ބާލަޖީ ޓެލެފިލްމްސް ގެ އުފެއްދުން ތަކަކީ ހިންދީ ސީރީޒް ތައް ބަލާ މީހުންގެ މެދުގައި އެއްމެ މަޤްބޫލުު އެއް ބްރޭންޑެވެ. މިވަގުތު އެ ސްޓޫޑިއޯ އިން އުފައްދަމުން އަންނަ ސިލްސިލާ ފިލްމު ތަކުގެ ތެރެއިން ސްޓާޕްލަސް އިން ދައްކަމުން އަންނަ ‘ޔޭ ހޭ މޮހައްބަތޭން’ އަކީ ޓީއާރްޕީ އެއްމެ މަތީގައި އަބަދުވެސް ހިފަހައްޓަމުން އަންނަ ސީރީޒް އެކެވެ.

ޔޭހޭ މޮހައްބަތޭން އަކީ ބަލާޖީ ގެ ޓެލެފިލްމްސް ގެ އުފެއްދުން ތަކުގެ ތެރެއިންވެސް އެންމެ ޓްވިސްޓްތައް ގިނަ އެއް ސީރީޒް އެވެ. އެގޮތުން މިހާރު އަނެއްކާާވެސް ވަނީ ބޮޑު ޓްވިސްޓެން ގެނެސްފަ އެވެ. މި މަހުގެ 15 ވަނަ ދުވަހު ދެއްކި މި ސީރީޒް ގެ އެޕިސޯޑް ފެށިފައިވަނީ ޕަރަމް ކޮންމެވެސް މީހަކާއި ފޯނުން ވާހަކަތަކެއް ދައްކަމުންދިޔަ އަޑު އަބީޝެކަށް އިވޭ ހިސާބުންނެވެ. ޕަރަމް ބުނަމުން ދިޔައީ ޕީހޫ ކިޑްނެޕް ކުރުމަށް އޭނާ ބޭނުންވީ ކީއްވެގެން ކަމާާއި އޭނާ ބޭނުންވީ އިޝީތާ ބިރުގަންނަވާލަން ކަމަށާއި އެއްވެސް ހާލެއްގައި އިޝީތާ މަރާލަން ނޫންކަމަށެވެ. އަބީޝެކަށް ޕަރަމް ދެއްކި ވާހަކަ އަޑު ނުއިވޭކަން އިރުކޮޅެއްގެ ތެރޭގައި ޕަރަމް އަށް އެނގެއެވެ.

ސިޓީ ހޮސްޕިޓަލްގައި ޑޮކްޓަރުން ތައްޔާރުވަމުން ދިޔައީ އިޝީތާ ގެ އޮޓޯޕްސީ ހަދާށެވެ. ދެލޯ ތަންމިނަށް ހުޅުވިފައި އެއްވެސް ހަރަކާތެއްނެތި އޮންނަ އިޝީތާ ވާހަކަ ދެއްކުމަށް މަސައްކަތް ކުރަމުން އަންނަކަން އޭނާގެ ހިތުގެ ގޮވުމުން އެނގެއެވެ. ނަމަވެސް އޭނާ ކިޑްނެޕްކުރި މީހުން އޭނާގެ ގަޔަށް ޖެހި އިންޖެކްޝަނެއްގެ ސަބަބުން މުޅި ހަށިގަނޑު އެއްކޮށް ހުއްޓިފައިވާކަން އިޝީތާ އަށް އެނގެއެވެ.

އޮޓޯޕްސީ ހަދަން އުޅުނު ޑޮކްޓަރުން ދައްކަމުން ދިޔަ ވާހަކަތައް އިވިފައި އިޝީތާ ބިރުގަނެއެވެ. އޭނާާ ދިރިއޮތްކަން ނޭޭނގި ޑޮކްޓަރުން އޭނާގެ ހަށިގަނޑު ފަޅާލާނެކަން އެނގޭތީ އެވެ. ކޮންމެވެސް ކަހަލަ އަޖައިބުކަމެއް ހިނގައިގެން ނަމަވެސް އިޝީތާ ސަލާމަތް ވޭތޯ ދުޢާކުރެއެވެ. އޭނާގެ ގަޔަށް ޖަހާފައިވާ އިންޖެކްޝަން ގެ ބާރުގަދަކަމުން ހަށިގަނޑުގެ ވިންދު އެއްކޮށް ހުއްޓި ހަށިގަނޑުގެ އެކި ބައިތަކުގެ މަސައްކަތްތައް އެއްކޮށް ހުއްޓެމުން އަންނަކަންވެސް އިޝީތާ އަށް އެނގެއެވެ.

އިޝީތާ ގެ އޮޓޯޕްސީ ހެދުމަށް ޑޮކްޓަރުން އެއްކޮށް ތައްޔާރަށް ތިއްބާ އިޝީތާ މަރުވި ސަބަބެއް އޮޅުންފިލުވުމަށް މަރުގެ ރިޕޯޓް ކިޔައިލުމަށް ކޮންމެވެސް އެއް ޑޮކްޓަރެއް އެދެއެވެ. ނަމަވެސް އަނެއް ޑޮކްޓަރު ބުނަނީ އެއީކީ އެއްވެސް ބޭނުމެއް ހުރި ކަމެއް ނޫންކަމަށާއި އޮޓޯޕްސީ ހެދުމައިގެން ކުރިއަށް ދިއުމަށެވެ.

އެވަގުތު ސީނިއާ ޑޮކްޓަރުން އެތަނަށް ވަދެ، އެތާ ތިބި ޑޮކްޓަރުންނަށް ބަވާލައެވެ. ފޯމުތައް ފުރުމެއް ނެތި، މުހިންމު ތަފްސީލުތައް އެނގުމެއް ނެތި އެކަން ކުރަން އުޅޭތީ އެވެ. އެމީހުން އަނެއްކާވެސް އިޝީތާ ގެ ހަށިގަނޑު ޗެކް ކުރަން ފަށައެވެ. އެވަގުތު އިޝީތާ ހިތުގެ އަޑިން ދުއާކުރަމުން ދަނީ އޭނާގެ ކަރަށް އިންޖެކްޝަން ޖަހާފައިވާ ނިޝާން ފެނުމަށް އެދިއެދި އެވެ. ނަމަވެސް އެންމެ ފަހުން ޑޮކްޓަރުން އަންގަނީ އޮޓޯޕްސީ އާއިގެން ކުރިއަށް ދިއުމަށެވެ.

އަނެއްކޮޅުން، ރަމަން އާއި ރަމަންގެ ޅިޔަނު ބާލާ އަދި އިޝީތާ ގެ ބެސްޓް ފްރެންޑް މަނީ ގޮސް އޮޓޯޕްސީ ކޮޓަރީގެ ދޮރުގައި ޓަކިދެއެވެ. ޑޮކްޓަރުންގެ ކިބައިން ރަމަން އެދެނީ އިޝީތާ ގެ އޮޓޯޕްސީ ނުހަދައި އިހަށް މަޑުކޮށްލުމަށެވެ. އިޝީތާ ގެ މަންމަމެން އިޝީތާ ގެ މޫނު ދެކިލުމަށް އައުމަށް ދަތުރު ފަށާފައިވާާކަމަށް ބުނެއެވެ. ޑޮކްޓަރާއި ރަމަން އާއި ދެމެދު ކޮންމެވެސް ވަރެއްގެ ޒުވާބެއް ހިނގައެވެ.

އެޕިސޯޑް ގެ ފަހުބައިގައި ރަމަން ގެ ޚިޔާލަށް އަންނަމުން ދިޔައީ އިޝީތާ އާއި އެކުގައި އޭނާ ބުޑަޕެސްޓްގައި ހޭދަކުރެވުނު ވަގުތު ތަކެވެ. އޮޓޮޕްސީ ކޮޓަރި ތެރެއަށް ރަމަން ވަދެ، އިޝީތާ ގެ އަތުގައި ހިފައިގެން ހުރެ ހިތާމަ ކުރެއެވެ. ހަށިގަނޑު އެއްކޮށް ހުއްޓިފައި އޮންނަ އިޝީތާ ގެ ހިތުގެ އަޑުން ރަމަން އަށް ޝުކުރު އަދާކުރަމުން ބުނަމުން ދިޔައީ އޭނާގެ ހިތުގެ ގޮވުމުގެ އަޑު އެއްމެ ރަނގަޅަށް އެނގޭނީީ ރަމަން އަށް ކަމަށެވެ.

އިތުރަށް ވާނެ ގޮތް ބަލައިލުމަށް ކުރިއަށް ހުރި އެޕިސޯޑްތަކަށް އިންތިޒާރު ކޮށްލާށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.