މުނިއަވަސް އިން އިންތިޒާމުކޮށްގެން އޮންލައިން މަދަހަ މުބާރާތެއް ބާއްވަން ނިންމައިފިއެވެ. މި މުބާރާތާ ބެހޭ ހުރިހައި މަޢުލޫމާތުތައް ހިމެނޭގޮތަށް، މުބާރާތުގެ ޤަވާޢިދާއި މުބާރާތާ ބެހޭ މަޢުލޫމާތުތައް ތިރީގައި ހިމެނިފައި އެވަނީއެވެ.

މުނިއަވަސް އޮންލައިން މަދަހަ މުބާރާތް 1441ގެ ޤަވާޢިދު

1- މުބާރާތުގެ ތަޢާރަފު

މުނިއަވަސް އޮންލައިން މަދަހަ މުބާރާތަކީ، މަދަހަ ކިޔުމަށް ޝައުޤުވެރިވާ އުމުރުން 06 އަހަރާއި 16 އަހަރާއި ދެމެދުގެ ދަރިވަރުން ވާދަވެރިގޮތެއްގައި މި ހުނަރު ދައްކާލުމަށް ހުޅުވާލެވޭ ފުރުޞަތެކެވެ. މި މުބާރާތުގައި ހުށަހަޅާނީ މަދަހަ، ޘަނާ، ދުޢާ އަދި ދީނީ ޅެމެވެ.

މި ޤަވާއިދުގައި “މަދަހަ” މިހެން މާނަކުރެވިފައި ވާނީ، ކުރިން ބަޔާންކުރެވިފައިވާ މަދަހަ، ޘަނާ، ދުޢާ އަދި ދީނީ ޅެން ހިމެނޭ ގޮތަށެވެ.

2- މުބާރާތުގެ މަޤްޞަދު

މަދަހަ ކިޔުމުގެ ފަންނުވެރިކަން ކުރިއެރުވުމުގެ އިތުރުން މަދަހައަށް ލޯބިޖެއްސުމާއި، އިސްލާމް ދީނަށް ލޯބިޖެއްސުމާއި ދިވެހި އަދަބިއްޔާތަށް ލޯބިޖެއްސުމާއި، އަމިއްލަ ދިވެހިވަންތަ ރާގާއި ޅެމުގެ އުފެއްދުންތެރިކަން އިތުރުކުރުވައި، މި މުބާރާތުގެ ސަބަބުން މުސްތަޤުބަލުގައި ފެންވަރު ރަނގަޅު މަދަހަ ކިޔުންތެރިންތަކެއް އުފެދި، ފަންނުވެރިކަން ތަރައްޤީވެ ކުރިއަރައި ދިއުމެވެ.

3- ސްޕޮންސަރ

މި މުބާރާތް ސްޕޮންސާކުރައްވާފައިވަނީ މުނިއަވަސް ޤުރުއާން މުބާރާތްވެސް ސްޕޮންސަރކޮށްދެއްވި ’އިއްޔާ ރެކޯޑްސް“ އިންނެވެ.

މަދަހަ މުބާރާތުގެ ސްޕޮންސަރ “އިއްޔާ ރެކޯޑްސް”

4- މުބާރާތުގައި ބައިވެރިވެވޭ ގޮތް

މުބާރާތުގައި ކުދިން ބައިވެރި ވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 16 ޖޫން 2020 ން ފެށިގެން 15 ޖުލައި 2020 ވާ ބުދަ ދުވަހުގެ ހަވީރު 16:00 ކުރިން މި ނޫހުގެ ވައިބަރ ނަމްބަރ 7668101 އަށް ބައިވެރި ކުރުވަން ބޭނުންވާ ކުއްޖާގެ އައިޑީކާޑުގެ ފޮޓޯއަކާއެކު ކިޔާފައިވާ މަދަހަ ވީޑިއޯ އާއި މަދަހައިގެ ޅެން (ވޯރޑް ނުވަތަ ޕީޑީއެފް ފޯމެޓްގައި) ފޮނުވަންވާނެއެވެ.

