ދީމާ އޮތީ ހިތްހަމަ ޖެހިފައެވެ. ތުންފަތަށް ވެރިވެފައިވާ ހިތްގައިމު ހިނިތުންވުމުން އެކަން ވަރަށް ރަނގަޅަށް ދޭހަވެއެވެ.
“ޔުނާންއަށް އެނގިއްޖެއްޔާ އޯ.” ދީމާ މޯޅިއަކަށް ދެމިލަމުން އެއްވެސް ފޭރާމެއް ނެތް އޭނާގެ ހަށިގަނޑުގައި ބެޑްޝީޓް އޮޅާލިއެވެ.
ލާނެތްފާނޑަކަށް ހެވިފައި ދީމާގެ މޫނަށް ބަލަން އޮތީ ދެވަނަ ދެ މީހެއްނޫނެވެ. ޔުނާންގެ ގާތް އެކުވެރިޔާ ސާހިލްއެވެ.
“މިހާރު އަހަރެއްވެއްޖެއެއްނު މިކަމަށް. އަހަރެމެން އުޅޭގޮތަކުން އެކަކަށްވެސް ނޭނގެއެއްނު. އަނެއްކާ ކާކު ހީކުރާނީ މަންމައަކާއި ދަރިއަކާއި މިހެން އުޅޭނޭ.” ސާހިލްގެ ހިތުގައިވާ ޔަޤީންކަން އޭނާ ދީމާ އާ ހިއްސާކޮށްލިއެވެ.

“ފްރީއެއް ނުވާނޭ ކިޔާފައި ކިހިނެއްވީ ކުއްލިއަކަށް ތިހާ ޓައިމް ލިބުނީ.” ސާހިލް ދީމާގެ އިސްތަށިކޮޅުގައި ފިރުމާލިއެވެ.
“ފިރިމަނިކުފާނު ޑޮކްޓަރަށް ދައްކަން ދިޔައިރު އެޕޮއިންޓްމަންޓް ކެންސަލްވެފަ އިނީ. އެހެންވެ އޭނަ އޮފީހަށް ދިޔައީ. އެހެންނޫނަސް ތި އުފާ މަށަށް ވަރަށް މުހިއްމޭ.” ދީމާ ގައިމަތީގައި އޮތް ރަޖާގަނޑު ނަގާ ހޫރާލަމުން ސާހިލްއާ ދިމާއަށް އަތް ފުޅާ ކޮށްލިއެވެ.

ޔުނާންގެ ސައިކަލް ފަހަތުގައި އިން އިޝާ ވިސްނަމުން އެދަނީ ޔުނާންގެ ހިތުން ޖާގައެއް ހޯދާނެ ގޮތަކާއި ދޭތެރޭގައެވެ. ޔުނާންއާ މިހާރު ކައިވެނި ނުކުރެވިއްޖެއްޔާ އިޝާގެ މުޅި ދިރިއުޅުން ހަލާކުވާނެކަން އިޝާއަށް ޔަޤީނެވެ.
“ނުފައިބަންތަ ތި އިންނަނީ.” ގޭގެ ދޮރުމައްޗަށް ޔުނާން އައިސް ސައިކަލް މަޑުކޮށްލިކަންވެސް އިޝާއަށް ރޭކާނުލިއެވެ. ޚިޔާލީ ކޯރެއްގައި ފަތަމުން ދެވުނީއެވެ.
“ޔުނާން. މަށަށް މާފްކޮށްފާނަންތަ؟” އިޝާގެ އަޑުގައިވަނީ ބަޔާން ނުކުރެވޭ ފަދަ ރިހުމެކެވެ.
“ކޮންކަމަކަށް.” ޔުނާން ވީ ހައިރާނެވެ. އިޝާ ކުރި ކަމެއް ޚުދު ޔުނާާން ވެސް ނުދެނެހުއްޓެވެ. އަދި އެހާ ގޮތުގައި ހުންނަ މީހެއް އެހެން މީހުން ކުރިމަތީގައި އިސްޖަހައިގެން ހުރީމައެވެ.
“ޖަސްޓް ފޯ އެވްރީތިން. ޔުނާން ހިތްހަމަ ނުޖެހޭގޮތަށް ކަމެއް ކުރެވިފައިވާނަމަ.”. އިޝާގެ ފުން ދެލޯ ހުއްޓިފައި ހުރީ ސީދާ ޔުނާންގެ ރީތި ދެލޮލަށެވެ.
“މިރޭ ހަމަތަ އަނެއްކާ؟” ޔުނާންގެ މަލާމާތުގެ ރާގުން އިޝާ ފެންކަޅިވިއެވެ.
އެއްވެސް އެއްޗެއް ނުބުނެ އިޝާ އަތުގައި ހުރި ކޮތަޅުތައް ހިފައިގެން ގެޔާއި ދިމާއަށް މިސްރާބު ޖެހިއެވެ. ޔުނާން އަޅާނުލިތާ ބަލާވެސް ނުލިއެވެ.

