ޝަޒާން ގެ އެއްމެ ފުރަތަމަ ވީޑިއޯ ލަވަ ‘އައޭމް ގޮނާ’ ގެ މަތިން ހަނދާން އެބަހުރި ހެއްޔެވެ؟ އެ ލަވައަށް ފަހު ޝަޒާން ގެ އެހެން ލަވައެއް އަޑުއެހިން ހެއްޔެވެ؟ ނުވަތަ ދުށިން ހެއްޔެވެ؟ ޝަޒާން އާއި ބެހޭގޮތުން އެނގެނީ ކޮން ކަންތައްތަކެއް ހެއްޔެވެ؟
ކްރޯމާ ގެ ފުރަތަމަ އުފެއްދުން ‘އައޭމް ގޮނާ’ ރިލީޒް ކޮށްފައިވަނީ 23 ސެޕްޓެމްބަރު 2016 ގައެވެ. މި ލަވަޔަކީ ދިވެއްސާއި އިނގިރޭސި ލިރިކްސް މަސްހުނިކޮށްގެން ހަދާފައިވާ ލަވައެކެވެ. މި ލަވަ އެންމެ ޚާއްޞަ ވަނީ ލަވައިގެ ޅެމާއި މިއުޒިކާއި ލަވައިގެ އަޑުގެ ވެރިޔަކީ ލަވައިން ވެސް ފެނިގެންދާ ލީޑް އެކްޓަރު އަދި އޭރު ކްރޯމާގެ އެއް ހިއްސާދާރު ޝަޒާން މޫސާ ނަސީމެވެ. ލަވައިގެ ޑައިރެކްޝަން ހަދާފައި ވަނީ ދި-އެފްއެމް ގައި ކުރިން މަސައްކަތް ކުރި އާޝިޔާ ޞާލިޙް އެވެ. މި ލަވައިގައި ޝަޒާން ގެ މަސްޢޫލުވެރިކަމުގެ ދަށުން ހިންގަމުން އަންނަ ‘އިލޫޝަން ޑާންސް ގްރޫޕް’ ވެސް ހަރަކާތްތެރިވެފައި ވެއެވެ.
“އައިމް ގޮނާ” ލަވައިގެ ވީޑިއޯ
ޝަޒާން އަކީ މި ނަމުގެ މާނައިގައި ބުނާހެން ‘ޔުނީކް’ (ދެވަނައެއް ނެތް) އަދި ‘ސްޕެޝަލް’ (ޚާއްޞަ) ފަންނާނެކެވެ. ފަންނުވެރި އެތައް މަސައްކަތެއް ޝަޒާން ކުރެއެވެ. އެހެންކަމުން މުނިއަވަސް ގެ ކަޅި މިފަހަރު ގޮސް ހުއްޓުނު ފަންނުވެރިޔަކީ ޝަޒާން އެވެ.
ޝަޒާން ގެ ފުރަތަމަ ލަވައިން ވެސް ޝަޒާން އަކީ މަލްޓި-ޓެލެންޓެޑް ޒުވާނެއްކަން ވަނީ ދައްކާލާފަ އެވެ. ޝަޒާން ގެ ހުރި ހުނަރުތަކުގެ ތަފްޞީލީ މަޢުލޫމާތެއް އަދި މިހައިތަނަށް ވަނީ އެއްވެސް މީޑިއާއަކުން ހާމަ ނުކޮށެވެ. އެހެންކަމުން މިގެނެސްދެނީ ‘މުނިއަވަސް’ އަށް ޝަޒާން ދީފައިވާ ވަރަށް ޚާއްޞަ ބަސްދީގަތުމެކެވެ. ބަސްދީގަތުމުގެ ތެރެއިން ޝަޒާން ވަނީ ފޭނުންނަށް ސަޕްރައިޒް ގިފްޓެއް ދީފައެވެ.
