އެންމެ ކަމުދާ ލޯބީގެ ފިލްމުތަކުގެ ލިސްޓެއް ހަދާނަމަ މިއީ ލިސްޓުގެ ކުރިން ޖާގަ ހޯދާނެ ފިލްމެކެވެ. 1999 ވަނަ އަހަރު ސަންޖޭ ލީލާ ބަންސާލީ ޑައިރެކްޓްކޮށް ގެނެސްދިން “ހަމް ދިލް ދޭ ޗުކޭ ސަނަމް” އަކީ ބޮލީވުޑްގެ އެންމެ ރޮމޭންޓިކް ފިލްމުތަކުގެ ތެރޭގައި ހިމެނޭ ތިނެސްކަން ލޯބީގެ ފިލްމެކެވެ. ސަލްމާން ޚާންއާއި އައިޝްވާރިޔާ ރާއީ ބައްޗަން އަދި އަޖޭ ދޭވްގަން މައިގަނޑު ރޯލުތައް ކުޅުނު މި ފިލްމަކީ އައިޝްވާރިޔާގެ ފިލްމީ ކެރިއަރުގެ ކާމިޔާބީގެ ފެށުމަކީވެސް މި ފިލްމެވެ.

މިފަހަރު މި ގެނެސްދެނީ މި ފިލްމާއި ބެހޭގޮތުން ގިނަ މީހުންނަށް ނޭނގޭ ނުވަތަ އެހާ އާންމު ނޫން 5 ވާހަކައެވެ.

 

* ފިލްމަށް ފުރަތަމަ ދިނީ އެހެން ނަމެއް

މި ފިލްމަށް ފުރަތަމަ ދިން ނަމަކީ “ހަމް ދިލް ދޭ ޗުކޭ ސަނަމް” އެއް ނޫނެވެ. ފުރަތަމަ މި ފިލްމަށް ކީ ނަމަކީ “ދިލް ތޯ ހަމްނޭ ދިޔާ ސަނަމް” އެވެ. ނަމަވެސް ފަހުން މި ފިލްމުގެ ނަން ބަދަލުކުރީއެވެ. އަދި އިންޑިޔާއިން ބޭރު ޤައުމުތަކުގައި މި ފިލްމު ރިލީޒްކޮށްފައިވަނީ “ސްޓްރެއިޓް ފްރޮމް ދަ ހާޓް”ގެ ނަމުގައެވެ.

 

* ލީޑް އެކްޓަރ އަދި އެކްޓްރެސް – ފުރަތަމަ ހޮވުމެއް ނޫން

ނަންދިނީގެ ރޯލު ފުރަތަމަ ހުށަހެޅީ ކަރީނާއަށް

މި ފިލްމުގެ ލީޑް އެކްޓްރެސްގެ ރޯލު ފުރަތަމަ ހުށަހެޅީ ކަރީނާ ކަޕޫރް ޚާންއަށެވެ. ނަމަވެސް ކަރީނާ އިތުރަށް ކިޔެވުން ކުރިއަށް ގެންދަން ބޭނުންކަމަށް ބުނެ ފިލްމު ދޫކޮށްލީއެވެ. ކަރީނާ އެ ރޯލު ޤަބޫލުނުކުރުމުން އެ ރޯލަށް ފިޓުވާ މީހަކު ހޯދަމުން ދަނިކޮށް އައިޝްވާރިޔާއާއި ދިމާވީ “ރާޖާ ހިންދުސްތާނީ” ގެ ޕްރިމިއާއިންނެވެ. ހަމަ އެވަގުތުން ފެށިގެން ނަންދިނީގެ ރޯލު އޮތީ އައިޝްވާރިޔާއަށް ދޭން ނިންމާފައެވެ. މި ރޯލު ކުޅެގެން އައިޝްވާރިޔާއަށް ވަނީ ފިލްމްފެއަރ، އައިފާ، ސްޓާ ސްކްރީން، ޒީ ސިނެ އަދި ޒީ ގޯލްޑް އެވޯޑްގެ ބެސްޓް އެކްޓްރެސް އެވޯޑް ލިބިފައެވެ.

ފިލްމުގައި އަޖޭ ކުޅުނު ވަންރާޖްގެ ރޯލު އަޖޭގެ ކުރިން 5 ތަރިންނަށް ހުށަހެޅިއެވެ. އެއީ އާމިރު ޚާން، ޝާހް ރުކް ޚާން، އަނީލް ކަޕޫރް، ސަންޖޭ ދަތު އަދި އަކްޝޭ ކުމާރެވެ. ނަމަވެސް މިއިން އެއްވެސް ތަރިއެއް ފިލްމު ޤަބޫލު ނުކުރުމުން އަޖޭއަށް ހުޅަހެޅީއެވެ.

އަޖޭއަށް ފިލްމު ހުށަހެޅީ މި 5 ތަރިން ޤަބޫލުނުކުރުމުން

މި ރޯލު ކުޅެގެން އަޖޭ ވަނީ ފިލްމްފެއަރ، ޒީ ސިނެ އަދި ސްޓާ ސްކްރީން އެވޯޑްގައި ބެސްޓް އެކްޓަރގެ އެވޯޑަށް ނޮމިނޭޓްވެފައެވެ.

 

* މިއުޒިކަށް 2 އަހަރު ހޭދަކުރި

މި ފިލްމުގެ މިއުޒިކް ތައްޔާރުކުރުމަށް އިސްމާޢީލް ދަރްބާރާއި ސަންޖޭ ލީލާ ބަންސާލީ ދެ އަހަރު ހޭދަކުރިއެވެ. ޖުމްލަ 9 ލަވަ ހިމެނޭ މި ފިލްމުގެ ލަވަތައް ކިޔައިދީފައިވަނީ އުދިތު ނާރަޔަން، އަލްކާ ޔަގްނިކް، ކުމާރް ސާނޫ، ކަވީތާ ކްރިޝްނާމުރްތީ، ހާރީހަރަން، ވިނޯދު ރާތޯޑް، ޝަންކަރް މަހާދޭވަން، މުޙައްމަދު ސަލާމަތު، ކޭ.ކޭ، ކަރްސަން ސަރްގަތިއާ، ޑޮމިނިކް ސެރެޖޯ، ސުލްތާން ޚާން، ދާމަޔަންތީ ބަރްދާއީ އަދި ޖިޔޯތުސްނާ ހަރްދީކަރްއެވެ.

ސަންޖޭ ލީލާ ބަންސާލީ (ކ) އަދި އިސްމާޢީލް ދަރްބާރް (ވ)

މި ލަވަތަކަށް ފިލްމްފެއަރ އެވޯޑްގައި ޖުމްލަ 9 ނޮމިނޭޝަން ލިބުނުއިރު އޭގެ ތެރެއިން އެންމެ މޮޅު ފިރިހެން ލަވަކިޔުންތެރިޔާގެ އެވޯޑް އުދިތު ނާރަޔަންއަށް ވަނީ ލިބިފައެވެ. އަދި ސްޓާ ސްކްރީން އެވޯޑްގައި ކަވީތާއަށް ވަނީ އެންމެ މޮޅު އަންހެން ލަވަކިޔުންތެރިޔާގެ އެވޯޑް ލިބިފައެވެ.

 

* ހެލެންއާއި ދޮންދަރި އެކުގައި

ހެލެން (ކ) އަދި ސަލްމާން ޚާން (ވ)

މި ފިލްމުގައި ހެލެންގެ ވަރަށް މޮޅު އެކްޓިންއެއް ފެނިގެން ދިޔައެވެ. ސަލްމާންގެ މަންމަގެ ރޯލު އަދާކުރިއިރު ހެލެންއަކީ ޙަޤީޤީ ދިރިއުޅުމުގައި ސަލްމާންގެ ދޮންމަންމައެކެވެ. އަދި މިއީ މި ދެމީހުން އެކުގައި ކުޅުނު ހަމައެކަނި ފިލްމެވެ.

 

* ފިލްމުގައި ދައްކަނީ އަސްލު އިޓަލީއެއް ނޫން

ފިލްމުގެ ކްލައިމެކްސް ނަގާފައިވާ ބްރިޖު

މި ފިލްމުގެ މަންޒަރުތައް ނަގާފައިވަނީ ގުޖަރާތާއި ރާޖަސްތާން ގުޅޭ ބޯޑަރު ސަރަހައްދުގައެވެ. އަދި އޭގެ އިތުރަށް ހަންގޭރީގެ ބުދާޕެސްޓްގައި ފިލްމުގެ ބޮޑު ބައެއް ޝޫޓް ކުރިއެވެ. ނަމަވެސް ބުދާޕެސްޓްއާއި ހަންގޭރީއަކީ އިންޑިޔާގެ ގިނަ މީހުންނަށް އެހާ ގުޅޭ ނަންތަކަކަށް ނުވާނެހެން ސަންޖޭއަށް ހީވާތީ އެ ތަންތަނުގައި ނެގި މަންޒަރުތައް ދައްކާފައިވަނީ އިޓަލީގެ ގޮތުގައެވެ.

 

“ހަމް ދިލް ދޭ ޗުކޭ ސަނަމް” ރިލީޒްކުރިތާ މިއަދަށް 21 އަހަރު ވީއިރު މި ފިލްމާއި ގުޅޭގޮތުން މީހުންނަށް މާބޮޑަށް ނޭނގޭ ވާހަކަކޮޅެއް ގެނެސްދެވުނު ކަމަށް އުއްމީދުކުރަމެވެ. އަދިވެސް މިފަދަ ރީތި އެތައް ފިލްމަކާއި ބެހޭ އެކިއެކި މަޢުލޫމާތު ކުރިއަށް އޮތް ދުވަސްތަކުގައި ގެނެސްދިނުމަށް މުނިއަވަސް އިން ވަނީ ނިންމާފައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ސާޖިދު ޢަބްދުﷲ
ސާޖިދު ޢަބްދުﷲ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.