ހިތް ފުރޭ ވަރަށް ހިތް އުފާ ކުރުމަށްފަހު ދީމާ އަށް ގެޔަށް އާދެވުނުއިރު އެރޭގެ ބާރަ ޖަހަނީއެވެ. ދީމާ އެހާ ލަހުން އެއައީ ޔާސިރު ގޭގައި ނޫޅޭނެކަން އަދި ގެޔަށް އަވަހަށް ނާންނާނެކަން ޔަޤީންވާތީއެވެ. ދީމާ އަކީ ކިހާ މަކަރުވެރި އަންހެނެއް ހެއްޔެވެ؟ ފިރިމީހާ އާއި އެކީ އުޅޭއިރު ހީވަނީ ތެދުވެރި ލޯބީގެ މިސާލެއް ހެންނެވެ. އުމުރުން ސާޅީސް އަހަރުވީ ނަމަވެސް ހިތް އަދިވެސް ޒުވާނީ ކަމަށްވެސް ވެދާނެއެވެ. ދީމާއަށް ނުވިސްނޭ ކަމަކީ އެއްވެސް މީހެއް އެދުމެއް ނެތި ވެދުމެއް ނުކުރާނެކަމެވެ.
“ދައްތާ؟” އިޝާގެ އަޑުން ކޮޓަރިއަށް ވަންނަމުން ދިޔަ ދީމާ ދިޔައީ ސިއްސައިގެންނެވެ.
“އޭން. ކީކޭ.” ދީމާ އަވަސް އަވަހަށް ހިނިތުންވެލީ ލިބިފައިވާ ހާސްކަން ފޮރުވުމަށްޓަކައެވެ.
“ވާހަކައެއް ބުނަން ބޭނުން.” އިޝާ އިސްޖަހާލިއެވެ. ދީމާ އިޝާގެ އަތުގައި ހިފައިގެން ކޮޓަރި ތެރެއަށް ވަނެވެ. އަދި އެނދުގައި އިށީންނަމުން އިޝާގެ އިސްޖެހިފައިވާ މޫނަށް ބަލަން ފެށިއެވެ. އިޝާ ދައްކަން އުޅޭ ވާހަކަ އަޑުއަހަން އިން ކަހަލަ ގޮތަކަށެވެ.
“ދައްތަގެ ދަރިފުޅު އަހަންނާއި މެރީ ކުރަން ބޭނުން ނުވަނީ ކީއްވެ؟ ކީއްވެ އަހަރެން ދެކެ އެހާ ރުޅި އަންނަނީ.” އިޝާ އޭނާގެ މަޤްސަދު ހާސިލްކުރުމަށްޓަކައި ދެލޮލުން ކަރުނަ ބާލަން ފެށިއެވެ.
“އައްދޭ. ތީ އަދި ރޯ ވަރުގެ ކަމެއް ނޫނެއްނު. ޔުނާން ރުޅި އައިސްގެން އެއްޗެއް ބުނީތަ؟” ދީމާ އިޝާގެ ބޮލުގައި ފިރުމާލިއެވެ.
އިޝާ ދެފަރާތަށް ބޯ ހޫރާލީ ނޫނެކޭ ބުނުމުގެ ގޮތުންނެވެ.
“ދެރަނުވޭ. ޔުނާން އާއި މާދަން ދައްތަ ވާހަކަ ދައްކާނަން. ދެން ދޭ އަވަހަށް ނިދާލަން. ތިނެއް ޖަހާއިރު ހާރުކާންވެސް ހޭލަން ޖެހޭނެއެއްނު.” ދީމާ ބޭނުންވީ އިޝާ އަވަހަށް ފޮނުވާލުމަށްފަހު އަމިއްލަ ހަށިގަނޑު ވެފައިވާ ވަރުބަލި ކަން ފިލުވާލާށެވެ.