ފުރިހަމަ ނަން: ޝަޒާން މޫސާ ނަސީމްރައްޓެހިން އާއްމުކޮށް ކިޔައި އުޅެނީ: މޫސައުފަން ރަށް: ކ. މާލެއުމުރު: 29ވަޒީފާ: އުރީދޫ މޯލްޑިވްސް ގައިކައިވެނީގެ ގޮތުން ހުރިގޮތް: ކައިވެންޏެއް އަދި ނުކުރޭތަޢުލީމު ޙާޞިލް ކުރި ސްކޫލްތައް: ތާޖުއްދީން ސްކޫލް އަދި މަޖީދިއްޔާ ސްކޫލް
މުނިއަވަސް: ކިހިނެތް މިއުޒިކް ދާއިރާއަށް ވަދެވުނީ؟
ޝަޒާން: އަހަރެން ސްކޫލް ގެ ބައެއް އިވެންޓްތަކުގައި ނަށާ އުޅުނިން. މިސާލަކަށް ކާނިވާ ހުޅުވުމުގެ ރަސްމިއްޔާތު ތައް ފަދަ ހަރަކާތްތަކުގަ.
މުނިއަވަސް: ތާޖުއްދީން ގައި އުޅުނު އިރުން ފެށިގެންތަ؟
ޝަޒާން: ނޫން، މަޖީދިއްޔާ ސްކޫލްގަ، 2002 ގަ. އަހަރެން ނެށިން ‘ނެރޭށެ ހިތްވަރު ކަށީގެ މަދުން’ އެ ލަވައިގަ. އޭރުން ފެށިގެން އަހަރެން އަމިއްލަ އަށް ލަވަ ލިޔަމުން އަންނަނީ. އަދި މިއުޒިކް ކޮމްޕޯސް ކުރަން ދަސްކުރަން ފެށިން.
މުނިއަވަސް: ސްކޫލް ބޭންޑް ގަ ނުވަތަ ސްކޫލް ކޮޔަރ ގަ އުޅުނިންތަ؟
ޝަޒާން: ނޫން. ލަވަކިޔުމާއި ގުޅޭ އެއްވެސް ކަމެއްގަ ސްކޫލްގައި އުޅުނު އިރަކު ނޫޅެން.
މުނިއަވަސް: އިސްޓަރސްކޫލް ލަވަ މުބާރާތުގަ ބައިވެރިވިންތަ؟
ޝަޒާން: ނުވަން. އޭރު ލަވަކިޔަން ބޭނުމަސް އެކަން ކުރާނެ ގަޓެއް ނެތް. އަހަރެން އަމިއްލައަށް ލަވަތައް އުފައްދަން ފެށިން. ލަވައަށް ރާގާއި މިއުޒިކްވެސް ހެދިން. އެކަމަކު އެ ލަވަތައް ރިލީޒް އެއް ނުކުރަން.
މުނިއަވަސް: އޯކޭ. އެހެންވެއްޖެއްޔާ ފަހުން ގަޓް އައީ ކިހިނެތް؟ ކީއްވެގެން؟
ޝަޒާން: އެއްމެ ފުރަތަމަ އަހަންނަކީ ދި-އެފްއެމް ގެ ޕްރެޒެންޓަރެއް. އަހަރެން އުފެއްދިން ޝޯއެއް. އެ ޝޯ ގައި ތަފާތު އާޓިސްޓުން ލައްވައި އަހަރެންގެ ލަވަތައް ކިޔުއްވިން. އެގޮތުން އައްމަޑޭ އަދި ނުޒޫ ގެ މާޒީ.
އިއްފަ އަދި ޔާފިޢު ގެ ލޯބީގައި ތި ޖެއްސީ
ލަހުފާ އަދި ރުސްތުމް ގެ އޭންޖަލް
އަދި ޝަޒާން ހައްވި ގެ ޓްނައިޓް
މީގެ ތެރެއިން ‘މާޒީ’ ހިޓަކަށް ވެގެންދިޔަ. އެހެން ނަމަވެސް މީހުންނަކަށް ނާނގޭ އެއީ އަހަރެންގެ އުފެއްދުމެއް ކަމެއް. މިއުޒިކާއި ލިރިކްސް އަދި ހުރިހައި ކަމެއްވެސް އެއީ ހަމަ އަހަރެންގެ މަސައްކަތް.
