“އޮފީސް ނިމުނީމަ އަޅުގަނޑުދާނީ ގެއަށް. އާޝިޔާމެން ދާންވީނުދޯ.”

ހާވިލް އޮފީހަށް ނިކުތް ފުރަތަމަ ދުވަހަށް ވެފައި ހާވިލް އަތުގައި ފައިސާ ނެތުމާއި އެކު ހާވިލް ބޭނުންވީ ބަހަނާއެއް ދައްކައިގެން ނުދާަށެވެ. މާލޭގެ ގިނަ މީހުންގެ ދިރިއުޅުމުގެ ވައްޓަފާޅި ހުންނަގޮތާއި މުއްސަދިންގެ ވިސްނުމާއި އަންހެން ކުދިންގެ ގޮތްތައް ވަނީ މަންމަމެންގެ ފުށުން އޮޅުންފިލާފައެވެ. އެހެންކަމުން ހާވިލް ގެ ވިސްނުން މިހުރިހާކަމަކަށް އަބަދުވެސް ހުންނަނީ ތައްޔާރުވެފައެވެ. މީހެއްގެ އަވައިގައިޖެހި ދިރިއުޅުން ހަލާކުވިޔަ ނުދިނުމުގެ ވިސްނުން ހާވިލްގެ ހުރެއެވެ.

ހާވިލް އެހެން ބުނުމާއި އެކު އާޝިޔާ ޒީކްގެ މޫނަށް ބަލާލިއެވެ.

“ހިނގާބާލަ ދާން. ޒީކް ދީފާނަމޭ. އެހެންނޫނަސް އޮފީހަށް އަލަށް އަންނަކުދިންނަށް ހެޔޮކޮށްހިތާ ބައެކޭ އަހަރުމެން ނަކީ ދޯ އާޝިޔާ.” ޒީކް ފަތިވަރެއް އަމުނާލިއެވެ. ޒީކް ބޭނުންވަނީ ހާވިލް ގޮވައިގެން ދާށެވެ.

“ހާވިލް ޕްލީސް. ޒީކް ބުނީތީވެސް ހިނގާބަލަ ދާން މިއަދު. އޭރުންނެއްނު ފްރެންޑްސް ވެސް ވެވޭނީ، ދޯ.”

ޒީކްގެ ދައުވަތު ގަބޫލުކުރަން ހާވިލްގެ ހިތް ހާވިލްއަށް މަޖުބޫރުކުރި ކަހަލައެވެ. އެކަމު ހާވިލްއަކީ މިވީހާ ދުވަހު އަންހެން ކުދިންނާއިއެކު އެގޮތަށް ރެސްޓޯރަންޓްތަކަށް ދިޔަ މީހެއްނޫނެވެ. ނަަމަވެސް ހުރިހާ ދުވަހެއް އެއްގޮތެއް ނުވާނެތާއެވެ. ދިރިއުޅުމުގައި ކޮންމެ ދުވަހަކީ ވެސް އާ ތަޖުރިބާތަކެއް ކުރަން ޖެހޭނެ ދުވަހެއްކަން ހާވިލް ދަނެއެވެ.

“ހާވިލް!” އަނެއްކާވެސް ޒީކް ހާވިލްއަށް ގޮވާލިއެވެ. ގެއްލިފައިވާ ޚިޔާލީ ދުނިޔެއިން ހާވިލަށް ނިކުމެވުނެވެ.

“އެންމެ ރަނގަޅު ހިނގާދާން.” ހާވިލް ގޮނޑިން ތެދުވަމުން ބުނެލިއެވެ.

އޮފީހުން ބޭރަށް ނިކުމެވުމާއިއެކު ހާވިލްގެ ލޮލުގައި އަޅައިގަތީ ކައިރީގައިހުރި މިސްކިތެވެ. މިސްކިތާއި ޖެހިގެން ހުރީ ޒީކްމެން ކާންދާ ކެފޭއެވެ. ހާވިލް ބޭނުންވީ ފުރަތަމަ ނަމާދުކުރާށެވެ.

“އަހަރެން ދާނަން ނަމާދުކޮއްލައިގެން. އެންމެ ރަނގަޅުތަ؟” ހާވިލް ހުއްދައަކަށްއެދުނެވެ. ފުރަތަމަކަމަކީ ނަމާދެވެ.

