ބޮލުގައި ރިއްސާވަރުން ހީވަނީ ބޯ ފަޅައިގެން ގޮސްދާނެހެނެވެ. ބޭސް ގުޅައެއް ކާލާނަމޭ ހިތާ އެނދުން ތެދުވި ގަޑީގައި ކޮޓަރީގެ ދޮރުގައި މީހަކު ޓަކި ޖަހާ އަޑުއިވުނެވެ. އަވަސް އަވަހަށް ދޮރުހުޅުވާލިއެވެ.
“ސަނާ” ޒީކް ދިޔައީ ސިއްސައިގެންނެވެ. ކުއްލިއަކަށް ސަނާ އައުމުންނެވެ. އެހެން ނޫނީ މިކަހަލަ ގަޑިއެއްގައި ސަނާ އަންނަނަމަ ގުޅާނެއެވެ. ނޫނީ މެސެޖެއް ވިއަސް ކޮށްލާނެއެވެ.
“ހާދަ ނުވަގުތެއްގަ؟ ކަމަކުތަ؟” ޒީކް އަހާލިއެވެ. އަންގާވެސް ނުލާއައީމައެވެ.
“ނޫނޭ އޮފީސް ނިންމާފަ ދަމުން ހިތަށްއެރީ ޒީކް ކޮބައިތޯ ބަލާލަން ވަދެލާނަމޭ. ބަލީތަ؟” ޒީކްގެ މޫނު ހުރިގޮތް ފެނުމާއިއެކު ސަނާ އަހާލިއެވެ. ސަނާ އަކީ ޒީކްގެ މަންމަ ފަރާތުން ޒީކްގެ ކަސިންއެކެވެ. އެކު އެކީގައި އުޅެ ބޮޑުވުމުން މިހާރު ސަނާ އަކީ ކަސިންއަކަށްވުރެ ގާތްކޮށް ދެކޭ ކުއްޖެކެވެ. ޒީކްއާއި އަޅައި ބަލާއިރު ސަނާ އަކީ ތަފާތު މިޒާޖެއްގެ ކުއްޖެކެވެ. މުއްސަނދި ދިރިއުޅުމަށް ލޯބިކުރާ، މީހުންނާއި މެދު އަވަހަށް ޖަޖްކުރާ މީހެކެވެ.
“ބަލީކީ ނޫން. ބޮލުގަ ރިއްސާތީ ބޭސްގުޅައެއް ކާލައިގެން ނިދާލަން ކަމަށް މިއުޅެނީ.” ޒީކް ބުނެލިއެވެ.
“އަސްލު ކުޑަ ކަމަކު މި އައީ ހިނގާބަލަ މިރޭ މަށާއެއްކޮށް ކާރުގަ ޝޮޕިންގ އަށް ނިކުމެލަން! ވާނެތަ؟” ސަނާ އެދުނީ ޒީކް އާއިއެކު ބޭރަށް ނިކުމެލާށެވެ. ޒީކްގެ ކާރުގައެވެ.
“އެންމެ ރަނގަޅު، ގުޅާބަލަ.” ޒީކް ދިނީ ކުރުޖަވާބެކެވެ. ބޭނުންވަނީ ސަނާ އަވަހަށް ފޮނުވާލުމެވެ. ސަނާގެ އުޅުން ހުންނަނީ ޒީކް ހިތްހަމަ ޖެހޭ ގޮތަކަށް ނޫންވީމައެވެ. މުއްސަނދިވުމަކީ އެހެން މީހުންގެ އިހްސާސްތަކުކައި ކޮޅުފައިންޖަހާ އެހެން މީހުނަށް ދޭންޖެހޭ ގަދަރާއި އިޙްތިރާމް ކުޑަކުރަންޖެހޭކަމެއް ނޫނެވެ. ސަނާއަކީ އެކަހަލަ މިޒާޖެއްގެ މީހެކެވެ. ސަނާ ބޭނުން ގޮތަށް ކަންތައް ވަންޏާ އެނިމުނީއެވެ.
ހާވިލްއަށް ގެއަށް ނުވަދެވެނީސް ބޮޑުދައިތަ އާއި ދިމާވިއެވެ. އޮފީސް ކިހިނެއްތޯ އާއި އޮފީހާއި ދޭތެރޭ ހިތްހަމަޖެހޭތޯ ސުވާލުކޮށްލިއެވެ. އެއަށްފަހު ބޭބެގެ ދަބަސް ހިފައިގެން އެތެރެއަށް ވަނެވެ. ހާވިލްވެސް ފަހަތުންވަނެވެ.
“ދަރިފުޅު ކައިފިންތަ؟” ބޮޑުދައިތަ ހާވިލްކުރެން އަހާލިއެވެ.