ދުނިޔެއަށް އަލިވިލުނު އިރުވެސް މުޅި ދުނިޔެއޮތީ ބަނަކޮށްލާފައެވެ. ހީވަނީ ހަމަ ދެންމެ ދެންމެ ވާރޭ އޮއްސާލަފާނެހެންނެވެ. ޔުނާން އަވަސް އަރުވާލާފައި ގެއިން ނިކުތީ ވާރޭ އޮއްސާލުމުގެ ކުރިން ހޮސްޕިޓަލާއި ހަމައަށް ދެވޭތޯއެވެ. ގޭގެ ދޮރު ލެއްޕުމަށްފަހު ގޯތި ތެރެއަށް ނިކުތް ޔުނާންގެ ފައިގައި ކަސްތޮޅު އަޅުވާ ހުއްޓުވާލީ ބަގީޗާ ތެރޭގައި މާތަކުން ވަސްބަލަމުން ދެކޮޅަށް ނަށަމުން ހެލެމުން ގެންދާ އިޝާއެވެ. އެއްވެސް ޚިޔާލެއް ފިކުރެއްނެތެވެ. މިއުޒިކެއް ފަދަ އިޝާގެ އަޑުން ރީތި ރާގެއް އިއްވަމުން ހިނިތުންވަމުންދާއިރު އެތަނުގައި ޔުނާން ބަލަން ހުރިކަން އިޝާ ދެނެހުއްޓެވެ. ނޭނގޭ ކަމަށް ހެދެނީއެވެ. ހައްތާވެސް ޔުނާންގެ ސަމާލުކަން ހޯދުމަށް ކުރާ މަސައްކަތެވެ.

ކުއްލިއަކަށް އޮއްސާލި ބޯ ވާރެއާއެކު އިޝާގެ މަޤްސަދު ފުރިހަމަވެގެން ދިޔަކަހަލައެވެ. ދެއަތް ފުޅާ ކޮށްލަމުން އިޝާ ވެހެމުންދާ ބޯވާރޭ ތެރެއަށް މޫނު މައްޗަށް ހިއްލާލިއެވެ. ބޭނުމަކީ ވާރޭގެ ސާފު ފެނުން މޫނު ދޮވެލުމެއް ނޫނެވެ. ވާރޭގެ ފެނުން ހަށިގަނޑު ތެތްމާލުމެވެ. ލައިގެން ހުރި ތުނި ފޭރާން ގައިގައި ތަތްވެ އިޝާގެ ހިތްގައިމު ހަށިގަނޑުގެ ޖާދޫގައި ޔުނާން ޖެއްސުމެވެ. ވީ ވެސް އެހެންނެވެ. ޔުނާންގެ ސަމާލުކަން އިޝާ ހޯދައިފިއެވެ. ނަމަވެސް ވަގުތުކޮޅަކަށެވެ.

