ޅ. ނައިފަރަށް އުފަން އާމިނަތު ދީމާ އެންމެ ފުރަތަމަ އިންސްޓަގްރާމްއަށް ކާތަކެތީގެ ފޮޓޮއެއް ލީ ރައްޓެހިންނާއި އާއިލާ މީހުން ދަހިކޮށްލުމުގެ ނިޔަތުގައެވެ. އޭނާގެ މަޤުސަދު ކިތަންމެ ރަނގަޅަކަށްވެސް ހާސިލުވެއްޖެއެވެ. ދަހިވީ ހަމައެކަނި ރައްޓެހިންނާއި އާއިލާ މީހުންނެއް ނޫނެވެ. ދީމާގެ އިންސްޓަގްރާމް ފޮލޯވާރސްވެސް އޭނާ މި އަޕްލޯޑްކުރާ ފޮޓޯތަކުން ތިބީ ދަހިވެފައެވެ. ރެސްޓޯރެންޓަކަށް ކާން ދިޔަނަމަވެސް އަދި ގޭގައި ތައްޔާރުކުރާ ކާތަކެތިވެސް ކެއުމުގެ ކުރިން އިންސްޓަ ކުރުމަކީ އޭނާ ނުހަނު ލޯބިކުރާ ކަމެކެވެ. “ކެއުމަށް ހުންނަ ޝައުޤުވެރިކަމެއްގެ ސަބަބުން ފެއްޓުނުކަމެއް އަސްލު މީ.” ދީމާ ބުންޏެވެ.

“ވަަރަށް ގިނައިން މީހުން އެދޭ ކާތަކެތި ތައްޔާރުކޮށްދޭން.. އެކަމަކު އަދި އެގޮތަށް އޯޑަރަށް ކާތަކެތި ތައްޔާރެއް ނުކޮށްދެން.. ނަމަވެސް އާއިލާ މީހުން ބުނީމަ ކޭކް އެއްޗިސް އަޅައިދެން..” އޭނާ ބުންޏެވެ. މީހުން ޝައުޤުވެރިވާ ގޮތަށް ކާތަކެތީގެ ފޮޓޯ ނެގުމަކީވެސް ދީމާއަށް ލިބިފައިވާ ހުނަރެކެވެ. އަދި އިންސްޓަގްރާމަށް އޭނާ ލާފައިވާ ހުރިހާ ފޮޓޮއަކީވެސް އަމިއްލައަށް ފޯނުން ނަގާފައިވާ ފޮޓޯތަކެއް ކަމަށް ދީމާ ބުނެއެވެ.

ކުރިން އިންސްޓަ ކުރަނީ ރެސްޓޯރެންޓްތަކަށް ކާން ގޮސްފަ ނަގާ ފޮޓޯ ކަމުގައިވިޔަސް މިހާރު ލަނީ އަމިއްލައަށް ކާތަކެތި ތައްޔާރުކޮށްގެންނެވެ. ކޮންމެ ދުވަހަކުވެސް ކޮންމެވެސް ކާއެއްޗެއް ތައްޔާރުކޮށް ދީމާ އިންސްޓަ ކުރެއެވެ. “ބައެއް ރެސިޕީތަކަކީ އަމިއްލަ ރެސިޕީ.. ޔޫޓިއުބުންވެސް ހުންނާނެ ރެސިޕީ ނަގާފަ އަދި މަންމަގެ ރެސިޕީތައްވެސް ހުންނާނެ..” ދީމާ ބުންޏެވެ. ފޮޓޯ ލުމުން މީހުން ރެސިޕީ ހޯދަން އެދޭތީ މިހާރު އިންސްޓަ ކުރަނީ ރެސިޕީވެސް ހިމަނައިގެންނެެވެ.

ފޮޓޯ: ދީމާ އިންސްޓަގްރާމް

ކޮންމެ ދުވަހަކުހެން އަޕްލޯޑްކުރާ މި ފޮޓޯއަށްޓަކައި ދީމާ ގިނަ ވަގުތު ހޭދަކުރެއެވެ. އެގޮތުން ޗީޒްކޭކް ކަހަލަ އެއްޗެއް ތައްޔާރުކުރާނަމަ 8 ގަޑިއިރާއި 12 ގަޑިއިރާއި ދެމެދުގެ ވަގުތެއް ހޭދަކުރަންޖެހެއެވެ. މިހާގިނަ ވަގުތެއް މިކަމަށް ހޭދަކުރަނީ ކެއުމަށާއި ކެއްކުމަށް ހުންނަ ޝައުޤުވެރިކަމެއްގެ ސަބަބުން ކަމަށް ދީމާ ބުންޏެވެ. “ގޭތެރެއިންވެސް އެންމެ ޕޮޒިޓިވް ކޮމެންޓްސް ލިބެނީ ފޮނި ކާތަކެއްޗަށް. އެންމެ މީރުކޮން ތައްޔާރުކުރެވެނީ ފޮނި އެއްޗިސް..” އޭނާ ބުންޏެވެ. އަދި ދީމާއަށް އެންމެ މީރީ ފޮނި ކާތަކެއްޗެވެ. “ވަރަށް މީރު ޗިކަން ޑިޝަސް.. އެކަމް ކުޅި އެއްޗަކާ ފޮނި އެއްޗަކާ ދޭތެރެއިން ހަމަ އެންމެ ކަމުދަނީ ފޮނި އެއްޗިސް..”

މިހާރު އަދި ވިޔަފާރިއެއްގެ ގޮތުގައި މި މަސަައްކަތް ނުކުރި ނަމަވެސް ކުރިމަގުގައި ވިޔަފާރިއެއް ގޮތަށް މި މަސައްކަތް ކުރުމަކީ ދީމާގެ ޕްލޭންއެކެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ފާޠިމަތު ޒުހުދާ (ޒުހޫ)
ފާޠިމަތު ޒުހުދާ (ޒުހޫ)
އަލިއަޅުވައިލަން ޖެހިފައިވާ މުހިންމު މައްސަލަތަކާއި ހާދިސާތަކަށް ވާހަކައާއި ރިޕޯޓް ލިޔުމަކީ ޒުހުދާގެ ޚާއްޞަ ދާއިރާއެކެވެ.