މީގެ 16 އަހަރު ކުރިން އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު އަޒްލީނާ ނަފީސްގެ މަރުގެ ހާދިސާ އަސްލަކަށް ބަލައިގެން ހަދަން ނިންމާފައިވާ ފިލްމު “ލީނާ”ގެ ލީޑް އެކްޓްރެސް އަކަށް އެއްމެ ފުރަތަމަ ހަމަޖެއްސި ފާތުމަތު އާޒިފާ (އަޒޫ) އެ ރޯލުން ކަޓުވާލައި އައްޒަ ހަމަޖެއްސީ ކީއްވެގެން ބާވައޭ ހަމަ ގައިމުވެސް އަޒޫގެ ސަޕޯޓަރުން ހިތަށް އަރާފާނެ އެވެ.

އަޒްލީނާ ގެ ރޯލަށް އެންމެ ފިޓް ވާނީ އަަޒޫ ހެއްޔެެވެ؟ ނުވަތަ އައްޒަ ހެއްޔެވެ؟ ހަމަ ގައިމުވެސް މިޔަށް ގޮތެއް ނިންމާނީ ފިލްމު ބެލުންތެރިންނެވެ. ފިލްމު އުފައްދާ ފަރާތުންވެސް ފިލްމަށް ކާސްޓުން ހަމަޖައްސާނީ ވަރަށް ގިނަ ކަންކަމަށް ބަލާފައިކަމީ ވެސް ގަބޫލުކުރަން ޖެހޭ ހަޤީޤަތެކެވެ. ނަމަވެސް ސްޓާރެއް ފިލްމަކަށް ހަމަޖައްސާނެ ކަމަށް ބުނެ، އެ ސްޓާރަކަށް އެނގުމަކާއި ނުލައި އޭނާ ވަކިކޮށްލުން އެއީ އިންސާފުވެރިގޮތެއް ހެއްޔެވެ؟ އެ ސްޓާރެއްގެ އެކްޓިންގ އަށްވުރެން ބޮޑަށް ސްޓާރުގެ ކުލަ އާއި އިސްކޮޅަށް ނުވަތަ ހަށިގަނޑުގެ ބައްޓަމަށް ބެލުން އެއީ ހަމަ އެންމެ ރަނގަޅުގޮތް ބާވަ އެވެެ؟

މުނިއަވަސް އަށް ވަރަށް އިތުބާރު ހުރި ފަރާތަކުން މަޢުލޫމާތު ލިބުނުގޮތުގައި އަޒްލީނާ ގެ ރޯލަށް އެންމެ ކުރިން ހަމަޖެއްސީ ފާތުމަތު އާޒިފާ (އަޒޫ) އެވެ. ނަމަވެސް ކުއްލިއަކަށް މީޑިއާއިން ފެނިގެން ދިޔައީ އަޒްލީނާ ގެ ރޯލަށް އެންމެ އަކަށޭނަ މީހަކީ އައްޒަ ކަމަށް ބުނެ ފިލްމު އުފައްދާ ފަރާތްކަމަށްވާ ޢަބްދުﷲ މުއާޒް (މުއާ) އިންޓަވިއު އެއް ދީފައިވާ ވަނިކޮށެވެ.

“ފިލްމުގެ ލީޑަށް އައްޒަ ޗޫސްކުރީ އައްޒަ އަށް އެ ރޯލު ޕާފެކްޓްކޮށް ކުޅެވޭނެތީ .މީގެ ކުރިންވެސް އައްޒައާއި ޢެކު މަސައްކަތް ކުރެވިފައި ހުރީ. އައްޒަ އަކީ ވަރަށް ޑެޑިކޭޓެޑް ތަރިއެއް. ކާސްޓުން ނަގަނީ ދެ ގޮތަކަށް ބަލާފައި. އެއީ އެ މީހަކީ އޯޑިއަންސް އަށް ސެލް ކުރެވޭ މީހެއްތޯ އަދި އެމީހަކީ ޕާފޯމް ކުރެވޭ މީހެއްތޯ،” އައްޒައަކީ މި ދެކެޓަގީ އަށް ވެސް ފިޓްވާ ތަރިއެއް ކަމަށް މުއާ ބުންޏެވެ. “ދެ ގޮތަށް ބެލިއަސް އައްޒައަކީ މަށަށް އެންމެ ޕާސެކްޓް ޗޮއިސް، އައްޒަގެ އެ ކެޕޭސިޓީ އެބަހުރި،”