މުނިއަވަސް: ކިހިނެތް ޑާންސް ގްރޫޕް އިލޫޝަން އުފެދުނީ؟
ޝަޒާން: އަހަރެން ސްކޫލް ނިންމާލާފަ ނަށަން ފެއްޓީ އިލޫޝަން ގެ ނަމުގައި ގްރޫޕެއް ހަދައިގެން.
މުނިއަވަސް: އިލޫޝަން ގެ އެއްވެސް ލަވައެއް ނުވަތަ ސްޓޭޖް ހުށައެޅުމެއް ނަމަވެސް ހިޓަކަށް ވެގެން ދިޔަތަ؟
ޝަޒާން: އުރީދޫ އިން ބޭއްވި އިވެންޓެއްގައި ލައިވްކޮށް ލަވަކިޔުމާއި އެކު އަހަރެންގެ ކްރޫ އާއި އެކުގައި ‘ބޯއީ ބޭންޑް’ ސްޓައިލްގައި ޕަރފޯމް ކުރިން. އޭތި ޖެއްސީ މުންކޮ (މުންތަޝިރު) ގެ އެހީތެރިކަމާއި އެކު.
އަދި ފަހުން ލަވަކިޔުންތެރިޔާ އަޝްރާ އާއި އެކުގައި ފަންޑް ރެއިސިންގ އިވެންޓެއްގައިވެސް ޕަރފޯމް ކުރިން.
މީގެ އިތުރުން ޔާރާ ޓީމަށް ލަވައިގެ މިކްސް ތައް ހަދައިދިނިން. ހަމަ އެހެންމެ ޖާދުﷲ އަދި ސުނީތާއަށްވެސް. މިސާލަކަށް ކްރިސްޓަލް އެވޯޑް ފަދަ ބޮޑެތި އިވެންޓް ތަކަށް.
އަހަރެން ކޮރިއޮގްރާފަރެއްގެ ގޮތުގައި މަސައްކަތް ފެށިން. އަދި ފަހުން ބައެއް ލަވަތައް ޑައިރެކްޓް ވެސް ކުރިން. މިސާލަކަށް ހިޓަކަށް ވެގެންދިޔަ ޕްރިޔަންކާ އަށް ޚާއްޞަކޮށްގެން ސުނީތާ އޭނާ ގެ އަޑުން ކިޔާފައިވާ ލަވަ ‘ސްނީތާ އޯ މައި ޑާލިން’ އަކީ އަހަރެން ޑައިރެކްޓް ކޮށް އެޑިޓްކޮށްފައިވާ ލަވައެއް.
މީގެ އިތުރުންވެސް ސުނީތާ ގެ ގިނަ ސްޓޭޖް މިކްސް ތަކަކީ ހަމަ އަހަރެންގެ މަސައްކަތް.
އަދި ޔާރާ ޓީމާއި އެކުގައި ހަދާފައިވާ މަޝްހޫރުވެގެން ދިޔަ ‘ކްރޭޒީ ޚިޔާލޭ’ މި ލަވަ ފާހަގަ ކޮށްލެވޭ.
މުނިއަވަސް: ދެން ކިހިނެތް ‘ކްރޯމާ’ އުފެދުނީ؟
ޝަޒާން: އެއީ ދި-އެފްއެމް ގެ ޕްރޮޑިއުސަރ އާޝިޔާ އާއި އެކުގައި ކުދިންކޮޅެއް އެކުވެގެން. އުމައިރު އާއި ސެމީ އާއި އެކުގައި. އެމީހުން މަށާއެކުގައި ތިބި. މިހާރުވެސް ކްރޯމާ އޮޕަރޭޓް ކުރަމުން ދަނީ. ނަމަވެސް ކަންތައްތައް ހުރިގޮތުން މަށަށް ވަގުތު ނުދެވޭތީ އަހަރެން ކްރޯމާ އިން އިސްތިއުފާ ދިނީ މަ ނިންމަން ޖެހޭ މަގޭ އަމިއްލަ އެތަކެއް ޕްރޮޖެކް ތަކެއްވެސް ހުރުމާއި އެކު. އެހެން ނަމަވެސް އެ މަސައްކަތްތައް ނިންމަންވެސް އަދި ވަގުތު ނަގާނެ.
