ނަރަކައީ މާތް ﷲ سُبْحَانَهُ وَتَعَالَى އަށް އުރެދި، އެކަލާނގެ އަށް ޝަރީކުކޮށް، އެކަލާނގެ ފޮނުއްވި ރަސޫލުން ދޮގުކޮށް އެކަލާނގެ ބާވާލެއްވި ޝަރީޢަތަށް ފުރަގަސްދިން މީހުންނަށް ޢަޛާބު ދެއްވުމަށް އެކަލާނގެ ހައްދަވާފައިވާ ތަނެވެ. އަދި އެކަލާނގެ ޢަދުއްވުންނަށް ހުރި ޢަޛާބުގެ ގޮވައްޗެވެ. އަދި މުޖުރިމުން އެތަނެއްގައި ދާއިމަށް ހައްޔަރު ކުރެވޭނެ ޖަލެވެ. ނަރަކައިގެ ވާހަކަ އަކީ ނިކަމެތި އިންސާނެއްގެ ދުލާއި، ގަލަމުން އަލިއަޅުވާލެވޭނެ ވަރަށް ވުރެން މާ ބޮޑު މަޢުޟޫޢެކެވެ. ނަމަވެސް، ކީރިތި ޤުރުއާނާއި، ސުންނަތުގެ އަލީގައި ކޮންމެވެސް މިންވަރަކަށް ނަރަކައިގެ ވާހަކަ ހިމާނާލަން އަޅުގަނޑު ގަސްތުކުރަމެވެ.
ތިބާގެ މަރު ހިއްޕަވަން މަރުގެ މަލާއިކަތާ ކުޑައިރުކޮޅެއްގެ ތެރޭގައި ވަޑައިގަންނަވާ ކަން އެނގޭނަމަ، އެންމެ ފުރަތަަމަ ވެސް، ތިބާ ހިތަށް އަރާނީ ކީކޭހެއްޔެވެ؟ ތިބާ ކަންތައް ކުރާނީ ކޮންގޮތަކަށް ހެއްޔެވެ؟ ހަމަ ޔަގީނުންވެސް އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުން ހިތަށް އަރާނީ ދިރިއުޅުމުގައި ވޭތުވެދިޔަ ތަނުގައި އެމީހަކަށް އުޅެވުނީ ކިހިނެއްތޯ އާއި، އާޚިރަތަށް ތައްޔާރުވުމުގެ ގޮތުން ކުރެވުނީ ކޮން ކަންތައްތަކެއްތޯ އެވެ.
އެވްރެޖްކޮށް އިންސާނުން ދިރިހުންނަ އުމުރަށް ބަލައިގެން ލައްކަ ގިނަވަގުތު އޮތްކަމަށް ހީކޮށް، ހިތަށް އެރި ގޮތަކަށް މި ފަނާވަނިވި ދުނިޔޭގައި އުޅެމުންދާއިރު، މަރުގެ މަލާއިކަތާ ބައްދަލުކުރާނީ ކޮން ވަގުތެއްގައި ކަން އެނގެނީ ފަހެ ކާކަށް ހެއްޔެވެ؟ މާގިނަ ވަގުތު އޮތްކަމަށް ހީކޮށްގެން ހެޔޮ ޢަމަލުތައް ކުރުން ފަސްކޮށް، ބޭނުންހާ ގޮތަކަށް އުޅެމުންދާއިރު، މި ދުނިޔޭގައި ދިރިއުޅެން މި ލިބޭ ވަގުތަކީ ވަރަށް ކުޑަ ވަގުތުކޮޅެއް ކަން ހަނދާނުގައި ބަހައްޓާށެވެ.
މި ދުނިޔޭގެ ވަގުތާއި، ދާއިމަށް ދެމިގެންވާ ދުނިޔޭގެ ވަގުތުގެ ވާހަކަ ބަޔާން ކުރައްވަމުން ޚާލިޤުވަންތަ ރަސްކަލާނގެ މާތް ﷲ سُبْحَانَهُ وَتَعَالَى ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވެއެވެ.