މުނިއަވަސް އިން މެނޭޖްކޮށް ހިންގަމުން އަންނަ “މަދަހަ ލިރިކްސް ފޭސްބްކް ޕޭޖުން” ފަސޭހަކަމާއެކު، ގިނަ ޢަދަދެއްގެ މަދަހައިގެ ލިރިކްސް (ޅެން) ކޮޕީކޮށްލެވޭ ފޯމެޓްގައި ހުންނާނެއެވެ.

https://www.facebook.com/MadhahaLYRICS/messages/

5މިބާރާތުގައި ކިޔާ މަދަހައިގެ މިންވަރާއި ބާވަތް

މުނިއަވަސް މަދަހަ މުބާރާތުގައި ދަރިވަރު ކިޔާ މަދަހައިގެ ދިގުމިން ވާންވާނީ 3 މިނެޓާއި 4 މިނެޓާއި ދެމެދުގެ ވަގުތަށް ފެތޭ މަދަހައަށެވެ. މި ވަގުތުގެ ތެރޭގައި މަދުވެގެން މައިގަނޑާއިއެކު އެއް ކަޑި ކިޔަންވާނެއެވެ.

ކުރިން ބަޔާންކުރެވުނު ވަގުތަށްވުރެ މަދަހައިގެ ވަގުތު އިތުރުވާނަމަ މުބާރާތުގައި ވީޑިއޯ ނުހިމަނާނެއެވެ.

މި މުބާރާތް ރޭވިފައިވަނީ ދަރިވަރުން ވަކިން މަދަހަ ހުށައަޅާ ގޮތަށެވެ.

6ވީޑިއޯ ރެކޯޑްކުރުން

ކިޔެވުން ރެކޯޑްކުރަން ޖެހެނީ ބެލެނިވެރިން އަމިއްލަފުޅަށެވެ.

– ކިޔަން ޖެހޭނީ މިއުޒިކާއި ނުލައި ދިވެހި މަދަހައެވެ. ކިޔާ މަދަހައިގައި ޢަރަބި ލަފުޒު ހިމެނިފައިވުން އެއީ މައްސަލައެއް ނޫނެވެ.

– މުބާރާތަށް ފޮނުވާ ވީޑިއޯއަކީ އެހެން ޓީވީ/ރޭޑިއޯ ޗެނަލަކަށް ނުވަތަ އޮންލައިން ނޫހަކަށް ނުވަތަ ސްކޫލް މަދަރުސާއެއްގެ މުބާރާތަކަށް ނުވަތަ އެހެންވެސް މުބާރާތަކަށް އެ ދަރިވަރު ރެކޯޑްކުރި ވީޑިއޯއަކަށް ވެގެން ނުވާނެއެވެ.

– ވީޑިއޯ ރެކޯޑްކުރާއިރު ކުއްޖާއާއި އަދި އެ ކުއްޖާގެ އަޑު ވީހާވެސް ސާފުކޮށް ހުންނާނޭހެން ވީޑިއޯ ކުރުމަށް ސަމާލުކަން ދޭންވާނެއެވެ.

– ވީޑިއޯ ކުރަންވާނީ ލޭންޑުސްކޭޕްކޮށް 16:9 ފްރޭމްކޮށެވެ.

ވީޑިއޯ ރެކޯޑްކުރުމަށް މިގޮތަށް ފޯނު ހިފަހައްޓައި 16:9 ފްރޭމްގައި ރެކޯޑްކުރައްވާށެވެ.

7މުބާރާތުގެ ވީޑިއޯތައް އާއްމުކުރުން

މި މުބާރާތުގައި ބައިވެރިކުރާ ވީޑިއޯތައް، މުނިއަވަސް ޓީމުން ވަކި ފޯމެޓެއްގައި އެޑިޓްކުރުމަށްފަހު، މުނިއަވަސްގެ ފޭސްބްކް ޕޭޖްގައި 20 ޖުލައި 2020 ވަނަ ދުވަހު ހެނދުނު 08:00 ގައި މާތްﷲގެ ވާގިފުޅާއެކު ޝާއިޢުކުރެވޭނެއެވެ.