ކްރޯމާ އާއި އެކީގައި އުޅުނު އިރު އަހަރެންގެ ފުރަތަމަ އޮފިޝަލް ލަވަ ‘އައޭމް ގޯނާ’ ރިލީޒް ކުރީ. އެ ލަވައިގައިވެސް އަހަރެންގެ ޑާންސް ގްރޫޕް އިލޫޝަން އުޅޭނެ. އަދިވެސް އަހަރެންގެ އިތުރު ލަވަތައް އެބަހުރި ރިލީޒް ވުމުގެ މަގުމަތީގަ.
ފާހަގަކޮށްލެވޭ އެއް ކަމަކީ “އައިމް ގޮނަ” އަކީ ވޭތުވެ ދިޔަ 10 އަހަރުތެރޭގައި ހަދާފައިވާ ލަވަތަކުގެ ތެރެއިން ފާހަގަކޮށްލެވޭ އެއް ލަވަ.
މުނިއަވަސް: ކިތައް އަމިއްލަ ރާގާއި ލިރިކްސް ހަދައިފިން؟ ރިލީޒް ނުވެ ހުރި ލަވަތައްވެސް ހިމަނައިގެން؟
ޝަޒާން: މީރާ ގެ ‘ޑަރޓީ ޑާންސަރ’ އަކީ އަހަރެން މިއުޒިކް ތައްޔާރު ކޮށްދީ ކޮރިއޯގްރަފީ ހަދައިދިން ލަވައެއް. މިވަގުތު ޔޫޓިއުބުން އެ ލަވަ ޑިލީޓް ކޮށްލާފަ ވިޔަސް އަހަރެން އަތުގައި އެ ލަވައިގެ ވީޑިއޯވެސް އުޅޭނެ. އަހަރެން ވާނީ ވިއްސަށް ވުރެން ގިނަ ލަވަ އުފައްދާފަ. އިންތިޒާރު ކުރަމުން މިދަނީ ފަހަރަކު ލަވައެއް، ވީޑިއޯ އާއި އެކުގައި ރިލީޒް ވެގެން ދިއުމަށް.
މުނިއަވަސް: އެހެންވީމަ ޝަޒާން އަކީ ތަނެއްގަ ފޮރުވިފަ އޮތް ޖަވާހިރެއްތާ ދޯ. ޝަޒާން ގެ ތި ހުނަރުތައް އެބަ ޖެހެއެއްނޫންތަ ބޮޑު ޝޯއެއްގަ ނަމަވެސް އާއްމުންނާއި ހަމައަށް ގެންނަން؟
ޝަޒާން: އަހަރެންގެ ފުރަތަމަ ލަވަ ވަނީ ފިލްމީ އުދަރެސް ގައި ހިޓަކަށް ވެފަ. އަދި މަށަށް ހީވަނީ ހޭޔަންބޯ ގަ ވެސް ހިޓަކަށް ވިހެން. ޔަގީނެއް ނޫން.
މުނިއަވަސް: އީދު ޝޯ ތަކަށް ރަށްރަށަށް ދަންތަ؟
ޝަޒާން: އާނ. އަހަރެން ހުންނާނެ ސަން އައިލެންޑް ފަދަ ރިޒޯޓް ތަކުގައި ޕާރފޯމް ކޮށްފަ. ބަނޑޮހުގައި އޮތް ސަޤާފީ އިވެންޓެއްގަ ވެސް. އެހެން ގްރޫޕް ތަކާއި އެކުގައި ރަށްރަށުގައި އީދު ޝޯ ތަކުގައިވެސް ހުންނާނެ ޕާރފޯމް ކޮށްފަ.
