ކިޔެވުން ނިންމައި ދަސްވެނިވެފައިވާ މި ކުއްޖާ އަމިއްލަ އަށް މަރުވެފައިވަނީ އެކުއްޖާ ކުޑައިރުން ފެށިގެން އޭނާގެ މައިންބަފައިންގެ ފަރާތުން ކެނޑިނޭޅި ކުރިމަތިވި ޕްރެޝަރުން ލިބުނު ސްޓްރެސް ގެ ސަބަބުންނެވެ. އެކުއްޖާ ގެ ފުރާނަ އަމިއްލައަށް ދުއްވައިލުމުގެ ކުރިން ކަންތައްތައް ހިނގިގޮތް މިޔޮތީ އެވެ.
ޝޫ-ސޫ އަކީ 1984 ގައި ލިއު ޔޫ (މަންމަ) އަދި ލިއަންގ-ޖުން (ބައްޕަ) އަށް ލިބިފައިވާ ދަރިފުޅެކެވެ. އެއްމެ ކުރިން މި ކުޑަކުޑަ ޢާއިލާ ދިރިއުޅެމުން ގެންދިޔައީ އުފާވެރި ދިރިއުޅުމެކެވެ. އެހެންްކަމުން ޝޫ-ޝޫ ގެ މައިންބަފައިން އަޒުމް ކަނޑައެޅީ އެމީހުންގެ ދަރިފުޅަށް ރަނގަޅު ތަޢުލީމާއި ތަރުބިއްޔަތު ދީ ކާމިޔާބު މީހަކަށް އެ ދަރިފުޅު ހެދުމަށެވެ.
އެހެންނަމަވެސް، އެމީހުންގެ ހުވަފެންތަކާާއި އުފާވެރިކަން ކުދިކުދިވެ، ވިއްސިވިހާާލިވެގެން ދިޔައީ ޝޫ-ޝޫ ގެ ހެދިބޮޑުވުން އޭނާ އާއި އެއް އުމުރުގެ ކުދިންނާއި އެއްގޮތް ނޫންކަން އެނގުނު ހިސާބުންނެވެ. ޝޫ-ޝޫ އާއި އެއް ފުރާވަރުގެ ކުދިން ހިނގަން ފެށިއިރު، 19 މަހުގެ ޝޫ-ޝޫ އަށް ފިޔަވަޅެއްވެސް ނޭޅެއެވެ. މީގެ އިތުރުން ޝޫ-ޝޫ އަށް ވާހަކަ ދެއްކުން ލަސްވެ ބައެއްކަހަލަ ލަފުޒުތައް ކިޔަން އުނދަގޫކަންވެސް ފާހަގަ ކުރެވުނެވެ. އެގޮތުން ‘މަންމަ’ ނުވަތަ ‘ބައްޕަ’ ފަދަ ކިޔައިލަން ފަސޭހަ ބައެއް ލަފުޒުތައްވެސް ޝޫ-ޝޫ އަށް ކިޔަން އުނދަގުލެވެ.
ޝޫ-ޝޫ ގެ ހާލަތާއި މެދު ލިޔު-ޔޫ ވަރަަށް ކަންބޮޑުވި އެވެ. ލިޔު-ޔޫ އާއި އޭނާގެ ފިރިމީހާ ފަދަ ތޫނުފިލި ކުއްޖަކަށް ޝޫ-ޝޫ ނުވެދާނެތީ ބިރުގަތެވެ. ލިޔު-ޔޫ އަކީ ޔުނިވަރސިޓީން އެއްމެ މަތީ ފާސް ހޯދި ދަރިވަރެކެވެ. އޭނާ ހޯދީ ވަރަށް ބޮޑު ކާމިޔާބީ އެއް ކަމަށް ފާހަގަކުރެވުނެވެ. ސަބަބަކީ އެދުވަސްވަރު މާކަ ގިނަ ބަޔަކަށް ދަސްވެނިވުމާއި ހަމައަކަށް ނުދެވެ އެވެ. ލިޔު-ޔޫ އަކީ އެއްމެ މަތީ ލެވެލް އިން ދަސްވެނިވި މަދު ކުދިންގެ ތެރޭގައި ހިމެނުނު އެއް ދަރިވަރެވެ. މީގެ އިތުރުން އޭނާާ އަކީ ވަރަށް ރަނގަޅު މުދައްރިސެކެވެ. އޭނާގެ ކެރިއަރުގައި އެއްވާނެއްގައި ހިފަހައްޓައިލި އެކަކުވެސް މެއެވެ.
