ދިއުޅުމުގެ މަޤުސަދަކީ ލިބޭ އެއްޗެއް ނޫން ކަމަށް ނަމަވެސް އަމިއްލައަށް ހޯދާ އެއްޗެއް ކަމަށް ދެކެވޭ ވާހަކަތައް މަދެއް ނޫނެވެ. މި ގޮތަށް އަމިއްލަ މަޤުސަދު އެނގި އަދި ހޯދައިގެން ކުރިއަށް ދަނީ ކިތައް މީހުން ބާއެވެ؟ މިއީ މިއަދުގެ މުޖުތަމައުގައި ކުރެވޭ އެންމެ ބޮޑު ސުވާލެވެ. ފާހަގަ ކޮށްލަން ޖެހޭ ކަމަކީ މިކަހަލަ ކިތަންމެ ސުވާލަކަށް ޖަވާބު ދެވޭނެ ކަހަލަ އެތައް ބަޔަކު ވާކަމެވެ. އޭގެ ތެރެއިން އެކަކަކީ ދަތުރުވެރިކަމުގެ ދާއިރާގައި ފިޔަ ޖަހަމުން އަންނަ ރ. އިނގުރައިދުއަށް އުފަން 23 އަހަރުގެ ޙުސެއިން އަންވަރެވެ. އަދި މިއީ ދިވެހި ގިނަ ޒުވާނުންގެ ތެރެއަށް “މޯލްޑިވޯ ޓްރެވަލަރ” ގެ ނަމުން ކުރި އަރަމުން އަންނަ ޒުވާނެކެވެ.
އަންވަރަކީ ދަތުރު ކުރުމުގައި މުޅިން ތަފާތު ގޮތްތަކެއް ގެންގުޅޭ އަދި ތަފާތު ގޮތަކަށް ދަތުރު ކުރުމުގެ ވިސްނުން ހުންނަ ޒުވާނެކެވެ. އަދި ސާދާ އާންމު ދިރިއުޅުމެއް އުޅެމުން އަންނަ ޒުވާނާ ޤަބޫލުކުރާ ގޮތުގައި ދަތުރުކުރުމަކީ ހަމަ އެކަނި މުއްސަނދި ވެގެން ކުރެވޭނެ ކަމެއް ނޫނެވެ. އެގޮތުން ރަނގަޅު ގޮތުގައި ދަތުރު ކުރަން ދަންނަ ކޮންމެ މީހަކަށް ވެސް މިކަމަކީ ކުރެވޭނެ ކަމެއް ކަމަށް އޭނާ ޤަބޫލު ކުރެއެވެ. މުނިއަވަސް އާ ވާހަކަ ދައްކަމުން އަންވަރު ބުނީ ދަތުރު ކުރެވޭނީ ހަމަ އެކަނި މުއްސަނދިންނަށް ކަމުގައި ވަނީނަމަ އޭނާވެސް ވާނީ މުއްސަންޖަކަށް ކަމަށެވެ. ނަމަވެސް އޭނާ އަކީ އާދައިގެ މީހެއް ކަމަށާއި އަދި އުޅެނީވެސް އާދައިގެ ދިރި އުޅުމެއް ކަމަށް އޭނާ ބުންޏެވެ. އަބަދުވެސް އަމިއްލަ ނަފުސަށް ބަރޯސާވެގެން ދިރިއުޅުމަށް ބޭނުންވާ މި ޒުވާނާ އަކީ އުމުރުން 16 އަހަރުންސުރެ އަމިއްލައަށް އާމްދަނީ ހޯދަމުން އަންނަ އަމިއްލަ ފައިމައްޗަށް ތެދުވެގެން ހުރި ހިތްވަރު ގަދަ ޒުވާނެކެވެ. ކިޔެވުމުގެ މަދަރުސީ ދައުރު ނިންމާލުމަށް ފަހު މާލެ އައިސް އިތުރަށް ކިޔެވުމަށްޓަކައި މަސައްކަތް ފެށި މީހާ މިއަދު އެހުރީ މާސްޓަރޒް ފަށަން ތައްޔާރަށެވެ. އަދި އޭރު އަދާ ކުރަން ފެށި އޭނާގެ ވަޒީފާއަށް ވެސް މިއަހަރުގެ ޖުލައި 12 ވަނަ ދުވަހު 5 އަހަރު ފުރޭނެއެވެ. އޭނާ ބުނި ގޮތުގައި މާލެ އައިސް މާގިނަ ވަގުތު ތަކެއް ހޭދަ ނުވެ ﷲގެ ރަޙުމަތުން ވަޒީފާ ލިބުނު ކަމަށެވެ. އަދި އޭރު އޭނާގެ އުމުރުން 18 އަހަރު ކަމަށް ސިވިލް ސަރވިސް ގައި ވަޒީފާ އަދާ ކުރަމުންދާ އަންވަރު މައުލޫމާތު ދިނެވެ. ނަމަވެސް ދަތުރުކުރުމަކީ އޭނާ އެންމެ ކުރާ ހިތްވާ އަދި އެހެން ހުރިހާ ކަމަކަށް ވުރެވެސް ބޮޑަށް ސަމާލުކަން ދެވޭ ކަމެއް ކަން ކަމުގައި އަންވަރު އިތުރަށް ކިޔައިދިނެވެ.
ދަތުރުކުރުމުގެ ދާއިރާ އަށް ވަދެވުނީ އުމުރުން 17 އަހަރުގައި.
ދަތުރު ކުރުމަށް އެންމެ ކުޑައިރުވެސް ބޭނުންވާ އަންވަރު މަދަރުސީ ތަޢުލީމުގެ ދުވަސްވަރު އޭނާގެ އުފަން އަތޮޅުގެ އެކި ރަށް ތަކަށް ގޮސް އުޅުނު ކަމުގައި އޭނާ ބުންޏެވެ.
