ކޮންމެ މީހެއްގެ ޙަޔާތުގައިވެސް އެންމެ މުހިންމު ހިއްސާއެއް އަދާކުރާ ފަރާތަކީ ބައްޕައެވެ. އެމީހުންނަކީ ކިތަންމެ ދުރުގައި ހުރެގެންވެސް ދަރިންނަށް ރަނގަޅު ދިރިއުޅުމެއް ހޯދައިދިނުމަށްޓަކައި މުޅި ޙަޔާތް ވޭތުކުރާ ހިތްވަރުގަދަ ބައެކެވެ. ޢާއިލާއާއި ދުރުގައި ހުއްޓުމެއްނެތި، ދަރިންނަށް ފާގަތި މުސްތަޤުބަލެއް ދިނުމަށްޓަކައި އަބަދާއި އަބަދު މަސައްކަތް ކުރަމުންދާ ބައެކެވެ. ހިތަށް ތަސައްވުރު ނުކުރެވޭހާ ބުރައާއި ވޭން އުފުލަމުންދާ ހިތްހެޔޮ އަދި ހިތްތިރި ބައެކެވެ. ހަމަ މިގޮތަށް އަހަރެންގެ ބައްޕައަކީވެސް އިތުރު ދެވަނައެއް ނުވާ ލާމަސީލު ބައްޕައެކެވެ. އަދި ބައްޕަގެ އެ ޤުރުބާނީތަކަކީ އަހަރެންނަށް ދުވަހަކުވެސް އޭގެ ބަދަލު ނުދެވޭނެ މަތިވެރި ޤުރުބާނީތަކެކެވެ. ނަމަވެސް މިއަދު، ބައްޕަދެކެ އަހަރެން ވާލޯބި ކިޔައިދެވޭތޯ މަސައްކަތް ކުރާނަމެވެ.
މުޅި ދިރިއުޅުން އަހަރެންގެ ނަންމަތީގައި ލިޔެ އަދި އުފާވެރި ދިރިއުޅުމެއް އަހަރެންނަށް ހޯދައިދިނުމަށް ހުރިހާ ވަގުތުތަކެއް ބުރައާއި ވޭނުގައި އުޅެމުންދާ އަހަރެންގެ ލޯބިވާ ބައްޕާއެވެ. ބައްޕަގެ ތިޔަ މިންނެތް މަސައްކަތްތަކަކީ ލަފުޒުތަކަކުން ދުވަހަކުވެސް ބަޔާން ނުކުރެވޭނެ މަސައްކަތްތަކެކެވެ. ހޯދާލާ ކޮންމެ ފަހަރަކު ބައްޕަ ފެންނަން ނެތުމުން ކުޑައިރު އަހަރެން ރޯ ހަނދާން މިއަދުވެސް ވެއެވެ. މަންމަ ގާތުގައި ބައްޕަ ފެނިލުމަށް އެދި ކުރާ ޝަކުވާތައް އަދިވެސް އަހަރެންގެ ހަނދާނުގައި އެބަހުއްޓެވެ. ބައްޕަ އަބަދު ކައިރީގައި ނުހުންނަނީ އަހަރެންދެކެ ލޯބި ނުވާތީހޭ ކިޔާފައި މަަންމައަށް އަހަރެން އެތައް ސުވާލުތަކެއް ކުރާ ހަނދާން އަހަރެން އަދިވެސް ވެއެވެ. ނަމަވެސް އެދުވަހު އަހަރެން ގާތުގައި ބައްޕައަށް ނުހުރެވޭތީ އެންމެ ދެރަވަނީ ޚުދު ބައްޕަކަން އަހަރެންނަށް މިއަދު އެނގެއެވެ. އަދި ބައްޕަ އެދުވަހު އަހަރެން ފެންނަ ހިސާބުގައި ނެތީ އަހަރެންދެކެ އެހެން މީހަކު ލޯބިނުވާވަރަށް ބައްޕަ އަހަރެންދެކެ ލޯބިވާތީކަން މިއަދު ޔަޤީންވެއެވެ. އަހަރެންގެ މިއަދުގެ ދިރިއުޅުމަކީ އެކަމަށް ފުދޭނެ ހެއްކެކެވެ.