އުމުރުން އެއްމެ 35 އަހަަރުގައި ލިޔު-ޔޫ އަށް ވަނީ ޗައިނާގެ ޑެލިއަަން ޔުނިވަރސިޓީގެ ބިޒްނަސް ޑިޕާޓްމަންޓް ގެ އެއްމެ އިސް ވެރިޔާގެ މަގާމު ލިބިފައެވެ. މިއީ އެއްމެ ޒުވާން އުމުރުގައި މި މަގާމު މީހަކަށް ލިބުނު ފުރަތަމަ ފަހަރެވެ. ލިޔޫ ޔޫ ގެ ފިރިމީހާ އަކީ ސަރުކާރުގެ މަތީފަޑީގެ އޮފިސަރެކެވެ.
މި ދެމީހުންގެ ފަހި އަދި ކާމިޔާބު ދިރިއުޅުމުގެ ވާހަކަ ވެފައިވަނީ މުޅި އެ އަވަށް ގޮވަމުންދިޔަ ވާހަކަ އަކަށެވެ. އެ އާއިލާއަކީ އާއްމުންގެ ލޯތައް އަމާޒުވެފައިވާ އާއިލާއެކެވެ. އެހެންކަމުން ލިޔޫ ޔޫ ބޭނުންވީ އޭނާގެ ދަރިފުޅު ޝޫ-ޝޫ އަކީ ވެސް އޭގެ ދެމަފިރިން ފަދަ މޮޅު ކުއްޖަކަށް ހެދުމަށެވެ. އެގޮތުން އެމީހުންގެ ދަރިފުޅަށް ތަފާތު ވައްތަރު ވައްތަރުގެ ‘ފުޑް ސަޕްލިމެންޓް’ ތައް ދޭންފެށިއެވެ. ސިކުނޑި ރަނގަޅުވާނެކަމަށް ބުނެ އިޝްތިހާރު ކޮށްފައިވާ ހަމަ ކޮންމެ ފުޑް ސަޕްލިމެންޓެއް ދިނެވެ.
ހައްދުފަހަނަ އަޅާވަރަށް ފުޑް ސަޕްލިމެންޓް ދިނުމުން، ޝޫ-ޝޫ އާއި އެއް ފުރާވަރުގެ ކުދިންނަށްވުރެން މާ އަވަހަށް އޭނާ ހައިޟު (ޕީރިއަޑް) ވި އެވެ. އެވަރަށް ފުޑް ސަޕްލިމެންޓް ދޭން ނުވާނެކަމަށް ލިޔު-ޔޫ ގެ ރައްޓެހި ޑޮކްޓަރެއް ބުނަމުން ދިޔަ ދިޔުމަށްވެސް އޭނާ ދިނީ ބީރު ކަންފަތެކެވެ. އޭނާ ހީކުރީ ފުޑް ސަޕްލިމެންޓްތައް ދިނުމުން ދަރިފުޅު އިތުރަށް ވިސްނުން ތޫނުވެ ސްމާޓް ވާނެ ކަމަށެވެ.
ޝޫ-ޝޫ ގެ ކިޔެވުމުގެ ކަންތައްތަކުގައި އެހީތެރިވުމަށްޓަކައި ޕްރައިވެޓް ޓިއުޓަރެއްވެސް ލިޔު-ޔޫ ހަމަޖެއްސި އެވެ.
އެއްމެފަހުން، ޝޫ-ޝޫ އަށް އެއްމެ ފުރަތަމަ ފަހަރަށް އޭނާގެ ކުލާހުން އެއްވަނަ ލިބޭގޮތް ވި އެވެ. އެއީ 5 ވަނަ ކުލާހުގައެވެ.
ޝޫ-ޝޫ އަށް ލިބިގެން ދިޔަ މި ޕޮޒިޓިވް ތަރައްޤީ ގެ ސަބަބުން ލިޔު-ޔޫ ގެ ހިތްވަރު އާލާވި އެވެ. ޝޫޫ-ޝޫ މޮޅުކުރުމަށް ކުރަމުން ދިޔަ މަސައްކަތްތައް އިތުރު ކުރިއެވެ. ޤައުމީ ކުއިޒް މުބާރާތުގައި ޝޫ-ޝޫ ބައިވެރިވުމަށް ލިޔު-ޔޫ އެދުނެވެ. އޭނާ އުއްމީދު ކުރީ ވަރަށް ފަސޭހަކަމާާއި އެކު ޝޫ-ޝޫ އަށް އެ މުބާރާތް ކާމިޔާބު ކުރެވޭނެ ކަމަށެވެ. ނަމަވެސް އޭނާ އަށް ވީ ނާކާމިޔާބެވެ. ކުއިޒުން ވީ ބައްޔެވެ. ޝޫ-ޝޫ އާއި ވާދަކުރި ކުއްޖާ އަށް ޖަވާބުތައް އެނގޭއިރު، ކުރިމަތި ކުރުވި ސުވާލުތައް ވެސް ފަހުމް ކުރުމަށް ޝޫ-ޝޫ އަށް ޖެހުނީ މަރުފަލި ޖަހާށެވެ.