“ރަށު ސުކޫލުގައި އުޅުނު އިރު އަތޮޅު ފެރީ އޭރު އޮންނަ ޒަމާނަކަށް ވާތީ ކައިރީގަ އޮންނަ ރަށް ތަކަށް ވަރަށް ގިނައިން ދެވޭ”. ނަމަވެސް އުމުރުން 17 އަހަރުގައި ދަތުރުވެރިކަން ވެގެން ދިޔައީ މި ޒުވާނާގެ ދިރިއުޅުމުގެ ބޮޑު ބަޔަކަށެވެ. އޭރު މިހާ ކުރިއަށް އާދެވޭނެ ކަމަށް އުންމީދު ނުކުރާ މި ދަތުރުވެރިޔާ ބުނި ގޮތުގައި އެންމެ ފުރަތަމަ ދިޔައީ ރަހުމަތްތެރިޔަކާއި އެކު ހަފުތާ ބަންދަކަށް އަވަށްޓެރި ސްރީލަންކާ އަށް ކަމަށެވެ. އަދި މިދަތުރު ދިޔައީ އާއިލާގެ އެއްވެސް މީހަކަށް ނޭނގި ސިއްރުން ކަމަށެވެ. ނަމަވެސް ފަހުން އާއިލާއަށް އެކަން އެނގުނު ކަމަށެވެ.
“ފުރަތަމަ އެކަކަށްވެސް ނޭނގި ދިޔައީ. ފަހުން އެނގުނީ އެއަރޕޯރޓުގަ އުޅުނު ބޭބެގެ ރައްޓެއްސެއް މިވާހަކަ ބުނީމަ.” މަޖާ ގޮތަކަށް އަންވަރު ތަފްސީލު ކޮށްދިނެވެ. އަންވަރަކީ އާއިލާގެ އެންމެ ކުޑަ މީހާ އަށް ވެފައި އޭރު އުމުރުގެ ގޮތުން ކުޑަވުމުން މަންމަމެން އެކަމާ ނުރުހުނީ ކަމަށް އަންވަރު މުނިއަވަސް އަށް ހިއްސާ ކުރިއެވެ. މީގެ އިތުރުން ވެސް އޭރު ދަތުރު ކުރުމަކީ އެހާ ރަނގަޅު ކަމެއް ނޫން ކަމަށް މަންމަ މެންގެ ވިސްނުން ހުރި ކަމަށް އޭނާ ބުންޏެވެ. އަދި އޭނާއަށް އެކަން ވިސްނޭ ކަމަށާއި އެހެން އެވަނީ މަންމަ މެންގެ “މައިންޑް ސެޓް” ހުންނަ ގޮތުން ކަމަށް އޭނާ އަށް އެނގޭ ކަމަށް އަންވަރު ކިޔައިދިނެވެ. ދުވަސް ގަނޑެއް ވަންދެން އޭނާ ދަތުރު ކުރުމާއި މެދު ނުރުހުން ވިނަމަވެސް މިއީ ކޮން ކަހަލަ ކަމެއް ކަން އެނގި އޭނާ ބޮޑަށް މީގެ ތެރެއަށް ނިކުތުމުން، އެންމެން ވެސް މިހާރު މިކަމަށް ވަރަށް ރުހޭ ކަމަށް އޭނާގެ ވާހަކަ އަށް އިތުރުކޮށްލިއެވެ.
ދިރިއުޅުމުގައި ކުރިޔަށް ދާނެ ދާއިރާ އަކީ ދަތުރު ކުރުން ކަމަށް ދުވަހަކުވެސް ހިތަކަށް ނާރާ.
ދަތުރު ކުރުމަކީ ކިތަންމެ ކުރާ ހިތްވާ ކަމެއް ވިޔަސް މިގޮތަށް ކަން ހިނގައިފާނެ ކަމަށް ހިތަށް ނާރާ ކަމަށް އޭނާ ކިޔައިދިނެވެ. ޅަ އުމުރެއްގައި ފުރަތަމަ ދަތުރު، ކައިރީގައި އޮތް ސްރީލަންކާއަށް ދެވުމަކީ ވެސް ވަރަށް ބޮޑު ކަމެއްގެ ގޮތުގައި އޭނާއަށް ވި ކަމަށް މުނިއަވަސް އަށް އޭނާ ބުންޏެވެ.
“އަސްލު ދުވަހަކު ވެސް ހިތަކަށް ނާރާ މީ ކެރިއަރއެއް ބިލްޑް ކުރެވިދާނެ ކަމެއް ކަމަކަށް. ފުރަތަމަ ލަންކާއަށް ދެވުން ވެސް ވާނީ އަންވަރަށް އަނގަ ނަގައިން ބަލަން ހުރެވޭނެ ކަހަލަ ކަމަކަށް ދޯ.” ހެވިލާފައި އަންވަރު ކިޔައިދިނެވެ. ނަމަވެސް މިކަމަކީ އެންމެ ކުރާހިތްވާ ކަމަށް ވެފައި އޭގެ ފަހުން އެކި ކަހަލަ ފުރުސަތުތައް ލިބެން ފެށުމުން، މިކަމަކީ ވާނެ ކަމެއް ކަމަށް އޭނާއަށް ޤަބޫލު ކުރެވުނު ކަމަށް ވެސް އޭނާގެ ވާހަކައިގެ ތެރެއިން ކިޔައި ދިނެވެ.
