވާ 54 މިލިއަން ޕައުންޑު ދެއްކުމަށް އިނގެރޭސި ގަދަބާރެއް ކަމަށްވާ ޗެލްސީން އެއްބަސްވެއްޖެ ކަމަށް މަސްދަރުތައް ބުނެފިއެވެ.

ޖާމަނީގެ ކުޅިވަރު ނޫހެއް ކަމަށްވާ “ބިލްޑް” އާއި، އިނގެރޭސި ވިލާތުގެ ކުޅިވަރު ޚަބަރުތައް ގެނެސްދޭ “ސްކައި ސްޕޯޓްސް”، “އީއެސްޕީއެން”، “ބީބީސީ ސްޕޯޓްސް” އަދި، “ދަ ޓެލެގްރާފް” ފަދަ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ވާނާގެ މުސާރަ ކަނޑައެޅުމަށް ޓަކައި، ޗެލްސީން މިހާރު ދަނީ އޭނާ އާ މަޝްވަރާތައް ކުރަމުންނެވެ. ވާނާ ހޯދުމުގެ ރޭހުގެ އެންމެ ކުރީގައި މީގެ ކުރިން ލިވަޕޫލް އޮތްނަމަވެސް، މިހާރު އެޓީމުން ވަނީ ފަހަތަށް ޖެހިފައެވެ. ޚަބަރުތައް ބުނާގޮތުގައި ލިވަޕޫލް އިން ފަހަތަށް ޖެހުނީ ލިޕްޒިގުން ވާނާ ވިއްކާލުމަށް ކިޔާ އަގު ބޮޑުވުމުން، ހޫނު މޫސުމުގެ ޓްރާންސްފަރ ބާޒާރުގައި ފޯވާޑެއް ހޯދުމަށް އެޓީމުން އެހާ ބޮޑު ޚަރަދެއް ކުރަން ބޭނުންނުވާތީއެވެ.

ޖޫން 15 ވަނަ ދުވަހުގެ ކުރިން އުމުރުން 24 އަހަރުގެ ޒުވާން ފޯވާޑު ގަތުމުގެ ކަންކަން ނިންމަން ޖެހޭއިރު،  ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ހަފުތާ އަކު ދެ ލައްކަ ޕައުންޑުގެ މުސާރަ އެއް ޗެލްސީން ވަނީ ވާނާ އަށް ހުށަހަޅާފައެވެ. ޗެލްސީގެ އިތުރުން، މެންޗެސްޓަރ ޔުނައިޓެޑާއި، ލިވަޕޫލުން ވެސް އަންނަނީ ވާނާ އަށް ފާރަލަމުންނެވެ.

ވުލްފްސްބާގުން 2013 ވަނަ އަހަރުގައި 14 މިލިއަން ޔޫރޯގެ އަގަކަށް ލިޕްޒިގަށް ބަދަލުވި، ވާނާ އަންނަނީ އެކުލަބުގައި ފާހަގަކޮށްލެވޭ މޮޅު ކުޅުމެއް ދައްކަމުންނެވެ. ބުންޑަސްލީގާގެ 2019/2020 ވަނަ ސީޒަނުގައި މިހާތަނަށް ކުޅުނު 29 މެޗުން އޭނާ ވަނީ 25 ގޯލު ޖަހައި، 7 އެސިސްޓް ހަދާފައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝާމިން
އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.