_ ނަމަވެސް މުބާރާތުގައި ބައިވެރިވާ ދަރިވަރުންގެ ޢަދަދުގެ ގޮތުން، މި ތާރީޚަށްވުރެން ފަހުގެ ތާރީޚެއްގައި ވީޑިއޯތައް ޝާއިޢުކުރެވޭ ޙާލަތެއްވެސް މެދުވެރިވެދާނެއެވެ. އެފަދަ ޙާލަތެއް މެދުވެރިވެއްޖެ ނަމަ ޢަމަލުކުރާނީ މި ޤަވާޢިދުގެ 12 ވަނަ ނުކުތުގައިވާ ގޮތަށް ޢަމަލުކޮށްގެންނެވެ.

8ބައިވެރިވެވޭނެ އުމުރުފުރާތައް

މުބާރާތް ބަހާލެވިފައިވަނީ 03 އުމުރުފުރާ އަކަށެވެ. އެއީ:

– 06 އަހަރާއި 09 އަހަރާ ދެމެދުގެ އުމުރުފުރާ

އުމުރުފުރާ ބެލުމަށް ހަމަޖެހިފައިވާ ގޮތަކީ 01 ޖުލައި 2020 އަށް 06 އަހަރު ފުރި އަދި, 01 ޖުލައި 2020 އަށް 10 އަހަރުވެފައި ނުވުން.

– 10 އަހަރާއި 13 އަހަރާ ދެމެދުގެ އުމުރުފުރާ

އުމުރުފުރާ ބެލުމަށް ހަމަޖެހިފައިވާ ގޮތަކީ 01 ޖުލައި 2020 އަށް 10 އަހަރު ފުރި އަދި, 01 ޖުލައި 2020 އަށް 14 އަހަރުވެފައި ނުވުން.

– 14 އަހަރާއި 16 އަހަރާ ދެމެދުގެ އުމުރުފުރާ

އުމުރުފުރާ ބެލުމަށް ހަމަޖެހިފައިވާ ގޮތަކީ 01 ޖުލައި 2020 އަށް 14 އަހަރު ފުރި އަދި, 01 ޖުލައި 2020 އަށް 17 އަހަރުވެފައި ނުވުން.

9- މުބާރާތަށް އިންސާފުކުރުން

މި މުބާރާތަށް އިންޞާފުކޮށްދެއްވާނީ މަދަހަ ކިޔުމުގެ ފަންނުގައި އަރާ ތިއްބެވި އަލް އަޚް އިބްރާހިމް ރަމީޒާއި މޫސާ ޝިފާޢު (ޓްރިއޯ ޝިފާއު) އެވެ.

މުބާރާތަށް އިންސާފުކުރަން ފަށާނީ ވީޑިއޯތައް އާއްމުކުރުމާ ހަމައިންނެވެ.

އިބްރާހިމް ރަމީޒް އަދި މޫސާ ޝިފާޢު

މުބާރާތުގައި މާކްސް ދިނުމުގައި ބަލާނީ އަންނަނިވި ކަންތައްތަކަށެވެ.

1)  ކިޔުންތެރިކަން %70

2)  ހުށައެޅުން %20

3)  އަކުރު އަދާކުރުން %10

 

10- މުބާރާތުގައި ހޮވާނެ ވަނަތައް

މި މުބާރާތުގައި ވަނަ ހޮވުމަށް ހަމަޖެހިފައިވަނީ ދެބަޔަކަށް ބަހާލައިގެންނެވެ. އެއީ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލާފައިވާ ތިން އުމުރުފުރާގެ ތެރެއިިން ކޮންމެ އުމުރުފުރާއަކުން އެއްވަނަ އާއި، ކޮންމެ އުމުރުފުރާއަކުން މުނިއަވަސް ކިޔުންތެރިންގެ އެންމެ މަގުބޫލު މަދަހަ ކިޔުންތެރިޔާ އެވެ.