“އެހެން އުޅެނިކޮށް ވަރަށް ބައިވަރު އޮޕަޗުނިޓީޒް ތަކެއް ލިބެން ފެށީ. އެކި ހޮޓެލް ތަކުން ފުރީކޮށް ސްޓޭ ކުރުމާއި މިކަހަލަ ކަންކަން. އެންޑް ބްރޭންޑްތަކާ އެކު ކޮލަބްރޭޓް ކުރުމަށް ޗާންސް ލިބި، މިކަހަލަ ގޮތަކަށް އައީ.” މިކަމުގެ ތެރެއަށް ބޮޑަށް ވަދެވުނު ގޮތާއި އަދި ދިރިއުޅުމަށް ކުރިއަށް ދާނެ ދާއިރާ އަކަށް ދަތުރު ކުރުން ވި ގޮތާއި ބެހޭ ގޮތުން އިތުރަށް ކިޔައިދެމުން އަންވަރު ހިއްސާ ކުރިއެވެ.
ދަތުރު ކުރަނީ އަވަހަށް ގިނަ ޤައުމު ތަކަށް ދާކަށް ނޫން.
ދަތުރު ކުރުމުގައި ތަފާތު ވިސްނުމެއް ގެން ގުޅޭ މި ޒުވާނާ ދެކޭ ގޮތުގައި ޤައުމަކަށް ދެވުނު ކަމަށް ވާނީ “އެކްސްޕްލޯރ” ކުރެވުނީމައެވެ. އެ ޤައުމު ތަކުގެ ތަފާތު ކަމާއި، ސަގާފަތާއި އާދަކާދަ ބަލައި ލެވުނީމައެވެ. އޭނާ ބުނާ ގޮތުގައި ދުނިޔެއަށް ލޯ ހުޅުވި ކަންކަން އިތުރަށް އެނގެން ފެށުމުގެ އަސްލަކީ އޭނާ ޤައުމުތަކަށް ކުރާ ދަތުރު ތަކެވެ. އެ ގޮތުން އަންވަރު ވަނީ މިހާތަނަށް ދުނިޔޭގެ ތަފާތު 13 ޤައުމަކަށް ގޮސްފައެވެ. އަދި ހަމަ އެގޮތަށް އެ ޤައުމު ތަކުގެ އެކި ހިސާބު ތަކަށް އޭނާ ވަނީ އެތައް ފަހަރު މަތިން ދަތުރުކޮށްފައެވެ. އަންވަރު ދެކޭ ގޮތުގައި ކޮންމެ ތަނެއް ވެސް މަޝްހޫރު ވާނީ އެތަނެއް މަޝްހޫރު ކުރީމައެވެ. އަދި އޭނާ ދާން ބޭނުން ވަނީ މީހުންނަށް ބޮޑަށް ނޭނގޭ އަދި ތަފާތު ހިސާބު ތަކަށް ކަމަށް އަންވަރު ކިޔައިދިނެވެ. ސަބަބަކީ މީހުންނަށް ނޭނގޭ ކިތަންމެ ރީތި ހިސާބު ތަކެއް ހުރީމަ ކަމަށް އޭނާ ޤަބޫލު ކުރާތީއެވެ. އަދި މިހާރު މަޝްހޫރު ތަންތަނުގެ އިތުރަށް މީހުންނަށް ނޭނގޭ އެތައް ހިތްގައިމު ހިސާބު ތަކެއް، މުއްސަނދި ސަގާފަތާއި އާދަކާދަ ތަކާއި އެކު ވާކަމަށް ވެސް މި ޒުވާނާ ބުންޏެވެ. އެހެންކަމުން އޭނާގެ މަޤްސަދަކީ އެކަހަލަ ހިސާބުތަކަށް ދަތުރުކޮށް ބޮޑަށް ކަންކަން އޮޅުން ފިލުވުން ކަމުގައި ވެސް އޭނާ އިތުރަށް ކިޔައިދިނެވެ. މީގެ އިތުރުން އެހެން މީހުންނަށް މިކަހަލަ ރީތި، ނަމަވެސް ނޭނގޭ ތަން ތަން ވާކަން ހާމަ ކޮށް ދިނުމެވެ. އަދި ބޮޑަށް ދުނިޔޭގެ އެކި ހިސާބުތަށް ބަލައިލައި، ތަފާތު ކަންކަން އުނގެނި އެހެން ޤައުމުތަކުގެ ތަފާތު ކަންކަން ތަޖުރިބާ ކޮށްލުން ކަމުގައި އޭނާ ބުންޏެވެ.
“ކަންޓްރީ ޓިކް ކުރާކަށް ނޫން ބޭނުމީ. އަންވަރު ބޭނުން ވަނީ ޔުނީކް ހިސާބުތަކަށް ދާން. އަދި ޤައުމުތަކަށް އެކި ފަހަރު މަތިން ގޮސްގެން ވެސް އެތަންތަނުގެ ސިޓީތައް އެކްސްޕްލޯރ ކޮށްލަން. މިހާރު ކަންޓްރީ ޓިކް ކުރަން ދާނަމަ 50 ހަކަށް ގައުމަށް ދެވިފަ އޮންނާނީ.” އުމުރުން 25 އަހަރު ވުމުގެ ކުރިން 50 ޤައުމަކަށް ދާން “ޓާރގެޓް” ކޮށްގެން ހުރި ޒުވާނާ އިތުރަށް މުނިއަވަސް އަށް ކިޔައިދިނެވެ.
ދަތުރު ކުރުމަކީ ކުރިޔަށް ދާ ދާއިރާގެ އިތުރުން “ޕެޝަން”.