މުއާ މިހެން ބުނި ނަމަވެސް މުނިއަވަސް އަށް މަޢުލޫމާތު ދިން ފަރާތުން ބުނީ އަޒޫ ކަޓްވާލީ އަޒޫ ފަލަކަމަށް ބުނެ ކަމަށެވެ. މީގެ އިތުރުން މީޑިއާ އިން ލިބުނު މަޢުލޫމާތާއި އެކު އަޒޫ އެ ރޯލުން ވަކިކުރީ ކީއްވެގެންތޯ މުއާ އާއި އަޒޫ ވެސް ވަނީ ސުވާލުކޮށްފަ އެވެ. ޖަވާބުގައި މުއާ ބުނިކަމަށް އަޒޫ ބުނީ އަޒޫ ހަމަޖެއްސުމާއި މެދު ކޮންފާރމް ނުކުރާ ކަމަށެވެ.

އަޒޫ ބުނީ ފިލްމީ ދާއިރާ އަކީ ވަރަށް ތަފާތުކުރުންތައް ބޮޑު، އެއް ސްޓާރަކު އަނެއް ސްޓާރަކަށް ނުވަތަ ޕްރޮޑިއުސަރުން އަދި ޑައިރެކްޓަރުންވެސް އެކަކު އަނެކަކަށް ގަނާކުރުން ވަރަށް ބޮޑަށް އޮތް ދާއިރާއެއް ކަމަށެވެ. އަޒޫ ބުނީ ފިލްމީ ދާއިރާގައި އޭނާ އަށް މި ހޭދަކުރެވު ހަތެއް ނުވަތަ އަށް ވަރަކަށް އަހަރު ލިބިފައިވާ ކުރިއެރުމަކީ އޭނާގެ އަމިއްލަ މަސައްކަތުން ހޯދާފައިވާ ކުރިއެރުމެއް ކަމަށެވެ. އެއްވެސް ޕްރޮޑިއުސަރެއް ނުވަތަ ޑައިރެކްޓަރެއް އޭޭނާ ކުރިއެރުވުމަށް ސީދާ މަސައްކަތެއް ކޮށްފައި ނެތަސް، ދާއިރާގައި ހޭދަކުރެވުނު ދުވަސްތައް ހޭދަކޮށްފައިވަނީ އެއްވެސް ހަޑި ނަމެއް އަދި ހަޑި އަޑެއްވެސް އޭނާ އާއި މެދު ނާރުވައެވެ.

ލީނާ ގެ ކާސްޓަށް އަޙްމަދު އަޒްމީލް ނުވަތަ އަޒޭ ހަމަޖައްސައި ޒުބޭރު ގެ ރޯލު އޭނާއަށް ދިނުމަށް ނިންމާފައި ވިޔަސް މިހާރު ވަނީ އަޒޭ އަށް އެރޯލު ނުދިނުމަށް ނިންމާފައިކަމަށްވެސް އަޑުތައް ފެތުރެން ފަށާފައެވެ. މިކަމާމެދު އަޒޭ ބުނީ އެކަހަލަ އަޑުތައް އިވުނަސް މުއާ ގެ ފަރާތުން އެފަދަ ވާހަކައެއް އެނގިފައި ނުވާކަމަށާއި މުއާ ވަކިގޮތެއް ނާންގާހާ ހިނދަކު އޭނާ މުއާ އަށް އިތުބާރު ކުރާކަމަށެވެެ. ލީނާ ގެ ބަޔަށް އަޒޫ ހަމަޖައްސަން ވާހަކަ ދެއްކިކަން އެނގިފައިވާ ކަމަށާއި ނަމަވެސް އަޒޫ އެ ރޯލުން ވަކިކުރީ އަޒޫ ފަލަވެގެން ކަން ނުވަތަ އެހެންވެސް ސަބަބެއް އޮވެގެންކަން އެނގިފައި ނުވާކަމަށްވެސް އަޒޭ ބުނެއެވެ.