“އޮފީސް ކުދިން ގެ ދައުވަތަކަށް އެކުދިންނާއެކު ގޮސް ކައިގެން މިއައީ.” ހާވިލްގެ ޖަވާބު ތަފްސީލްކޮށްލިއެވެ.
ކޮޓަރިއަށް ވަދެ ފެންވަރާލައިގެން ހާވިލް އެނދުގައި އޮށޯވެލިއެވެ.
“ދަރިފުޅާ ތެދުވެބަލަ ސުކޫލަށް ދާން، މިހާރު އެއަށް ގަޑިޖެހެނީ!” ހާވިލް އޮތީ އެނދުގައެވެ.
“ސުކޫލަށް ދާންޖެހޭނެ. ކިޔަވާ މޮޅު ކުއްޖަކަށް ވީމަ ދަރިފުޅަށްވެސް މަންމައަށްވެސް ރަނގަޅުވާނީ.” މަންމަ ގޮވާލުމާއެކު ހާވިލް ތެދުވިއެވެ. ގިފިއްޔައްވަދެ ކުޑަކޮށް މޫނުދޮވެލިއެވެ. ވިއްސާރަދުވަހެކެވެ. ފަތިހު އައި ކޮޅިގަނޑުގެ ސަބަބުން ވަރަށް ބާރަށް ވައި ޖެހެމުންދެއެވެ. އެހެންކަމުން ހާވިލް އެއްގޮތަކަށްވެސް ފެންވަރާހިތެއް ނެތެވެ. ޖެހެމުންއައި ގަދަ ވައިގެ ސަބަބުން ގިފިލި ތެރޭގައި ހެދިފައިހުރި ކެޔޮގަސްތައްވެސް ހީވަނީ ދެންމެ ދެންމެ ވެއްޓިދާނެހެނެވެ. ހާވިލް އަވަސްކޮށްލައިގެން ގިފިލިން ނިކުތެވެ. ގޭތެރޭގައި ލަކުޑިން ހަދާފައިހުރި ކުޑަ ހަރުގަނޑެއްގެ މަތީގައި ތެޔޮފުޅި އާއި ފުށްދަޅު ހުރިއެވެ. ފާރުގައި އެލުވާލާފައި އޮތް ލޯގަނޑުގެ ކުރިމަތީގައި ހުރެ ބޮލުގައި ތެޔޮލާ ފުނާ އަޅާލިއެވެ. ފުށްދަޅު ނަގައިގެން ފުށްމާ މޫނުގައި ހާކާލިއެވެ.
“އަސްތާ މަގޭ ދަރިފުޅު ހާދަ ރީއްޗޭދޯ.” ހާވިލްގެ މަންމަ އައިސް ހާވިލް ގައިގާ ބައްދާލަމުން ބުންޏެވެ. ހާވިލްވެސް މަންމަގައިގާ ބައްދާލިއެވެ.
ކުއްލިއަކަށް ހާވިލް އަށް ހޭލެވުނެވެ. މުޅި ކޮޓަރި އޮތީ އަނދިރިވެފައެވެ. ހާވިލްއަށް ވަށައިގެން ބަލާލެވުނެވެ. އަވަސް އަވަހާ ކޮޓަރީގެ ލައިޓް ޖައްސާލިއެވެ. ހާވިލްއަށް ފެނުނީ ހުވަފެނެކެވެ. ނަމަވެސް އެއީ ހަގީގަތެވެ. ކުޑައިރުގެ ހަނދާންތަކެވެ. ހާވިލްގެ މަންމައާއި ބައްޕަގެ ހަނދާންތައް އަބަދުވެސް ހާވިލްގެ ހިތުގައި ހިނގަ ހިނގާހުރެއެވެ. ކުރިމަތިން ފެންނަ މަންޒަރެއް ފަދައިންނެވެ. އެ ދެމީހުންދެކެ ހާވިލް ލޯބިވާވަރު ދުލަކުން އަދި ގަލަމަކުންވެސް ބަޔާން ނުކުރެވޭނެއެވެ.
ކޮޓަރީގެ ފާރުގައި ހުރި ގަޑިއަށް ހާވިލް ބަލާލިއެވެ. ހަވީރު ފަސްގަޑި ބައިވީއެވެ. އަސްރު ނަމާދު ނުކޮށް ހުރުމާއެކު ހާވިލް އަވަސްވެގަތީ އަސްރުނަމާދުކުރުމަށެވެ.