“މަންޖެ ފިލްމު ކުޅެނީތަ؟” ކުއްލިއަކަށް ދާދިގާތުން އިވުނު ޒުބޭދާގެ އަޑާއެކު އިޝާ ދިޔައީ ސިއްސައިގެންނެވެ. އޭރު ބޮޑުކުޑައެއް ބޯމަތީގައި ބަހައްޓައިގެން ނުލަފާ ހިންޏެއް އައިސްފައި ޒުބޭދާ ބަލަން ހުއްޓެވެ. ޔުނާން އަވަސް އަވަހަށް ގޭތެރެއަށް ދެމިގަތެވެ. ޒުބޭދާގެ އަނގަދަށުގައި ހައްޔަރުވެއްޖެއްޔާ ވާނެގޮތާއި އަދި އިޝާ އަށް ބަލަން ޔުނާން ހުރިކަން އެނގިއްޖެއްޔާ ވާނެގޮތް ޔުނާން އަށް ހަމަރަނގަޅަށްވެސް އެނގެއެވެ. ކޮންމެވެސް މޮޅު ވާހަކައެއް މުޅި ހިސާބުގަނޑުގައި ފަތުރާލާނެއެވެ.
“ކަލެއަށް ނޯވޭތަ ވަކި އިރެއް މިގެޔަށް އަންނަން.” އިޝާ ހިނގައިގަތީ ގޭތެރެއަށް ވަންނަންދާށެވެ.
“ކަލެއަށް ކީއް. ކަލެއާއި ބެހޭ ގެއެއްތަ މީ.” އިޝާގެ ދުލުގައި ޒުބޭދާ ތަޅު އަޅުވާލީ ނިކަން މޮޅަށެވެ. ނަމަވެސް އިޝާ ފަސްއެނބުރި ބަލާވެސް ނުލައެވެ. އަތުގެ ކޮޅަށް ދޮރު ލައްޕާފައި ގޮސް ވަނީ އޭނާގެ ކޮޓަރިއަށެވެ.

ކަމީލާ.” ބޭސް ސިޓީ ލިޔަން އިން ޔުނާންއަށް ހުއްޓުން އެރީ ކައިރީގައި އިން ބަލި ކުއްޖާ އެކުއްޖާގެ ނަން ބުނުމުންނެވެ. އަނެއްކާވެސް ހިތުގެ އެންމެ ފުނުގައި ރައްކާކޮށްފައިވާ ހަނދާންތައް ސިކުނޑީގައި އެނބުރިގަތެވެ.
“ހާދަ ލޯބި ނަމެއް.” ޔުނާން ހިނިތުންވެލިއެވެ. ހިތުގައިވާ ހުރިހާ ރިހުންތަކެއް ފޮރުވަމުންނެވެ. ދުވަހުގެ ހުރިހާ ވަގުތެއް ކަމީލާގެ ހަނދާނުގައި ޔުނާން ހޭދަކޮށްލީ އަަނެއްކާވެސް ކަމީލާގެ ހަނދާނުގައެވެ.
“ހެލޯ.” ކެބިންގެ ދޮރު ހުޅުވާލާފައި ވަތް ސާހިލްގެ އަޑަށް ޔުނާން އިސްއުފުލާ ބަލާލިއެވެ.
“ކަލޭ ވެސް ބަލީތަ؟ ޔުނާން ހިނިގަނޑެއް ޖަހާލިއެވެ.
“އާން. ހިތް ބަލީ.” ޔުނާންގެ ހުނުމުގައި ސާހިލްވެސް ބައިވެރިވެލިއެވެ.
“ކަލޭ މިހާރު ތަދު ބޭހަކަށްވެސް ފެނިނުލާ.” ޔުނާން ލައިގެން ހުރި ކޯޓް ބޭލިއެވެ.
“ކީއްކުރާނީ. އުޅޭލެއް ބިޒީކަމުން. ޔުނާންވެސް ގުޅާވެސް ނުލަމެއްނު.” ސާހިލް އަތުގައި އޮތް ފޯނު އަތު ތެރޭގައި އަނބުރާލަމުން ހިނިތުންވެލިއެވެ.
“މަގޭ ބްރޭކް ގަޑިއޭ. ހިނގާބަލަ ބޭރަށް ނިކުމެލަން.” ޔުނާން ގޮޑިން ތެދުވެ ހިނގައިގަތުމުން ފަހަތުން ސާހިލް ވެސް ތެދުވިއެވެ.