“އެއުރެން ކަލޭގެފާނުގެ އަރިހުން عذاب އަވަސްވުމަށް އެދޭނެތެވެ. އަދި اللَّه، އެކަލާނގެ وعد ފުޅަކާ خلاف ވެވޮޑިއެއް ނުގަންނަވާނެތެވެ. ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ގައި، އެންމެ ދުވަހެއްވަނީ، ތިޔަބައިމީހުން ގުނައި عدد ކުރާ އަހަރުތަކުން އެއްހާސް އަހަރާ އެއްފަދަވެގެންނެވެ.” (ސޫރަތުލް ޙައްޖުގެ 47 ވަނަ އާޔަތް)
މި އާޔަތުގައި މާތް ﷲ سُبْحَانَهُ وَتَعَالَى އަންގަވާފައި އެވަނީ މި ފަނާވަނިވި ދުނިޔޭގެ އެއްހާސް އަހަރާ ދާއިމަށް ދެމިތިބޭނެ ދުނިޔޭގެ އެއް ދުވަހާ އެއްފަދަ ކަމުގައެވެ. ދެން ވިސްނާލާށެވެ. އެއީ ދާއިމަށް ދެމިގެންވާ ދުނިޔެއެވެ. މި ދުނިޔޭގެ އެއްހާސް އަހަރަކީ އެ ދުނިޔޭގެ އެއް ދުވަހެވެ. ވީއިރު، ބިރުވެރިކަމުން ފުރިގެންވާ ނަރަކައިގެ ވޭންދެނިވި ޢަޛާބުތައް ދާއިމަށް ލިބިލިބި ހުންނަން ތިބާއަށް ކެތްކުރެވޭނީ ކޮންފަދައަކުން ހެއްޔެވެ؟
އިންސާނުންނަކީ ވަގުތީ މި ދުނިޔޭގެ ދަޅައިގައި ޖެހި، ފަސޭހައިން ކަންކަން ހަނދާން ނެތޭ މަޚުލޫޤުންތަކެއް ކަމުން، އެކަލާނގެ އަޅުތަކުންނަށް ހަނދާން ކޮށްދިނުމުގެ ގޮތުން މާތް ﷲ سُبْحَانَهُ وَتَعَالَى ވަނީ އާޚިރަތުގެ ވާހަކަ ވަރަށް ގިނައިން ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައެވެ. އަދި، ލޮބުވެތި މާތް ނަބިއްޔާ صَلَّىٰ ٱللَّٰهُ عَلَيْهِ وَآلِهِ وَسَلَّمَ ވެސް އާޚިރަތުގެ ބިރުވެރިކަން ބަޔާންކޮށް މި އުއްމަތަށް އިންޒާރު ކުރައްވާފައިވެއެވެ.
ނަރަކައިގެ އަކީ މާތް ﷲ سُبْحَانَهُ وَتَعَالَى ހައްދަވާފައިވާ ދިރޭ މަޚުލޫޤެކެވެ. ނަރަކައިގެ ވާހަކަ ބަޔާންކުރައްވަމުން ކީރިތި މާތް ރަސޫލާ صَلَّىٰ ٱللَّٰهُ عَلَيْهِ وَآلِهِ وَسَلَّمَ ހަދީޘް ކުރައްވާފައިވެއެވެ.
އިމާމް އަބޫ ހުރައިރާ رَضِيَ ٱللّٰهُ عَنْهُ ރިވާކުރައްވާފައިވެއެވެ.