މުނިއަވަސް: އެހެންވީމަ މި ދާއިރާއިން ކުރިއަށްދާން ފުރުޞަތު ތައް ލިބޭތަ؟
ޝަޒާން: އަހަރެން އެތަކެއް ޕްރޮޖެކްޓް ތަކެއްގައި މުންކޮ އާއި އެކުގައި މަސައްކަތް ކުރިން. ޖުލައި 26 ގަ ފަސީ ބޭއްވި ޝޯ އެއްގަވެސް. ޖުލައި 26 ގެ ޕްރޮޖެކްޓަކަށް ކޮރިއޮގްރަފީ ހަދައިދީފަ ހުންނާނެ. މީގެ އިތުރުން މަޝްހޫރު ބައެއް ތަރިންގެ ސްޓޭޖް ޕަރފޮމަންސް ތަކަށްވެސް. މިސާލަކަށް ރިޝްމީ، އައްޒަ، ސީޒަން، ޖާދުﷲ، ސުނީތާ، އަޒޭ އަދި ޝީލާ އާއި މަނިކަށް ވެސް. މީގެ އިތުރުން ކެބިން ކްރޫ އިވެންޓަށްވެސް.
ދެން ފުރުޞަތު ތައް ލިބުމާއިމެދުގަ ތެދުތެދަށް އެއްޗެއް ބުނަންޏާ ބުނެވޭނީ ރާއްޖޭގައި ފުރުޞަތު ތައް ލިބުމަށް ދައްޗޭ. އެހެން އެވާ ސަބަބަކީ މަދު އާޓިސްޓުން ކޮޅެއް މިއުޅެނީވެސް.
އެހެން ނަމަވެސް އަހަރެންގެ އަމިއްލަ ޕްލެޓްފޯމެއް ގާއިމުކުރުމަށް އަހަރެން އަމިއްލަ ގޮތްތަކެއް މިވަނީ އުފައްދާފަ. އަދި މި ދައިރާއަށް ގުޅެން ބޭނުންވާ އާ ކުދިންނަށް ފުރުޞަތު ދިނުމަށްވެސް އަހަރެން މިހުރީ ހަމަ ތައްޔާރަށް. މިބުނީ ލަވަ ކިޔުމާއި ނެށުމުގެ ދައިރާއިން.
މުނިއަވަސް: ފިލްމު ތަކުގައި އެކްޓު ކުރަން ޝައުގުވެރިވޭތަ؟ މިސާލަކަށް ނަހުލާ ނުވަތަ ޑާރކްރެއިން ފަދަ މަޝްހޫރު ސްޓޫޑިއޯ އަކުން އެކްޓް ކުރުމަށް ފުރުޞަތެއް ދީފިނަމަ އެ ފުރުޞަތު ބޭނުން ކުރާނަންތަ؟
ޝަޒާން: ތެދަށް ބުނަންޏާ ބުނެވޭނީ އެކްޓް ކުރުމަކީ އަހަރެން ކުރާހިތްވާ ކަމެއް ނޫނޭ. އެކަމަކު އަހަރެން ޤަބޫލުކުރާ ގޮތުގަ ބޭރުގެ އާޓިސްޓުން ފަދައިން ލަވަކިޔުންތެރިޔާ ޖެހޭނެ އެހެން މީހުން ލައްވައި އެކްޓް ނުކުރުވާ އޭގެ ވީޑިއޯއިން ފެންނަން.
މުނިއަވަސް: އޯކޭ. ކޮން ވަގުތެއް އެއްމެ ރަނގަޅީ ލިރިކްސް އާއި ރާގު ހެދުމަށް؟
ޝަޒާން: އަސްލު އެއްވެސް އެއްޗެއް ހަދަންށޭ ކިޔާފަ އަހަރެން ނުއިށިންނަން. ވަކި ޚާއްޞަ ވަގުތެއް ނޯވޭ. އެއީ އަސްލުގަ ހަމަ އެހެން ހުރެފަ އަންނަ ފީލިންގ އެއް.