ނަމާދުނުކޮށް ކެއުމަކީ ހާވިލް އެހާ ހިތްހަމަޖެހޭ ކަމެއްނޫނެވެ. އެހެންކަމުން ލިބުނު ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފިއެވެ.

ނަމާދުކޮށްގެން ގޮސް ކެފޭއަށް ވަންއިރު ޒީކް އާއި އާޝިޔާ ތިބީ ހާވިލްގެ އިންތިޒާރުގައެވެ. އޭރު ކާއެއްޗެހިވެސް ހުރީ ގެނެސްފައެވެ. ހާވިލްގެ ހިތްތެޅެމުން ދިޔައެވެ. މޭޒުތައް ފުރިފައި، ތަންކޮޅުކުޑަ ވުމުން ޖެހިގެން ހުރި މޭޒުތަކުގައި ވެސް ބައިވަރު މީހުން ތިބީމައެވެ. އަނެއްކޮޅުން އަންހެން ކުދިންތަކަކާއި އެކު ކެއުމެއްގައި އިށީންނަން ޖެހުމުންނެވެ. ފުރަތަމަ ދިމާވި ދުވަހަށް ވެފައި ޒީކްމެންގެ ހަގީގަތްވެސް ނޭގޭތީއެވެ. މަންމަމެން ދިީފައިހުރި ނަސޭހަތްތައް ހިތަށްއަރާފައެވެ. ބޮޑުދައިތަމެން ލަދުގަންނަން ޖެހޭ ކަމެއް ކީއްކުރަން ހެއްޔެވެ. އެފަދަ އަޑެއްވެސް އަރައިފާނެތީއެވެ.

އެކިއެކި ޚިޔާލުތައް ހާވިލްގެ ހިތުގައި އެނބުރެމުންދެއެވެ. ނަމަވެސް އެކަހަލަ އެއްވެސް ކަމެއް މޫނުމަތިން ނުދައްކާ ކެއުމާއިގެން ޝާމިލްވިއެވެ. ކެއުމާއިގެން ކުރިއަށްދިޔައިރު އެކި އެކި ވާހަކަތައް ދެކެވެމުން ދެއެވެ. އޮފީހުގެ ވާހަކަތަކެވެ. މެނޭޖްމަންޓުގެ ރަނގަޅު ވާހަކައެވެ. ރަނގަޅު މުވައްޒަފުން ޚިޔާރުކުރާލެއް މޮޅުކަމުންނެވެ. ޒީކްމެންގެ ވާހަކަތަކުން ހާވިލްއަށް އެނގުނީ ޒީކްމެންވެސް އޮފީހަށް ވަތްތާ ގިނަދުވަސް ނުވާކަމެވެ.

“ހާވިލް ހާދަލަދުން އިންނަހެން ހީވޭ، އަނެއްކާ ފެމިލީ ކުއްޖަކު މިތާނގަ އިނީތަ؟” ހާވިލް އިންގޮތުން ޒީކް އަހާލިއެވެ.

“އަދި ހާވިލްގެ އިންޓްރޮޑަކްޝްނެއްވެސް ނުދެމެއްނު؟” ހާވިލްއަށް ބަހެއް ނުބުނެވިގެން އުޅެނިކޮށް ޒީކް ދެވަނަ ސުވާލެއް ކޮއްލިއެވެ.

“ނޫން. ލަދަކުންނޫން. ދެން އަބަދުވެސް އިންނަގޮތްމީ.” ހާވިލް ޖަވާބުދިނެވެ. “ޒީކްމެންގެ އިންޓްރޯ އެއްވެސް ނުދެމެންނު.”

“ސާބަހޭ. ދެން އޮންނާނީ އެކަކު އަނެކަކަށް އެނގި ދަސްވާންތާ ދޯ ހާވިލް.” އާޝިޔާ އެދެމީހުންގެ ވާހަކަތައް ހުއްޓުވާލިއެވެ. “ދެމީހުން އެކަނި އަންނަންވީނު ދޯ.” އާޝިޔާ ދިމާކޮއްލިއެވެ.

“ހިނގާ ދާން މިހާރު މާލަސްވެއްޖެ.” ގޮނޑިންތެދުވަމުން އާޝިޔާ ހިންގައިގަތެވެ. ފަހަތުން ޒީކްއާއި ހާވިލްވެސް ހިނގައިގަތެވެ.