“ކީރިތި ރަސޫލާ صَلَّىٰ ٱللَّٰهُ عَلَيْهِ وَآلِهِ وَسَلَّمَ ހަދީޘް ކުރެއްވިއެވެ. ތިޔަބައިމީހުން މި ދުނިޔޭގައި ގެންގުޅޭ (އާދައިގެ) އަލިފާނަކީ ނަރަކައިގެ އަލިފާނުގެ 70 ބައިގެ ތެރެއިިން އެއްބައެވެ. އެހިނދު އެތަނުގައި އިންނެވި ބޭކަލެއް ދެންނެވިއެވެ. “އޭ މާތް ﷲ ގެ ރަސޫލާއެވެ. މި (އާދައިގެ) އަލިފާން ވެސް (ނަރަކަވަންތަ ވެރިންނަށް އަޛާބު ދިނުމަށް) ފުދޭނެ ނޫންތޯއެވެ؟” ދެން މާތް ރަސޫލާ صَلَّىٰ ٱللَّٰهُ عَلَيْهِ وَآلِهِ وَسَلَّمَ ހަދީޘް ކުރެއްވިއެވެ. “ނަރަކައިގެ އަލިފާނުގައި (ދުނިޔޭގެ އަލިފާނަށް ވުރެން) އިތުރު 69 ބައި ވެއެވެ. އޭގެތެރެއިން ކޮންމެ ބައެއް ވެސް މިދުނިޔޭގައި ގެންގުޅޭ އަލިފާނާ އެއްވަރަށް ހޫނުވާނެއެވެ.”
(ސަޙީޙް ބުޚާރީ: 3265 / ސަޙީޙް މުސްލިމް: 2843)
ވިސްނާ ފިކުރުކޮށްލާށެވެ. މި ދުނިޔޭގައި އަޅުގަނޑުމެން މި ގެންގުޅޭ އަލިފާނުން މިހާ ހޫނު ވާއިރު، ނަރަކައިގެ އަލިފާނަށް ކެތްކުރެވޭނީ ކޮންފަދައަކުން ހެއްޔެވެ؟ އެތައް ހާސް އަހަރެއް ވަންދެން ކެކިކެކި ހުރި އެ ގަދަފަދަ އަލިފާންގަނޑާ ކުރިމަތިލާނީ ކޮންފަދައަކުން ހެއްޔެވެ؟
ކީރިތި މާތް ރަސޫލާ صَلَّىٰ ٱللَّٰهُ عَلَيْهِ وَآلِهِ وَسَلَّمَ ގެ އެހެން ހަދީޘެއް ގައި ވެއެވެ.
އަބްދުﷲ އިބްނު މަސްޢޫދު رَضِيَ ٱللّٰهُ عَنْهُ ރިވާކުރައްވާފައިވެއެވެ.
“ކީރިތި ރަސޫލާ صَلَّىٰ ٱللَّٰهُ عَلَيْهِ وَآلِهِ وَسَلَّمَ ހަދީޘް ކުރެއްވިއެވެ. ހިސާބު ބެއްލެވޭ ދުވަހުގައި ނަރަކަ ހާޒިރުކުރެވޭއިރު، އޭގައި 70،000 “زِمَام” ވާނެއެވެ. ނަރަކަ މައިތިރިކުރުމަށް ޓަކައި، އޭގެއިން ކޮންމެ زِمَام އެއްގައި 70،000 މަލާއިކަތްބޭކަލުން ހިފަހައްޓައިގެން ތިއްބަވާނެއެވެ.”
(ސަޙީޙް މުސްލިމް: 2842 / ސަޙީޙް ތިރުމީޛީ: 2573)
ޢިލްމުވެރިން ވިދާޅުވާ ގޮތުގައި زِمَام އަކީ ޖަނަވާރުން މައިތިރިކުރުމަށް ޓަކައި އެތަކެތީގެ ކަރުގައި އަޅުވާފައި ހުންނަ ވާގަނޑަށް ކިޔާ ނަމެކެވެ. މިކަމުން ދޭހަކޮށްދެނީ ނަރަކައިގެ އަލިފާނަކީ ބިރުވެރިކަމުން ފުރިގެންވާ ދިރިހުރި އެއްޗެއް ކަމެވެ. މަލާއިކަތްބޭކަލުންްނަކީ މާތް ﷲ سُبْحَانَهُ وَتَعَالَى ހައްދަވާފައިވާ ހައިބަތު ބޮޑު މަޚުލޫޤުންތަކެކެވެ. މަލާއިކަތްބޭކަލުންގެ ބޮޑު މިން މި އުއްމަތަށް އަންގަވައިދެއްވުމުގެ ގޮތުން ކީރިތި މާތް ރަސޫލާ صَلَّىٰ ٱللَّٰهُ عَلَيْهِ وَآلِهِ وَسَلَّمَ ހަދީޘް ކުރައްވާފައިވެއެވެ.
