ފިލްމު “ޕަރީ” އިން އެނގިގެންދިޔަ އެއް ކަމަކީ ބިރުވެރި، އަދި ޚިޔާލީ ޒާތުގެ ފިލްމުތަކަކީ އަނުޝްކާ ޝަރްމާ އަށް މާ ކަމުދާ ޖޮންރާއެއް ކަމެކެވެ. އެ ސުޕަނެޗުރަލް ތުރިލާއިން އަނުޝްކާ ވަނީ ވަރަށް ކުޅަދާނަ އެކްޓިންއެއް ދައްކާފައެވެ. އަނެއްކާވެސް، އަނުޝްކާ ތައްޔާރުވެގެން ހުރީ ބެލުންތެރިންގެ މައިބަދައިންވެެސް ހީބިހި ނަގާވަރުގެ ފިލްމެއް ގެނެސްދިނުމަށެވެ. ފިލްމުގެ ނަމަކީ “ބުލްބުލް” އެވެ.

ނެޓްފްލިކްސް އިން ދެއްކުމަށް ނިންމާފައިވާ “ބުލްބުލް”ގެ ފަސްޓް ލުކް އަނުޝްކާ މިވަނީ ބެލުންތެރިންނާ ހިއްސާކޮށްފައެވެ. ވީޑިއޯ ހިއްސާކުރަމުން “ސޫއީ ދާގާ”ގެ އެކްޓްސް ލިޔެފައިވަނީ، “މިޔޮތީ ‘ބުލްބުލް’ގެ ފަސްޓް ލުކް. މިއީ ލާޖަވާބު ވާހަކައެއް، އަމިއްލަ ނަފުސު ދެނެގަތުމާ، އިންސާފާ، ފޯކްލޯރާ، އާދަޔާޚިލާފު ކަންތައްތަކާ އަދި އިދިކޮޅު ރޭވުންތައް ހިމެނޭ ފިލްމެއް، ވަރަށް އަވަހަށް ނެޓްފްލިކްސް އަށް އަންނާނެ. އިތުރަށް ހިއްސާކުރަން މިހުރީ ކެތްމަދުވެފަ.”

މި ވީޑިއޯ ބަަލައިލުމުންވެސް ގައިން ހީބިހި ނަގައިގެންދާވަރު ނުވޭހެއްޔެވެ؟ ފިލްމުގެ ސްޓޯރީލައިން އިތުރަށް ދެނެގަންނަހިތް ނުވޭހެއްޔެވެ؟ ބެކްގްރައުން މިއުޒިކުންވެސް ގައިން ހީބިނަގާވަރުވެއެވެ.

ފިލްމު “ބުލްބުލް”ގެ މުހިންމު ރޯލުތަކުގައި ހަރަކާތްތެރިވަނީ ޓްރިޕްތީ ޑިމްރީ، އަވީނާޝް ތިވާރީ، ރާހުލް ބޯސް، ޕައޯލީ ޑޭމް އަދި  ޕަރަމްބްރަޓާ ޗެޓަޖީ އެވެ. ފިލްމު ޕްރޮޑިއުސްކުރަނީ އަނުޝްކާ ޝަރްމާ އާއި އޭނާގެ ބޭބެ ކަރްނޭޝް ޝަރްމާގެ ‘ކްލީން ސްލޭޓް ފިލްމްސް’ އިންނެވެ.

ފިލްމު “ބުލްބުލް” ރިލީޒްކުރަން ނިންމާފައިވަނީ މިމަހު 24 ގައި ނެޓްފްލިކްސް އަށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.