މަޝްހޫރު ކޮމީޑިއަން އަދި ޕްރޮޑިއުސަރ މުހައްމަދު އަބްދުﷲ (މުހައްމާކަލޯ) ގެ ފިލްމު ކުންފުނި “ދެކެ ދެކެ ވެސް ޕްރޮޑަކްޝަން” އިން މަސައްކަތް ފަށާފައިވާ ސިލްސިލާ ޑްރާމާ “ފުރަބަންދު”ގެ ޝޫޓިން ނިންމައި އެޑިޓިން އާއި ޑަބިންގެ މަސައްކަތްވެސް ނިމުމަކާ ގާތަށް ހިނގައެއްޖެ ކަމަށް އެ ސީރީޒްގެ ޓީމުން ބުނެފިއެވެ.

“ފުރަބަންދު”ގެ ޕޯސްޓްޕްރޮޑަކްޝަން މަސައްކަތްކުރަމުން އަންނަ މަޝްހޫރު ކެމެރާމަން އަދި އެޑިޓަރ ޢަލީ ރަޝީދު (ގޮޅާ އައްޔަ)، މުނިއަވަސް އަށް މިއަދު ބުނީ ފިލްމުގެ ޝޫޓިންއާއި އެޑިޓިން އެއްކޮށް ނިމިފައިވާކަމަށާއި މިހާރު ކުރިއަށްދަނީ ޑަބިންގެ މަސައްކަތް ކަމަށެވެ. އައްޔަ ބުނީ އެ މަސައްކަތްވެސް ވަރަށް އަވަހަށް ނިންމާލެވޭނެ ކަމަށެވެ.

ފަސް އެޕިސޯޑްގެ މި ސިލްސިލާގެ ޕޯސްޓް ޕްރޮޑަކްޝަން މެނޭޖަރ އަލީ ރަޝީދު (ގޮޅާ އައްޔަ) އިތުރަށް ބުނީ މިމަހު 25 ހިސާބުގައި ‘އައިސް ޓީވީ”ން އެ ސީރީޒް ދައްކަންފެށޭވަރު ވާނެ ކަމަށް މަސައްކަތްކުރަމުން އަންނަކަމަށެވެ.

“ފުރަބަންދު” މިއީ މުހައްމާގެ ކޮންސެޕްޓަކަށް ގޮޅާ އައްޔަގެ އަންހެނުން އައިމިނަތު ރިނާޒާ ލިޔެފައިވާ ސްކްރީންޕްލޭއަކަށް ހަދާ ސީރީޒެކެވެ. ސީރީޒް ޑައިރެކްޓްކުރަނީ މަޝްހޫރު އަދި ހުނަރުވެރި އެކްޓަރ/ޑައިރެކްޓަރ އަލީ ސީޒަން އެވެ. ކެމެރާކުރަނީ ޝިވާޒް ޢަބްދުﷲ (މާސްކޭ) އެވެ.

ޑްރާމާ ސީރީޒް “ފުރަބަންދު”ގެ ޝޫޓިންގައި ނާއްކޮ އަދި ޝިޔާގެ މަންޒަރެއް ނަގަނީ – ފޮޓޯ: ދެކެދެކެވެސް

”ފުރަބަންދު“ގެ މުހިންމު ކާސްޓަށް ބަލާލާއިރު، ޢަލީ ސީޒަން އާއި އެކު ހަރަކާތްތެރިވަނީ ނާޝިދާ މުޙައްމަދު (ނާއްކޮ) އާއި ބައިސްކޯފްގެ ސީރީޒް “ތިން ބިބީ” އިން ފިލްމީ ދާއިރާއަށް ތަޢާރަފުވި ވާޝިޔާ މުހައްމަދު (ޝިޔާ) އެވެ.

“މީގައި ހިތާމަވެރި ކަންތައްތަކެއް ވެސް ފެނިގެންދާނެ. ކޮވިޑް-19 އާ ގުޅޭ މުހިންމު މެސެޖްތަކެއް ވެސް ފެނިގެންދާނެ.” ސީރީޒްގެ މަޢުލޫމާތު މުނިއަވަސް އާއި ހިއްސާކުރަމުން މީގެ ކުރިން މުހައްމާ ބުނެފައި ވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.