ކޮވިޑް-19 އާއި ގުޅިގެން މެދުކަނޑާލި 2022 ވަނަ އަހަރުގެ ފީފާ ވަރލްޑް ކަޕާއި، 2023 އަހަރުގެ އޭޝިއަން ކަޕް ކޮލިފައިންގެ މެޗުތައް އަންނަ އޮކްޓޫބަރު މަހު ފަށަން އޭއެފްސީން ނިންމާފައިވާއިރު، ފަރިތަކުރުންތައް ފެށުމަށްޓަކައި ދިވެހިރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު އެކުލަވާލައިފިއެވެ.

މިނޫހަށް މަޢުލޫމާތު ލިބިފައިވާގޮތުގައި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މިފަހަރު އެކުލަވާލާފައި ވަނީ 25 ކުޅުންތެރިންގެ ސްކޮޑެކެވެ. ސްކޮޑަށް ނެގި ކުޅުންތެރިންގެ ލިސްޓާއި، ބާކީ ކުރި ކުޅުންތެރިންގެ ލިސްޓު ވެސް މި ނޫހަށް ލިބިފައިވާއިރު، ކަކުލަށް ލިބުނު އަނިޔާގެ ސަބަބުން މިދިޔަ މާރިޗު މަހުގެ ތެރޭގައި އޮޕަރޭޝަނެއް ކޮށްފައިވާ މާޒިޔާގެ ހުނަރުވެރި ފޯވާޑު އަސަދުﷲ އަބްދުﷲ އާއި، އެޓީމުގެ ޒުވާން ހުނަރުވެރި ފޯވާޑު ހަސަން ނާއިޒު (ދާދު) ވަނީ ސްކޮޑުން ބާކީ ކޮށްފައެވެ.

ސްކޮޑުން ބާކީ ކުރި އެހެން ކުޅުންތެރިންނަކީ ޓީސީގެ އިޝާން އިބްރާހިމް (ސައްޓު) އާއި، އާދަމް އިމްއާން އާއި، މާޒިޔާގެ މުޖުތާޒު މުހައްމަދު (މުޖޭ) އާއި، ގްރީން ސްޓްރީޓް ގެ މުހައްމަދު ސާއިފާއި، އީގަލްސް ގެ ހައިޝަމް ހަސަނާއި، ދަ ގްރާންޑޭ ގެ އަހްނަޕް ރަޝީދާއި، ފޯކައިދޫގެ ހަސަން ތޮލާލް (ޓޮޕްލަކް) އެވެ.

ރާއްޖޭގެ ގައުމީ ޓީމު ކޮލިފައިންގައި ދެން ބައްދަލުކުރަން ޖެހޭ މެޗު އޮންނާނީ އޮކްޓޫބަރު އަށް ވަނަ ދުވަހު ރަށުން ބޭރުގައި ޗައިނާއާ ދެކޮޅަށެވެ. މި މެޗު ކުޅެން ކުރިން ތާވަލުކޮށްފައި އޮތީ މާރިޗު 26 ވަނަ ދުވަހުގައެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ސަރުކާރުން ގައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް ދެމުން ގެންދާ އެލަވަންސް ލިބޭނީ އަލަށް ނެގި ސްކޮޑުގައި ހިމެނޭ ކުޅުންތެރިންނަށެވެ.

ގައުމީ ޓީމަށް ނެގި 25 ކުޅުންތެރިންގެ ސްކޮޑު:

މާޒިޔާ:

ސަމޫހު އަލީ (ސަމުއްޓެ)
މުހައްމަދު އިރުފާން (އިރޭ)
އިބްރާހިމް މަހުދީ ހަސަން (ފޭދޫ އިއްބެ)
އައިޝަމް އިބްރާހިމް
ހަމްޒާ މުހައްމަދު (ހަމްޕު)
ހުސެއިން ޝަރީފު
އާދަމް ނިޒާން
ހުސެއިން ނިހާން

ޓީސީ:

އަލީ އަޝްފާގް (ދަނގަނޑޭ)
އަކްރަމް އަބްދުލްޣަނީ (އަކޫ)
އަހުމަދު ރިލްވާން (ރިލޭ)
އިސްމާއީލް އީސަ
އަލީ ޝާމިސް

އީގަލްސް:
އަހުމަދު ނޫމާން (ހެލްމެޓް)
އިމްރާން ނަޝީދު
އަހުމަދު ރިޒުވާން (ރިޒޭ)
ހަސަން ރާއިފް އަހުމަދު (ހަންނަ)
ހުސެއިން ސިފާއު ޔޫސުފް
އަލީ ފާސިރު (ސެންޓޭ)
ހަސަން ނަޒީމް (ޗޯޓޭ)

ގްރީން ސްޓްރީޓް:
މުހައްމަދު އާރިފް (ބަކާ)
އަބްދުﷲ ޔާމީން
މުހައްމަދު އުމެއިރު
އިސްމާއިލް ޝަފީއު

ދަ ގްރާންޑޭ:
މުހައްމަދު ފައިސަލް

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝާމިން
އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.