“އިޓްސް މޯ އޮފް ލައިކް މައި ޕެޝަން!” ދަތުރު ކުރުން ސިފަ ކޮށްދެމުން އަންވަރު ބުންޏެވެ. ފެށުނު އިރު އެހާ ބޮޑަކަށް ސަމާލުކަން ނުދެން ކަމަށް ބުނި ޒުވާނާ މިހާރު ހުރީ މި ދާއިރާ އަށް ވަރަށް “ކޮމިޓެޑް” ވެގެން ކަމުގައި އޭނާ ކިޔައިދިނެވެ. ކުރާ ހުރިހާ ކަމެއް ވެސް އެންމެ ފުރިހަމަ އަށް ކުރެވޭތޯ އަބަދުވެސް ބަލާ ވާހަކަ ކިޔައި ދެމުން އަންވަރު ބުނީ، ކުރީގައި އިޖްތިމާޢީ ވިއުގަތަކުގައި ވެސް އެހާ ސަމާލުކަން ނުދެވޭތީ ފަހުން އަމިއްލަ އަށް ވިސްނިގެން އެންމެ ރަނގަޅަށް މިކަން ކުރެވޭތޯ ބެލީ ކަމަށެވެ. ސަބަބަކީ އޭނާ އަށް ކުރިއަށް ދާން ފުރުސަތު ތަކެއް ލިބި އެހެން މީހުންގެ “ސަޕޯރޓް” ވެސް ލިބެން ފެށުމުން ކަމަށް އިންސްޓަރގްރާމް ގައި 10،000 ވުރެ ގިނަ ފޮލޯވަރުންނާއި އެކު “މޯލްޑިވޯ ޓްރެވެލަރ” ގެ ނަމުން ކުރި އަރަމުން އަންނަ ޙުސެއިން އަންވަރު ކިޔައިދިނެވެ. އެހެން ކަމުން މިހާރު ހުރިހާ ކަމެއް ވެސް އެންމެ ރަނގަޅު ގޮތުގައި ކުރެވޭތޯ ބަލާ ކަމަށާއި ދަތުރު ކުރުމުގެ ކުރިން ވަރަށް “ސްޓަޑީ” ކުރާ ކަމަށް އޭނާ ބުންޏެވެ.
“ވަރަށް ގިނައިން ބްލޮގް ތަކާ އެއްޗެހި ކިޔަން. އެހެން ދަތުރު ވެރިންނާ އެކި ޤައުމު ތަކުގެ މައުލޫމާތު ވަރަށް ބަލަން. ތަނަކަށް ދިޔުމުގެ ކުރިން އެތަނަކާ ބެހޭ ގޮތުން ވެސް ސްޓަޑީ ކުރަން.” ދަތުރު ކުރުމުގެ ކުރިން ކިހާ ވަރަކަށް މިހާރު ސަމާލުކަން ދޭ ކަމުގެ ވާހަކަ ދައްކަމުން އަންވަރު ކިޔާދިނެވެ. ދަތުރު ކުރުމަކީ އަންވަރު ކުރިޔަށް ދާ ދާއިރާ އާއި އޭނާގެ “ޕެޝަން” ކަމުގައި ވީނަމަވެސް މީގެ އިތުރުން އަންވަރަކީ އަމިއްލަ ވިޔަފާރި ވެސް ކުރާ ޒުވާނެކެވެ.
ކުރެވިފައި ހުރި ތަޖުރިބާ.
އަންވަރަށް ކުރެވިފައި ހުރި ތަޖުރިބާގެ ވާހަކަ ފެށީ “ދަތުރު ކުރެވޭނީ ހަމަ އެކަނި މުއްސަނދި ވެގެނެއް ނޫން” މިހެން ބުނެފައެވެ. ސަބަބަކީ މިކަމަކީ ރަނގަޅަށް ދަތުރު ކުރަން އެނގޭ ކޮންމެ މީހަކަށް ވެސް ވާނެ ކަމެއް ކަމަށް އޭނާއަށް ތަޖުރިބާ ކުރެވިފައި ވާތީއެވެ. އޭނާ ބުނި ގޮތުގައި އަމިއްލަ އަށް މަސައްކަތެއް ކުރަމުން، ލާރި ކޮންމެވެސް ވަރަކަށް އެއްކުރަމުން ދިޔައިމައި ރަނގަޅު ވާނެ ކަމަށެވެ. އަދި އޭނާގެ އަމިއްލަ ތަޖުރިބާގެ ވާހަކަ ދައްކަމުން އޭނާ ބުނި ގޮތުގައި ކުރެވެން އޮތް އެންމެ އަގުހެޔޮކޮށް ދަތުރާއި ދަތުރުގެ ކަންކަން ކުރުމުން މިކަމަކީ އާންމު މީހަކަށް ވެސް ކުރުން އުނދަގޫ ކަމެއް ނޫނެވެ.
“އަންވަރު ނުބުނަން އެންމެ ލޯ ކޮށް ޗޫޒް ކުރާށެކެ. އެކަމު މިޑިލް ލެވެލް އެއްގަ ހޮޓެލްތައް ނަގާފަ އުޅުމަކީ އަންވަރު ހަދާ ގޮތް. އެއީ ތަނެއް އެކްސްޕްލޯރ ކުރަން ދާ މީހަކު އެކަމުގަ އުޅެފަ ހޮޓެލް އަށް އަންނާނީ ރެގަނޑު ނިދަން ވީމަ ބޮޑު އަގުގަ ތަންތަން ނެގުމުގެ ބޭނުމެއް އަންވަރަކަށް ނެތް.” އޭނާ ކަން ކުރާ ގޮތާ ބެހޭ ގޮތުން ތަފްސީލު ކޮށްދެމުން ބުންޏެވެ. އަދި އެއްތަނުން އަނެއްތަނަށް ދާން ބަހުގަ ވެސް ދަތުރު ކުރެވިފައި ހުންނާނެ ކަމަށް އަންވަރު ކިޔައިދިނެވެ. އަދި އެއީ ވެސް ކުރެވޭ ތަޖުރިބާއެއްގެ ގޮތުގައި ބަލާ ކަމަށް އޭނާ ފާހަގަ ކުރިއެވެ. އޭނާ އިތުރަށް ބުނި ގޮތުގައި ތަންތަނުގެ “ލޯކަލްސް” އާއި ވާހަކަ ދައްކައިގެން އެ ތަންތަނުގެ މައުލޫމާތު ހޯދުމަކީ ކުރަން ރަނގަޅު ކަމެކެވެ.
މި ޒުވާނާގެ އަމިއްލަ ތަޖުރިބާގައި ވާހަކަ ދައްކަމުން އިތުރަށް ބުނީ ކައިރީގައި އޮންނަ ޤައުމު ތަކުގެ އެހާ ބޮޑަށް ނޭނގޭ ތަން ތަނަށް ދިޔުމަކީ ވެސް ސަޅި ކަމެއް ކަމުގައެވެ. އަދި އޭނާ ހީނުކުރާހާ ރީތި އެތައް ހިސާބު ތަކަކަށް ދެވިއްޖެ ކަމަށާއި އެތަން ތަނުގެ އާދަކާދަ އާއި ސަގާފަތް ވެސް ތަފާތު ތަން ތަނަށް ދެވިފައި ވާކަން އޭނާ ފާހަގަ ކުރިއެވެ. ގިނަ އެހެން މީހުންނާއި ޚިލާފަށް އަންވަރު ދާން ބޭނުންވަނީ އެހާ މަޝްހޫރު ނޫން ހިސާބު ތަކަށެވެ. ގިނަ މީހުންގެ ވިސްނުން ހުންނަ ގޮތުގެ ވާހަކަ ދައްކަމުން އަންވަރު ބުނީ، އޭނާ އެހެން މީހުން ވިސްނާ ގޮތަށް ވެސް އިޙުތިރާމު ކުރާ ކަމަށެވެ. ނަމަވެސް ދަތުރު ކުރުމަކީ އެންމެ މަޝްހޫރު އަދި ދުރު ތަން ތަނަށް އެންމެ ފުރަތަމަ ވެސް ދިޔުން ކަމުގައި ބެލުމުގެ ބަދަލުގައި ކައިރީ ގައި އޮންނަ ޤައުމުތަކުގެ އެކި ހިސާބުތައް ބަލައިލަން ދިޔުމަކީ ވެސް މުހިންމު ކަމެއްގެ ގޮތުގައި އޭނާ ފާހަގަ ކުރިއެވެ. މިސާލެއްގެ ގޮތުން އޭނާ އަލި އަޅުވާލީ ކައިރީ ގައި އޮތް އިންޑިޔާ އަށެވެ.
“ގިނަ މީހުންނަށް އިންޑިޔާގެ ތަން ތަނަށް ދަތުރު ކުރުން ނުވޭ މާ ބޮޑު ކަމަކަށް. ދިވެހިން ޤަބޫލު ކުރާ ގޮތުގައި އިންޑިޔާ އަކީ މެޑިކަލް ކަންކަމަށް ދާތަނެއް. އެކަމު އަންވަރަށް އިނޑިޔާގެ ގިނަ އެކި ހިސާބު ތަކަށް ދެވުނު އިރު ހީނުކުރާހާ ތަފާތު ތަން ތަނާއި ކަންކަން ފެނުނު.” އޭނާ އަށް ކުރެވުނު ތަޖުރިބާ އިތުރަށް ތަފްސީލު ކޮށްދެމުން ކިޔައިދިނެވެ.
ދެވުނު ތަންތަނުގެ ތެރެއިން އެންމެ ގަޔާވި ވަކި ތަނެއް ބުނާކަށް ނޭނގެ.
އަންވަރުގެ ހަޔާތުގައި ދެވުނު ތަފާތު 13 ޤައުމުގެ އެކި ހިސާބު ތަކުގެ ތެރެއިން އެންމެ ގަޔާވި ތަން ބުނެދޭން ނޭނގޭ ކަމަށް އެނާ ބުންޏެވެ. ދެވުނު ހުރިހާ ހިސާބެއްގެ ހުރިހާ ކަމެއް ވެސް އެއް ތަނާއި އަނެއް ތަނާ ތަފާތު ކަމަށް އޭނާ ފާހަގަ ކުރިއެވެ. އަދި މިއީ ވަކި ތަނެއް ބުނަން ނޭނގޭ ސަބަބު ކަމުގައި ވެސް އޭނާ ބުންޏެވެ. މި ޒުވާނާ އަށް ދެވުނު ޤައުމު ތަކުގެ ތެރެއިން 2 ޤައުމެއްގެ ވާހަކަ ހިއްސާ ކުރަމުން އޭނާ ބުނީ ތުރުކީ އަދި އިންޑިޔާ އަކީ ވަރަށް ފާހަގަ ކޮށްލެވޭ ދެ ޤައުމު ކަމަށެވެ. އޭނާ ބުނި ގޮތުގައި އެ ދެ ޤަމުގެ އޭނާ އަށް ދެވުނު ހުރިހާ ހިސާބު ތަކަކީ ވެސް އޭނާ ވަރަށް ގަޔާވި ތަންތަން ކަމުގައެވެ. އަންވަރުގެ މައިގަނޑު މަޤުސަދަކީ ޤައުމުތައް ވީހާވެސް ބޮޑަކަށް ބަލައި ދެނެގަތުން