ވައިގެ މަގުން ދަތުރު ކުރާއިރު، ބައެއް ގަވާއިދު ތަކާއި އުސޫލުތަކަށް ފަސިންޖަރުންނަށް އަމަލު ކުރާން ޖެހެއެވެ. އޭގެ ތެރެއިން ބައެއް ކަންކަމަށް އަމަލުކުރާން ޖެހެނީ ކީއްވެގެންކަން ފަސިންޖަރުންނނަަށް އެހާ ފަސޭހައިން ވިސްނައި ނުގަނެވޭ ފަދަ ބައެއް ކަންތައްތައް ވެސް އޭގެ ތެރޭގައި ހިމެނެއެވެ. ބޯޓު ފުރާ ވަގުތާއި ޖައްސާ ވަގުތުގައި ގޮނޑިތައް ސީދަލަށް ބަހައްޓަން ޖެހެނީ ކީއްވެގެން ހެއްޔެވެ؟ ނިއްވައިނުލާ ނުވަތަ ފްލައިޓް މޯޑަށް ނުލައި އޮންނަ މޮބައިލް ފޯނެއްގެ ސަބަބުން ހަމަ އަސްލުވެސް ބޯޓެއްގެ ސިގްނަލް ތަަކަށް ހުރަސް އަޅާފާނެ ހެއްޔެވެ؟ މަތިންދާ ބޯޓު ކުޑަދޮރުގެ ޝޭޑް މައްޗަށް ނަގާފައި ބެހެއްޓުމަށް ފްލައިޓް އެޓެންޑެންޓުން އަންގަނީ ކީއްވެގެން ހެއްޔެވެ؟

މިކޮށްލެވުނު ސުވާލު ތަކަކީ ފަސިންޖަރުންގެ ހިތަށް އަރާނެ ބައެއް ސުވާލުތަކެކެވެ. މި ސުވާލު ތަކުގެ ތެރެއިން ކުޑަދޮރު ގެ ޝޭޑް (ކުޑަދޮރުން އަލި ވަނުން މަނާކުރުމަށް ކަހާލާ ގޮތަށް ހުންނަ އެއްޗެއް) އާއި މެދު އުފެދޭ ސުވާލަށް އަހަރުމެން މިވަނީ ޖަވާބެއް ހޯދާފަ އެވެ. އޮންލައިން ނޫހެއް ކަމަށްވާ ސީއެން ޓްރެވެލަރ އިން ބުނާގޮތުން، “މަތިންދާ ބޯޓް ކުޑަދޮރުގެ ޝޭޑް މައްޗަށް ނަގާފައި ބެހެއްޓުމަށް ފްލައިޓް އެޓެންޑެންޓުން އެންގުން އެއީކީ ފްލައިޓް އެޓެންޑެންޓުން މަޖަލަކަށް ނުވަތަ އެމީހުންގެ ހިތްހަމަޖެހުމަށް ކޮށްލާ ކަމެއް ނޫނެވެ. ކުޑަދޮރު ތަކުގެ ތެރެއިން ތިރިން ފެންނަ މަންޒަރު ބަލައިލުމަށް ނުވަތަ މަތިންދާ ބޯޓް ޖައްސާ ވަގުތު ބޯޓަށް އަރާ ލޮޅުމަށްޓަކައި ކޮށްލާ ކަމެއްވެސް ނޫނެވެ. އެކަން ކުރުމަށް އެނގުމުގެ އަސާސީ ސަބަބަކީ ރައްކާތެރި ކަމެވެ.

މަތިންދާބޯޓަށް ދިމާވާ ކުއްލި ނުރައްކަލުގެ ހާލަތެއްގައި، ހަމަ އެންމެ 90 ސިކުންތު ނުވަތަ އެއަށްވުރެވެސް މަދު ވަގުތުކޮޅެއްގެ ތެރޭގައި ބޯޓުން ފަސިންޖަރުންނާާއި ފްލައިޓް އެޓެންޑެންޓުން ހުސްކުރުމަށްޓަކައި ފްލައިޓް އެޓެންޑެންޓުން ކޮށް ނިންމާން ޖެހޭ ވަރަށް ބައިވަރު ކަންތައްތަކެއް ހުންނަ ކަަމަށް އެމެރިކާ ގެ ވައިގެ ދަތުރުފަތުރު ކުރުމާއި ބެހޭ ގަވާއިދުތަކާއި އަސާސް ތަކުގައި ބުނެއެވެ. މަތިންދާ ބޯޓް ޖައްސާއިރު އާއި ފުރާއިރު ކުޑަދޮރުގެ ޝޭޑް ތައް މައްޗަށް ނަގާފައި ބެހެއްޓުމަށް އަންގާ ސަބަބަކީ، މަތިންދާ ބޯޓަށް އެކްސިޑެންޓެއް ދިމާވުން އެއްމެ ގާތް ދެ ވަގުތަކީ މިދެންނެވި ދެ ވަގުތު ކަމަށް ވުމުންނެވެ. ކުޑަދޮރުތައް ހުޅުވާފައި ހުރުމުން ފްލައިޓް ކްރޫ އިންނަށް ކުއްލި ނުރައްކަލުގެ ހާލަތު ރަނގަޅަށް ދެނެގަތުމާާއި ހާލަތުގެ މިންވަރު ކަނޑައަޅައި ބޯޓުން ފަސިންޖަރުން ބޭލުމަށް އެއްމެ އެކަށީގެންވަނީ ކޮން އިމަޖެންސީ ދޮރެއްކަން ކަނޑައަޅަން ފަސޭހަ ވެއެވެ.

ގުދުރަތީ އަލިކަމަކީވެސް ކުއްލި ނުރައްކަލުގެ ހާލަތެއްގައި ބޯޓުން މީހުން ބޭލުމަށް މުހިއްމު ދައުރެއް އަދާކުރާ ކަމެކެވެ. “ބޯޓްގެ ކެބިން ތެރެއަށް ގުދުރަތީ އަލިކަން ލިބިފައި އޮތުމުން، ކުއްލި އަކަށް ބޯޓުން ބޭރަށް، ސީދާ އިރުގެ އަލިކަމުގެ ތެރެއަށް ނުކުންނަ ވަގުތު ފަސިންޖަރުންނާާއި ފަޅުވެރިންގެ ލޮލަށް ވާނެ އުނދަގުލާާއި އައްޔަށް ލޯ ހޭނުމަށް ފަސޭހަކަން ލިއްބައިދޭ. މިހެން ގޮސް އެތައް ކަމެއް މިކަމުން ފަހިވެގެންދޭ.” ސީއެން ޓްރެވެލަރ ބުނެ އެވެ.

އެހެންކަމުން، ދެން ފަހަރަކުން އަހަރުމެން ކައިރީގައި ފްލައިޓް އެޓެންޑެންޓުން ކުޑަދޮރުގެ ޝޭޑް މައްޗަށް ނަގާފައި ބަހައްޓަން ބުނުމުން، އެމީހުންގެ ވާހަކަތައް އަޑުއަހާށެވެ. އެކަމަކީ ޚުދު އަހަރުމެން އެންމެންގެ ރައްކާތެރިކަމަށްޓަކައި އަންގާ އެންގުމެކެވެ. މޯބައިލް ފޯނާއި މެދު ދޭ އިރުޝާދަކީވެސް ހަމަ އެހާމެ މުހިންމު ސަބަބަކަށްޓަކައި ދޭ އިރުޝާދެއްކަންވެސް ހަނދާނުގައި ބަހައްޓާށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.