ހިތްވަރުގަަދަ ބައްޕާއެވެ. ދިރިއުޅުމުގައި ބޭނުންވާ ކަންކަން ނުވެ، ބޭނުންވާ އެއްޗެއް ނުލިބި ދިރިއުޅުމަކީ ކޮބައިކަމެއް އަހަރެންނަކަށް ނޭނގެއެވެ. ސަބަބަކީ އަހަރެން އެންމެ ކުޑަ ދުވަހުއްސުރެ ﷲ ގެ ރަޙުމަތާއި ތި ލޯބިވާ ބައްޕަގެ ބޮޑެތި ޤުރުބާނީތަކާއިއެކު އުޅެމުން މި އައީ ބޭނުންވާ ހުރިހާ ކަމެއް ފުރިހަމަވެ އަދި ބޭނުންވާ އެއްޗެއް ލިބިގެންނެވެ. އަހަރެން އުޅުނީ އަދި މިއަދުވެސް މި އުޅެނީ ރަނގަޅު ދިރިއުޅުމެކޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. އަދި އެއީ އެދުވަހު ތި ލޯބިވާ ބައްޕަ އެކަނިމާއެކަނި އުފުލި ބުރައާއި ކުރި މިންނެތް މަސައްކަތްތަކާއި ވީ ބޮޑެތި ޤުރުބާނީތަކުގެ އަގުހުރި ނަތީޖާއެވެ. އަހަރެންނަށް އެނގޭ ކަމަކީ ބަައްޕަ ކިތަންމެ ދުރުގައި ހުރި ނަމަވެސް އަހަރެންނަށް މިފަދަ ރަނގަޅު ދިރިއުޅުމެއް އުޅެވުމުގެ އަސްލަކީ ބައްޕަގެ ބުރަ މަސައްކަތްތައްކަމެވެ.
ދިރިއުޅުމަކީ ކޮބައިކަން އަހަރެންނަށް ދަސްކޮށްދޭ ފަރާތަކީ މަންމައެކޭ އެއްފަދައިން ބައްޕައެވެ. ގިނަ ފަހަރަށް މަންމަ ބުނާވަރަށްވުރެވެސް ލޯބިން ނަސޭހަތް ލައިދޭ ފަރާތަކީ ބައްޕައެވެ. ހެޔޮލަފާ ރަނގަޅު އިންސާނަކަށް ވުމުގެ މުހިންމުކަމާއި ދުނިޔެއަކީ ވަގުތީ ތަނެއްކަން ކިޔައިދީ ވަގުތު އޮތްއިރު އެންމެ ސީދާވެގެންވާ ތެދުމަގުން ކުރިއަށް ދިޔުމަށް އަބަދުމެ ނަސޭހަތްދޭ ފަރާތަކީވެސް ހަމަ ތީއެވެ. ދުނިޔެއަކީ އުޅެން ފަސޭހަ ތަނެއް ނޫންކަމާއި ހިތްވަރު އެލުވައިނުލައި ދިރިއުޅުމައިގެން ކުރިއަށް ދިޔުމަކީ ހިތްވަރުގަދަ މީހުންގެ ގޮތްކަމަށް އަބަދު ކިޔައިދޭން ހުންނަ މީހަކީވެސް ތީއެވެ. ޙަޔާތަކީ އަބަދު އުސްގަނޑެއްގެ މަތީގައި އޮންނާނެ އެއްޗެއް ނޫންކަމާއި ހެއްދެވި ފަރާތް، ﷲ ޞުބްހާނަހޫ ވަތަޢާލާއަށް ކިޔަމަންތެރިވެ އީމާންތެރިކަން ވަރުގަދަކޮށް އަބަދުވެސް ކުރެވެން އޮތް އެންމެ ރަނގަޅަށް ކަންކުރުމުގައި ސާބިތުވެ ހުރުމުން ހުރިހައި ކަމެއްވެސް ރަނގަޅުވާނެކަމަށް ބުނެ ހިތްހެޔޮކަމާއިއެކު ފިރުމާލަމުން ނަސޭހަތްތެރިވާ ފަރާތަކީވެސް އަހަރެންގެ ތި ލޯބިވާ ބައްޕައެވެ. އަންހެން ކުދިންނަކީ މާތް ބައެއްކަން ދަސްކޮށްދިނީވެސް ބައްޕައެވެ. ތާއަބަދު މިފަދަ ބޭނުންތެރި ހުރިހައި ނަސޭހަތެއް ފޫހިކަމެއް ނެތި ދޭ ފަރާތަކީ އަހަރެންދެކެ ވަރަށް ލޯބިވާ މީހަކު ކަމުގައި ނޫނީ ނުވާނެކަން ގައިމެވެ.
