މިހާރު ކުޅެމުންދާ 2019/2020 ވަނަ ފުޓުބޯޅަ ސީޒަން ނިމުމުގެ ކުރިން ހޫނު މޫސުމުގެ ޓްރާންސްފަރ ބާޒާރު ހުޅުވާލުމުގެ ހުއްދަ ފުޓްބޯޅައިގެ މައި އިދާރާ ފެޑެރޭޝަން އޮފް އިންޓަނޭޝަނަލް ފުޓްބޯލް އެސޯސިއޭޝަން (ފީފާ) އިން ދީފިއެވެ.

ފީފާ އިން ވަގުތީ ގޮތުން ގަވާއިދަށް ގެނައި މި ބަދަލުގެ އިތުރުން ވެސް އެހެން ބަދަލުތަކެއް ގެނެސްފައިވާ ކަން ފާހަގަކޮށްލެވެއެވެ. ކުރިން އޮންނަ ގޮތުން އެއް ސީޒަނެއްގައި ކުޅުންތެރިއަކަށް އެންމެ ގިނަވެގެން ކުޅެވޭނީ ދެ ޓީމަކަށެވެ. ނަމަވެސް، ގަވާއިދައް ފަހުން ގެނައި ވަގުތީ ބަދަލާއެކު، އެއް ސީޒަނެއްގައި ތިން ޓީމަށް ކުޅުމުގެ ފުރުސަތު ކުޅުންތެރިންނަށް ލިބިގެން ދާނެއެވެ.

ފީފާގެ މެންބަރު ގައުމުތަކަށް މިހާރުން ފެށިގެން ވެސް ހޫނު މޫސުމުގެ ޓްރާންސްފަރ ބާޒާރުތައް ހުޅުވާލެވޭ ގޮތަށް އޮތްނަމަވެސް، ޔޫރަޕުގެ ބޮޑެތި ލީގުތަކަށް ބަލާއިލާއިރު، އިނގިރޭސި ޕްރިމިއަރ ލީގުން ޓްރާންސްފަރ ބާޒާރު ހުޅުވާލާނީ ޖުލައި 25 ވަނަ ދުވަހުގެ ފަހުން ކަމުގައި އެ ލީގުގެ ޗީފް އެގްޒެކްޓިވް އޮފިސަރު ރިޗަރޑް މާސްޓަރސް ބުނެފައިވެއެވެ. ޚަބަރުތައް ބުނާގޮތުގައި ޕްރިމިއަރ ލީގުން މަޝްވަރާ ކުރަމުން ދަނީ ހޫނު މޫސުމުގެ ޓްރާންސްފަރ ބާޒާރު އޮގަސްޓު މަހުން ފެށިގެން އޮކްޓޯބަރު މަހާ ހަމައަށް ބަދަލުކުރުމަށެވެ.

ސްޕެނިޝް ލީގުގެ ޓްރާންސްފަރ ބާޒާރު ހުޅުވާލާނީ ޖުލައި 21 ވަނަ ދުވަހުގެ ފަހުން ކަމުގައި ޚަބަރުތައް ބުނެއެެވެ. ނަމަވެސް، ޖަރުމަނުގެ ބުންޑަސްލީގާ އިން ޓްރާންސްފަރ ބާޒާރު ހުޅުވާލާނެ ކަމަށް ބެލެވެނީ ކުރިން ވެސް ހަމަޖެހިފައި އޮތް ތާރީޚު ކަމަށްވާ ޖުލައި މަހުގެ އެއްވަނަ ދުވަހުގައެވެ. އިޓާލިއަން ލީގަށް ބަލާއިރު، އެ ލީގުން ޓްރާންސްފަރ ބާޒާރު ހުޅުވާލާނީ ސެޕްޓެންބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން އޮކްޓޯބަރު މަހުގެ ފަސްވަނަ ދުވަހާއި ހަމައަށް ކަމުގައި އެގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ހާމަކޮށްފައިވެއެވެ. ކޮވިޑް-19 އާއި ގުޅިގެން ފުޓްބޯޅަ ސީޒަން މެދުކަނޑާލުމަށް ފަހު، އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމައި، ސީޒަން ނިންމާލާފައިވާ ފްރާންސް ލީގުން މިދިޔަ ހޯމަ ދުވަހުގައި ވަނީ ޓްރާންސްފަރ ބާޒާރު ހުޅުވާލާފައެވެ. ޚަބަރުތައް ބުނާގޮތުގައި އެ ލީގުން ވެސް މަޝްވަރާކުރަމުން ދަނީ ހޫނު މޫސުމުގެ ޓްރާންސްފަރ ބާޒާރު އޮގަސްޓު މަހުން ފެށިގެން އޮކްޓޯބަރު މަހާއި ހަމައަށް ބަދަލުކުރުމަށެވެ.

މިއަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފަރ ބާޒާރަށް ކުލަބުތަކުން ތައްޔާރުވަމުން އަންނައިރު، ކޮރޯނާ ވައިރަސް އާއި ގުޅިގެން ކުލަބުތަކަށް މާލީ ދަތިތަކާ ކުރިމަތިލާން ޖެހިފައިވާތީ، ޓްރާންސްފަރ ބާޒާރުގައި ބޮޑެތި މުޢާމަލާތްތަކެއް ހިނގާނެކަމަށް ނުބެލެވެއެވެ. އެހެން ނަމަވެސް، ޓްރާންސްފަރ ޚަބަރުތައް ބުނާގޮތުން ބައެއް ކުލަބުތަކުން ކުޅުންތެރިން ގަތުމަށް އެއްބަސްވެ ލިޔެކިޔުންތައް ނިންމަމުން ދާއިރު، އަނެއްބައި ކުލަބުތަކުން އަންނަނީ ކުޅުންތެރިން ހޯދުމަށް ބިޑު ކުރަމުންނެވެ. އަދި، ބައެއް ކުލަބުތަކުން އަންނަނީ އެޓީމުން ޝައުގުވެރިވާ ކުޅުންތެރިންނަށް ފާރަލަމުންނެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝާމިން
އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.