“ހާދަ ލަހޭދޯ މިހާރުއެއައް ނުވައެއް ޖަހަނީ، ދެތިން ފިހާރައަކަށް ވަދެވޭނީވެސް އަވަހަށް ދިޔައިމައެންނު!” ޑްރެސިންގ ޓޭބަލްކައިރީގައި ހުރެ ނަލަހެދެމުންދިޔަ ޒީކްއާއި ދިމާލަށް ސަނާގެ ޝަކުވާތައް ބަންޑުންކޮށްލިއެވެ.
“މި ނިމެނީއޭ، ހަމަޖެހިބަލަ ހާދަ ކެތްތެރިކަމެއްވެސް ނެތޭދޯ!” ޒީކް ވަގުތުގެ ބޭނުން ހިފައި ސަނާ އާއި ދިމާއަށް ބަހެއް ފޮނުވާލިއެވެ. ހަގީގަތުގައިވެސް ސަނާއަކީ ކެތްތެރިކަންކުޑަ މީހެއްކަން އެންމެ ރަނގަޅަށް އެނގޭ އެކަކީ ޒީކްއެވެ. ސަނާގެ ކަމެއް ވެއްޖިއްޔާ އެހެން މީހުންގެ ފުރާނަދުއްވައިގެން ވިޔަސް އެކަމެއް ކޮށްދޭން ޖެހެއެވެ. ނަމަވެސް އެހެން މީހެއްގެ ކަމެއް ވެއްޖިއްޔާ ސަނާއަށް އެކަމެއް ވާނީ ސަނާ ހިތަށް އެރި އިރަކުންނެވެ. މިކަހަލަ އެތަކެއް ހިޔާލުތަކެއް ޒީކްގެ ހިތުތެރޭގައި އެނބުރެމުންދެއެވެ.
“ހިނގާބަލަ ދެން، މި ނިމުނީ.” ގޮނޑިން ތެދުވަމުން ޒީކް ހިނގައިގަތެވެ. ކާރަށް އަރާ ދުއްވާލުމާއިއެކު ދާންވީ ފިހާރަ ސަނާ ބުނެލިއެވެ.
އެއްފިހާރައިން އަނެއް ފިހާރައަށް ވަންނަމުންގޮސް ފިހާރަތައް ލައްޕާގަޑި ޖެހުުނުއިރުވެސް ސަނާ ބޭނުން ހުރިހާއެއްޗެހި ނުގަނެވެއެވެ.
“މިހާރު އެއައް އެގާރަ ޖެހީ، ދެން ހިނގާ ގެއަށް ދާން.” ޒީކް ބޭނުންވީ ގެއަށް ދާށެވެ. ލަހުން ނިދައިފިއްޔާ އޮފީހަށް ދާން ތެދުވަން އުނދަގޫ ވާނެތީއެވެ.
“ކައިގެން ދޯ ދާނީ، ޒީކް ބަނޑުހައެއް ނުވޭތަ؟” ސަނާ ބޭނުންވީ ރެސްޓޯރަންޓަކަށް ވަދެ ކައިގެން ދާށެވެ. ޒީކް ފުންނޭވާއެއް ލިއެވެ. ޔަގީނުންވެސް ސަނާ ކުރު ނުކުރާނެކަން އެނގޭތީއެވެ.
“އެހެންވެއްޖިއްޔާ ހިނގާ ދެން ކައިގެން އަވަހަށް ދާން ޒީކްއަށް އެބަލަސްވޭ!” ޒީކް އެއްބަސްވިއެވެ. އެންމެ ކައިރީގައި ހުރި ރެސްޓޯރަންޓަށް ވަދެ ކާއެއްޗިއްސަށް އޯޑަރު ދިނެވެ. މޭޒު މަތީގައި ފޯނު ބާއްވާލައިގެން ގެއަށް ދެވޭނެ ވަގުތެއްގެ އިންތިޒާރުގައި އިން ޒީކް ސިއްސުވާލީ ފޯނު ރިންގުވާން ފެށުމުންނެވެ.
ނުނިމޭ
ލިޔުންތެރިޔާގެ ފުރަމަލަ
- ދީނީ އަދި އިޖުތިމާޢީ ރޮނގުން ގަލަން ހިނގައިލުމުގެ އިތުރުން ވާހަކަ ލިޔުމަކީވެސް ޔޫސުފުގެ ހުނަރެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 18 މެއި 2021ވާހަކަސިހުރު – ކުރު ވާހަކަ
- 25 ޖޫން 2020ޚަބަރުހާވިލް – ހަވަނަ ބައި
- 17 ޖޫން 2020ވާހަކަހާވިލް – ފަސްވަނަ ބައި
- 11 ޖޫން 2020ވާހަކަހާވިލް – ހަތަރުވަނަ ބައި