ބައްޕަ އަހަރެންނާއި ދޭތެރޭގައި ބަހައްޓާ ކެތްތެރިކަމާއި ގެންގުޅޭ ހިތްހެޔޮ ގޮތްތަކަކީ އަހަރެންނަށް ކުރެވޭ ކުށްތަކުން ފިލާވަޅުތަކެއް އުނގެނި، އަމިއްލަ ނަފުސު ރަނގަޅުކޮށް، ދުވަހަކަށްވުރެ ދުވަހެއް ރަނގަޅު މީހަކަށް ވުމަށްޓަކައި މަގު ދައްކައިދޭ އެންމެ މުހިންމު ސަބަބެވެ. އަހަރެންނަށް ބައްޕަ ހިތްހަމަނުޖެހޭ އަދި ދެރަވާ ކިތަންމެ ކަމެއް ކުރެވިފައި ހުންނާނެއެވެ. ނަމަވެސް ނުހަނު ލޯތްބާއި އަޅާލުމާއެކު މަޢާފުކުރަނީ ކިތައް ފަހަރު ކަމެއް އަހަރެންނަކަށް ނޭނގެއެވެ. ބައްޕަގެ ކެތްތެރިކަން ކޮޅުންލާ އެތައް ކަމެއް ކުރެވޭއިރުވެސް ޝަކުވާއަކާނުލައި އަހަރެންދެކެ އެންމެ ފުރަތަމަ ދުވަހު ލޯބިވީހެން މިއަދުވެސް ބައްޕަ ލޯބިވާކަން އަހަރެންނަށް ޔަޤީންވެއެވެ. މަންމަ އަހަރެންނާ ދިމާއަށް ބާރަށް އެއްޗެކޭ ބުނާ ކޮންމެ ފަހަރަކުވެސް ފިރުމާލަމުން ހިނިތުންވުމަކާއެކު ވާހަކަދައްކާ ފަރާތަކީ ބައްޕައެވެ. ކިތަންމެ ދުރުގައި ހުއްޓަސް ދިރިއުޅުމުގައި ދިމާވާ ކޮންމެ ހިތާމައެއްގައި ހިތްވަރުލައިދޭ ފަރާތަކީވެސް ތި ލޯބިވާ ބައްޕައެވެ.
އަހަރެންނަށް ދުނިޔޭގެ ހުރިހާ އުފަލަކާއި އަރާމާއި ހިތްހަމަޖެހުމެއް ހޯދައިދޭން އަމިއްލަ ނަފުސުގެ އަރާމާއި ނިދި ނަގާލި ދެގޮތެއްނުވާ ހިތްހެޔޮ ބައްޕާއެވެ. ބައްޕަގެ ހިތްވަރާއި މިންނެތް މަސައްކަތުން މިއަދު ދިރިއުޅުމުގެ ހުރިހައި ކަމަކަށް އުންމީދު އާވެއްޖެއެވެ. ބައްޕަ ކޮށްދިން ހުރިހާ ކަންކަމުން ބައްޕައަކީ ކިހާ ހިތްވަރުގަދަ މީހެއްކަން އެނގި، ބަައްޕަގެ މި ލޯބިވާ ދަރިފުޅުވެސް ތިފަދަ ހިތްވަރުގަދަ މީހެއްގެ ގޮތުގައި ކުރިއަށް ދިއުމަށް ޢަޒުމު ވަރުގަދަވެއްޖެއެވެ. ބައްޕަ އަބަދުވެސް ބުނާ ފަދައިން މިއަދު އަހަރެން ހުރިހާ ކަމަކަށްވެސް އެެދެނީ މާތް ﷲ ގެ ކިބަފުޅަށެވެ. ކުރިއަށް ދެވޭތޯ ބަލަނީ އެންމެ ރަނގަޅު މަގުންނެވެ. ވެވޭތޯ ބަލަނީ ހެޔޮލަފާ ރަނގަޅު އިންސާނަކަށެވެ. މި ހުރިހާ ކަމަކަށް ހިތްވަރުދޭ ފަރާތަކީ ތި ލޯބިވާ ބައްޕައެވެ. އަހަރެންނަށް ދުވަހަކުވެސް ބައްޕަ އަހަރެންނަށްޓަކައި އުފުލި ބުރައާއި ވޭނުގެ ބަދަލެއް ނުދެވޭނެއެވެ. ނަމަވެސް ސުވަރުގެއިން ތި ލޯބިވާ ބައްޕައަށް އޭގެ ބަދަލު ދެއްވާތޯ އަހަރެން އަބަދުވެސް ދުޢާ ކުރާނަމެވެ. ދުރުގައި ހުއްޓަސް އަހަރެން ދުވަހަކުވެސް ބައްޕަގެ މަތިން ހަނދާނެއް ނުނެތޭނެއެވެ. މަންމަދެކެ ވާލޯބި ދެވަނައެއް ނުވާ ތި ބައްޕަދެކެވެސް އަހަރެން އަބަދުވެސް އިންތިހާއަށް ވާނަމެވެ.
ލޯބިވާ ބައްޕަ ތީ އަހަރެންގެ ހިތްވަރެވެ. އަހަރެންގެ ފަޚުރެވެ. ބައްޕަ ކުރިއަށް ދިޔަ މަގަކީ އަހަރެން އަބަދުވެސް ކުރިއަށް ދާން ބޭނުންވާ މަގެވެ. ބައްޕަގެ އަޑު އަހަރެން އަބަދުވެސް އަހާނަމެވެ. އަދި ބައްޕައަށް ބީރު ކަންފަތެއް ދެވި ބައްޕަ ހިތުގަ ޖެއްސުނު ކޮންމެ ފަހަރަކަށް ބައްޕަގެ ފަރާތުން މަޢާފަށް މި އެދެނީ ދެރަވެ ހުރެ ލަދުވެތިކަމާއި އެކުގައެވެ. އަދި ބައްޕަ ބޭނުންވާ އަދި ފަޚުރުވެރިވާފަދަ ދަރިއަކަށް ވާނަންކަމުގެ ޔަޤީންކަން އަހަރެން މިއަދު ބައްޕައަށް ދެމެވެ. މިއަދަށްވުރެ މާ ފާގަތި، އުފާވެރި ދުވަސްތަކަކާއި ދުޅަހެޔޮ ޞިއްޙަތެއްގައި ބައްޕަ އަހަރެންގެ ކައިރީގައި ލެއްވުމަށް އަބަދުވެސް ދުޢާކުރަމެވެ. އަދި ދެ ދުނިޔޭގައިވެސް ބައްޕައަށް ބާއްޖަވެރިކަން ލައްވައި އަހަރެން ބައްޕައާއެކު ޖަންނަތުގައި ލައްވާތޯ ކުރެވޭ ދުޢާތަކަށް ނިމުމެއް ނެތެވެ. އުފާވެރި ބައްޕައިންގެ ދުވަހުގެ ހެޔޮދުޢާތައްވެސް ތިފަދަ ދެވަނައެއްނުވާ އަދި މީހަކަށް ލިބޭނެ އެންމެ ރަނގަޅު ބައްޕައަށް ފޮނުވަމެވެ. އަހަރެން ތި ލޯބިވާ ބައްޕަދެކެ އަބަދުވެސް އިންތިހާއަށް ލޯބިވާނަމެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- ފިރުޝަތު ޒަމީލް ލިޔާނީ އިޖްތިމާޢީ އަދި ޤައުމިއްޔަތުގެ ރޫހް އެކުލެވޭ ލިޔުންތެކެވެ.