ބަދިގޭގެ މަސައްކަތް ނިންމާލުމަށްފަހު ދީމާ މިސްރާބު ޖެހީ ކޮޓަރިއާ ދިމާއަށެވެ. ފެންވަރާ ތާޒާ ވެލުމަށްޓަކައެވެ.
“އިޝާ. ޔުނާން ކޮޓަރި ތަންމަތި ރީތިކޮށްލާ ފޮޅާލައްޗޭ.” ދީމާ ހިނިތުންވެލަމުން ކޮޓަރިއަށް ވަދެ ތަަޅުލިއެވެ. އުފަލުން ގޮސް އިޝާ ދަތްކޮޅު ދިއްލާލިއެވެ. ދެފަޔަށް ލެވުނުހާ ބާރެއްލާފައި ދުއްވައިގަތެވެ. ޔުނާން ގެއަށް އަންނައިރު އިޝާ ޔުނާންގެ ކަންތައްތައް ކުރަން ހުއްޓާ ފެނިއްޖެނަމަ އުފާ ވާނެ އޭ އިޝާގެ ހިތް ބުނާ ކަހަލައެވެ.
ޔުނާންގެ ތަނަވަސް ބޮޑު ކޮޓަރިއަށްވަދެ އިޝާ ނަޒަރު ހިންގާލިއެވެ. އެކޮޓަރި ވަރަށް ތަރުތީބެވެ. ހަމައެކަނި ތަންމަތި އަޅާލަން ޖެހޭ ކަމެވެ. ކަރު އެލުވާލަމުން އިޝާ އެނދުމަތި ރީތި ކުރަން ފެށިއެވެ. ޔުނާން އަކީ ތަފާތު މީހެއްކަން އިޝާ އަށް ހަމަރަނގަަޅަށްވެސް އެނގިއްޖެއެވެ.

އެންމެ ފަހުން ކަމީލާ ފެނުނު ގޯޅި ކަންމަތީގައި ފާރުގައި ލެގިލައިގެން ޔުނާން ހުންނަތާ އެތައް އިރެކެވެ. ޚުދު ޔުނާންއަށްވެސް އޭނާ އެތާގައި އެހުރީ ކީއްވެ ކަމެއް ނޭނގެއެވެ.
އެނގޭހާވެސް ކަމަކީ އޭނާގެ ދެލޯ ކަމީލާގެ ސޫރަ އެންމެ ފަހަރަކު ނަމަވެސް ދެކިލަން އެދޭ ކަމެވެ. ނުތަނަވަސް ވެފައިވާ ހިތަށް ހަމަޖެހުމެއްވެސް ލިބޭނީ އޭރުކަން ޔަޤީނެވެ.
ނަމަވެސް ޔުނާންއަށް ކުރިމަތިލާން ޖެހުނީ މާޔޫސްކަމާއެވެ. ހިތަށް ލިބުނީ އިތުރު ހިތްދަތިކަމެކެވެ. ފެންކަޅިވެފައިވާ ދެލޯ ފުހެލަމުން ޔުނާން މިސްރާބުޖެހީ ގެޔާއި ދިމާއަށެވެ.

“ދަރިފުޅު ހާދަ ލަސްވީ މިއަދު.” ސިޓިންގރޫމްގައި އިން ޔާސިރުއަށް ގެއަށް ވަތް ޔުނާން ފެނުމާއެކު ހިނިތުންވެލިއެވެ.
“ކުޑަކޮށް ބިޒީ ދުވަހެއް.” ޔުނާން މަޑެއް ނުކުރެއެވެ. ކޮޓަރިއާއި ދިމާއަށް ހިނގައިގަތީއެވެ. ޔާސިރު ވެސް އިތުރަށް ޔުނާން ހުއްޓުވާކަށް ނޫޅެއެވެ. ޔުނާން ހުންނާނީ ވަރުބަލިވެފައިކަން އެނގޭތީއެވެ.
“ނިހާން ގުޅި މިއަދުވެސް. އިޝާ އާއި ޔުނާންގެ ކައިވެނީގެ ވާހަކަ ދެއްކި.” ޔާސިރު ވާހަކަދައްކަން ފެއްޓީ ދީމާ އައިސް ކައިރީގައި އިށީންނުމުންނެވެ. އޭރުވެސް ޔާސިރުގެ ނަޒަރު ހުއްޓިފައިވަނީ ހުޅުވާފައިވާ ޓީވީ އަށެވެ.
“ދެން ޔާސިރު ކީކޭ ބުނީ.” ދީމާ އަވަސް އަވަހަށް އަހާލިއެވެ.
“ކީކޭ މަ ވަކި ބުނާނީ. ނިހާން ބޭނުންވަނީ ހަފްތާއެއް ތެރޭގައި އެ ކައިވެނިކުރަން. މިކޮޅުން ހަމަޖައްސަން ޖެހޭ ހުރިހާ ކަމެއް ކުރާނީ އޭނަ. ޔުނާން އާ ވާހަކަ ދައްކަންވެސް ބޭނުން ވާހަކަ ބުނީ. އަޅެ ދީމާ ޔުނާން އާ މިވާހަކަ ދައްކަބަލަ.” ޔާސިރު ހުރީ އިންތިހާ ދަރަޖައަށް ފިކުރުބޮޑުވެފައެވެ. ނިހާންގެ ކުރިމަތީގައި ޔުނާން އެކައިވެންޏާއި މާ ގަޔާ ނުވާކަން ބުނާނެހާ ހިތްވަރު ޔާސިރުގެ ގައިގައި ނެތީއެވެ.
“މިރޭ ތި ވާހަކަ ދައްކާނަން.” ދީމާ ބޯޖަހާލިއެވެ.