ޖާބިރު އިބްނު ޢަބްދުﷲ رَضِيَ ٱللّٰهُ عَنْهُ ގެ ކިބައިން އިމާމް އަބޫ ދާވޫދު رَضِيَ ٱللّٰهُ عَنْهُ ރިވާކުރައްވާފައިވެއެވެ.
“ކީރިތި ރަސޫލާ صَلَّىٰ ٱللَّٰهُ عَلَيْهِ وَآلِهِ وَسَلَّمَ ހަދީޘް ކުރެއްވިއެވެ. މާތް ﷲ سُبْحَانَهُ وَتَعَالَى ގެ އަރުޝިކޮޅު އުފުއްލަވާ މަލާއިކަތް ބޭކަލުން ކުރެ ބޭކަލަކާ ވާހަކަ ދެއްކުމުގެ ހުއްދަ ތިމަން ކަލޭގެފާނަށް ލިބިވަޑައިގަތެވެ. އެ މަލާއިކަތާގެ ކަންފަތުގެ ކުޑަފޫޅުން ފެށިގެން ކޮނޑާއި ދެމެދުގައި 700 އަހަރު ދަތުރުކުރާ ވަރުގެ ރާސްތާއެއް ވެއެވެ.”
(ސަޙީޙް އަބޫ ދާވޫދު: 4727)
މަލާއިކަތް ބޭކަލުންގެ ބޮޑުމިން ކީރިތި މާތް ރަސޫލ صَلَّىٰ ٱللَّٰهُ عَلَيْهِ وَآلِهِ وَسَلَّمَ މި ހަދީޘްފުޅުން އަޅުގަނޑުމެންނަށް އެނގި ހާމަވެގެން އެބަދެއެވެ. ވީއިރު، ނަރަކައިގެ އަލިފާންގަނޑުގެ ބޮޑުމިން ތަސައްވަރުކޮށްލާށެވެ. ކީރިތި މާތް ރަސޫލާގެ ހަދީޘްފުޅުގައި ވާގޮތުން ނަރަކައިގެ އަލިފާންގަނޑު މައިތިރިކުރުމަށް ޖުމުލަ 4,900,000000 (ހަތަރު ބިލިއަން، ނުވަސަތޭކާ މިލިއަން) މަލާއިކަތް ބޭކަލުން ތިއްބަވާނެއެވެ.
ނަރަކައިގެ ސިފަތަކާ ބެހޭގޮތުން ކީރިތި ޤުރުއާނުގައި މާތް ﷲ سُبْحَانَهُ وَتَعَالَى ވަޙީކުރައްވާފައިވެއެވެ.
“ދުރުހިސާބަކުން އެ ނަރަކަޔަށް އެއުރެން ފެންނަހިނދު، ރުޅިއައިސް ކެކިއަރާ އަޑާއި، މާނޭވާގެ އަޑު، އެ ނަރަކައިން އެއުރެންނަށް އިވޭނެތެވެ.”
(ސޫރަތުލް ފުރުޤާންގެ 12 ވަނަ އާޔަތް)
އިމާމް އަލް ސުއްދީ رَضِيَ ٱللّٰهُ عَنْهُ ވިދާޅުވި ގޮތުގައި ނަރަކަ ރުޅިއައިސް ކެކިއަރާ އަޑާއި، އޭގެ މާނޭވާގެ އަޑު މާދުރުން ނަރަކަވަންތަ ވެރިންނަށް އިވޭނެއެވެ. ކިހާ ދުރެއްތޯއެވެ؟ އިމާމް ވިދާޅުވިގޮތުގައި 100 އަހަރުގެ ދުރު ރާސްތާ އަކުން ނަރަކައިގެ އަހުލުވެރިންނަށް އޭގެ ބިރުވެރި އަޑު އިވޭނެއެވެ.
ނަރަކައިގެ ސިފަތަކާ ބެހޭ ގޮތުން މާތް ﷲ سُبْحَانَهُ وَتَعَالَى ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފާ އެހެން އާޔަތެއްގައިވެއެވެ.
