އަންބެއް، އޭނާގެ ކައިވެނި ސަލާމަތްކުރުމަށް ބޭނުންނަމަ، އެކަމުގައި އޭނާއަށް އެހީތެރިވާނެ އެތައް ބައެއް، އެތައް ވަސީލަތްތަކެއް މި ޒަމާނުގައި އެބަހުއްޓެވެ.

“އަހަރެންގެ ފިރިމީހާ ދެކެ ހާދަ ފޫއްސެއްވޭ!” ތިބާގެ އެންމެ ގާތް މިތުރު ބުނެލަފާނެއެވެ. އޭނާ އެހެން އެ ބުނީ ކީއްވެގެންކަން ތިބާއަށް މާރަނގަޅަށް ވެސް އެނގޭނެއެވެ.

ކައިވެނީގެ ގުޅުމަށް ބައެއް ފަހަރު ބޮޑެތި ބުރޫތައް އަރައިގެން އާދެއެވެ. ކަންކަން ގޯހުން ގޯހަށް ގޮސް ބޮއްސުންލައިގެން ދެއެވެ. އަނބިން، ފިރިންދެކެ އިންތިހާއަށް ފޫހިވާތަން އާދެއެވެ. ހަމަ އެހެންމެ ފިރިންވެސް އަނބިންދެކެ އިންތިހާއަށް ފޫހިވާތަން އާދެއެވެ.

ފިރިމީހާ ދެކެ އަހަރެން ފޫހިވަނީ ކީއްވެ؟

ކައިވެންޏާމެދު ހިތްހަމަ ނުޖެހި، ނަފުރަތުކަމެއް އުފެދޭ ސަބަބުތައް ދެނެގަތުމަކީ ފިރިމީހާ ދެކެ ފޫހިވާ ފޫހިވުން ހުއްޓުވުމަށް އަޅަން ޖެހޭ ފުރަތަމަ ފިޔަވަޅެވެ. މިއީ ކައިވެނީގައި ދިމާވާ ހައްސާސް މައްސަލަތައް ހައްލުކުމަށްވެސް އަޅަން ޖެހޭ ފުރަތަމަ ފިޔަވަޅެވެ. ކައިވެނި ދެމެހެއްޓުމަށް އަޅަން ޖެހޭ ފުރަތަމަ ފިޔަވަޅުވެސް މެއެވެ.

ފިރިންގެ ފަރާތުން ފެންނަ ބައެއް ކަންކަމާމެދު މާބޮޑަށް އަޅައިނުލާ ދޫކޮށްލުމުން އެކަންކަން ހައްދުން ނެއްޓޭ ހިސާބަށް ފޯރައެވެ. ފިރިން ދެކެ އެފަދަ ކަންކަމުގެ ސަބަބުން ފޫހިވާން ފަށާފާނެއެވެ.

ދެމަފިރިންގެ ގުޅުމުގައި ދިމާވާ މައްސަލަތަކުގެ ވާހަކަ ދެކެވޭއިރު، މި ފާހަގަކޮށްލަނީ ބައެއް އަނބިން އެމީހުންގެ ފިރިން ދެކެ ފޫހިވާން ފަށާ 06 ކަންތަކެވެ.

1- ނުކުރެވި ހުންނަ ކަންކަމުގެ ވާހަކަ، ޖެއްސުމުގެ ރާގުގައި ބުނުން

“ލޯބީ، މިއަދު އެއްޗެހި ދޮންނަން ވާނެއެއްނު.”

“ބޭބީ، ބިލްތައް ދެއްކީދޯ!”

“ދޫނީ، ކޮން އިރަކުންތަ ގޭތެރެ ސާފުކޮށް ނިންމާނީ.”

ނުކުރެވި ހުންނަ ކަންކަމުގެ ވާހަކަ ބުނެ ޖެއްސުމުގެ ރާގުގައި ފިރިމީހާ އެކަންކަން ދައްކާނަމަ، އަނބިންނަށް ހީވާނީ ތިމާ ކޮށްދޭ އެއްވެސް ރަނގަޅު ކަމެއް ނުފެނި، ނުކުރެވި ހުންނަ ކަންކަމުގެ ޝަކުވާތައް އަބަދު ކުރަނީ ކަމުގައެވެ.

2- އަގުވަޒަން ނުކުރުން

ކޮށްދޭ ކަންކަމުގެ އަގުވަޒަން ނުކޮށް އަބަދު އެކަމުގެ ޝަކުވާ ބޮޑުވެއްޖެނަމަ، ފިރިންގެ ފަރާތުން އަނބިންނަށް ޖިސްމާނީ އަދި ނަފުސާނީ އަނިޔާތައް ލިބެން ފަށާފާނެއެވެ.

3- ސަމާލުކަން ނުދިނުން

ގޭގެ ކުނިކޮތަޅުތައް ޑަސްބިނަށް ލާން ބުނުމުން އެކަމާ އަޅައިނުލާ ހުރުން ނުވަތަ ސީރިއަސް ކަމަކާމެދު އަނބިން ވާހަކައެއް ދެއްކުމުން އެކަމާމެދު އަޅައި ނުލައި، މަޝްވަރާއެއް ނުކޮށް ހުންނަ ނަމަ، އެފަދަ ފިރިން އެ އުޅެނީ ކޮންމެވެސް އެހެން ދުނިޔެއެއްގައެވެ. ފަހަރުގައި އެއީ މިނިކާރާއްޖޭގައި ކަމަށްވެސް ވެދާނެއެވެ. އެފަދަ ފިރިން އެކަންކަމަށް ސަމާލުކަމެއް ނުދީ އަޅައިނުލާ ބޮލުން ކަޓުވާލަނީ އެކަންކަން އޭގެ އަމިއްލަ ޒާތުގައި ހައްލުވެދާނެ ކަމަށް ހީކޮށް ކަމަށްވެސް ވެދާނެއެވެ. ނަމަވެސް އެފަދަ ފިރިން އެ ތިބެނީ އަވާންދުރެއްގެ ތެރޭގައެވެ.

4- ބޭވަފާާތެރިވުން

ބޭވަފާތެރިކަމުގެ ކަށި ހަރާލައިފި ނަމަ، އެކަމާ ކެރިގެން ކުރިމަތިލާށެވެ. އެހެން ނޫނީ ނަގާ ދިލަ މާގަދަ ވާނެއެވެ.

“އަހަރެންގެ ފިރިމީހާ ދެކެ ވަރަށް ފޫހިވޭ.” އަހަރެންގެ އަންހެން ކޮއްކޮއެއް ގިސްލަމުން ޝަކުވާކުރިއެވެ. “އޭނާ ރަށުން ބޭރަށް ދިޔައީ އޮފީސްކަމަކުއޭ ކިޔާފަ. ގޮސް އޮތީ އެހެން އަންހެނެއް ކައިރީގަ ފޮޅުވަން.”

މިފަދަ ކަންކަމަކީ ދެމަފިރިންގެ ގުޅުމުގައި ކުރިމަތިވާނެ އެންމެ ނާޒުކު އެއް ކަންތަކެވެ. މިފަދަ ކަމަކުން ލާ ލަކުނަކީ ފަސޭހައިން ފިލައިގެންދާނެ ލަކުނެއް ނޫނެވެ. ސަބަބަކީ އިތުބާރު ގެއްލުމެވެ. މިފަދަ ކަމެއް ކުރުމުން އެއިން އެ ދޭހަކޮށްދެނީ އަނބިމީހާއަށް ވުރެން މާ މުހިންމު އެހެން އަންހެނެއް ހުރިކަމެވެ.

5- އެހެން އަންހެނުންނާ ‘ފްލަރޓް’ކުރުން

އަނބިންގެ ހާޒިރުގައި އެހެން އަންހެނުންނާ ‘ފްލަރޓް’ކުރުމަކީ އަނބިންނަށް ބަލައިގަނެވޭނެ ކަމެއް ނޫނެވެ. ނަމަވެސް ބައެއް ފިރިންނަކީ މި އާދަވެސް ގެންގުޅޭ ފިރިންނެވެ. މަޖަލަކަށް ނުވަތަ އެމީހުންގެ ހިތަށް ތަސައްލީއެއް ހޯދަން ކުރާ ކަމަކަށްވެސް ވެދާނެއެވެ. އަނބިންގެ ހިތުގައި އެފަދަ ކަންކަމުން ޖެހޭނެ ވަރު ނޭނގެނީ ކަމަށްވެސް ވެދާނެއެވެ.

6- އެއްދާންކުރަން ދެކޮޅުހެދުން

އަނބިންނާއެކު ރޭކުރަން ދުރުހެލިވާ ފިރިންނަކީ ކައިވެނި ރޫޅައިލުމަށް ހިތުން ނިޔަތް ގަނެގެން ތިބޭ ފިރިންނޭވެސް ބުނެވިދާނެއެވެ. ނަމަވެސް އެއީ ޖިސްމާނީ ނުވަތަ ނަފުސާނީ ކަމެއްގެ ސަބަބުން ކުރިމަތިވާ ހާލަތަކަށްވެސް ބައެއް ފަހަރު ވެދާނެއެވެ.

ދެމަފިރިންގެ ދެމެދުގައި އޮންނަ ގުޅުން ބަދަހިވުމުގައި ‘އެއްދާންކުރުމަކީ’ ވަރަށް މުހިންމު ދައުރެއް އަދާކޮށްދޭ ކަމެކެވެ. ދެ ހަށިގަނޑު އެއް ހަށިގަނޑަކަށްވުމަކީ ދެވެރިންގެ މެދުގައި ލޯތްބާއި ހަހަރުވެތިކަން ގަދަަވެގެންދާ ކަމެކެވެ.

ފިރިންދެކެ ފޫހިވުން ހުއްޓުވާނީ ކިހިނެއް؟

މިއީ ކުރިއަށް އޮތް މަޢުޟޫއެވެ. އިންތިޒާރުކޮށްލައްވާށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.