“ހުރިހާ ކުދިން ކިހިނެއް؟” ޒަމީރު ވާހަކަދެއްކީ ވަރަށް އެކުވެރިކަމާއި ހިތްހެޔޮކަމާއި އެކުގައެވެ. ހީވާގޮތުން ޒަމީރުވެސް އެ ވަޑައިގަންނަނީ ހެނދުނުގެ ފަރިއްކޮޅަށެވެ. ޒަމީރު ދިއުމާއިއެކު ސައިބޯންދިއުމަށް އަނެއްކާވެސް ހާވިލްގެ ކިބައިން ޒީކް އެދުނެވެ. ޒީކް ކުރުނުކުރާނެކަން އެނގުމުން ހާވިލް ތެދުވިއެވެ.
އެހެން ދުވަސްތަކާއި ހިލާފަށް މިއަދު ޒީކްގެ ފަރާތުން ފެންނަނީ ހިމޭންކަމެވެ. ކޮންމެވެސް ކަމަކާއި ވިސްނަމުންދާހެން ހީވެއެވެ. އެހެންނޫނީ ޒީކްގެ އަޑު މުޅި ހިސާބުގައި ހުންނާނެއެވެ.
“ކޮންކަމަކާތަ ތިވިސްނަނީ؟” މަޑު މަޑުންއިނދެ ސައިބޮމުންދިޔަ ޒީކް ސިއްސުވާލީ އާޝިޔާއެވެ. “ދެ މަންމަނުން ގޮވައިންތަ މިއަދު މި އާދެވުނީ.” އާޝިޔާގެ މި ޖުމްލައާއިއެކު ހާވިލްއަށްވެސް ހެވުނެވެ.
ޒީކްގެ ތުންފަތް މައްޗަށްވެރިވެލީ ކުޑަ ހިނިތުންވުމެކެވެ. އެ މޫނުމަތިން ފެންނަމުންދާ ކުލަވަރުތަކުން މިއަދު ޒީކް އެހާ ރަނގަޅުހެނެއް ހިޔެއްނުވެއެވެ. ފެންނަ ފެނުމަށް ރޭގައި މާމަދުން ނިދުނީމާ ވެފައި ހުރި ގޮތެއްހެންވެސް ހީވާކަހަލައެވެ. ވާހަކަ މަދުވެފައި މޫނުމަތިން ފެންނަނީ ވަރުބަލިކަމެވެ. އެހާވަރުން ހާވިލް ސައިބޯންގެނައީ ކީއްވެބާވައޭ ހާވިލްގެ ހިތަށް އަރަމުންދިޔައެވެ. ޒީކްގެ މަޑުމައިތިރިކަން ފެނިފައި ހާވިލް އިނީ ސުވާލު އުފެދިފައެވެ. ނަމަވެސް އެއްވެސް ސުވާލެއް ކުރާކަށް ހާވިލް ބޭނުމެއްނުވެއެވެ.
ސައިބޮއެ ނިމުމާއިއެކު ތިންމީހުން އޮފީހަށް ވަދެ އެމީހެއްގެ މަސައްކަތައިގެން ޝާމިލްވިއެވެ.
“ހާވިލް.” އާޝިޔާ ގޮވާލުމާއިއެކު ހާވިލް ބަލާލިއެވެ. “ސުވާލެއް ކޮއްލަންތަ؟”
“ހަމަ ކުރަންވީ، އާޝިޔާ ބޭނުން ސުވާލެއް.” މޫނުމައްޗަށް ކުޑަ ހިނިތުންވުމެއް ވެރިކޮށްލަމުން ސުވާލުކުރުމުގެ ހުއްދަ ދިނެވެ.
“އަންހެން ކުއްޖަކު ކެއުމަކަށް ދައުވަތު ދީފިނަމަ ދާނަންތަ؟” އާޝިޔާ ބޭނުންވާ ސުވާލުކޮށްލިއެވެ. ހާވިލް ބުނަަނީ ކީކޭ ބާވައޭ އާޝިޔާގެ ހިތަށް އަރަމުންދިޔައެވެ. ހާވިލްވެސް ކުޑައިރުކޮޅަކު ވިސްނާލަން އިނުމަށްފަހު ދެވިދާނެ ކަމުގައި ބުންޏެވެ. ނަމަވެސް ޝަރުތުތަކާއިއެކުގައެވެ.
ކޮންމެ ކޮންމެ މީހެއްގެ ދައުވަތު ގަބޫލު ނުކުރެވޭނެ ކަމަށާއި ދައުވަތު ދޭމީހަކީ ކާކުކަމާއި، ކޮންބޭނުމެއްގައި ދެވޭ ދައުވަތެއްތޯ ވެސް ބަލާނެކަމަށް ހާވިލް ބުންޏެވެ. އާޝިޔާ ހިތްހަމަ ޖެހުމުގެ ނޭވާއެއް ދޫކޮށްލިއެވެ.