ކަމުގައި ވާއިރު، އެ ދެ ޤައުމު އޭނާ ފާހަގަ ކުރީ އެމީހުންގެ ތަފާތު އާދަކާދަ އާއި ސަޤާފަތައް ބަލާފައެވެ. އަދި މީގެ އިތުރުން ތަފާތު ޤައުމެއްގެ ގޮތުގައި މި ޒުވާނާ ފާހަގަކޮށްލީ ކެމްބޯޑިއާއެވެ. ޤައުމު ތަކުގެ ކަންކަން ބަލައި ތަޖުރިބާ ކޮށްލަން ބޭނުންވާ މި ދަތުރުވެރިޔާ ވަނީ އެކި ޤައުމު ތަކުގެ ތަފާތު ގޮތް ތަކަށް ވަރަށް ބޮޑަށް ހިތް ޖެހިފައިވާ ކަމަށް ފާހަގަކޮށްފައެވެ. ދަތުރުވެރި ކަމުގައި މިހާ ކުރި އަރަމުން އަންނަ މި ޒުވާނާ ބުނި ގޮތުގައި އޭނާ އެންމެ ދާން ބޭނުންވާ ޤައުމަށް އަދިވެސް ނުދެވޭ ކަމަށާއި ދާއިރު އެހާ މަދު ދުވަސް ކޮޅަކަށް ދާން ބޭނުން ނުވާ ކަމަށެވެ. އަންވަރު އެންމެ ދާން ބޭނުންވާ މަންޒިލަކީ ދިވެހިންގެ ތެރޭގައި ވެސް މަޤުބޫލު ތަނެއް ކަމުގައިވާ ޔޫރަޕުގެ ގްރީސް އެވެ. އަދި އޭނާގެ އުންމީދަކީ ވަރަށް އަވަހަށް ގްރީސް އަށް ދިޔުމުގެ މަގު އޭނާއަށް ފަހި ވެގެން ދިޔުމެވެ.
ބޭނުން ވަނީ “ޑިފަރެންސެއް މޭކް ކުރަން”.
ދަތުރު ވެރިކަމުގެ ދާއިރާގައި ކާމިޔާބު މި ދަތުރުވެރިޔާގެ ބޭނުމަކީ ދިވެހިރާއްޖޭގައި މި ދާއިރާ ފުޅާކުރުމެވެ. އަދި ރަނގަޅު “މެސެޖް” ތަކެއް ދީގެން ގިނަބަޔަކު މި ދާއިރާ އަށް ލޯ ހުޅުވައި ދިނުމެވެ. އޭނާ ބުނާ ގޮތުގައި އަދިވެސް ބައެއް މީހުން މިކަމަކީ ކުރަން ރަނގަޅު ކަމެއްގެ ގޮތުގައި ނުދެކޭ ކަމަށާއި އަދި މިގޮތަށް ވިސްނުން ހުރުމުގެ ސަބަބުން އެތައް ކުދިންނެއް މިކަމުގެ ތެރެއަށް ނުނިކުމެވިފައި ހުރި ކަމެވެ. އެހެން ކަމުން މި ޒުވަނާ ކިޔައިދިން ގޮތުގައި މިކަމަށް ދިވެހިން “އެވެއަރ” ކުރުމަކީ މުހިންމު ކަމެކެވެ. އަދި އޭނާ ބުނި ގޮތުގައި މިކަން ކުރަން އެދޭ ކޮންމެ މީހަކަށް ވެސް މިކަން ވާނެ ކަމަށާއި ބޭނުން ވަނީ ވަރުގަދަ އަޒުމެއް ކަމަށެވެ. ފުރަތަމަ އަމިއްލަ މަސައްކަތުން ލާރި އެއް ކުރަމުން، އާދައިގެ ގޮތަކަށް ފަށައިގެން ކުރިއަށް ދިޔުމަށް ވެސް މި ޒުވާނާ ބުންޏެވެ. އަދި އޭރުން މިކަމުގެ ތެރެއިން އާމްދަނީ ލިބި އެހެން މީހުންނާއި ބައްދަލުވެ އެކި ކަންކަން ދަސްވާނެ ކަމެވެ. މީގެ އިތުރުން ވެސް މިކަމުގެ ސަބަބުން ހެޔޮ ބަދަލެއް އަމިއްލަ ނަފްސަށް އައިސްފައިވާ ކަމަށް ޤަބޫލު ކުރާ މި ދަތުރުވެރިޔާ ފާހަގަ ކުރި ގޮތުގައި މިއީ ދުނިޔޭގެ ތެރެއަށް ބޮޑަށް ވަދެވި އަމިއްލަ ނަފްސު “އިމްޕްރޫވް” ކުރަން ލިބޭ ރަނގަޅު ފުރުސަތެކެވެ.
މިދުވަސް ތަކަކީ ހަނދާނުން ނުފިލާނެ ދުވަސްތަކެއް.
