ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވި އިތުރު 85 މީހުންނަށް ޝިފާ ލިބި، އެބަލިން ރަނގަޅުވި މީހުންގެ އަދަދު 1010 އަށް އަރައިފި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނެފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން ދާދިދެންމެއަކު، ކުރި ޓްވީޓެއްގައި ބުނެފައިވާ ގޮތުގައި މިހާތަނަށް 1010 މީހުންނަށް ވަނީ ކޮވިޑް-19 އިން ޝިފާ ލިބިފައެވެ. އިއްޔެއާއި ހަމައަށް ކޮވިޑް-19 އިން ރަނގަޅުވެފައި ވަނީ 925 މީހެއް ކަން ފާހަގަކޮށްލެވެއެވެ.

ކޮވިޑް-19 އަށް ރާއްޖެއިން މިހާތަނަށް ފައްސިވި މީހުންގެ އަދަދު ވަނީ 1942 އަށް އަރާފައެވެ. އޭގެތެރޭގައި ހިމެނެނީ ރާއްޖޭގެ 665 މީހުންނާއި، ބަންގްލަދޭޝްގެ 1034 މީހުންނާއި، އިންޑިއާގެ 190 މީހުންނާއި، ނޭޕާލްގެ 24 މީހުންނާއި، އިޓަލީގެ 11 މީހުންނާއި، ސްރީލަންކާގެ 10 މީހުންނާއި، ޕާކިސްތާނުގެ 3 މީހުންނާއި އަދި އެހެން ގައުމުތަކަށް ނިސްބަތްވާ 5 މީހުންްނެވެ.

ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން، 8 މީހަކު ވަނީ ނިޔާވެފައެވެ. ކަރަންޓީނުގައި 532 މީހުން ތިބިއިރު، އައިސޮލޭޝަން ގައި 939 މީހުން މިވަގުތާ ހަމައަށް އެބަތިބި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ޑޭޝްބޯޑުގެ އެންމެ ފަހުގެ ހިސާބުތަކުން ދައްކައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝާމިން
އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.