މިކަންކަމުގެ ސަބަބުން ޝޫ-ޝޫ އަށް ވަރަށް ބޮޑު ޕްރެޝަރެއް ތަހައްމަލް ކުރަން ޖެހުނެވެ. ހިތުގައި އަޅަމުންދިޔަ ވޭނާއި ކުރަމުންދިޔަ ހިތާމައާއި ލިބިފައިވާ ސްޓްރެސް އެއްވެސް މީހެއް ކައިރީގައި ހިއްސާ އެއް ނުކުރުވުނެވެ. ލިބިފައިވާ ހާސްކަމާއި ގަތްފައިވާ ލަދުގެ ވާހަކަތައް ބަޔާންކުރީ އޭނާގެ އަމިއްލަ ޑައިރީގަަ އެވެ. އެ ޑައިރީގައި ޝޫ-ޝޫ ގެ މަންމަމެން އޭނާ އާއި މެދު ކުރަމުންދިޔަ ބޮޑެތި އުއްމީދުތަކުގެ ސަބަބުން ތަހައްމަލު ކުރަމުންދިޔަ އުދާސް ތައް ހާމަކުރި އެވެ.
“އަހަންނަށް ކަންކަމުގައި ރިއެކްޓް ކުރެވެނީ ލަހުންނެވެ. ކޮންމެ ހަރަކާތެއްވެސް އަހަންނަށް ނިންމެނީ އެންމެ ފަހުންނެވެ. ނަމަވެސް ބައްޕަ އާއި މަންމަ މިކަން ޤަބޫލުކުރާކަށް ބޭނުމެއް ނުވެއެވެ. އެމީހުން ހީކުރަނީ އެމީހުންނަކީީ އެމީހުންގެ ދާއިރާ ތަކުގައި އެއްމެ މަތީ ހަރުފަތުގައި އުޅޭ ބަޔަކަށް ވާާތީ އަހަންނަކީވެސް އެމީހުންފަދަ ތޫނުފިލި މީހަކަށް ވާންޖެހޭނެ ކަމަށެވެ. އެމީހުން ކިތައްމެ ކާމިޔާބު ދިރިއުޅުމެއް ވޭތިކުރަމުންދިޔަސް އަހަރެންގެ ދިރިއުޅުމަކީ އެހާ ފަސޭހަ ދިރިއުޅުމެއް ނޫނެވެ. މިކަމުގެ ސަބަބުން އަހަންނަށް ވަރަށް ބޮޑު ޕްރެޝަރެއް ކުރާކަމުގެ އިހްސާސް ކުރެވެއެވެ. އަހަރެން ފަދަ ދަރިއެއް އަހަރެންގެ މައިންބަފައިންނަށް ލިބުނީތީ ޚުދު އަހަރެން ހިތާމަކުރަމެވެ.”
1997 ގެ ހޫނުމޫސުމުގައި ޝޫ-ޝޫ ތަޢުލީމު ޙާޞިލް ކުރަން ފެށީ ޖޫނިޔާ ހައި ސްކޫލެއްގަ އެވެ. ރޭގަނޑު އޭނާ ގޭގައި ކިޔެވުމަށްޓަކައި އޭނާގެ މަންމަ ވަނީ ޕްރައިވެޓް ޓިއުޓަރެއް ހަމަޖައްސާފައެވެ. އެހެން ދަރިވަރުންނަށް ވުރެން މޮޅު ކުއްޖަކަށް ޝޫ-ޝޫ ހެދުމަށް ޝޫ-ޝޫ ގެ މަންމަ ވަނީ ވަރުގަދައަށް ޢަޒުމް ކަނޑައަޅާފަ އެވެ. ޝޫ-ޝޫ އަށް ލިބޭ ކާމިޔާބީގެ އަސްލަކީ އޭނާއަށް ޓިއުޝަން ދިނުމަށް އެއްމެ ރަނގަޅު ޓިއުޓަރުން ހޯދައިދެވިފައި ވުމުން ކަމަށް ލިޔު-ޔޫ އޭނާގެ ދަރިފުޅު ޝޫ-ޝޫ ކައިރީގައި ވަރަށް ގިނައިން ބުނެއެވެ.