އެއްމެ ފަހުން ޝަޒާން އާއި އޭނާގެ ޑާންސް ގްރޫޕް ގެ ހުށައެޅުންތަކާއި މެދުގައި ބުނީ ޔޫތު ފެސްޓިވަލް އިވެންޓްގައި އިލޫޝަން އިން ގެނެސްދިން މޯލްޑިވިއަން މިކްސް ހިޓަކަށް ވެގެން ދިޔަ ކަމަށެވެ. އަދި އާ އަހަރު ފެށުމަށް ބާއްވާ ޝޯ އަށް އިލޫޝަން އިން ޕާރފޯމް ކުރުމަށް މިހާރު ގެންދަނީ ވަރަށް ބުރަކޮށް ޕްރެކްޓިސް ކުރަމުން ކަމަށްވެސް ބުންޏެވެ.
ޝަޒާން ބޭނުންވަނީ އެކްޓަރެއްގެ ގޮތުގައި މީހުންނަށް އޭނާ ފާހަގަވެގެން ދިއުމަށްވުރެން ބޮޑަށް ލަވަކިޔުންތެރިއެއް އަދި އިލޫޝަން ގެ ލީޑަރ ގެ ގޮތުގައި ފާހަގަވުމަށް ކަމަށް އިންޓަރވިއުގައި ދެކެވުނު ވާހަކަތަކުން އެނގިގެން ދިޔައެވެ. އެހެން ނަމަވެސް ޝަޒާން އަކީ ލަވަކިޔުންތެރިއެއް، ޅެންވެރިއެއް، މިއުޒިކް ކޮމްޕޯސް ކުރާ މީހެއް ވީޑިއޯ ޑައިރެކްޓަރެއް އަދި ކޮރިއޮގްރާފަރެކެވެ. މީގެ އިތުރުން ޝަޒާން އަކީ ކުރިން ދި-އެފްއެމް ގެ މަގުބޫލު ޕްރެޒެންޓަރެއްވެސް މެއެވެ.
މުނިއަވަސް: އޯކޭ. ޝަޒާން ގެ ނެށުންތަކުގައި ތި ގެންގުޅޭ ކޫލް ސްޓެޕްތައް ދަސްކުރަނީ ކިހިނެތް؟
ޝަޒާން: އަހަރެން މިއުޒިކް ގެ ފްލޯ އާއި އެއްގޮތަށް އަހަރެންގެ ހަށިގަނޑު ހަރަކާތްތެރިވުމަށް ދޫކޮށްލަނީ.
މުނިއަވަސް: އެއްމެ ކަމުދާ ނެށުންތެރިއަކީ ކާކު؟
ޝަޒާން: ވަކިން އެހެން ޚާއްޞަ އާޓިސްޓެއް ނުވަތަ ޕަރފޯމާއެއް ނުހުންނާނެ.
މުނިއަވަސް: އަސްލު ޝަޒާން ގެ ‘އައިމް ގޯނާ’ ލަވައިގަ ހުރޭ ވަރަށް ޚާއްޞަ ގޮތެއް. އަމިއްލަ ރާގޭ ކިޔާފަ މާބޮޑަށް އިނގިރޭސި ލަވަ ސްޓައިލް ނުވަތަ ހިންދީ ލަވަ ސްޓައިލް ހުރީމަ ކަމަކު ނުދޭ. އައިމް ގޮނާ ގަ ހުރޭ ދިވެހި އަމިއްލަ ސްޓައިލެއް.
ޝަޒާން: އާނ. އަހަރެން ލަވަކިޔާއިރު ނުވަތަ ނަށާއިރު ނުގެންގުޅެން ވަކި އެއް ސްޓައިލެއް. އަންނަން ހުރި ލަވަތަކުގަ ހުންނާނެ ބޮޑުބެރު ލަވަ އާއި ލޯބީގެ ލަވަ އާއި ޑާންސް ސްޓައިލް ގެ ލަވަ އާއި ހެވީ މެޓަލް ސްޓައިލް ވެސް.