“އެ ނަރަކައިގެ ތެރެޔަށް އެއުރެން އެއްލައިލައްވާހިނދު، އެ ނަރަކަ ކެކިގަންނަ حال ގައި، އެތެރެޔަށް ދަމައިލާއަޑު އެއުރެންނަށް އިވޭނެތެވެ.”
“އެ ނަރަކަ އަންނަރުޅިން ކުދިކުދިވެދާން ކައިރިވެދެއެވެ. (كافر ންގެ) فوج އެއް އެ ނަރަކަޔަށް އެއްލަވާ ކޮންމެފަހަރަކު، އެތާނގެ ބަނޑޭރިން އެއުރެންނާ سؤال ކުރައްވާނެތެވެ. إنذار ކުރައްވާ رسول އަކު ތިޔަބައިމީހުންގެގާތަށް ވަޑައެއް ނުގަންނަވާހެއްޔެވެ؟”
(ސޫރަތުލް މުލްކްގެ 7 ވަނަ އާޔަތުން ފެށިގެން 8 ވަނަ އާޔަތަށް)
ނަރަކައިގެ އަހުލުވެރިންނަށް ދެއްވާނެ ޢަޒާބުތަކުގެ ވާހަކަ ވެސް، އެތައް އާޔަތެއްގައި މާތް ﷲ سُبْحَانَهُ وَتَعَالَى ވަނީ ވަޙީކުރައްވާފައެވެ.
“މިއީ، އެއުރެންގެ ވެރިރަސްކަލާނގެއާމެދު ދެބަސްވީ ދެ خصم ންނެވެ. (އެބަހީ: مؤمن ންނާއި كافر ންނެވެ.) ފަހެ، كافر ވި މީހުންނަށް އަލިފާނުގެ ފޭރާންތަކެއް ތައްޔާރު ކުރައްވާފައިވެއެވެ. (އަދި) އެއުރެންގެ ބޯތަކުގެ މައްޗަށް ކެކިކެކިހުރި ހޫނުފެން އޮއްސަވާހުށްޓެވެ.”
“އެއިން އެއުރެންގެ ބަނޑުތަކުގައިވާ ތަކެއްޗާއި ހަންތައް ވިރުވާހުށްޓެވެ.”
“އަދި އެއުރެންނަށްޓަކައި، ދަގަނޑު ޗާބޫކުތަކެއް ވެއެވެ.”
“އެއުރެންނަށް ލިބޭ ވޭނެއްގެ ގަދަކަމުން، އެތަނުން އެއުރެން ނުކުންނަން އުޅެފި ކޮންމެހިނދެއްގައި، އަލުން އެތަނަށް إعادة ކުރައްވާ ހުށްޓެވެ. އަދި (އެއުރެންނަށް އަންގަވާނެތެވެ.) ނަރަކައިގެ އަލިފާނުގެ عذاب ގެ ރަހަ ތިޔަބައިމީހުން ލިބިގަންނާށެވެ!”
(ސޫރަތުލް ޙައްޖުގެ 19 ވަނަ އާޔަތުން ފެށިގެން 22 ވަނަ އާޔަތަށް)
އަދިވެސް، ކީރިތި ޤުރުއާނުގެ އެހެން އާޔަތެއްގައި އެކަލާނގެ ވަޙީކުރައްވާފައިވެއެވެ.
“އެއުރެންނީ، މިފޮތާއި (އެބަހީ: قرآن އާއި) ތިމަންރަސްކަލާނގެ رسول ން އެފޮތްތަކާއިގެން ފޮނުއްވި ފޮތްތައް ދޮގުކުރި މީހުންނެވެ. ފަހެ، (އެކަމުގެ ނަތީޖާ) ނިކަންހުރެ އެއުރެންނަށް އެނގޭނެތެވެ.”
“އެއުރެންގެ ކަނދުރާތަކުގައި، ކަސްތޮޅުއެޅި ހިލިހިލާޖެހި، އެއުރެން ދަމައި، ގެންދަވާހިނދުގައެވެ.”