މި ދުވަސްކޮޅަކީ އެންމެނަށް ވެސް އުނދަގޫ ދުވަސް ކޮޅަކަށް ވާއިރު، މިއީ އެކި ދާއިރާ ތަކުގައި މަސައްކަތް ކުރާ ފަރާތް ތަކަށް ވަކިން އުނދަގޫ ދުވަސް ކޮޅަކަށް ވެގެން ދާނެއެވެ. ހަމަ އެގޮތަށް އަންވަރު ބުނި ގޮތުގައި މިދުވަސް ކޮޅަކީ އޭނާގެ ހަނދާނުން ދުވަހަކު ވެސް ފިލައިގެން ދާނެ ދުވަސް ކޮޅެއް ނޫން ކަމަށެވެ. އެތައް ފިލާވަޅު ތަކެއް ދަސްވެގެން ދިޔަ ކަމަށް ކޯވިޑް19 ގެ މިދުވަސް ތަކާއި ބެހޭ ގޮތުން ވާހަކަ ދައްކަމުން އޭނާ ބުންޏެވެ. އަދި އޭނާ ކުރަން ހުރި އެތައް ކަމެއް މަޑު ޖެހިފައި ހުރި ކަން އޭނާ ފާހަގަ ކުރިއެވެ. އެ ގޮތުން މި ނިމި ދިޔަ އޭޕްރިލް މަހު ހޮންގްކޮންގް، މަކާއު އަދި އިންޑަނޭޝީއާ އަށް ދާން އޮތް ދަތުރު ވެސް މަޑު ޖެހިފައި އޮތް ވާހަކަ އަންވަރު ފާހަގަ ކުރިއެވެ. މީގެ އިތުރުން ވެސް މި އަހަރުގެ އޮކްޓޯބަރު މަހު ޔޫރަޕުގެ 10 ޤައުމަކަށް ދާން އޮތް ދަތުރު ދެން މިއަހަރު ދެވޭނެ ކަމަށް ހީނުކުރާ ކަމަށް އޭނާ އިތުރަށް ކިޔައިދިނެވެ. ނަމަވެސް މާޔޫސް ކަމެއް ނެތް ކަމަށާއި މިދުވަސް ތަކަކީ އޭނާ އަށް ހަމަ ޖެހިލަން ލިބުނު ދުވަސް ކޮޅެއް ކަމަށް ޤަބޫލު ކުރާ ކަމަށްވެސް ފާހަގަކުރިއެވެ. މި ވާހަކައިގެ ތެރެއިން އޭނާ ބުނީ މިކަންތައް ނިމުނުހާ އަވަހަކަށް ދެން ދާން ގަސްދު ކުރާ ތަނަކަކީ ލާމު އަތޮޅަށް ކަމަށެވެ.
“ވަރަށް ގިނަ މީހުން ކުރާ ސުވާލެއް އެއީ ރާއްޖެތެރެއަށް ދާން ބޭނުން ނުވަނީހޭ، އެހެންނެއް ނޫން އެކަމު. ވަރަށް ދާ ހިތް ވޭ ހަމަ. ވަރަށް ދާ ހިތް ވާ ހިސާބަކަށް ލާމު ވާތީ އެކޮޅަށް ދާން ވިސްނައިގެން މިހިރީ.” އޭނާ އިތުރަށް ތަފްސީލު ކޮށްދިނެވެ.
މީހުންގެ ކޮމެންޓް ތަކަށް އިހުތިރާމު ކުރަން.
ކޮންމެ ދާއިރާ އެއްގައި ވެސް ދަތި ތަކާއި ކުރިމަތި ލާން ޖެހޭނެކަމީ އެންމެ ވެސް ޤަބޫލޫ ކުރާ ހަޤީޤަތެކެވެ. ޚާއްސަ ގޮތެއް ގައި މީހުން ދެކޭ ގޮތާއި ކިޔާ އެއްޗިއްސެވެ. އެގޮތުން އަންވަރާއި މުނިއަވަސް އިން މިސުވާލު ކޮށްލުމުން އޭނާ ބުނީ ވަރަށް މަދު ފަހަރަކު ނޫނީ “ނެގެޓިވް” ވާހަކަ އެއް ނާންނަކަމަށެވެ. ނަމަވެސް އަންނަ ފަހަރަކު ވެސް ހުރިހާ އެއްޗެއް ވެސް ކިޔާކަމަށެވެ. އޭނާ ޤަބޫލުކުރާ ގޮތުގައި ރަނގަޅު ކުރަންޖެހޭ ކަންކަން ރަނގަޅު ކުރަން ވެސް އެނގޭނީ އޭރުންނެވެ. އެންމެ ގިނައިން ކުރެވޭ ސުވާލަކީ ކޮބައިތޯ އެހުމުން ޖަވާބު ދެމުން އަންވަރު ބުނީ ދަތުރު ކުރާ އިރު ހައްޖަށް ނުދަނީ ކީއްވެ ކަމާއި މެދު ސުވާލުތައް އަމާޒު ވާކަމަށެވެ. އަންވަރު ބުނި ގޮތުގައި އޭނާ އަކީ އަޅުކަންތައް ދެއްކުމުގެ ނިޔަތުގައި ކުރާ ހިތްވާ މީހެއް ނޫން ކަމަށެވެ. ނަމަވެސް އެ ސުވާލު ވަރަށް ގިނައިން ރައްދުވާ ކަމަށް ބުނެ އޭނާ ބުނީ ހައްޖަށް ވަރަށް ދާހިތްވާ ކަމަށާއި އަދި ދާއިރުވެސް މީހަކަށް ދެއްކުމުގެ ގޮތުން ކަމެއް ނުކުރާނެ ކަމަށެވެ. އަދި ފަހަރުގައި އެންމެ ބޮޑު ވަރަކަށް ވެސް ފެންނާނެ ކަމަކީ ދިޔުމުގެ ކުރިން ފޮޓޯއެއް ކަމުގައި އޭނާ ފާހަގަ ކުރިއެވެ.
“ވަރަށް ގިނަ މީހުން އާހާ ސުވާލެއް ވީމަ، އަސްލު ވަރަށް ދާހިތްވޭ. އިންޝާﷲ ވަރަށް އަވަހަށް މަންމަ އަދި ބައްޕަ ވެސް ގޮވައިގެން ހައްޖަށް ދާނަން.” އިތުރަށް އެސުވާލުގެ ޖަވާބު ސާފު ކޮށް ދެމުން އޭނާ ބުންޏެވެ. އަންވަރު ބުނި ގޮތުގައި އަންނަ ކޮންމެ “ކޮމެންޓެއް” ވެސް ނަގަނީ “ޕޮޒިޓިވް” ކޮށް ކަމަށާއި ރަނގަޅު ކުރަން ޖެހޭ ކަންކަން އަބަދު ވެސް ރަނގަޅު ކުރަން ވިސްނާނެ ކަމަށެވެ. އަދި މީހުންގެ ފަރާތުން އަންނަ ވާހަކަ ތަކާއި މެދު މާޔޫސް ނުވާ ކަމަށެވެ.