ޝަޒާން: ކިހިނެތް ވާނެ މި އިންޓަވިއު އާއި އެކީގައި އަހަރެންގެ އޯޑިއޯ ލަވައެއް ރިލީޒް ކޮށްލަން؟
މުނިއަވަސް: އާން ތީ ސަޅި ކަމެއް.
ޝަޒާން: އެއީ މަޝްހޫރުވެގެން ދިޔަ ލަވައެއް ކަމަށްވާ ‘އެ ހޯދި އުފާތަކާ’ ގެ ރީމޭކެއް. މި ލަވައިގެ ވީޑިއޯ ވެސް ވަރަށް އަވަހަށް ބެލުންތެރިންނަށް ފެނިގެންދާނެ. އެއީ އަހަރެން ގެ ކޮންމެ ލަވައެއްވެސް ނެރޭނީ އެ ވީޑިއޯ ގައި އަހަރެން ޕާފޯމް ކޮށްފަ.
ޝަޒާން ގެ ދެވަނަ ލަވަ ރިލީޒް ކުރުމުގެ ފުރުޞަތު ޝަޒާން މިވަނީ މި މުނިއަވަސް އަށް ދީފަ އެވެ. ޝަޒާން ބޭނުންވަނީ ޝަޒާން ގެ ފޭނުންނަށް މި އާޓިކަލް މެދުވެރިކޮށް ސަޕްޒައިޒެއް ދޭށެވެ. މިހާރު އަންނަނީ ލަވައިގެ ވީޑިއޯ ތައްޔާރުކުރުމުގެ މަސައްކަތް ފަށާފައެވެ. އެގޮތުން ޕްރީ ޕްރޮޑަކްޝަން ގެ މަސައްކަތްތައް މިހާރު ވަނީ ފަށާފައެވެ.
ޝަޒާން ގެ ހުނަރު ތަކުގެ ވާހަކަ ދައްކައި ކޮޅުންލާކަށް ނެތެވެ. އެނގޭހެއްޔެ؟ ޝަޒާން އަކީ ކުރެހުމަށް ލޯބިކުރާ ކުރެހުންތެރިއެކެވެ. އެހެން ނަމަވެސް ކުރެހުމަށް އެހާ ވަގުތު ނުދެވޭ ކަމަށް ޝަޒާން ބުންޏެވެ. އެކަމަކު ޝަޒާން ހިއްސާކޮށްލި ކުރެހުން ތަކުން އޭނާގެ ކުރެހުމުގެ ހުނަރު ކިތައްމެ ރަނގަޅަކަށްވެސް އެނގިގެން ދިޔައެވެ.
މުނިއަވަސް: ހަމައެކަނި ފަންސުރުން ސްކެޗްތަ ހަދަނީ؟ ނޫނީ ކުލަކޮށްވެސް ކުރަހަންތަ؟
ޝަޒާން: ކުލަ ޖައްސައިގެން ކުރަހަން އަދި އަލަށްވެސް މަސައްކަތް ނުކުރަން. އަހަންނަށް ސްކެޗް ކަމުދަނީ ސްކެޗެއް ހަދާލަން މާގިނަ ވަގުތެއް ނުދާނެ.
މުނިއަވަސް: އޯކޭ. ދެން ހިނގާދޯ ތަޢުލީމާއި ގުޅޭގޮތުން ވާހަކަދައްކާލަން؟ ސްކޫލް ދައުރުގައި ކިޔެވުމަށް ކޮންކަހަލަ ކުއްޖެއް ތީ؟
ޝަޒާން: އަހަރެން އޯލެވެލް އާއި ހަމައަށް ކިޔެވީ. ބުނެވިދާނެ މަށަކީ އެވަރެޖް ސްޓޫޑެންޓެކޭ. އެކަމަކުވެސް އަބަދުވެސް މިއުޒިކަށް ވަރަށް ބޮޑަށް ޝައުގުވެރިކަން ހުރޭ.