ކޮޓަރީގެ ދޮރު ހުޅުވާލުމާއެކު ޔުނާން ދިޔައީ ސިއްސައިގެންނެވެ. ފުރަތަމަވެސް ނޭފަތުގައި ޖެހުނީ ލެވެންޑަރގެ މީރުވަހެވެ. ޔުނާންއަށް ސިހުމެއް ލިބުނީ ސޯފާގައި ނިދިފައި އޮތް އިޝާ ފެނުނީމައެވެ. އިޝާގެ ފަން އިސްތަށިކޮޅުން ބައެއް މޫނުމައްޗަށް ވެއްޓިފައި އޮތުމުން އެ ދޮން މޫނުން ފެންނަނީ ތަންކޮޅެކެވެ. ޔުނާންއަށް ހުރެވުނީއެވެ. ކަޅިވެސް ޖަހާލަން ނޭނގިފައެވެ. ކުރިއަށް ދެތިން ފިޔަވަޅު އެޅުމަށްފަހު ޔުނާން ހުއްޓުނެވެ. ދެން ޖެހެން ފެށީ ފަހަތަށެވެ. މަޑުމަޑުންނެވެ. އެންމެ ފަހުން ނިކުތީ ބޭރަށެވެ.
“މަންމާ. އިޝާ އެބައޮތް ނިދާފައި. ގޮވާބަލަ ގޮސް.” ޔުނާން ވާހަކަދެއްކީ ލަދުންހުރެއެވެ.

“އަނެއްކާ ކިހިނެއްވީތަ؟ ދަރިފުޅު އިޝާ ހޯދަނީ ތި ކީއްކުރަން.” ދީމާ ވީ ފާޑަކަށް ހައިރާނެވެ. މި ނޫނީ ދުވަހަކުވެސް ޔުނާން އިޝާ ހޯދާކަށް ނޫޅޭވިއްޔާއެވެ.
“ކަމެއް ނުވޭ. އިޝާ ނިދާފައި އޮތީ އަހަރެންގެ ރޫމްގައޭ.” ޔުނާން އޮޅުންފިލުވައިދިނެވެ. އިޝާއަށް ގޮވާދޭށޭ ބުނީ ކީއްވެކަމެވެ.
“އާން. މިއަދު ޔުނާން ކޮޓަރިތެރެ ސާފުކޮށްދިނީ އިޝާއޭ. މަންމަ ބިޒީކޮށް އުޅުނީމަ.” ދީމާ ތެދުވެގެން ހިނގައިގަތީ އިޝާއަށް ގޮވާށެވެ. ޔުނާން ހުރިގޮތަށް ހުރީއެވެ. ޔުނާން އެކޮޓަރިއަށް ވަންނަން ބޭނުންވަނީވެސް އިޝާ އޭނާގެ ކޮޓަރިން ނިކުތީމައެވެ.

ކުޑަ އިރުކޮޅެއްފަހުން ދީމާ ނިކުތީ އިޝާ ގޮވައިގެންނެވެ.
“ރޯދަ ވީއްލަން އާދޭ ދަރިފުޅު އަވަހަށް އެއްޗެހި ބަދަލުކޮށްލައިގެން.” ދީމާ ޔުނާންއަށް ބަލާލަމުން ހިނގައިގަތީ ބަދިގެ ފަރާތަށެވެ. އިޝާގެ ދެލޯ ޔުނާންއަށް އަމާޒުވެފައި ހުރިކަމުގައި ވިޔަސް ޔުނާން އިޝާއާ ދިމާއަށް ބަލާވެސްނުލިއެވެ.

