ސްޕެނިޝް ލީގުގައި ރޭ ބެންޒީމާ ޖެހި ދެ ގޯލާއިއެކު، 0-3 ގެ ނަތީޖާއަކުން ވެލެންސިއާގެ މައްޗަށް ކުރިހޯދައިގެން ރެއާލް މެޑްރިޑުން ވާދަވެރި ބާސެލޯނާ ފުލުގައި ވިއްދައިފިއެވެ.

ރެއާލް މެޑްރިޑުގެ ރަސްމީ ދަނޑު ސެންޓިއާގޯ ބެރްނެބުއޭ މަރާމާތު ކުރުމުގެ މަސައްކަތް ކުރަމުންދާތީ، އެޓީމުގެ މެޗުތައް ކުޅެމުން އަންނަނީ އަލްފްރެޑޯ ޑި ސްޓެފަނޯ ސްޓޭޑިއަމްގައި ކަން ފާހަގަކޮށްލެވެއެވެ.

މުޅި މެޗު ކޮންޓްރޯލްކޮށްގެން މޮޅަށް ކުޅެ، ގިނަ ހަމަލާތައް އުފައްދާފައިވަނީ ރެއާލް މެޑްރިޑުން ކަމަށް ވީނަމަވެސް، ފުރަތަަމަ ހާފުގެ 21 ވަނަ މިނެޓުގައި ވެލެންސިއާގެ ރޮޑްރިގޯ ވަނީ ގޯލެއް ޖަހާ ރެއާލް މެޑްރިޑް ސިއްސުވާލާފައެވެ. ނަމަވެސް، ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) ބޭނުންކޮށްގެން ޗެކްކުރުމަށް ފަހު، އޭނާ އޮފްސައިޑް މަގާމެއްގައި ހުރުމުން، ރެފްރީ ވަނީ އެ ގޯލު ކެންސަލް ކޮށްލާފައެވެ.

މެޗުގެ ހުރިހާ ގޯލެއް ވެސް ދެވަނަ ހާފުގައި ފެނިގެންދިޔައިރު، ރެއާލް މެޑްރިޑުން ވެލެންސިއާގެ ގޯލު ހުޅުވާލީ މެޗުގެ 61 ވަނަ މިނެޓުގައެވެ. އެޑެން ހަޒާޑް ތަނަވަސްކޮށްދިން ފުރުސަތަކުން މި ގޯލު ކާމިޔާބުކޮށްދިނީ ހުނަރުވެރި ފޯވާޑު ކަރިމް ބެންޒީމާ އެވެ. މެޗުގެ 74 ވަނަ މިނެޓުގައި ރެއާލް މެޑްރިޑުގެ ދެވަނަ ގޯލު ޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް މާކޯ އަސެންސިއޯ އެވެ. މިއީ ރެއާލް މެޑްރިޑުގެ ޒުވާން ފުލްބެކް ފާލަންޑް މެންޑީ ތަނަވަސްކޮށްދިން ފުރުސަތަކުން އޭނާ ކާމިޔާބުކުރި ގޯލެކެވެ.

ރެއާލް މެޑްރިޑުގެ ފަހު ގޯލު އަސެންސިއޯ ތަނަވަސްކޮށްދިން ފުރުސަތަކުން ކާމިޔާބު ކުރީ ވެސް، ފުރަތަަމަ ގޯލު ޖަހައިދިން ބެންޒީމާ އެވެ. ބެންޒީމާ މި ގޯލަކީ ސްޕެނިޝް ލީގުގެ މި ސީޒަނުގައި ފެނުނު އެންމެ ހިތްގައިމު އެއް ގޯލެވެ. ވެލެންސިއާގެ ޑިފެންޑަރެއްގެ ބޯމަތިން ބޯޅަ ހިއްލާލުމަށް ފަހު، ވައިގެ ތެރޭގައި އޮއްވާ އެއްފަހަރުން ޖަހާ ބެންޒީމާ ވަނީ ބޯޅަ ގޯލުގެ ތެރެއަށް ވައްދާލާފައެވެ. މިއީ އޭނާ ރެއާލް މެޑްރިޑަށް ކާމިޔާބުކޮށްދިން 243 ވަނަ ގޯލުކަން ފާހަގަކޮށްލެވެއެވެ.

މި މެޗުން ހޯދި ތިން ޕޮއިންޓާއެކު، މިހާތަނަށް ކުޅުނު 29 މެޗުން 62 ޕޮއިންޓު ހޯދައިގެން ރެއާލް މެޑްރިޑް އޮތީ ތާވަލުގެ ދެވަނައިގައެވެ. ރެއާލް މެޑްރިޑަށް ވުރެން ދެ ޕޮއިންޓު އިތުރަށް ހޯދައިގެން 64 ޕޮއިންޓާއެކު ވާދަވެރި ބާސެލޯނާ އޮތީ ތާވަލުގެ އެއްވަނައިގައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝާމިން
އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.