* 06 އަހަރާއި 09 އަހަރާ ދެމެދުގެ އުމުރުފުރާ

– 01 ވަނައަށް ހޮވޭ ކުއްޖަކަށް 2500 ރުފިޔާގެ ފައިސާގެ އިނާމެއް ދެވޭނެއެވެ.

– މުނިއަވަސް ކިޔުންތެރިންގެ އެންމެ މަގުބޫލު މަދަހަ ކިޔުންތެރިޔާ އަށް 1000 ރުފިޔާގެ ފައިސާގެ އިނާމެއް ދެވޭނެއެވެ.

 

* 10 އަހަރާއި 13 އަހަރާ ދެމެދުގެ އުމުރުފުރާ

– 01 ވަނައަށް ހޮވޭ ކުއްޖަކަށް 2500 ރުފިޔާގެ ފައިސާގެ އިނާމެއް ދެވޭނެއެވެ.

– މުނިއަވަސް ކިޔުންތެރިންގެ އެންމެ މަގުބޫލު މަދަހަ ކިޔުންތެރިޔާ އަށް 1000 ރުފިޔާގެ ފައިސާގެ އިނާމެއް ދެވޭނެއެވެ.

 

* 14 އަހަރާއި 16 އަހަރާ ދެމެދުގެ އުމުރުފުރާ

– 01 ވަނައަށް ހޮވޭ ކުއްޖަކަށް 2500 ރުފިޔާގެ ފައިސާގެ އިނާމެއް ދެވޭނެއެވެ.

– މުނިއަވަސް ކިޔުންތެރިންގެ އެންމެ މަގުބޫލު މަދަހަ ކިޔުންތެރިޔާ އަށް 1000 ރުފިޔާގެ ފައިސާގެ އިނާމެއް ދެވޭނެއެވެ.

 

** މުނިއަވަސްގެ ކިޔުންތެރިންގެ އެންމެ މަޤުބޫލު ކިޔެވުން ހޮވުން: މި ވަނަ ހޮވުމަށް ހަމަޖެހިފައިވާ ގޮތަކީ މުބާރާތުގެ ހުރިހައި މަދަހަތަކެއް މުނިއަވަސްގެ ފޭސްބުކް ޕޭޖަށް އަޕްލޯޑް ކުރުމަށްފަހު އެންމެގިނަ ލައިކްސް އާއި ޝެއާރ ލިބޭ ކިޔެވުމަކަށެވެ.

 

11- މުބާރާތުގެ ނަތީޖާ އިޢުލާނުކުރުން

މުބާރާތުގެ ނަތީޖާ، މުނިއަވަސްގެ ފޭސްބްކް ޕޭޖް މެދުވެރިކޮށް، ވީޑިއޯ އެއްގެ ޒަރީޢާއިން 01 އޯގަސްޓް 2020 ވަނަ ދުވަހު އާއްމުކުރެވޭނެ އެވެ.

ދިމާވާ ސަބަބަކާހުރެ، މި ދެންނެވި ތާރީޚްގައި ނަތީޖާާ އިޢުލާނުކުރެވޭގޮތް ނުވެއްޖެނަމަ، ވީ އެންމެ އަވަސް ތާރީޚެއްގައި ނަތީޖާ އިޢުލާނުކުރުމަށް މުނިއަވަސްގެ ޓީމުން މަސައްކަތްކުރާނެއެވެ.

12 – މައްސަލަ ހައްލުކުރުން

ޤަވާއިދުގައި ނުހިމެނޭ ކަމެއް ދިމާވެއްޖެނަމަ، އެކަން ނިންމާނީ މުނިއަވަސް ގެ ފަރާތުން މުބާރާތް ހިންގުމަށް އެކުލަވާލާފައިވާ ޓީމަކުން މުބާރާތުގައި ބައިވެރިވާ ފަރާތްތަކުގެ ޚިޔާލާއި މަޝްވަރާ ވެސް ހޯދައިގެންނެވެ.

* މުބާރާތުގެ ޤަވާޢިދު (ޕީޑީއެފް)

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.