ދިވެހިރާއްޖޭގައި އެ ކޮލެޖަކުން އެންމެ ގިނަ ދަރިވަރުން ދަސްވެނިވާ ކޮލެޖުތަކުގެ ތެރޭގައި ހަމަ ޔަގީނުން ވެސް، މިއާންޒް އިންޓަރނޭޝަނަލް ކޮލެޖް ވާނެއެވެ. މިއާންޒް އިންޓަރނޭޝަނަލް ނުވަތަ “އެމްއައި” ކޮލެޖުގެ ކެމްޕަސްތައް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ހުންނައިރު، އެ ކޮލެޖަކީ އިޖްތިމާޢީ ރޮނގުން އެހީތެރިކަން ފޯރުކޮށްދިނުމުގައި ވެސް ފާހަގަކޮށްލެވޭ ކޮލެޖެކެވެ. މިހާރު މުޅި ދުނިޔެއާއި، ރާއްޖެއަށް ކުރިމަތިވެފައިވާ ކޮރޯނާ ވައިރަސްގެ ބަލިމަޑުކަމުން އަރައިގަތުމަށް ރާއްޖެއިން ކުރާ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ސެނަހިޔާ ހޮސްޕިޓަލަށާއި، ހިތަދޫ ސޯޝަލް ސަޕޯޓް ޑެސްކަށް އެ ކޮލެޖުން ވަނީ މާސްކާއި ސެނިޓައިޒާ ހަދިޔާކޮށްފައެވެ.
އަނެއްކާވެސް ދައްކަން މިއުޅެނީ އެމްއައި ކޮލެޖުން މިފަދަ އެހީތެރިކަމެއް ފޯރު ކޮށްދޭން އުޅޭ ވާހަކައެވެ. ނަމަވެސް، މިފަހަރު އެ ކޮލެޖުން ހަދިޔާކުރަން އުޅެނީ މާސްކާއި، ސެނިޓައިޒާއެއް ނޫނެވެ. އެއަށްވުރެ އަގު ހުރި އެއްޗެކެވެ. މިފަހަރު އެ ކޮލެޖުން ނިންމާފައި މިވަނީ ލޭ ހަދިޔާ ކުރުމުގެ ޕުރޮގްރާމެއް ކުރިއަށް ގެންދިއުމަށެވެ. އެމްއައި ކޮލެޖުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި އެ ކޮލެޖުން ކުރިއަށް ގެންދިއުމަށް ރާވާފައިވާ މި ހަރަކާތުގައި، ލޭ ހަދިޔާކުރުމުގެ ޝަރުތުތައް ފުރިހަމަވާ ހަމަ ކޮންމެ މީހަކަށް ވެސް ބައިވެރި ވެވޭނެއެވެ. މާނައަކީ އެމްއައި ކޮލެޖުގެ ދަރިވަރެއްކަމުގައި ނުވިނަމަވެސް، މި ހަރަކާތުގައި ބައިވެރި ވެވޭނެއެވެ. މި ހަރަކާތުގައި އެމްއައި ކޮލެޖުން ބޭނުންކުރުމަށް ނިންމާފައިވާ ޝިއާރަކީ “ސޭވް ސަމްވަންސް ލައިފް” މިއެވެ.
މި ހަރަކާތް ކުރިއަށް ގެންދިއުމަށް އަދި ވަކި ތާރީޚެއް ކަނޑައަޅާފައި ނުވިނަމަވެސް، މި ހަރަކާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ރެޖިސްޓަރވުމުގެ އެންމެ ފަހު ދުވަހަކީ 20 ޖޫން 2020 އަށް ކަމުގައި އެމްއައި ކޮލެޖުގެ ފަރާތުން މަޢުލޫމާތު ދެއްވައެވެ. މި ހަރަކާތުގައި ބައިވެރިވުމަށްޓަކައި އެމްއައި ކޮލެޖުގެ ފޭސްބުކް ޕޭޖުގައި އާންމު ކޮށްފައިވާ ލިންކު މެދުވެރިކޮށް އޮންލައިން ފޯމު ފުރާލުމުން ރެޖިސްޓަރ ވެވޭނެއެވެ. މިކަމާއި ބެހޭގޮތުން އިތުރު މައުލޫމާތު ހޯދުމަށް ބޭނުންވާ ފަރާތްތަކުން 7406003 އަށް ގުޅުއްވުމަށް އެމްއައި ކޮލެޖުން ވިދާޅުވެއެވެ.
ލޭ ހަދިޔާކުރުމުގެ މި ހަރަކާތުގައި ވީހާވެސް ގިނަ ފަރާތްތަކުން ބައިވެރިވުމަކީ އެ ކޮލެޖުގެ ވަރަށް ބޮޑު އެދުމެކެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- ޖަނާ އަކީ ވާހަކަ ލިޔުމަށް ޝައުޤުހުންނަ ލިޔުންތެރިއެކެވެ. އެހެން ދާއިރާތަކުގައިވެސް ޖަނާ ހަރަކާތްތެރިވާނެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 12 މާރޗް 2021ޚަބަރު“އުމަރު” ސީރީޒް ރާއްޖެ ޓީވީން އަންނަ ރަމަޟާން މަހު!
- 31 ޖެނުއަރީ 2021ޚަބަރުސްކިލް ޓްރެއިނިން ސެންޓަރުން އަތޮޅުތަކަށް ހާއްސަ އޮންލައިން ކުލާސްތަކެއް!
- 25 ޖެނުއަރީ 2021ވާހަކަޙުޔޫން – އެޕިސޯޑް 03
- 21 ޖެނުއަރީ 2021ޚަބަރުތ. ކިނބިދޫ މައުލޫދު ހަރުގެ މަރާމާތުކުރަން ބަޔަކާ ހަވާލުކޮށްފި