ޢޮފީސް ނިމިގެން ހާވިލް ނިކުތީ ގެއަށް ދާށެވެ. ހާވިލް ބަލާ އަންނާނަމޭ ބޭބެ ބުނެފައި އޮތުމާއިއެކު ބާބެއަށް ލަސްވެދާނެތީއެވެ. އޮފީހުން ބޭރަށް ނިކުތްއިރު ހާވިލްގެ ބޭބެ އަދި ނާދެއެވެ. އެހެންކަމުން އޮފީސް ދޮރުމަތީ ފާރުގައި ލެނގިލައިގެން ހާވިލް މަޑުކޮށްލިއެވެ. ބޭބެ އަންނަންދެކަށެވެ.

“ހާވިލް ގެއަށް ނުދަންތަ؟” މީހެއްގެ އަޑު އިވުމާއި އެކު ހާވިލް ބަލާލިއެވެ. އޭރު ޒީކް ހުރީ ހާވިލްއާއި ވަރަށް ކައިރީގައެވެ.

“ނޫން. ބޭބެ އަންނަދެން މަޑުކޮށްލީ!” ހާވިލް އެހެންބުނުމާއި އެކު ޒީކް ދަބަހުން ތަޅުދަނޑި ފައްޗެއްނަގަމުން ހާވިލްގެ މޫނަށް ބަލާލިއެވެ.

“އޯކޭ ދަނީ އިނގޭ. ސީޔޫ ޓުމޯރޯ.” އެހެން ބުނުމަށްފަހު ޒީކް ހިނގައިގަތެވެ. ޒީކް ގޮސް ހުއްޓުނީ ޕާރކިން ޒޯންގައި އޮތް ހުދު ކުލައިގެ ކާރެއްގެ ކައިރީގައެވެ. ބަލާބެލުމަށް ހީވަނީ ޒީކްގެ ކާރެއްހެންނެވެ. ކާރުގެ ދޮރު ހުޅުވާލުމަށްފަހު ކާރަށް އަރައި ދުއްވާލިއެވެ. ޒީކް ގޮސް ގެއްލެންްދެން ހާވިލް ހުރީ ބަލަހައްޓައިގެންނެވެ. ރަށްފުށުގެ އަންހެން ކުދިންނާ އަޅާބަލާއިރު މާލޭގެ ގިނަ އަންހެންކުދިން ހާދަ ކުރިއަރައި ފެޝަން ވެއްޖެއޭ ހާވިލްގެ ހިތަށްއެރިއެވެ. ވާނީ ވެސް އެހެންތާއެވެ. ރަށްފުށުގެ ދިރިއުޅުމާއި އަޅާބަލާއިރު މާލޭގެ ދިރިއުޅުން ހާދަ ތަފާތެވެ. ވާސީލަތްތައް ގިނަވެފައި އާބާދީ ވެސް އެހާ ގިނައެވެ. ރަނގަޅު ވާޒީފާތަކާއި ބޭސްފަރުވާގެ ޚިދުމަތްތައްވެސް ރަނގަޅަށް ލިބެންހުރީ މިތަނުންނެވެ. ދަރިންނަށް ކިޔަވައިދިނުމަށް އައިސް މިތާގައި އުޅޭ މީހުންވެސް ވަކި މަދެއްނޫނެވެ. މިކަހަލަ ޚިޔާލުތަކެެއްގައި ހުއްޓާ ބޭބެއައިސް މަޑުކޮއްލިއެވެ. އަދި ގެއަށްދާން ސައިކަލަށް އެރުމަށް އިޝާރާާތްކޮށްލިއެވެ.

އެހެންދުވަސް ތަކެކޭ އެއްފަދައިން މިއަދުވެސް ޒީކް އޮފީހުން އައިގޮތަށް އެނދުގައި އޮށޯވެލިއެވެ. ނިދާލުމުގެ ބޭނުމުގައެވެ. ނަމަވެސް ޒީކްގެ ސިކުންޑީގައި މިއަދު ހީވަނީ ހަނގުރާމައެއް ފަށައިގެން އުޅޭހެންނެވެ.

ނުނިމޭ

ލިޔުންތެރިޔާގެ ފުރަމަލަ

ޔޫސުފް ބިން މޫސާ
ދީނީ އަދި އިޖުތިމާޢީ ރޮނގުން ގަލަން ހިނގައިލުމުގެ އިތުރުން ވާހަކަ ލިޔުމަކީވެސް ޔޫސުފުގެ ހުނަރެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް