ޝާހް ރުކް ޚާންއާއި ރާނީ މުކަރްޖީ ލީޑް ރޯލު ކުޅުނު “ޗަލްތޭ ޗަލްތޭ” ރިލީޒްކުރިތާ މިއަދަށް 17 އަހަރު ވީއެވެ. އަދިވެސް މި ފިލްމަކީ ގިނަ ބައެއްގެ މެދުގައި މަޤުބޫލު ފިލްމެކެވެ. މި ފިލްމުގެ ލަވަތައްވެސް އެހާ މަޤުބޫލެވެ. އަޒީޒް މިރްޒާއާއި ރޮބިން ބަޓްގެ ވާހަކައަކަށް އަޒީޒް މިރްޒާ ޑައިރެކްޓްކުރި މި ފިލްމަކީ ރޮމޭންޓިކް ޑްރާމާއެކެވެ.

މި ހިތްގައިމު ފިލްމާއި ބެހޭގޮތުން ގިނަ މީހުންނަށް ނޭނގޭ ވާހަކަތަކެއް އަދިވެސް އެބަހުއްޓެވެ. ނުވަތަ މާ އާންމު ނޫން ވާހަކަތަކެއް އެބަހުއްޓެވެ. އެގޮތުން މި ފިލްމުގެ ތަރިންނާއި ބެހޭގޮތުން މާގިނަ މަޢުލޫމާތެއް ނޭނގި އޮވެދާނެއެވެ. ލީޑް އެކްޓްރެސްގެ ވާހަކައަކީ އޭގެ ތެރެއިން 1 ވާހަކައެވެ.

އައިޝްވާރިޔާ ރާއީ ފިލްމުގެ ބައެއް ޝޫޓްވެސް ކުރި

 

އެނގޭ ހެއްޔެވެ؟ ރާނީ މުކަރްޖީއަކީ މި ފިލްމަށް ހޮވި ފުރަތަމަ ބަތަލާއެއް ނޫނެވެ. އެންމެ ފުރަތަމަ ޕްރިޔާގެ ރޯލު ހުށަހެޅުނީ އައިޝްވާރިޔާ ރާއީ ބައްޗަންއަށެވެ. އައިޝްވާރިޔާއާއެކު ފިލްމުގެ ބައެއް ޝޫޓުވެސް ކުރިއެވެ. ނަމަވެސް އޭރު އައިޝްވާރިޔާގެ ލޯބިވެރިޔާ ސަލްމާން ޚާން ފިލްމުގެ ސެޓަށް ގޮސް ހިންގި ހަމަނުޖެހުންތަކަކާއި ގުޅިގެން ފިލްމަށް އިތުރު ގެއްލުންތަކެއް ލިބިދާނެތީ އައިޝްވާރިޔާ ފިލްމުން ވަކިކުރީއެވެ.

އައިޝްވާރިޔާ ފިލްމުން ވަކިކުރުމާއެކު ޝާހްއާއެކު އޮތް ރަހުމަތްތެރިކަމަށް ބުރޫ އެރިއެވެ. އެތައް ދުވަހެއް ވަންދެން އެ ރުޅިވެރިކަން ދެމިއޮތެވެ. ހަމަ އެގޮތަށް ވަރަށް ގާތް ދެ ރަހުމަތްތެރިންގެ ގޮތުގައި ތިބި އައިޝްވާރިޔާއާއި ރާނީގެ ގުޅުންވެސް ކެނޑުނީއެވެ. ރާނީއާއި އައިޝްވާރިޔާގެ ރަހުމަތްތެރިކަން ކެނޑުނީ ރާނީ އެ ރޯލު ޤަބޫލުކުރުމުންނެވެ.

ކާޖޮލްއަށްވެސް ޕްރިޔާގެ ރޯލު ހުށަހެޅި

 

 

ނަމަވެސް ރާނީއަށް އެ ރޯލު ލިބުމުގެ ކުރިން ކާޖޮލްއަށްވެސް އެ ރޯލު ހުށަހެޅިއެވެ. ނަމަވެސް ކާޖޮލް ވަނީ އެ ހުށަހެޅުން ޤަބޫލުނުކޮށް ދޫކޮށްލާފައެވެ. ރާނީއަށް އެ ރޯލު ހުށަހެޅުމުން ރާނީވެސް ފުރަތަމަ އެ ރޯލު ޤަބޫލެއް ނުކުރިއެވެ. އެއީ އޭގެ ކުރިން “ސާތިޔާ” ގައި އޭނާ ކުޅުނު ރޯލާއި މާބޮޑަށް އެއްގޮތް ވާތީއެވެ. ނަމަވެސް ފަހުން އެއްބަސްވީއެވެ.

ރާނީ މި ފިލްމުގައި އަދާކޮށްފައިވާ ރޯލަށް ކްރިޓިކުންނާއި ފިލްމު ބަލާ މީހުންވެސް ވަރަށް ބޮޑަށް ތަޢުރީފުކޮށްފައިވެއެވެ. އަދި މި ފިލްމުގައި ރާނީ ދެއްކި މޮޅު އެކްޓިންގެ ސަބަބުން ޖެހިގެން އައި އަހަރުގެ ބޮޑެތި ހުރިހާ އެވޯޑު ހަފުލާއެއްގައި ރާނީ ވަނީ މި ފިލްމުން ބެސްޓް އެކްޓްރެސްގެ އެވޯޑަށް ނޮމިނޭޓުވެފައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ސާޖިދު ޢަބްދުﷲ
ސާޖިދު ޢަބްދުﷲ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.