ވާދަވެރި ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ވުރެން ލިއޮނެލް މެސީ ދެގުނަ މޮޅުކަމަށް ފަހުގެ ސައިންޓިފިކް ދިރާސާއަކުން ދައްކައިފިއެވެ.

އާޖެންޓީނާ އަދި، ބާސެލޯނާގެ ދަރި ލިއޮނެލް މެސީ އާއި، ޔުވެންޓަސް އަދި، ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ އަކީ ޝައްކެއްވެސް ނެތްގޮތުގައި ފުޓުބޯޅައިގެ ދުނިޔޭގައި އުފެދުނު އެފަދަ ދެވަނައެއް ނުވާ ދެ ކުޅުންތެރިންނެވެ. ހަމައެހެންމެ، މެސީ އާއި ރޮނާލްޑޯ އަކީ ދުނިޔޭގައި އުފެދުނު އެންމެ މޮޅު ދެ ފުޓްބޯޅަ ކުޅުންތެރިން ކަމުގައި އެއްވެސް މީހަކު ޝައްކެއް ނުކުރާނެއެވެ. ނަމަވެސް މި ދެ ކުޅުންތެރިންގެ ތެރެއިން އެންމެ މޮޅީ ކާކުތޯ މިއީ ދުނިޔޭގެ އެންމެ ގިނަ މީހުން ބަހުސް ކުރަމުންދާ އެއް މައުޟޫ އޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ދޭ ޝަރަފުވެރި އެވޯޑު ކަމަށްވާ ބެލޮންޑިއޯ އެވޯޑު ވެސް މި ދެކުޅުންތެރިން ވަނީ ޖުމުލަ 11 ފަހަރު ހޯދާފައެވެ.

ބައިނަލްއަޤުވާމީ ކުޅިވަރުތަކާއި، ކުޅުންތެރިންނާއި އަދި، ފުޓުބޯޅަ ޖަމްޢިއްޔާތަކާ ބެހޭ ޑާޓާތައް އެއްކޮށް، އެއާއި ބެހޭ މަޢުލޫމާތުތައް ބަލަހައްޓަމުން އަންނަ ޕްރޮފެޝަނަލް ކުންފުންޏެއް ކަމަށްވާ “ސައިސްޕޯޓްސް” އާއި، ބެލްޖިއަމްގެ ޔުނިވަރސިޓީ އެއް ކަމަށްވާ “ޔުނިވާސިދާދް ކެތޯލިކާ” އާ ގުޅިގެން ކުރިއަށް ގެންދިޔަ ސައިންޓިފިކް ދިރާސާއަކުން ހާމަވި ގޮތުގައި، ވާދަވެރި ރޮނާލްޑޯ އަށް ވުރެން މެސީ ދެގުނަ މޮޅެވެ. މި ދިރާސާ ކުރިއަށް ގެންގޮސްފައި ވަނީ އެ ދެކުޅުންތެރިންގެ ރަން ޒަމާން ކަމުގައި ބެލެވިފައިވާ 2013 އިން ފެށިގެން 2018 ވަނަ އަހަރާ ހަމައަށެވެ.

“ގޯލު ޖެހުމަކީ ވަރަށް މަދުން ފެންނަ އިވެންޓެއް. މެޗެއްގައި އެވްރެޖުކޮށް ޖުމުލަ 1600 ހަރަކާތް ހިނގާއިރު، އަހަރެމެންގެ މޮޑެލްގައި މީގެ ކޮންމެ ހަރަކާތަކަށް ބަލާފައިވާނެ. ޝޮޓް، ޕާސް، ކޮއްޓުން، ޓެކްލް- މީގެތެރެއިން ކޮންމެ ކަމަކަށް ވަކިން ބަލައި އޭގެ ހިސާބު ހަދާފައިވާނެ.”

ދިރާސާގައި އެންމެ އިސްކޮށް އުޅުނު ފަރާތް ކަމަށްވާ ޕްރޮފެސަރ ޔެސޭ ޑޭވިސް ބުނެފައިވެއެވެ.

މި ދިރާސާ އިން ދެއްކި ގޮތުގައި، 2013 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާ ދޭތެރޭގައި ކުޅުނު ކޮންމެ މެޗެއްގައި މެސީ އެވްރެޖުކޮށް 1.21 ގޯލު ޖަހާފައިވާއިރު، ރޯނާލްޑޯ އަށް ޖެހިފައިވަނީ 0.61 ގޯލެވެ. ގިނައިރު ބޯޅަ ހިފަހައްޓައިގެން މެސީ ކުޅެފައިވާއިރު، ގިނަ ފުރުސަތުތައް ތަނަވަސްކޮށްދީފައި ވަނީ ވެސް މެސީ އެވެ. އަދި ހަމައެހެންމެ، ގިނަ މެޗުތަކުން މޮޅުވެފައި ވަނީ ވެސް މެސީ ކާމިޔާބުކުރި ގޯލުތަކުންނެވެ.

އެއްބަޔަކަށް މެސީ އަކީ ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ކަމަށް ވެދާނެއެވެ. އަދި އަނެއް ބަޔަކަށް ރޮނާލްޑޯ މޮޅުވެދާނެއެވެ. ނަމަވެސް ގަބޫލުކުރަންޖެހޭ ހަގީގަތަކީ ކޮންމެ ގޮތަކަށް ހިސާބުތައް ދެއްކި ނަމަވެސް މި ދެ ކުޅުންތެރިންނަކީ ފުޓްބޯޅައިގެ ދުނިޔޭގައި އެފަދަ ދެވަނައެއް ނުވާ ދެ ކުޅުންތެރިންކަމެވެ.

 

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝާމިން
އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.