އޮފީސް ނިމުމާއިއެކު ހާވިލް ގެއަށް ދިއުމަށްޓަކާ ނިކުތެވެ. މިއަދު ބޭބެއަށް ނާދެވޭނެ ވާހަކަ އޮތީ ބުނެފައެވެ. އެހެން ކަމުން މިއަދު ގެއަށް ދާންޖެހޭނީ ހިނގާފައެވެ. ނަމަވެސް ހިނގާފައި ދާންޖެހުމަކީ ހާވިލްއަށް އެހާ އުނދަގޫ ކަމެއްނޫނެވެ. ރަށުގައި އުޅުނުއިރުވެސް ހުރިހާ ތަނަކަށްވެސް ދަނީ ހިނގާފައެވެ. އެހެންކަމުން ހިނގާފައި އުޅުން ހާވިލްއަށް ވަނީ ވަރަށް ވެސް ފަސޭހަކަމަކަށެވެ.
ހާވިލްއަށް އޮފީހުން ނިކުމެވުނުއިރު އޮފީސް ބޭރުގައި ހުއްޓިލައިގެން ޒީކް އާއި އިތުރު ކުއްޖަކު ތިއްބެވެ. ހާވިލް ހިނގައިގަތީ ގެއަށް ދިއުމަށެވެ. އެވަގުތު ފަހަތުން ޒީކް ގޮވާލި އަޑުއިވުމާއިއެކު ހުއްޓުނެވެ. ފަސް އެނބުރި ބަލާލިއިރު ހާވިލްގެ ފަހަތުން ޒީކްހުރެ އާދެއެވެ.
“ހިނގާފަތަ ދަނީ” ޒީކް އަހާލިއެވެ.
“އާނ! މިއަދު ބޭބެ ބިޒީވީމަ ހިނގާލާފަ ދާންމިދަނީ.” ހާވިލްގެ ޖަވާބުކުރެވެ.
“ހިނގާ ދާން ޒީކްއާއި އެކު، ކާރުގަ ގެންގޮސް ދީފާނަމޭ.” ޒީކް ބޭނުންވީ ވަގުތުގެ ބޭނުން ހިފުމަށެވެ. ޒީކްއާއި އެކު ކާރުގައި ގޮސްފިނަމަ ހާވިލްގެ އެޑްރެސްވެސް ޒީކްއަށް އެނގޭނެއެވެ. އެހެން ނޫނަސް ހާވިލް އާއިއެކު ކާރުގައި ދެވުމަކީ ޒީކްއަށް ލިބޭނެ ހިތްހަމަ ޖެހުމެކެވެ. ޒީކްގެ އެދުމަށް ނޫނެކޭ ބުނަން ހާވިލް ބޭނުމެއްނުވިއެވެ.
“އެންމެ ރަނގަޅު.” ހާވިލް އާނއެކޭ ބުނުމާއިއެކު ޒީކް އޭނާގެ ކާރާއިދިމާއަށް ހިނގައިގަތެވެ. ހާވިލްވެސް ޒީކްގެ ފަހަތުން ގޮސް ކާރަށްއެރިއެވެ. ޒީކް ކާރުގެ ރޭޑިޔޯސެޓް ހުޅުވާލިއެވެ. ދިވެހި އެފްއެމްއިން ގެނެސްދެމުން ދިޔަ މަދަހައަށް ހާވިލްގެ ހިތްގެނބިގެން ދިޔައެވެ. “ފުރާނައިގެ ސިއްރެއް އެނގޭހޭ….” މި މަދަހައެވެ. އިންސާނާއަށް ލިބިފައިވާ ވަގުތާއި އިންސާނާގެ ނިމިދިއުމުގެ ވާހަކަތައް ކިޔައިދޭ މިމަދަހަ އަޑުއިވެން ފެށުމުން ހާވިލްގެ ސިކުނޑި އެއްކޮށް މަދަހައަށް ގެއްލުނެވެ. އާންމުކޮށް އަޑުއަހާ މި މަދަހައަކީ ހާވިލްގެހިތަށް ނުހަނު އަސަރުކުރުވާ މަދަހައެކެވެ.
“ހާވިލް.” މަދަހައިގެ ތެރެއަށް ގެއްލިފައިއިން ހާވިލްއަށް ހޭވެރިކަންވީ ޒީކް ގޮވާލުމުންނެވެ ..
“އަދި ދާންވިތަނެއްވެސް ނުބުނަމެއްނު؟” ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިކޮށްލަމުން ޒީކްބުނެލިއެވެ.
ހާވިލްގެ އެޑްރެސް ބުނުމާއިއެކު ޒީކް ކާރު ދުއްވާލިއެވެ. މަޑު ދުވެލީގައި ކާރު ދުއްވަމުންދެއެވެ. މާލޭގެ މަގުމަތީގައި އެއްޗެއް ދުއްވޭނީވެސް މިވަރަށެވެ.
“މާދަމާ ރޭގައި ޒީކް މެންގޭގައި ރައްޓެހިކުދިން ކޮޅަކަށް ކެއުމެއް އެބަ ހަދަން، ޒީކް ބޭނުން ހާވިލްވެސް ދިއުމަށް.” ޒީކް އެހެން ބުނުމާއިއެކު ހާވިލް ޒީކްގެ މޫނަށް ބަލާލިއެވެ. މިއަދު އާޝިޔާ އެގޮތަށް ސުވާލުއެކުރީ ޒީކް ބުނެގެންބާވައޭ ހާވިލްގެ ހިތަށް އެރިއެވެ.