ޖެހެމުންދިޔަ ހިތްގައިމު ފިނި ރޯޅިތަށް މޫނުގައި ބޮސްދެމުން ދާއިރު ޔުނާން މަޑުކޮށްލައިގެން ހުރީ ބެލްކަނީގައެވެ.
“ދަރިފުޅު. މަންމަ ވަންނަންތަ؟” ދީމާގެ އަޑަށް ޔުނާން އެނބުރިބަލާލިއެވެ.
“މަންމަ މިކޮޓަރިއަށް ވަންނަން ހުއްދަ ނަގަން ޖެހޭތަ އަޅެ.” ޔުނާން ބެލްކަނީގެ ދޮރު ލައްޕާލާފައި ކޮޓަރިތެރެއަށްވަނެވެ.
ދީމާ ކޮޓަރިތެރެއަށް ވަދެ އެނދުމަތީގައި އިށީނދެލިއެވެ.
“ކޮބާ ކަމީލާ؟” ހިނދުކޮޅެއްގެ ހިމޭންކަމަށްފަހު ދީމާ ވާހަކަދައްކަން ފެށިއެވެ.
“ނޭނގެ.” ޔުނާން ޖަވާބު ކުރެވެ. ދެން ވަކިން ބުނާނީވެސް ކީކޭ ހެއްޔެވެ؟ ޔުނާންއަށް ކަމީލާ ވީތަނެއްވެސް ނޭނގެއެވެ. ދުނިޔޭގައި ހުރިކަމެއްވެސް ނެތްކަމެއްވެސް ނޭނގެއެވެ.
“އެ ކީއްވެ؟” ދީމާ ބޭނުންވީ ވާނުވާ ބަލާށެވެ. މީގެ ކުރިންވެސް ޔުނާން ކަމީލާގެ ހުރިހާ ވާހަކައެއް ވަނީ ދީމާ އަށް ކިޔާދީފައެވެ.
ޔުނާން ހުރިގޮތަށް ހުރީއެވެ. ބުނާނެ އެއްވެސް އެއްޗެއް ނޭނގިފައެވެ.
“އޯކޭ. ދަރިފުޅަށް ޖަވާބުދޭން އުނދަގޫ ސުވާލެއް މަންމަ ނުކުރާނަން. އެކަމަކު.” ދީމާ ބުނަން އުޅުނު ޖުމްލަ ފުރިހަމަނުކޮށް ހުއްޓާލިއެވެ.
“ދަރިފުޅު މަންމަ އެދޭކަމެއް އެއްވެސް ސުވާލެއް ނުކޮށް ކޮށްދީފާނަންތަ؟” ދީމާ ވިސްނަމުން ދިޔައީ ޔުނާން އިޝާ އާ ކައިވެނިކުރަން ރުހުން ހޯދާނެ ގޮތަކާއި ދޭތެރޭގައެވެ.
“އިޝާ އާ އިންނާށޭ ދޯ މަންމަ ބުނަން ތިއުޅެނީ.؟” ދީމާ ދައްކަން އުޅޭ ވާހަކަ ޔުނާން ދެނެގަތެވެ.
ދީމާ އަވަސް އަވަހަށް ބޯޖަހާލިއެވެ.
“މައްސަލައެއްނެތް. އަހަރެން އިޝާ އާ ކައިވެނި ކުރާނަން. އެކަމަކު އަހަރެންގެ އެބައޮތް ޝަރުތެއް.” ޔުނާން މަޑުމަޑުން ހިނގާފައި ގޮސް ބެލްކަނީގެ ދޮރު ކައިރީގައި ހުއްޓިލަމުން ދީމާއަށް ފުރަގަސްދިނެވެ.

ނުނިމޭ

ލިޔުންތެރިޔާގެ ފުރަމަލަ

އާމިނަތު ފަރުޒާނާ
ހުނަރުވެރި ވާހަކަލިޔުންތެރިއެކެވެ. ފީޗާ ލިޔުމަށްވެސް ވަރަށް ކުޅަދާނައެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް