މިރޭ ރޯމްގެ އޮލިމްޕިކް ސްޓޭޑިއަމްގައި ކުޅުމަށް ހަމަޖެހިފައިވާ އިޓާލިއަން ކަޕުގެ ވާދަވެރި ފައިނަލް މެޗުގައި ބައްދަލު ކުރާނީ ޔުވެންޓަސް އާއި ނަޕޯލީއެވެ.

ކޮވިޑް-19 ބަލިމަޑުކަމުގެ ސަބަބުން ސަޕޯޓަރުން ނުވައްދާ ކުޅުމަށް ހަމަޖެހިފައިވާ މި މެޗު ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ ގަޑިން މެންދަމު 12 ޖަހާއިރު ގައެވެ.

މި މުބާރާތުގެ ފައިނަލަށް ޔުވެންޓަސް ދަތުރުކޮށްފައިވަނީ ސެމީފައިނަލްގައި އޭސީ މިލާނުގެ މައްޗަށް ކުރިހޯދައިގެންނެވެ. އަދި ނަޕޯލީ މި މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފައިވަނީ ސެމީފައިނަލްގައި އިންޓަރ މިލާނުގެ މައްޗަށް ކުރިހޯދައިގެންނެވެ. އިޓާލިއަން ކަޕް ނުވަތަ ކޮޕާ އިޓާލިއާގެ ތާރީޚުގައި އެންމެ ކާމިޔާބު ޓީމުގޮތުގައި ޔުވެންޓަސް އޮތްއިރު، އެ ޓީމުން ވަނީ މި މުބާރާތް 13 ފަހަރު ކާމިޔާބުކޮށްފައެވެ. މިއަހަރުގެ ފައިނަލުގައި ވާދަކުރާ ނަޕޯލީން ވެސް މި މުބާރާތް ފަސް ފަހަރު ކާމިޔާބުކޮށްފައިވާ ކަން ފާހަގަކޮށްލެވެއެވެ.

މިރޭ ކުޅުމަށް ހަމަޖެހިފައިވާ މި މެޗު އެންމެ ޚާއްސަވެގެން ދާނީ ޔުވެންޓަސްގެ ލެޖެންޑު ކީޕަރ ޖިއާންލުއީޖީ ބުފޮން އަށެވެ. ސަބަބަކީ މި މެޗު ކާމިޔާބުކޮށްގެން އިޓާލިއަން ކަޕް އެންމެ ގިނައިން ހޯދި ކުޅުންތެރިންގެ ތެރޭގައި ހިމެނުމުގެ ފުރުސަތު އުމުރުން 42 އަހަރުގެ ބުފޮން އަށް ލިބިގެންދާނެތީއެވެ. ޔުވެންޓަސް އަށް އިޓާލިއަން ކަޕް ކާމިޔާބު ކުރެވިއްޖެނަމަ، ބުފޮން އަށް މި މުބާރާތް އެންމެ ގިނަފަހަރު ކާމިޔާބުކުރުމުގެ ރެކޯޑު އޮންނަ ރޮބާޓޯ މަންޗިނީ އާ އަރާ ހަމަކުރެވޭނެއެވެ ސަމްޕްޑޯރިއާ އާއި ލާޒިއޯގެ ކުރީގެ ފޯވާޑު އަދި އިޓަލީގެ މިހާރުގެ ކޯޗު މަންޗިނީ ވަނީ މި މުބާރާތް ހަ ފަހަރު ކާމިޔާބުކޮށްފައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އިބްރާހިމް ޚަލީލް
އިބްރާހިމް ޚަލީލް
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ އިބްރާހިމް ޚަލީލްގެ ޚާއްޞަ ދާއިރާ ތަކަކީ ދީނީ، އިޖްތިމާޢީ އަދި އަދަބިއްޔާތެވެ. ކަރަންޓް އެފެއާޒަކީވެސް އޭނާ ފަރިތަ ދާއިރާއެކެވެ.