އަޒޭ ބުނީ އެހެން މީހަކަށް އެ ފިލްމުގައި އޭނާ އަށް ދިނުމަށް ނިންމާފައިވާ ރޯލު ދިނަސް އެކަން ގަބޫލުކުރާނެ ކަމަށެވެ.

ނަމަވެސް އުފެދޭ ބޮޑު ސުވާލަކީ ޒުބޭރުގެ ރޯލަށް އަޒޭ ކަމުނުދާކަން މުއާ އަށް މި އެނގުނީ މީސްމީޑިޔާ ގައި މީހުން ފާޑުކިޔަން ފެށުމުންހެއްޔެވެ؟ ހަމަ އެހެންމެ އައްޒަ އަކީ ލީނާ ފިލްމަށް އެންމެ ‘ޕާރފެކްޓް’ މީހާކަން މުއާ އަށް މި އެނގުނީ ހަމަ އަސްލުވެސް މި ވޭތިވެދިޔަ ދެތިން ހަތަރު މަސްދުވަސް ތެރޭގައި ބާވައެވެ؟ ނުވަތަ އަޒޫ ފަލަކަން މުއާ އަށް މި އެނގުނީވެސް ހަމަ ކުއްލިޔަކަށް ބާވައެވެ؟ ނުވަތަ މުއާ ބުނިހެން އޯޑިއަންސަށް ސެލް ކުރެވޭ (ވިއްކޭ) މީހަކަށް އަޒޫ ނުވަނީ ހެއްޔެވެ؟ އަދި އަޒޫ އަކީ ޕާފޯމް ކުރެވޭ މީހަކަށް ނުވަނީ ހެއްޔެވެ؟ އަޒޫ އަކީ މުއާ މިންކުރާ ދެކެޓަގީ އަށް ވެސް ފިޓް ތަރިއަކަށް ނުވަނީ ހެއްޔެވެ؟

މިކަމާމެދު މުއާ ބުނީ އެއްވެސް އިރެއްގައި ލީނާ ފިލްމުގެ ލީޑްރޯލަށް އަޒޫ ހަމަޖައްސާ ވާހަކަ ބުނެފައި ނުވާނެ ކަމަށާއި އެ ފިލްމުގައި އުޅޭ އެހެން ކުއްޖެއްގެ ބައި ކުޅުމަށް ވާހަކަ ދެކެވުނު ކަމަށެވެ. އަދި އަޒޫ އާއި ވާހަކަދެއްކީ ޑްރާމާ އެއްގެ ގޮތުގައި ލީނާ ހެދުމުގެ ވިސްނުން ގެންގުުޅު އިރުކަމަށްވެސް މުއާ ބުންޏެވެ.

އަޒޫ ބުނީ، އަޒޫ ފަލަކަމުން ކުރިއަށް އޮތްތާނގައި ފިލްމުތަކުން ރަނގަޅު ރޯލުތައް ނުލިބޭނެ ކަމަށް އެކުގައި މަސައްކަތްކުރާ ބައެއް ތަރިންގެ ފަރާތުންވެސް އަޑުތައް އިވިފައިވާކަމަށެވެ. އެހެންކަމުން ލީނާ ފިލްމުގެ ލީޑް ރޯލުން އަޒޫ ކަޓްވާލީ ހަމަ އަސްލުވެސް އަޒޫ ފަލަކަމުން ކަމަށް ވެދާނެކަމަށްވެސް ‘ސާކަސްޓިކް’ ގޮތަކަށް އަޒޫ ބުންޏެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.