2000 ވަނަ އަހަރު ޓޮޕް ސީނިއާ ހައި ސްކޫލެއްގައި ޝޫ-ޝޫ އަށް ކިޔެވުމުގެ ފުރުޞަތު ލިބުނެވެ. ނަމަވެސް ފުރަތަމަ ކުރިމަތި ވި އިމްތިހާނުގައި އޭނާ ބޮޑުތަނުން ފެއިލްވި އެވެ. ޝޫ-ޝޫ އަށް އެ ސްކޫލުން ފުރުޞަތު ލިބުނު ގޮތާއިމެދު ޝޫ-ޝޫ ގެ ކުލާސް ޓީޗަރަށް ޝައްކު އުފެދުނީ އޭނާ އަށް ލިބުނު ދަށް ނަތީޖާގެ ސަބަބުން ނެވެ. ޝޫ-ޝޫ ގެ ކުލާސް ޓީޗަރަށް މިކަން އެނގި އެ ވާހަކަ ދެއްކުމުން، ލިޔު-ޔޫ ވަރަށް ބޮޑަށް ކުލާސް ޓީޗަރުދެކެ ރުޅި އައެވެ. އެއްވެސް އަސްލެއް ނެތް ތުހުމަތެއް ކުރުމުން ކުލާސް ޓީޗަރާއިމެދު މައްސަލަ ޖައްސާނެ ކަމަށް ބުނެ ޝޫ-ޝޫ ގެ މަންމަ ލިޔު-ޔޫ އެ ޓީޗަރަށް އިންޒާރުވެސް ދިނެވެ. އެއްމެ ފަހުން އެ މައްސަލަ ސްކޫލުގެ ޕްރިންސިޕަލާއި ހަމައަށް ދިޔައެވެ. އެ މައްސަލައިގައި ކުލާސް ޓީޗަރު މަޢާފަށް އެދުނެވެ. އަދި އެ މުދައްރިސް ނުވެސް ވަންނަ ޝޫ-ޝޫ އެހެން ކުލާހަކަށް ޝޫ-ޝޫ ބަދަލު ކޮށްދިނުމަށް ލިޔު-ޔޫ އެދުނެވެ.
އޭގެ ހަފުތާއެއް ފަހުން ޝޫ-ޝޫ އޭނާގެ މަންމަ ލިޔު-ޔޫ ކައިރިން އެދުނީ އޭނާ އެހެން ސްކޫލަކަށް ބަދަލުކޮށްދިނުމަށެވެ. އެ ސްކޫލުގައި ކިޔަވައިދެމުން ދިޔަ އެއްޗެތި މަތިކަމުންނެވެ.
ޝޫ-ޝޫ ބޭނުންވާ ކަންތަކުގެ ވާހަކަ އަޑުއަހާފައި ލިޔު-ޔޫ އަށް ވަރަށްބޮޑު ހައިރާން ކަމެއް ލިބުނެވެ. އެހެން ނަމަވެސް ލިޔު-ޔޫ ގެ ނިންމުމުގައި ވަރަށް ސާބިތުކަމާއި އެކު އޭނާ ހުއްޓެވެ. އެހެން ސްކޫލަކަށް ބަދަލުކޮށްދޭން އެދުނު އެދުމަށް ފުރަގަސް ދެމުންނެވެ.
“ކުލާހުގައި މުދައްރިސުން ކިޔަވައިދޭ އެއްޗެއްސެއް އަހަންނަކަށް ދޭހައެއް ނުވެއެވެ. އަހަންނަށް ހީވަނީ ސީނިއާ ހައި ސްކޫލް ގެ މާއްދާާތައް އަހަރެންގެ ފެންވަރަށްވުރެން މަތިވެފައި މާބޮޮޑަށް އުނދަގޫހެން ނެވެ. ނާރސިން ހޯމް އެއްގައި މަސައްކަތް ކުރުމުގެ ބަދަލުގައި އަހަރެން ބޭނުންވީ އާރޓްސް ގެ މާއްދާތައް ނަގާށެވެ.”
ޝޫ-ޝޫ ދެކެ، ލިޔު-ޔޫ އިންތިހާ އަށް ރުޅިއައެވެ. ނަމަވެސް ޝޫ-ޝޫ ގެ ނިންމުމަށް އިހްތިރާމު ކުރުމަށް ލިޔު-ޔޫ ގެ ފިރިމީހާ ލިޔު-ޔޫ ކިބައިން އެދުނެވެ.
ޝޫ-ޝޫ އެގޮތަށް އެދުނު ސަބަބެއް ލިޔު-ޔޫ އަކަށް ފަހުމެއް ނުވި އެވެ. “އޭނާއަށް ވުރެން މާ ދަށް ކުދިންވެސް އެބަތިބިއެއްނު. އެކަމަކު އެކުދިން ސްކޫލަށް ދިއުމެއް ހުއްޓައެއް ނުލައެއްނު. ދެން ކީއްވެތަ ޝޫ-ޝޫ ސްކޫލަށް ދިއުން ހުއްޓާލަން ބޭނުންވާން ވީކީ؟”
“ބުނަން ލިއަންގ-ޖުން، މަ މި ބުނާާ އެއްޗެއް އަޑުއަހާބަލަ! ކޮންމެވެސް ދުވަހަކުން ޝޫ-ޝޫ އަށް އެއްމެ ފެންވަރު ރަނގަޅު ޔުނިވާސިޓީ އަކުން އަހަރެން ޖާގަ ހޯދަ ދޭނަން. އަހަރެން މާދަމާވެސް މަރުނުވެ ހުރިއްޔާ އަހަރެންގެ އެ މަަސައްކަތް ދުވަހަކުވެސް ހުއްޓައެއް ނުލާނަމޭ!” ލިޔު-ޔޫ އޭނާގެ ފިރިމީހާ އަށް ދިނީ ޢަޒުމް ވަރުގަދަ ޖަވާބެކެވެ.
ދުވަސްކޮޅެއް ފަަހުން، 2003 ވަނަ އަހަރު، ފެންވަރު ރަނގަޅު ޔުނިވާސިޓީ އަކުން އިކޮނޮމިކްސް ކިޔެވުމަށް ޝޫ-ޝޫ އަށް ފުރުޞަތު ލިބިގެން ދިޔައެވެ. މި ޚަބަރު ލިބުމުން ލިޔު-ޔޫ އާއި އޭނާގެ ފިރިމީހާ ތިބީ ވަރަށް އުފަލުން ނެވެ. ޝޫ-ޝޫ އަށް ފުރުޞަތު ލިބުނު ކަމުގެ ސިޓީ ޔުނިވާސިޓީން އައުމުން އުފަލުން އެމީހުން ރުޔެވެ.
އެހެންނަމަވެސް، އެ ޔުނިވާސިޓީ އަށް ދިއުމާއި މެދު ޝޫ-ޝޫ ހުރީ އުފަލަކުން ނޫނެވެ. ފުރަތަމަ ސެމެސްޓަރ އިން އޭނާ ފެއިލް ވިއެވެ. އޭނާގެ ބެޗުން އެއްމެ ގިނަ މާއްދާއިން ފެއިލްވި ހަމައެކަނި ދަރިވަރަކީ އޭނާ އެވެ. އެއަށްފަހު ޝޫ-ޝޫ ބޭނުންވީ ގޭގައި ހުރެގެން ކިޔަވާށެވެ.
އޭނާގެ ޑައިރީ ލިޔުމައިގެން ކުރިއަށްދިޔަ އެވެ. “މަންމަ އަކީ ތޫނުފިލި އަދި ސްމާޓް މީހެއް ނަމަވެސް މަންމަ ގެ މި ދަރިފުޅަކީ މަންމަ ކަހަލަ ތޫނުފިލި ކުއްޖެއް ނޫން. މަންމަ ފަދަ މީހަކަށް ވޭތޯ މަންމަ ކިތަންމެ ބާރުއެޅި ނަމަވެސް އަހަންނަށް މަންމަ އާއި އެއްފަދަ އެއް ނުވެވޭނެ.”
އެއްމެފަހުން، ވަރަށް ބޮޑެތި ގޮންޖެހުންތަކާާއި އެކު، ވަރަށް މަސައްކަތް ކޮށްގެން، ޝޫ-ޝޫ އަށް ޔުނިވާސިޓީން އިން ދަސްވެނި ވެވުނެވެ.
ދަސްވެނިވުމުން އޭނާ އުފާވި މިންވަރު ޑައިރީގައި ލިޔެފައިވެ އެވެ. “ފާސްވެއްޖެ. އެއްމެންވެސް ތިބީ އެމީހުން ދެކެމުން އައި ހުވަފެން ހަޤީޤަތަކަށް ވުމުން ވަރަށް އުފަލުން. އެކަމަކު އަހަންނާއި އެކު ކިޔެވި އެއްމެންގެ ތެރެއިން އެއްމެ އުފަލުން ހުރީ އަހަރެން. ސަބަަބަަކީ ދެން އިތުރަށް ކިޔަވަން ނުޖެހޭނެތީ. 16 އަހަރު ވާންދެން ނިންޖެއް އަރާމެއް ނެތި ކިޔަވަން ޖެހުމުން އަހަރެން މިހުރީ ވަރަށް ވަރުބަލިވެފަ. މިކަން އިތުރަށް ކުރަން ޖެހިއްޖެއްޔާ އަހަރެން އަމިއްލައަށް މަރުވުންވެސް މާާ ރަނގަޅު.”
އާދައިގެ މަތިން ޝޫ-ޝޫ ގެ ކަންތައްތަކުގަައި ވަރަށް ވަރުގަދައަށް މަސައްކަތް ކުރަމުން އައި ލިޔު-ޔޫ އޭނާގެ ދަރިފުޅަށް ވަޒީފާ އެއް ހޯދައިދިނުމަށްވެސް އެއްމެ ތަންފުކެއް ދޫނުކޮށް ވަރަށް ބޮޑަށް މަސައްކަތް ކޮށް ވަޒީފާ އެއް ހޯދައިދިނެވެ.
ޝޫ-ޝޫ ގެ ވަޒީފާގައިވެސް އޭނާއަށް ވަރަށް ދަތި އުނދަގޫތަކާއި ކުރިމަތިލާން ޖެހުނެވެ. އޭނާގެ މައްޗަށް ތިބޭ މީހުންގެ ހަރުކަށިކަމުންވެސް މެއެވެ. ވަޒީފާގެ ފުރަތަމަ ދުވަހުގައިވެސް އެތައް ކަމެއް ކުރުމަށް އޭނާ އަށް ޖެއްސި އެވެ. ވަޒީފާ ގެ ފުރަތަމަ ދުވަހު ކުރިމަތިވި ޕްރެޝަރުގެ ބޮޑުކަމުން ރަނގަޅަށް އޭނާގެ މަސްއޫލިއްޔަތުތައް ވެސް އަދައެއް ނުކުރެވުނެވެ.
އެކުގައި ވަޒީފާ އަދާކުރާ މީހުންގެ ކިބައިން އެހީއަށް ޝޫ-ޝޫ އެދުނެވެ. އެކަމަކު އޭނާއަށް އެހީވުމަށް އެއްވެސް މީހަކަށް ވަގުތެއް ނުދެވުނެވެ. އެއްމެންވެސް އުޅެމުން ދިޔައީ އެމީހުންގެ ޒިންމާާ ތަކުގައި ވަދިކޮށެވެ. އެއްމެ ފަހުން އިސްކޮށް ތިބި މީހުން ޝޫ-ޝޫ ކުށްވެރިކޮށް އެއްޗެތިގޮވި އެވެ.
އެ ކުންފުނީގެ ވަޒީފާގައި ދެމިހުންނާކަށް ޝޫ-ޝޫ ބޭނުމެއް ނުވިއެވެ. ކުރިމަތިވި މައްސަލަތައް އޭނާގެ މަންމަ އާއި ހިއްސާކުރި އެވެ. އެހެންނަމަވެސް، ޝޫ-ޝޫ ގެ މަންމަ ޝޫ-ޝޫ ދެކެ ރުޅިއައެވެ. ކުންފުނީގެ ވަޒީފާގައި ޝޫ-ޝޫ އުޅެން ޖެހޭނެ ކަމަށް އަންގައި އަމުރުކުރި އެވެ. މިކަމުގެ ސަބަބުން ޝޫ-ޝޫ އަށް ވަރަށް ބޮޑަށް ސްޓްރެސް އާއި ކުރިމަތިވި އެވެ.
އެއްމެ ފަހުން ޝޫ-ޝޫ އަށް އެވަރުގެ ސްޓްރެސް އެއް ބަރުދާސްތު ކުރަން ދަތިވިއެވެ.
އިމާރާތެއްގެ 21 ވަނަ ފަންގިފިލާ އިން ފުންމާލައިގެން އޭނާ އަމިއްލަ އަށް މަރުވި އެވެ.
ދަރިފުޅުގެ މަރަށްފަހު، ލިޔު-ޔޫ އަށް ޝޫ-ޝޫ ގެ ޑައިރީ ފެނުނީ ގޭތެރެ ފޮޅައި ސާފުކުރުމުގެ ތެރޭގަ އެވެ. ޑައިރީގައި ލިޔެފައިވާ ހުރިހައި އެއްޗެއް އޭނާ ކިޔެވެ. “ބައްޕާ، މަންމާ. މަންމަމެން އުއްމީދުކުރާ ފަދަ ދަރިއަކަށް ވެވޭތޯ އަހަރެން އަބަދުވެސް ދުޢާ ކުރަމެވެ. އެކަމަކުވެސް އެކަމެއް ނުވި އެވެ. އަހަރެން ވަރުބަލި ވެއްޖެ އެވެ. ވަރަށް ބޮޑަށްވެސް ވަރުބަލި ވެއްޖެ އެވެ. އަހަރެން ބޭނުން ނުވިޔަސް، މަންމަަމެން ގެ ޝައުޤުވެރިކަން ހުންނަ ކަންކަމަށް އަހަރެން ޖެހުނީ ކުރިމަތިލާށެވެ. އެހެން މީހުންނާއި އަޅައި ބަލާއިރު އަހަންނަކީ ގަބު މީހެކެވެ. އަހަރެން ވަރުބަލި ވެއްޖެ އެވެ. އަހަރެން ބޭނުންވަނީ އަރާމުކޮށްލާށެވެ. ޖަންނަތުން އަހަރެން ފަދަ އައު ރަހުމަތްތެރިން ވެސް ލިބިދާނެކަން ނޭނގެ އެވެ.”