“އަންވަރަށް މިކުރެވޭ ކަމެއް އެނގި ގެން ކުރަނީ. އަދި ހޯދާ ލާރިވެސް ހޯދަނީ ހަލާލު ގޮތުގަކަން އެނގޭ އިރު މާޔޫސް ވާންވި ސަބަބެއް ނެތް ކަން ނޭނގެ.” އެހެން ކަމުން އެންމެންގެ ވާހަކަތައް ވެސް ބަލައިގަންނަ ކަމަށާއި އިންސްޓަރގްރާމް ގައި މީހުންގެ ފަރާތުން އަންނަ ވާހަކަ ތަކާއި މެދު ހިތްހަމަ ޖެހޭ ކަމަށް އޭނާ ކިޔައިދިނެވެ. އަދި ވާހަކަ ދައްކާ އެންމެނަށް ވެސް މަސައްކަތް ހުންނަ ގޮތުން ކުޑަ ކޮށް ލަސްވިނަމަ ވެސް ޖަވާބު ނުދީ ނުހުންނާނެ ކަމަށް އޭނާ ބުންޏެވެ.
ވަރަށް އުފާވޭ، ޝުކުރުވެރިވަން.
2015 އިން ފެށިގެން މިއަދާއި ހަމައަށް އަންވަރުގެ ދިރިއުޅުމަށް ދަތުރުވެރި ކަމުގެ ދާއިއިރާގެ ސަބަބުން އައިސްފައި ހުރި ބަދަލު ތަކުގެ ވާހަކަ ދައްކަމުން އަންވަރު ބުނީ، ދުވަހަކު ވެސް އޭނާގެ ދިރިއުޅުން މިހާރު މި އޮތް ގޮތަށް ސިފަ ނުކުރާ ކަމަށެވެ. އަދި މިދާއިރާގެ ސަބަބުން ދިރިއުޅުމަށް އައިސްފައި ވަނީ ހެޔޮ ބަދަލު ތަކެއް ކަމަށެވެ. މީގެ އިތުރުން އޭނާ އަށް ކުރިއަށް މިދެވެނީ ﷲގެ ރަޙުމަތާއި އެހެން މީހުންގެ ލޯތްބާއި އެއްބާރު ލުމާއި އެކުގައި ކަން ފާހަގަކޮށް އޭނާއަށް ފޮލޯކުރާ އެންމެނަށް ވެސް އޭނާ ޝުކުރުވެރިވާ ކަމަށް އަންވަރު ބުންޏެވެ. އަދި މީޑިއާ ތަކުން ދޭ ސަމާލު ކަމާއި އެއްބާރުލުން އޭނާ ފާހަގަ ކުރިއެވެ. އެންމެ ފަހު ކަމެއްގެ ގޮތުން އަންވަރު ބުނީ އޭނާގެ އިންސްޓަރގްރާމް ފޮލޯވާރުންނަށް ކުރިއަށް އޮތް މަސް ދުވަހެއްގެ ތެރޭގައި ޙާއްސަ “ސަޕްރައިޒް” އެއް އޮންނާނެ ކަމަށެވެ. އަދި އަންވަރުގެ ވެބްސައިޓް www.maldivotraveller.com ކުރިއަށް އޮތް ދެމަސް ދުވަހުގެ ތެރޭގައި ހުޅުވައިލާނެ ކަމަށާއި މީގައި އެކުލެވޭނީ “ކެޓެގަރައިޒްޑް ބްލޮގްސް” އަދި ޕޮޓޯތައް ކަމުގައި އޭނާ މަޢުލުމާތު ދިނެވެ. އަދި މިއީ އޭނާއަށް ލޯބިކުރާ ފަރާތް ތަކަށް އުފާވެރި ޚަބަރަކަށް ވާނެ ކަމުގައި އޭނާ ދެކެއެވެ.
ކޮންމެ މީހަކުވެސް އެމީހެއްގެ ދިރިއުޅުމަށް އުންމީދު ތަކެއް ކުރާނެ ފަދައިން އަންވަރުގެ އުންމީދަކީ މި ދާއިރާގައި ދެވެން އޮތް އެންމެ ކުރިއަކަށް ދިޔުމެވެ. އަދި މި ދާއިރާ ދިވެހިންގެ ތެރޭގައި ފުޅާކުރުމެވެ. ފޮނި ހުވަންފެންތަކަކާއި އެކު ކުރިއަށްދާ އަންވަރު ދަތުރުވެރިއެއްގެ ގޮތުން އަބަދުވެސް ފެންނާނެ ކަމަށް އޭނާ އުންމީދު ކުރެއެވެ. މުނިއަވަސްގެ ފަރާތުން އަންވަރަށް އަބަދު ވެސް އެދެނީ ކާމިޔާބީ އާއި ކުރިއެރުމެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- ފިރުޝަތު ޒަމީލް ލިޔާނީ އިޖްތިމާޢީ އަދި ޤައުމިއްޔަތުގެ ރޫހް އެކުލެވޭ ލިޔުންތެކެވެ.
Anwar ge hurihaa huvafeney hageegathah vumah dhuvaa kuran
❤️Kuri erun dhevvaash🤲 we are proud of you