ޅެންވެރިކަމުގެ ދާއިރާއިން ހިތްވަރުދިނުމުގެ ޤައުމީ އިނާމު 2012 ވަނަ އަހަރު ހާސިލްކުރައްވާފައިވާ މަޝްހޫރު ޝާއިރު އާދަމް ނަޞީރު އިބްރާހީމްގެ ވެބްސައިޓަކާއި ޔޫޓިއުބް ޗެނަލެއް އިފްތިތާޙު ކޮށްފިއެވެ. މި ހަރަކާތް ކުރިޔަށް ގެންދިޔައީ  އާދަމްގެ އީ-ޅެން ފޮތް، “ކާއިނާތުގެ ހިލަން” ރާއްޖޭގެ ބައެއް އަދީބުންނަށް ވެދުމަށް އެރުވުމަށް އޮންލައިންކޮށް ބޭއްވުނު ޙަފްލާއެއްގައެވެ.

https://adamnaseeribrahim.com ވެބްސައިޓް އިފްތިތާޙު ކޮށްދެއްވީ ނިޝާން ޢިއްޒައްދީންގެ ޢިއްޒަތުގެ ވެރިޔާ އަލްފާޟިލް ޢަބްދުﷲ ޞާދިޤު އެވެ. ޔޫޓިއުބް ޗެނަލް އިފްތިތާޙްކޮށްދެއްވީ ސިވިލްސަރވިސް ކޮމިޝަންގެ ރައީސް ޑރ. ޢަލީ ޝަމީމް އެވެ.

ވެބްސައިޓް އިފްތިތާޙްކޮށްދެއްވުމަށްފަހު ޢަބްދުﷲ ޞާދިޤުގެ ވާހަކަފުޅުގައި ޅެންފޮތުގެ ޅެންތަކުގެ އެތުރުމާއި އެކުލެވުން ރީތިކޮށް ފާހަގަ ކުރެއްވި އެވެ. ޑރ. ޢަލީ ޝަމީމުގެ ވާހަކަފުޅުގައި މި ޒަމާނަކީ ޑިޖިޓަލް ސިޓިޒަންގެ ޒަމާންކަމަށްވީތީ އޮންލައިން މެދުވެރިކޮށް ދިވެހިބަހުގެ މި ފަދަ އުފެއްދުންތައް ފެންނަން ހުރުމުގެ މުހިންމު ކަމުގެ މައްޗަށް އަލި އަޅުއްވާލެއްވި އެވެ.

އާދަމް ނަޞީރުގެ ވެބްސައިޓް އަދި ޔޫޓިއުބް ޗެނަލް އިފްތިތާހްކުރުުގެ ތެރެއިން

ވެބްސައިޓާާއި ޔޫޓިއުބް ޗެނަލް އިފްތިތާހްކުރުމުގެ މި ބައްދަލުވުމުގައި ރާއްޖޭގެ އިސް އެތައް އަދީބުންނާއި ޝާޢިރުން ބައިވެރިވެލެއްވިއެވެ. އޭގެ ތެރޭގައި ނިޝާން ޢިއްޒައްދީނުގެ ޢިއްޒަތުގެ ވެރިޔާ ޢަބްދުއްރަޝީދު ޙުސައިން، މުޙަންމަދު ޝާހިދު ޙަލީމު، އަލްއުސްތާޛު ޢަބްދުލްމުޢީދު ޙަސަން، އަލްފާޟިލް ފަރެސް މުޙަންމަދު ޢާމިރު ފަދަ ބޭފުޅުން ހިމެނެއެވެ.

“މި ގޮތަށް ވެބްސައިޓަކާއި ޔޫޓިއުބް ޗެނަލެއް އުފެއްދުމުގެ ބޭނުމަކީ ބަހާއި އަދަބާއި ސަގާފަތުގެ ދާއިރާތަކުން އަޅުގަނޑު ބޭނުންވާ އަދި މުޖުތަމަޢަށް ބޭނުންވާ ދާއިރާތަކަށް އުފެއްދުންތައް އުފައްދާ ފަސޭހަކަމާއެކު އެ ލިބެން ހުންނާނެ މަގު ފަހިކުރުން.” މި ހަރަކާތާއިމެދު އާދަމް ނަޞީރު ވިދާޅުވިއެވެ.

ރޭ ބޭއްވި މި ބައްދަލުވުމުގައި ކާއިނާތުގެ ހިލަން މި ޅެންފޮތުގައި ހުރި ބައެއް ޅެން ރާގަށް ހުށަހެޅުން ވެސް އޮތެވެ. މި ހުށަހެޅުން ކުރިޔަށް ގެންގޮސް ދެއްވީ އަލްއުސްތާޛު ޢަބްދުﷲ ރަޝީދު އޭނާގެ އަމިއްލަ ރާގަށް އަމިއްލަ އަޑުފުޅުންނެވެ.

އާދަމްގެ ވެބްސައިޓްގެ ބައިތަކަށް ބަލާލާއިރު، އެކި ބޭފުޅުންގެ ސުވާލުތަކަށް ޖަވާބު އެރުވުމަށް ޓަކައި ވެބްސައިޓުގައި ފޯރަމެއް ހިމެނިފައިވެއެވެ.

ރޭގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތް ހުރިހައި ބޭފުޅުންނަށް ޅެންފޮތުގެ ސޮފްޓް ކޮޕީއެއް ވެދުމަށް އެރުވުނެވެ. ވެދުމަށް އެރުވުނު ޅެން ފޮތް ވެބްސައިޓުން ހިލޭ ޑައުންލޯޑް ކުރެވޭނެ ކަމަށްވެސް އާދަމް ނަސީރު، މުނިއަވަސް އަށް ވިދާޅުވިއެވެ.

އާދަމް ނަޞީރަކީ، ތަފާތު އެތައް މައުޟޫޢަކަށް ޅެންހައްދަވާފައިވާ ބޭފުޅެކެވެ. މިގޮތުން، ދީނީޅެން، ޤައުމީޅެން، ކުޑަކުދިންނާ ގުޅޭ ޅެން، މަސްވެރިކަމާއި ފަތުރުވެރިކަމާ ގުޅޭ ޅެންތަކާއި، އެކިއެކި މުނާސަބަތުތަކާގުޅޭ ޅެންތަކާއި، ލޯބީގެ އެތައް ޅެމެއް، އޭނާ ހައްދަވާފައިވެއެވެ. އަދި ރާއްޖޭގައި ނުކުމެފައިވާ ބައެއް ލަވަ އަލްބަމްތަކަށްވެސް އޭނާވަނީ، ލަވަ ހައްދަވައިދެއްވާފައެވެ. މިގޮތުން، 13 އަށްވުރެން ގިނަ އަލްބަމަށް ލަވަ ހައްދަވައިދެއްވާފައި ވެއެވެ. މީގެ އިތުރުން ޤައުމީ ލަވައާއި މަދަޙަ ހިމެނިގެން ނެރެފައިވާ ބައެއް އަލްބަމްތަކަށްވެސް އާދަމް ނަޞީރުވަނީ، ލަވައާއި މަދަޙަ ހައްދަވައިދެއްވާފައެވެ. މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ކޮންމެ އަހަރެއްގެ ޤައުމީ ދުވަހު ނެރުއްވާ ޤައުމީ ލަވަ އަލްބަމަށް ވެސް ގިނަ ލަވަތަކެއް އާދަމް ހައްދަވައިދެއްވާފައިވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.