ޑައިރީ ކިޔައި ނިމުނު އިރު ޝޫ-ޝޫ ގެ މަންމަ ހުރީ ހިތް ކުދިކުދި ވެފަ އެވެ. މުޅި މީހާ ހަފުސްވާ ހިސާބަށް ގޮސްފަ އެވެ. އޭނާގެ ދަރިފުޅާއި މެދު ކަންތައް ކުރެވުނު ގޮތުން އެކަމާއި ހިތާމަކުރި އެވެ. އެކަމަކު ވަގުތު ފާާއިތުވީ ފަހުންނެވެ. މީޑިއާ އަކަށް ލިޔު-ޔޫ ދިން ބަސްދީގަތުމެއްގައި އޭނާ ބުނީ، ޝޫ-ޝޫ ގެ ވާހަކަތައް އެހެން މީހުންނާއި ހިއްސާކުރަން ބޭޭނުންވާ ކަމަށެވެ. އޭރުން އެހެން ބެލެނިވެރިން މިފަދަ ކަންކަމާއި މެދު ހޭލުންތެރިވާނެ ތީ އެވެ.
“ތުރުކީވިލާތުގެ ހަރުބަހެއްގައި ބުނާފަަދައިން ‘ގަހެއްގެ ތިރީގައި އެކަލާންގެ ގޮފިތައް ލައްވަވާފައި ވަނީ ރަނގަޅަށް އުދުހި ނޫޅެވޭ ދޫންޏަށްޓަކަ އެވެ.’ މި ހަރުބަސް އަހަރެން ނެގީ މަގޭ ދަރިފުޅު ޝޫ-ޝޫ ގެ ޑައިރީން. ދަރިފުޅު އެހެން ލިޔެފައިވަނީ އަހަރެން އަބަދުވެސް އޭނާ އަށް ނުއުދުހެވޭ ހިސާބަށް އުދުއްސަން މަސައްކަތް ކުރާތީ.”
“އަހަރެން ހަމައެކަނި ބޭނުންްވީ އަހަރެންގެ ދަރިފުޅު އުފާވެރި ރަނގަޅު ދިރިއުޅުމެއް ވޭތިކުރުމަށް.”
“ކޮންމެ ކުއްޖެއްގެ ވެސް ހުންނާނީ ތަފާތު ކަންކަމަށް ޤާބިލުކަން. އަހަރުމެން ބެލެނިވެރިން ޖެހޭޭނީ އެކުދިންގެ ޝައުޤުވެރިކަމާއި އެކުދިންގެ ގާބިލުކަމާއި ހުނަރަށް ބަލައިގެން އެކުދިންނަށް މަގުދައްކަން. އެކުދިން ވާން ބޭނުން މީހަކަށް ވުމަށް އެކުދިން ދޫކޮށްލަން ވާނެ.”
މި ވާހަކަ ކިޔާ ކޮންމެ ބެލެނިވެރިއަކު މިއިން އިބްރަތެއް ހާސިލް ކުރުމަކީ އަހަރެންގެ އުއްމީދެވެ. އަނެކުންގެ ދަރިންނާއި ތިމާގެ ދަރިން އަޅައި ކިޔައިގެން ނުވާނެ އެވެ. އެކަމުން އަހަރުމެން އެކުދިންނަށް މި ދެނީ ވަރަށް ބޮޑު ޕްރެޝަރެކެވެ. އަހަރުމެންގެ ދަރިން ދައްކާވާހަކަ އަޑުއަހަން ދަސްކުރަން އެބަޖެހެއެވެ. އެކުދިން ބޭނުންވާ ކަންކަން ދެނެގަންނާން ޖެހެއެވެ. އެކުދިންނަށް ކަމެއް ނުކުރެވުނަސް، އެކުދިންނާއި މެދު މާ އަވަހަށް ގޮތް ނުނިންމާށެވެ. އޭގެ ބަދަލުގައި، އެކުދިންނަށް ހިތްވަރުދޭށެވެ. އާޚިރުގައި، ބެލެނިވެރިންނަށް އެކުދިން ޝުކުރުވެރިވާނެ އެވެ. އެކުދިން ކުރާ މަސައްކަތް އަހަރުމެން ބަލައިގަންނަ ނަމަ އެކުދިންވެސް ކަންކުރާނީ ހަމަ އެގޮތަށެވެ.