“ކެކިކެކި ހުރި ހޫނުފެނުގެ ތެރެޔަށެވެ. ދެން ނަރަކައިގެ އަލިފާނުގެ ތެރޭގައި އެއުރެން އަންދަވާނެތެވެ.”
” ދެން އެއުރެންނަށް އަންގަވާނެތެވެ. اللَّه ފިޔަވައި ތިޔަބައިމީހުން شريك ކޮށް އުޅުނު ތަކެތި ކޮބައިހެއްޔެވެ؟ އެއުރެން ބުނާނެތެވެ. އެތަކެތި ތިމަންމެންގެ ކިބައިން ބީވެގެން ހިނގައްޖެއެވެ. އަދި ކިއެއްތަ! މީގެކުރިން ތިމަންމެން އެއްވެސް އެއްޗަކަށް އަޅުކަންކޮށް ގޮވައިނަހަދަމުއެވެ. اللَّه، كافر ވިމީހުން މަގުފުރައްދަވަނީ އެފަދައިންނެވެ.”
“އެއީ حق އަކާ ނުލައި ބިމުގައި ތިޔަބައިމީހުން (އުރެދުންތަކަށް) އުފާކޮށް އުޅުނުކަމުގެ ސަބަބުންނެވެ. އަދި ބޮޑާވެ، މަޖާކޮށް އުޅުނުކަމުގެ ސަބަބުންނެވެ.”
“ތިޔަބައިމީހުން ނަރަކައިގެ ދޮރުތަކުން ވަންނާށެވެ! އެތާނގައި ދެމިތިބެނިވި ގޮތުގައެވެ. ފަހެ (އެއީ) ކިބުރުވެރިން ތިބުމަށް ހާދަހާ ނުބައިވެގެންވާ ތަނެކެވެ.”
(ސޫރަތުލް ގާފިރުގެ 70 ވަނަ އާޔަތުން ފެށިގެން 76 ވަނަ އާޔަތަށް)
މާތް ﷲ سُبْحَانَهُ وَتَعَالَى އަށް އުރެދި، ހިތަށް އެރިހާ މުންކަރާތްތަކާއި، ފާފަތަކަށް އަރައިގަންނަމުން ދާއިރު، ކޮންމެ އިންސާނަކީ ވެސް މަރުގެ ރަހަ ދެކޭނެ މީހެއްކަން ހަނދާނުގައި ބަހައްޓާށެވެ. މިއަދު އެކަލާނގެ ޝަރީޢަތަށް ގޮންޖަހަމުން ބޭނުންގޮތަކަށް އުޅެވިދާނެއެވެ. ބިރުވެރިކަމުން ފުރިގެންވާ ޤިޔާމަތް ދުވަހު ކޮންމެ އިންސާނެއްގެ ޢަމަލުތަކުގެ ހިސާބު ބެއްލެވޭނެއެެވެ. ވީއިރު، ބިރުވެރިކަމާއި، ވޭންދެނިވި ޢަޛާބުތަކުން ފުރިގެންވާ ނަރަކައިން ސަލާމާތްވުމަށް ކޮންމެ އިންސާނަކު ވެސް، ގަދައަޅާ މަސައްކަތްކުރަން ޖެހެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 5 ޖެނުއަރީ 2022ޚަބަރުކޮވިޑް ކޭސްތައް ގިނަވެ އިނގެރޭސި ލީގު ކަޕް ސެމީ ފައިނަލް މެޗު ފަސްކޮށްފި
- 4 ޖެނުއަރީ 2022ޚަބަރުއާ އަހަރު ކުޅުނު ފުރަތަމަ މެޗުން ޔުނައިޓެޑް ބަލިވެއްޖެ
- 4 ޖެނުއަރީ 2022ޚަބަރުފްރެންޗް ކަޕްގެ ގެ ގަދަ 16 އަށް ޕީއެސްޖީ ދަތުރުކޮށްފި
- 2 ޖެނުއަރީ 2022ޚަބަރުރޮޑްރީގެ ގޯލުން ފަހު ވަގުތު ސިޓީން އާސެނަލް ބަލިކޮށްފި