މަޖީދިއްޔާގައި އަހަރެން އުޅުނު އިރު އަހަންނަކީ ކޮންމެ އިވެންޓެއްގަހެން ލީޑްކުރި މީހެއް.
މުނިއަވަސް: މަތީ ތަޢުލީމަށް ދާން ޝައުގުވެރިކަން އެއްވެސް ވަރަކަށް ހުރޭތަ؟
ޝަޒާން: މަތީ ތަޢުލީމަށް ދާން އިންޓަރެސްޓް ހުރޭ. އެކަމަކު އަދި އެކަމުގެ ވަގުތު ނާންނަނީ.
މުނިއަވަސް: ކޮން ދާއިރާ އަކުން؟
ޝަޒާން: ބިޒްނަސް މެނޭޖްމެންޓް ނުވަތަ ސޭލްސް އެންޑް މާކެޓިން އިން. އިންޝާﷲ، ލައިފްގަ ކަންތައްތައް ހަމައަކަށް އެޅުނީމަ ކިޔެވުމައިގެން އަހަރެން ކުރިއަށް ދާނަން.
މުނިއަވަސް: ކައިވެންޏަކާއި ހަމައަށް ދިއުމަށް ޝަޒާން ގެ ނަޒަރުގައި އެއްމެ އެކަށޭނަ އުމުރަކީ ކޮބާ؟
ޝަޒާން: މަށަށް ހީވަނީ ފިރިހެން ކުދިންނަށް 29 ނުވަތަ 30 އަހަރަކީ ކައިވެނި ކުރަން އެއްމެ އެކަށޭނަ އުމުރު ކަމަށް. އޭގެ ކުރިން އެއީ ދިރިއުޅުމުގެ އެކިއެކި މަރުހަލާތައް ދަސްކުރަން އޮންނަ ދުވަސްތައް. އެހެންވީމަ އަހަރެން އެހާ އަވަހަށް ރިލޭޝަންސިޕަކަށް ދާނެހެނެއް ހިއެއް ނުވޭ. އެކަމަކު ރަނގަޅު ވަގުތު ޖެހުނީމަ ކައިވެނިވެސް ކުރާނަން. އަދި މިއުޅެނީ އެއްމެ ރަނގަޅު ކުއްޖެއް ނުފެނިގެން.
މުނިއަވަސް: އޯކޭ. ނިންމާލަމުން ފާހަގަކޮށްލަން ބޭނުންވާ ކަމެއް އެބައޮތްތަ؟
ޝަޒާން: އަހަރެން ގެ އާ އޯޑިއޯ އާއި ބެހޭގޮތުން. މި އިންޓަރވިއުގައި ރިލީޒް މިކޮށްލާ ލަވައަކީ މުޚްތާރު ކިޔާފައިވާ އެހޯދި އުފާތަކާ ގެ ރިމޭކެއް. މި ލަވަ އިންނާނީ މިހާރުގެ ޖެނެރޭޝަން އަށް ކަމުދަނެހެން ޓެކްނޯ ސްޓައިލްގަ. ދެން އަހަރެން ދޭން ބޭނުންވާ މެސެޖަކީ އަހަރެން އޯޑިއަންސަށް ދައްކާ ކޮންމެ އެއްޗެއްގަ އޯޑިއަންސަށް ކަމުދާނެފަދަ އެއްޗެއް ގެނެސްދޭން މަށަށް ކުރެވުނު އެއްމެ ބޮޑަކަށް މަސައްކަތް ކުރާނަމޭ. އާޓިސްޓެއްގެ ގޮތުގައި އަހަރެން މިކުރާ މަސައްކަތްތައް އަހަރެން އެންޖޯއީ ކުރަން. އުއްމީދަކީ ބެލުންތެރިންނަށްވެސް ކަމުދިޔުން.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!