މަސްދަރު: އިންގް.ގުޑްޓައިމްސް
އަމިއްލައަށް މަރުވުމަކީ ބޮޑުވެގެންވާ ޙަރާމް ކަމެކެވެ.
الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد: ޝައްކެއް ނެތް ގޮތުގައި އަމިއްލައަށް މަރުވުމާއި އަމިއްލަ ނަފްސަށް އެއްވެސް ކަހަލަ އަނިޔާއެއް ކުރުމަކީ ބޮޑުވެގެންވާ ޙަރާމް ކަމެކެވެ. {{ وَلا تُلْقُوا بِأَيْدِيكُمْ إِلَى التَّهْلُكَةِ …}} البقرة 195. “އަދި ތިޔަބައިމީހުންގެ އަތުން ތިޔަބައިމީހުންގެ ނަފްސުތައް ހަލާކުގެ ތެރެއަށް ނުލާށެވެ!” އިތުރުއެކަލޭގެފާނުން ހަދީޘް ކުރައްވާފައި ވެއެވެ. ((مَنْ قَتَلَ نَفْسَهُ بِحَدِيدَةٍ فَحَدِيدَتُهُ فِي يَدِهِ يَتَوَجَّأُ بِهَا فِي بَطْنِهِ فِي نَارِ جَهَنَّمَ خَالِدًا مُخَلَّدًا فِيهَا أَبَدًا وَمَنْ شَرِبَ سَمًّا فَقَتَلَ نَفْسَهُ فَهُوَ يَتَحَسَّاهُ فِي نَارِ جَهَنَّمَ خَالِدًا مُخَلَّدًا فِيهَا أَبَدًا وَمَنْ تَرَدَّى مِنْ جَبَلٍ فَقَتَلَ نَفْسَهُ فَهُوَ يَتَرَدَّى فِي نَارِ جَهَنَّمَ خَالِدًا مُخَلَّدًا فِيهَا أَبَدًا)) صحيح مسلم، (1 / 282) މާނައަކީ: “ތިބާގެ ނަފްސު ދަގަނޑު އެއްޗަކުން (ވަޅިއެއް ފަދަ އެއްޗަކުން) ގަތުލު ކޮށްފި މީހާ ޖަހަންނަމައިގެ އަލިފާނުގައި އަބަދުގެ އަބަދަށް އެފަދަ އެއްޗަކުން އޭނާގެ ބަނޑަށް ހަރައިހަރައި (އޭނާ އޭނާގެ ނަފްސު ގަތުލު ކުރި ގޮތަކަށް) ހުންނާނެއެވެ. އަދި ވިހައެއް ބޮއެގެން ތިބާގެ ނަފްސު ގަތުލު ކުރި މީހަކު ނަމަ އަބަދުގެ އަބަދަށް ޖަހަންނަމައިގެ އަލިފާނުގައި ވިހަ ބޮއެބޮއެ ހުންނާނެއެވެ. އަދި ފަރުބަދައަކުން ފުންމާލައިގެން ތިބާގެ ނަފްސު ގަތުލު ކޮށްފި މީހާ ޖަހަންނަމައިގެ އަލިފާނުގައި އަބަދުގެ އަބަދަށް ތިބާގެ ނަފްސު މަތިން ވައްޓާލައިގެން ގަތުލު ކޮށްކޮށް ހުންނާނެއެވެ.” ތިބާގެ ނަފްސު ގަތުލު ކުރުމަށްވުރެ ބޮޑަށް މާތް ﷲ ގެ ނިޢުމަތަށް ކާފަރުވުމަކީ ކޮބައި ހެއްޔެވެ!؟ ވީމާ އެފަދަ އެއްޗެއް ހިތަށް އަރައިފި ނަމަ އަޢޫޛު ކިޔައި ޝައިޠާނީ އެނުބައި ޚިޔާލުން ދުރުހެލިވާން ޖެހޭނެއެވެ. އަދި ދުލުން ބުނެވިއްޖެ ނަމަ ތައުބާވެ، އިސްތިޣްފާރު ކުރަން ޖެހޭނެއެވެ. والله أعلم
– މަސްދަރު: އިސްލާމް ކިޔު އެންޑް އޭ –
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
ވަރައް ކިޔާހިތުން ކީ. އެކަމު ޝޫ ޝޫ އަކާ ލިޔުޔޫ ނޫން އެއްޗއެއް ފަހަކުން ނުފެނުނު. ނަންތަކައް އެހެން ފަސޭހަ ނަންތަކެއްދީ އެބޭނުން ކުރިނަމަ އެއްކޮއް ކިޔާ މިއްމާެވނީސް