“ވިސްނާލަން ޖެހޭނީ.” ނޫނެކޭ ބުނަން ނުކެރިހުރެ ހާވިލް ޖަވާބެއްދިނެވެ. ޒީކް ދުއްވަމުންދިޔަ ކާރުގެ ދުވެލި މަޑުކޮށްލިއެވެ. އަދި ހާވިލްއާއި ދިމާލަށް ބަލާލިއެވެ.
“އާޝިޔާ ވެސް ދާނެއޭ، އެހެންވީމަ ހާވިލް އެކަންޏެއްވެސް ނުވާނެއެންނު، ޒީކް ބުނެފާނަން ހާވިލް ގޮވައިގެން ދާށޭ، އޯކޭ އެންނު؟” ޒީކް ބޭނުންވަނީ ހާވިލް ކޮންމެހެން ވެސް ގެންދިއުމަށެވެ. ހާވިލް ވިސްނަމުންދިޔައެވެ. ދާނީ ބާވައެވެ. ނޫނީ ނުދާނީ ބާވައެވެ. ޒީކްގެ ރައްޓެހިން ދާ ތާކަށް ހާވިލް ގެންދިއުމުގެ ބޭނުމެއް ކޮބައި ބާވައެވެ. ހާވިލްއަކީ ޒީކްގެ އެހާގާތް ރައްޓެއްސެއް ބާވައޭ ހިތަށް އެރިއެވެ. މިހާރު ހާވިލްއަށް ބައެއްފަހަރު ޒީކް އާއި ހެދި އުނދަގޫ ވާހެންވެސް އިހްސާސް ކުރެވެއެވެ. ހާވިލްގެ ދިރިއުޅުމުގައި މިހާތަނަށް ނުކުރާ ކިތައްމެ ކަމެއް ޒީކްގެ ސަބަބުން ކުރަން ޖެހެމުންދާތީއެވެ. ޒީކްއާއި ދިމާވިތާ މިވީ ދެތިން ދުވަހެއްގެ ތެރޭގައިވެސް ޒީކްގެ ފަރާތުން ފެންނަމުންދާ ކަންތައް ތަކުން ހާވިލްއަށް ވިސްނެނީ ކިހިނެއް ބާވައޭ ހާވިލްގެ ހިތަށް އަރަމުންދެއެވެ. މާލޭގެ މުއްސަދިންނަކީ ކިބުރުވެރި ބޮޑާ ބައެކޭ ކިޔާއަޑު އަބަދުވެސް އިވެއެެވެ. އެކަމަކު ހާވިލްއަށް އެކަން ގަބޫލުކުރެވޭކަށް އަދިނެތެވެ. ސަބަބުތައް ބައިވަރެވެ. ހާވިލް މާލެ އައި އިރުން ފެށިގެންވެސް ހާވިލްދަނީ ރަށްފުށުގައި މާލޭ ބޭފުޅުންނާއި ބެހޭގޮތުން ދެކެވެމުންދާ ވާހަކަތަކަކީ ކިހާވަރެއްގެ ތެދެއް އެކުލެވޭ ވާހަކަތަކެއްތޯ ބަލަން މަސައްކަތްކުރަމުންނެވެ. ގައިމުވެސް ޒީކްއަކީ ރަށްފުށުގެ މީހުން އެކިޔާ “މާލޭ ބޭފުޅުން” ފަންތީގެ ކުއްޖެކެވެ.
ގެއްލިފައިވާ ޚިޔާލީ ދުނިޔެއިން އަނެއްކާވެސް ހާވިލް ނެރެލީ ޒީކްއެވެ.
“މިއޮތީ ގެއަށް އާދެވިފަ!” ކާރު މަޑުކޮށްލުމާއިއެކު ޒީކް ބުނެލިއެވެ. ހާވިލް ފޭބުމަށްޓަކައި ކާރު ދޮރުގެ އަތްގަނޑުގައި ހިފިއެވެ. އެވަގުތު ޒީކް ހާވިލްގެ އަތުގައި ހިފިއެވެ.
ނުނިމޭ
ލިޔުންތެރިޔާގެ ފުރަމަލަ
- ދީނީ އަދި އިޖުތިމާޢީ ރޮނގުން ގަލަން ހިނގައިލުމުގެ އިތުރުން ވާހަކަ ލިޔުމަކީވެސް ޔޫސުފުގެ ހުނަރެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 18 މެއި 2021ވާހަކަސިހުރު – ކުރު ވާހަކަ
- 25 ޖޫން 2020ޚަބަރުހާވިލް – ހަވަނަ ބައި
- 17 ޖޫން 2020ވާހަކަހާވިލް – ފަސްވަނަ ބައި
- 11 ޖޫން 2020ވާހަކަހާވިލް – ހަތަރުވަނަ ބައި